Advertisement

ލަފުޒަކާ އެކު ހިނދުކޮޅެއް - ޝަމާތަތުގެ މާނައިގެ މައްޗަށް ބަލައިލުން

11 Apr 2024 | 01:50
ޝަމާތަތުގެ މާނަ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ޝަމާތަތުގެ މާނަ، އެންމެ ސާދާ ގޮތެއްގައި ބުނާ ނަމަ، ބުނެވޭނީ، އެއީ ފޮނިވެގަތުމެކެވެ. ނަމަވެސް، އެ ލަފުޒުގެ ހަގީގީ މާނަ، 'ފޮނިވެގަތުމޭ' ބުނުމަކުން މުޅިއަކުން ބަޔާންކޮށެއްނުދެވެއެވެ. އެހެންކަމަށް ވާ އިރު، އެ ލަފުޒުގެ މާނަ ވިސްނައިގަނެ، ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި 'ޝަމާތަތުގެ' މާނައިގައި ފޮނިވުމުގެ އުންސުރު، ބައި، ހިމެނެއެވެ. ނަމަވެސް، މިއީ އޭގެ މައިގަނޑު މާނަކަމުގައެއް ނުބުނެވޭނެއެވެ. އެ ލަފުޒުގެ މައިގަނޑު މާނަ ގުޅެނީ، އެހެން ބަޔަކަށް ލިބޭ ދެރައަކާއި ނުވަތަ ހިތާމައަކާ ވިދިގެން ތިމާގެ ހިތަށް ވެރިވާ ޚާއްސަ އުފަލަކާއެވެ.

ތިމާގެ ދުޝްމަނަކަށް، ނުވަތަ ތިމާގެ ޚަޞްމަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބުމުން އެ ކަމާ ގުޅިގެން ތިމާ ވާ އުފަލާއި ހިތްހަމަ ޖެހުމާއެވެ. އިނގިރޭސި ބަހުން، ޝަމާތަތުގެ މާނަ ދޭހަކޮށްދިނުމަށް ޓަކައި ބޭނުންކުރަނީ ޖަރުމަނު ބަހުގެ އަސްލުން އައިސްފައި އޮންނަ "ޝާޑެންފޮރޯއިޑެ Schadenfreude މި ލަފުޒެވެ. މި ލަފްޒާ ބެހޭ ގޮތުން މިއަދު އެއްޗެއް ބުނާން ޖެހުނީ ކީއްވެހެއްޔެވެ؟ އިއްޔެގެ އިންތިޚާބުގެ ބައެއް ނަތީޖާއާ މެދު، އެއްބަޔަކު އުފާކޮށް، އެ ކަމުގައި ހައްދު ފަހަނައަޅައި ގޮސް، ޝަމާތަތުގެ ޝުއޫރުތައް ފާޅުކުރެވޭ ތަން ފެންނާތީއެވެ. މީސްމީހުންނަށް ތާއީދުކުރުމާއި ނުކުރުން ބިނާވާން ޖެހޭނީ ހުނަރާއި އެކަށޭނަކަމުގެ މައްޗަށެވެ. އެހެން މީހަކަށް، ނުވަތަ ބަޔަކަށް، އޮންނަ ރުޅިއަކާއި ނަފުރަތުގެ މައްޗަކަށް ނޫނެވެ. ހަމަ އެހެންމެ، ކާމީޔާބީ ފާހަގަކުރާން ޖެހޭނީ ވެސް ނަފުރަތުގެ މައްޗަކަށް ނޫނެވެ. ކާމިޔާބުކުރި މީހާގެ ޚަސްމުގެ މައްޗަށް އޮންނަ ރުޅިއަކާއި ހަސަދަވެރިކަމާއި ނަފުރަތާއި ހިތް ނުބައިވުމާއި، ހެޔޮނޭދުމުގެ މައްޗަކަށް ނޫނެވެ.

އާނއެކެވެ! މި ހުރިހައި މާނައެއް އެއްކޮށްލައިފައި ބުނާ ނަމަ، ޝަމާތަތުގެ މައްޗަަކަށް ނޫނެވެ. ކާމިޔާބުތައް ފާހަގަކުރާން ޖެހޭނީ ކިހިނެއްހެއްޔެވެ؟ މި ކަމުގެ ވަރަށް ރީތި އިބުރަތްތެރި ފިލާވަޅެއް ކީރިތި ގުރުއާނުން ލިބޭން އޮވެއެވެ. ނަޞްރު ސޫރަތުގައެވެ. ނަޞްރުގެ މާނައަކީ ކޮބައިހެއްޔެވެ؟ ކާމިޔާބެވެ. މި ސޫރަތުގައި އޮންނަނީ ސަލާމާއި ސަލަވާތްލެއްވި ކައު އިތުރު ރަސޫލާ، އެކަލޭގެފާނުންގެ ރިސާލަތު، މިޝަން، ކާމިޔާބީއާއެކު ނިންމަވައިލެއްވުމުން ކަންތައް ކުރައްވާންވީ ގޮތާ މެދު އިރުޝާދު ދެވިފައެވެ. "فسبح بحمد ربك واستغفره" މި ފަދައިންނެވެ. އެ ކާމިޔާބީއަށް ޓަކައި، މާތްރަސްކަލާނގެއަށް، ތަސްބީހައެއް ހެން، މާނައަކީ ގިނަގިނައިން، ޝުކުރުކޮށް، އަދި، އެކަލާނގެ ކިބަފުޅަށް އިސްތިޣްފާރުކުރުމަށް، ފާފަފުއްސެވުމަށް، އެދި ދެންނެވެމުގެ އިރުޝާދެވެ.

އާނއެކެވެ! ކާމިޔާބު ފާހަގަކުރާންވާނީ ހިތްތިރިކަމާ އެކުގައެވެ. އެ ކާމިޔާބުގެ މެދުވެރީންނަށް ޝުކުރުއަދާކުރުމުގައެވެ. އެންމެ ފުރަތަމަ، އެ ކަން މެދުވެރިވާން އޮތް މަގު ފަހިކޮށްދެއްވައި މިންވަރުކޮށްދެއްވިކަމަށް ޓަކައި، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އެއަށް ފަހު، އެ ކަން ހަގީގަތަކަށް ހަދައިލުމަށް ޓަކައި އެހީވެދިން، އެހެން އެންމެނަށް ވެސް ޝުކުރުއަދާކުރާން ޖެހެއެވެ. ދެން، އެ ކަން ކާމިޔާބުކުރާން އުޅުމުގައި، އެނގިގެން ނަމަވެސް، ނުވަތަ ނޭނގި ނަމަވެސް، ކުރެވި ދިޔަ، ކުށްތަކަށް ފާހަގަކޮށް އެކަމަށް މާފުއެދޭން ވެސް ޖެހެއެވެ. މި ފަދައިން ކަންތައްކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކާމިޔާބުގެ ވަގުތުތަކުގައި ހިތުގައި އުތުރި އަރައިފާނޭ ނުރަނގަޅު ޖަޒުބާތުތައް ނެތިކޮށްލުމެވެ. ފޮނިވެގަތުމާއި، ކިބުރުވެރިވުމާއި، މަމޮޅުވެ ދިޔުމުގެ ޖަޒުބާތުތަކެވެ. އަދި، ތިމާގެ ޚަސްމާ ދިމާކޮށް، އެއްޗެހި ކިޔައި، ޝަމާތަތުގެ ޝުއޫރު ފާޅުކުރުމުން ވެސް ދުރުހެލިވުމެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް