Advertisement

ޒަމާނީ ވަސީލަތްތައް (ޓީވީއާއި ރޭޑިއޯއާއި ފޭސްބުކްފަދަ ވަސީލަތްތަކުން ދުރަށް ދައްކާ ދެއްކުންތައް) ބޭނުންކޮށްގެން އިމާމާއާ އިޤުތިދާވެގެން ޢީދުނަމާދާއި ހުކުރުނަމާދު ކުރުން

11 Apr 2024 | 07:40
ޖަމާޢަތުގައި ޢީދުނަމާދުކުރަނީ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ ފޭސްބުކް ފަދަ ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޖަމާޢަތުގައި ޢީދުނަމާދުކުރުން ޞައްޙަނުވާނެކަމަށް އަޒުހަރުގެ އިލެކްޓްރޯނިކް ފަތުވާ މަރުކަޒުން އިއްޔެ (ފިޠުރު ޢީދު ދުވަހު) ވިދާޅުވެއްޖެއެވެ.

އަޒުހަރުގެ ފަތުވާ މަރުކަޒުން ނެރުއްވި ބަޔާން ބުނާގޮތުގައި ޢީދުނަމާދަކީ އިސްލާމީ ބޮޑެތި ޝަޢީރާތަކުގެ ތެރޭގައި ހިމެނޭ ޝަޢީރާއެކެވެ. މާތް ﷲ ޢީދުނަމާދު ޖަމާޢަތުގައި ކުރުމަށް އެންގެވީ މުސްލިމުން އެއްތަނަކަށް އެއްވެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް އިސްލާމީ ވަޙްދަތު ކަށަވަރުކޮށްދިނުމަށާއި  ﷲއަށް ކިޔަމަންތެރިކަން އަދާކުރުމާއި އަޅުކަންކުރުމުގައި  މުސްލިމުންގެ މެދުގައި  އެއްބާރުލުން  އޮންނަންޖެހޭނެކަން ދޭހަކޮށްދެއްވުމަށް ޓަކައެވެ. ކީރިތި ރަސޫލާ    ﷺގެ ސުންނަތުން އެނގޭގޮތުގައި ޢީދުނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. އަޒުހަރުގެ ފަތުވާ ބުނާގޮތުގައި މި ނަމާދު ކުރުން ސުންނަތް ވެގެންވަނީ ބޮޑެތި މައިދާންތަކުގައްޔާއި  ހުކުރުކުރާ ބޮޑެތި މިސްކިތްތަކުގައެވެ.

އަޒުހަރުން ނެރުއްވި ފަތުވާ ބުނާގޮތުގައި ގޭގައި ގޭގެ އަހުލުވެރީންނާ އެކު، ޖަމާޢަތް ހަދައިގެން ޢީދު ނަމާދުކުރާ ގޮތަށް އެ ނަމާދުކުރުން ހުއްދަވެގެން ވެއެވެ. އެހެނަސް ޚުޠުބާއެއް ނޯންނާނެއެވެ. މިކަމުގެ ދަލީލަކީ މާތްﷲ ރުއްސުންލެއްވި  އަނަސް ބިން މާލިކުގެފާނު ބަޞްރާގައި އެކަލޭގެފާނުގެ ގެކޮޅުގައި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންނާއި މިނިވަންކުރައްވައިފައިވާ އަޅުން އެއްކުރެއްވުމަށް ފަހު، އެކަލޭގެފާނު މިނިވަންކުރެއްވި ޢަބްދުﷲ ބިން އަބީ ޢުތުބާ އިމާމަކަށް ލައްވައިގެން ޢީދުނަމާދު ކުރައްވައިފައިވާތީއެވެ. އެ ބޭކަލުން ކުރެއްވީ ދެ ރަކުޢަތެވެ.[1]އަޒުހަރުގެ ފަތުވާ ބުނާގޮތުގައި މިއީ ޖަމާޢަތުގައި ކުރުން ވާޖިބު ނަމާދެއް ނޫނެވެ.[2]

ޢީދު ނަމާދު ގޭގައި މި ގޮތަށް ކުރުން ހުއްދަވިޔަސް  ރޭޑިއޯއެއްގެ ނުވަތަ ޓީވީއެއްގެ ނުވަތަ ޒަމާނީ އިލެކްޓްރޯނިކު ވަސީލަތެއްގެ ފަހަތުގައި ޢީދު ނަމާދުކުރުން ޞައްޙައެއްނުވާނެތެވެ. ޖަމާޢަތުގައި ނަމާދުކުރުން ހުއްދަވާނީ މައުމޫމުންނާއި އިމާމާ އެއް ތަނެއްގައި ތިބި ނަމައެވެ. ނުވަތަ ގުޅިފައިވާ ތަނެއްގައި ތިބި ނަމައެވެ. މިއީ ޖުމްހޫރު ޢިލްމުވެރީން އެއްބަސްވެވަޑައިގެންފައިވާ ކަމެކެވެ. ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ ނައްޞުންނާއި  ޞަޙާބީންނާއި ތާބިޢީންގެ  ޢަމަލުފުޅުތަކުން އެނގޭ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوٓا۟ أَسْلِحَتَهُمْ فَإِذَا سَجَدُوا۟ فَلْيَكُونُوا۟ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّوا۟ فَلْيُصَلُّوا۟ مَعَكَ وَلْيَأْخُذُوا۟ حِذْرَهُمْ وَأَسْلِحَتَهُمْ [3] - އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފި ނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާ އެކުގައި ނަމާދަށް قائم ވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެން ތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން سجدة ކޮށްފި ނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ!))  " مَعَكَ - އެއުރެންނާއިގެން " އޮތް  ބަސްފުޅުން މި މުރާދު  ދޭހަވެއެވެ. رسول الله ﷺ ޙަދީސްކުރެއްވިއެވެ. ((صَلاةُ الجَمِيعِ تَزِيدُ على صَلاتِهِ في بَيْتِهِ، وصَلاتِهِ في سُوقِهِ، خَمْسًا وعِشْرِينَ دَرَجَةً[4] -މީހަކު އޭނާގެ ގޭގައި ނުވަތަ ބާޒާރުމަތީގައި އެކަނިހުރެ ކުރާ ނަމާދުގެ ސަވާބަށްވުރެ އެންމެންގެ ނަމާދުގެ މާތްކަން 25 ދަރަޖައަށް އިތުރުވެގެން ވެއެވެ.)) މި ބަސްފުޅުގައި އައިސްފައިވާ ލަފުޒު«الجميع» ގެ މާނައަކީ " الاجتماع "އެވެ. އަލްއިމާމު އިބްނުމާޒަތުލްބުޚާރީ ވިދާޅުވެފައިވާގޮތުގައި " ތަން ތަފާތުވުމަކީ އިޤްތިދާ ޞައްޙަވުން މަނާކުރާނެ ކަމެކެވެ. " އިބްނު ޤުދާމާ ވިދާޅުވާގޮތުގައި އިމާމާއާއި މައުމޫމު މިސްކިތެއްގައި ނޫނަސް އެއް  ތަނެއްގައި ތިބިނަމަ  އިޤްތިދާ ޞައްޙަ ވާނެއެވެ. އެ ދެމީހުންގެ ދެމެދުގައިވާ ސަފުތަކަކީ ގުޅިފައިވާ ސަފުތަކަކަށް ވާންޖެހޭނެއެވެ.

އަޒުހަރުގެ ބަޔާން ނިންމައިލައްވަމުން ވިދާޅުވެފައިވާ ގޮތުގައި ރަސޫލާ  ﷺ ވަނީ ސަފުތައް ސީދާކުރުމަށާއި އެއްވަރުކުރުމަށް އަމުރުކުރައްވައިފައެވެ. އެކަލޭގެފާނު ޙާދީސްކުރެއްވިއެވެ. (( سَوُّوا صُفُوفَكُمْ، فإنَّ تَسْوِيَةَ الصُّفُوفِ مِن إقامَةِ الصَّلاةِ [5]- ތިޔަބައިމީހުންގެ ސަފުތައް ފުރިހަމަކޮށް ސީދާކޮށް ހަދާށެވެ.ފަހެ ހަމަކަށަވަރުން ސަފުތައް ފުރިހަމަކޮށް ސީދާކުރުމަކީ ނަމާދު ޤާއިމުކުރުމުގައި ހިމެނޭ ކަމެކެވެ.)) ރޭޑިއޯއާއި ޓީވީފަދަ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އިމާމާއާ އިޤްތިދާވާ މީހާއަށް މި ކަމެއް ނުކުރެވޭނެތެވެ. އެހެންކަމުން މިފަދަ ވަސީލަތްތަކުން ދުރަށް ދައްކާ ނުވަތަ އަޑު ފޮނުވާ ޖަމާޢަތްތަކާ ތަބާވެގެން ގޭގައި ވެސް އަދި ގެއިން ބޭރުގައި ވެސް ނަމާދެއް ނުކުރެވޭނެއެވެ. އެ ނަމާދު ޞައްޙައެއް ވެސް ނުވާނެއެވެ.

ޖުމްހޫރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ، ނަމާދަކީ އަޅުކަމެކެވެ. އެހެންކަމުން އެއީ ތައުޤީފީ ކަމެކެވެ. މީހަކު ހުޅުމާލޭގައި ހުރެގެން މާލޭގައި ނަމާދުކުރަމުންދާ މީހަކާ ތަބާވެގެން ނަމާދުކުރުމަކީ ބިދުޢައެކެވެ. ކީރިތިރަސޫލާ eގެ އަރިހުން މި ކަމާ ބެހޭ ގޮތުން އެއްވެސް ބަސްފުޅެއް ވާރިދުވެފައެއްނެތެވެ.

ޖަމާޢަތުގެ ނަމާދަކީ ކަނޑައެޅިފައިވާ ވަކި ސިފައެއްގައި ކުރަން އަންގަވައިފައިވާ އަޅުކަމެކެވެ. އިމާމާއާއި މައުމޫމާ އެއް ވަގުތެއްގައި، އެއް ތަނެއްގައި ތިބެގެން މެނުވީ މި ސިފައެއް ނުގެނެވޭނެއެވެ. ނަމާދުކުރަންވާ ގޮތް ﷲގެ ރަސޫލާ ވަނީ ބަޔާން ކޮށްދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((لَا صَلَاةَ لِمُنْفَرِدٍ خَلْفَ الصَّفِّ[6]- ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދުކުރި މީހާއަށް ނަމާދެއް ނެތެވެ.))  އިބްނުލްޤައްޔިމު ވިދާޅުވަނީ ޖަމާޢަތުގައި ބައިވެރިނުވެ އެކަނި ހުރެ ނަމާދުކުރި މީހާގެ ނަމާދަށް ވާނީ ކިހިނެއްކަން މި ބަސްފުޅުން އެބައެނގެއެވެ.[7]

މި ފަދަ ގޮތަކަށް މީހުން ނަމާދުކުރާން ފަށައިފި ނަމަ، ޖަމާޢަތުގައި ނަމާދުކުރުން ހުއްޓިދާނެއެވެ. އަދި މިކަމުގެ ސަބަބުން ޖަމާޢަތުގެ ނަމާދުގެ ޙިކުމަތް ނެތިގެން ހިނގައިދާނެއެވެ. އެ ކަމުގެ ސަބަބުން އިތުރުވެގެންދާ ލޯތްބާއި ކުލުނާއި އޯގާވެރިކަން ނެތިގެން ހިނގައިދާނެއެވެ.

އެބޭކަލުން ވިދާޅުވާގޮތުގައި ޒަމާނީ ވަސީލަތުގެ މައްޗަށް ބަރޯސާވެވޭކަށް ނެތެވެ. ކަރަންޓު ކަޑައިގެން ހިނގައްޖެ ނަމަ، ނުވަތަ ދުރަށް ފެތުރުން މެދުކެނޑިއްޖެ ނަމަ، ތަބާވާނީ ކިހިނެއްހެއްޔެވެ؟ 

_______________________________

ޙަވާލާ:

[1]  -  مصنف عبد الرزاق ـ كتاب صلاة العيدين ، رقم (5669 )

[2]  - نهاية المحتاج إلى شرح المنهاج (2/ 386) بحاشية الشبراملسي وحاشية الرشيدي

[3]  - النساء: 102

[4]  - أخرجه البخاري (٤٧٧)، ومسلم (٦٤٩)

[5]  - أخرجه البخاري (٧٢٣)، ومسلم (٤٣٣)

[6]-  أخرجه ابن أبي شيبة (13 / 2 / 1).  ورواه ابن ماجه ( 1003 ) وابن خزيمة ( 1 / 164 /2) وابن حبان في صحيحه (401 و 402) والبيهقي وأحمد ( 4 / 23 ) وابن عساكر (15 / 99 / 1)

[7]- الصلاة وحكم تاركها 1/ 148

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
محمد يوسف
މި މަޢުލޫމާތަށްޓަކައި މަރުޙަބާ ދަންނަވަން
14 Apr 2024