Advertisement

ކަރުނައިގެ އަސަރު (10)

11 Apr 2024 | 01:19
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 އެޕުރީލު 3ވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)                           

                   _______________________________

                    އަހަރެން ހީކުރީ ތިބާ އަނެއްކާ ލަދުގަންނާނެކަމަށެވެ.

                  މާޒީވެ ގޮސްފައިވާ އަހަރެންގެ ޙަޔާތާ މެދު، ސުވާލުނުކުރާށެވެ.

                   _______________________________

"ނުބައި ނުލަފާ ފިރިހެން ކުއްޖެކެވެ."

"އެއީ ކާކުހެއްޔެވެ؟ -------"

"އޭނާ މިތާނގެ ވަޒީފާއަށް އިޚުތިޔާރު ކުރީ ކީއްވެގެންހެއްޔެވެ. --------؟"

"އޭނާ މި ތަނުގެ ވަޒީފާއަށް ވަދެފައި ވަނީ ކޮން ބޭނުމެއްގައިހެއްޔެވެ. ---------؟"

"ހޫމް ------- ކޮންމެވެސް މޮޔައަކަށް ވެދާނެއެވެ. ------- މަސްތުވެފައިވާ މީހަކަށް ވެސް ވެދާނެއެވެ. --- މެނޭޖަރު މިހާރު އޭނާ ވަނީ މި ތަނުން ނެރެފައެވެ."

ޚާން އަކުބަރު އަމިއްލަ ނަފުސާ ސިއްރުސިއްރުން ވާހަކަދައްކަމުން ދިޔައެވެ.

ކުއްލިއަކަށް ޚާން އަކުބަރު ދޮރާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ފާރުގައި ލެނގިލައިގެން ޚާން އަކުބަރަށް ބަލާން ޢާމިރު ހުއްޓެވެ.

"ކަލޭ ------ އަދިވެސް ނުދަނީތަ؟" ޚާން އަކުބަރު ބުންޏެވެ.

ޢާމިރު ހީނލުމަށް ފަހު ބުންޏެވެ.

"ރެސްޓްހައުސްގައި ކަލޭގެ އަނބިމީހާއާއި އަންހެންދަރިފުޅު މަސްދުވަހުގެ ޕުރޮގުރާމު ރާވައިފައި އޮތެވެ. އެކަމަކު އެ މީހުން ކުއްލިއަކަށް އެހައި އަވަހަށް އެނބުރިދާނެކަމީ ކަލޭ އުންމީދު ކުރި ކަމެއް ވެސް ނޫނެވެ. -------! އެ ކަމުގެ ޒިންމާދާރަކީ ހަމައެކަނި އަހަންނެވެ."

"ކަލޭ ތިޔަ ކިޔަނީ ކީކޭހެއްޔެވެ.-------؟"

"އެހައި ބާރަށް ހަޅޭއްނުލަވާށެވެ. ޚާން އަކުބަރު -------! އެހެންނޫނީ ރިހުން އުފެދިފައިވާ މި ފާރުތައް ވެސް ކަލޭގެ ތިޔަ ސަމާސާ ހަމައަކަށް އަޅުވާން ލަހެއްފަހެއް ނުކުރާނެއެވެ."

"އެ މީހުންދިޔައީ ކީއްވެގެންކަން ސުވާލުކުރެވިދާނެތަ .--------؟"

"ހޫމް ------ ކަލޭ ސުވާލު ނުކުރާށެވެ. ------ އަދި އެއްވެސް ސުވާލެއް ނުކުރާށެވެ. ހަމައެކަނި އަހަރެންގެ ވާހަކަ އަޑު އަހާށެވެ. ----- އަދި އެކަމަށް އަހަމިއްޔަތުކަން ދޭށެވެ."

ޚާން އަކުބަރުގެ މޫނު ރަތްވެގެންދިޔައެވެ.

އޭނާ އެއްޗެއް ބުނާންވެގެން އަނގަ ހުޅުވައިލާއިރަށް ޢާމިރު އަނެއްކާ ވެސް ވާހަކަދައްކާން ފެށިއެވެ.

"މިސްޓަރ ޚާން އަކުބަރު! ------- އަހަންނަކީ ނިކަމެތި މީހެކެވެ. މުއްސަނދިކަން ނެތުމަކީ އަހަރެންގެ ބަލިކަށިކަމެވެ. ކަލޭގެ ބަލިކަށިކަމަކީ އަންހެންކުދީންނެވެ. -------!

"އަހަރެންގެ ބަލިކަށިކަމާއި ކަލޭގެ ބަލިކަށިކަން ބެލެންސް ކޮށްފިނަމަ، މުއްސަނދިކަން ޙާޞިލުކުރެވިދާނެކަމުގައި އަހަންނަށް ހީވެއެވެ. އަވަށުގެ ހަތަރު އަންހެންކުދިންގެ ޤާތިލަކީ ކަލޭކަމުގައި ބުނާށެވެ."

ޚާން އަކުބަރުގެ ސިކުނޑީގައި ބޮޑު ބޮމެއް ގޮވި ކަހަލައެވެ.

ޢާމިރު އަނެއްކާ ވެސް ބުންޏެވެ.

"އެ ކުދިންގެ ލޭ ކަލޭގެ ކަރުބުޑުގައި އެބަ ހުއްޓެވެ."

ދެވަނަ ބޮން ގޮވި ކަހަލައެވެ. --------

"އެމީހުންގެ ޢިއްފަތްތެރިކަން ނަގައިލީ ވެސް ކަލެއެވެ. -------"

މުޅި ކޮޓަރީގެ ތެރެއިން އިވެމުންދަނީ ބަޑީގެ އަޑުންހެން ހީވެއެވެ.

"ފިރިހެނާ  -------"

ޚާން އަކުބަރު ހަޅޭލަވައިގަތެވެ.

"އަހަރެންގެ ނަމަކީ ޢާމިރެވެ. ބޭނުންޖެހިފައިވާ މީހެކެވެ. ------- އެހެންވީމާ އަހަރެންގެ ބުރަ މަސައްކަތަށްވުރެ، އިތުރަށް އަހަންނަށް މިތަނުން އަގު ނެގިދާނެއެވެ. އެކަމަށް އިޢުތިރާޒު ނުކުރާނެކަމަށް އުއްމީދު ކުރަމެވެ."

ޚާން އަކުބަރު މޭޒުމަތީގައި ބާރަށް އަތް ޖެހުމަށް ފަހު ހަޅޭލަވައިގަތެވެ. ހީވަނީ ކޮޓަރީގެ ތެރޭގައި ބޮމެއް ގޮއްވާލިހެނެވެ.

އާމިރު ހިނިތުންވެލަމުން އަތް އުފުލައިލައި ބުންޏެވެ.

"ޒަޚަމުވެފައިވާ ހަރުފައެއްފަދައިން ދަތް އެޅުމުގެ ބޭނުމެއްނެތެވެ. ނިކަން ރަނގަޅަށް ވިސްނާލާށެވެ. ------ އަހަންނަށްވެސް -/300 ރުފިޔާ ފުއްދައިނުލެވޭ ބޭނުންތަކެއް އެބަހުއްޓެވެ."

"މިހިރަ ބަދު ނަސީބު ފިރިހެނާއެވެ. ----- އަނގަމަޑުންލައިގެން ހުންނާށެވެ." ދަގަނޑު އުނދުންތެރޭގައި ހޫނުވަމުން ދޮންވަމުން ރަތްވަމުން ދިޔަ ދަގަނޑެއް ފަދައިން ޚާން އަކުބަރު ދަތް ކުނޑި ވިކާލުމަށް ފަހު، ބުންޏެވެ.

"ޑީލެއް ހަދާށެވެ. ------"

ޢާމިރު ރާގު މުޅިން ބަދަލުވިއެވެ.

"ޑީލު ------ ކޮންކަހަލަ ޑީލެއް -------"

ރުޅިވެރިކަމުގެ އަލިފާނުން ރަތްވެފައިވާ ދެލޮލުން ޢާމިރަށް ބަލައިލަމުން ޚާން އަކުބަރު ބުންޏެވެ.

"އަޅުގަނޑު ސާހިބުގެ ފާފަތައް ސިއްރު ކުރާނަމެވެ. ------- އަޅުގަނޑުގެ މުސާރަ ކުޑަކޮށް ބޮޑުކޮށްލަ ދެއްވާށެވެ. ------- އެއީ ސާހިބުގެ ފަރާތުން، މަސައްކަތެއް ނުކޮށް އަޅުގަނޑު އެއްޗެއް ބޭނުން ނުވާތީއެވެ. ------"

"ސިއްރު ހިފެހެއްޓުމުގެ އަގެއްގެ ގޮތުގައި ދިހަ ފަނަރަހާސް ރުފިޔާ ނުވަތަ ފަންސާސްހާސް ރުފިޔާ ދޭންވާނޭއޭވެސް އަޅުގަނޑަށް ބުނެވިދާނެއެވެ. އެހެންނަމަވެސް ކުރިމަގުގައި ކުޑަކޮށް މުސާރަ ބޮޑު ވަޒީފާއެއް ހޯދަން އަޅުގަނޑުވެސް ބޭނުންވެއެވެ."

"މިހާރު ވިކިހުސްވެއްޖެހެއްޔެވެ؟ އަދިވެސް ބާކީ ވިއްކާނެ އެއްޗެއް އެބަހުރިހެއްޔެވެ؟"

"އިތުރަށް އެއްޗެއް ބުނަންޖެހޭ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.  ------ ޢާމިރު މަކަރުވެރިގޮތެއްގައި ހީނލިއެވެ.

"ހޫނ -------"

ޚާން އަކުބަރު "ހޫނއޭ" ބުނަމުން ފޯނު ނެގިއެވެ. އޭނާ ފޯނު ނަގާ ފުލުހުންނަށް ގުޅަންވެގެން ނަންބަރަށް ފިތާލަމުން ޢާމިރަށް ބަލައިލިއެވެ. އޭރު ޢާމިރު ޙިކްމަތްތެރިކަމާއެކު ހިނިތުންވެލައިގެން ޚާން އަކްބަރަށް ބަލަމުންދިޔައެވެ. ޚާން އަކުބަރު ފުލުހުންނާ ގުޅުން މަޑު ޖައްސައިލިއެވެ. އަދި އެވަގުތު ޢާމިރު ބުންޏެވެ.

"ޢިއްޒަތްތެރި ޝަރަފުވެރިންނަކީ ފުލުހުންނާ ކުރިމަތިލައި ބައެއްނޫނެވެ.  އެހެންނޫނަސް އަޅުގަނޑު ހައްޔަރު ކުރުމުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ސާހިބަށް ނުދެއްކެވޭނެއެވެ."

ޚާން އަކުބަރު ޖީބުން ފިސްތޯލު ނެގިއެވެ.

ޢާމިރު ބާރަށް ހޭންފެށިއެވެ. އަދި ބުންޏެވެ.

"ތިޔަ އުޅުއްވަނީ ވަގުތާއި ހަކަތަ ބޭކާރު ކުރައްވަން ވެގެންނެވެ. ------ އަޅުގަނޑަކީ މޮޔައެއްކަމަށް ސާހިބު ހީކުރައްވަނީތޯއެވެ؟"

"ހަޅޭނުލަވައި ހުންނާށެވެ. -------"

ޚާން އަކުބަރު ފިސްތޯލު ޢާމިރާ ދިމާކުރަމުން ބުންޏެވެ.

"ފިސްތޯލަ ޖަހާށެވެ. --------"

ޢާމިރު ފަރުވާލެއްނެތް ގޮތެއްގައި ކޮނޑު އަރުވާލައި މޭ ދިއްކޮށްލިއެވެ.

"ނޫނޭ ------ ކަލެއަކީ ކާކުކަން ފުރަތަމަ ބުނެބަލާށެވެ. -------"

"ބޭނުން އަނގައެކެވެ. --------"

"އަހަރެންނަށް ކުރެވުމުންދާ ތުހުމަތުތަކުގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟"

"މަޖްބޫރީ ------- ދެވަނަ ނަމަކީ ފައިސާ"

"ޝަޓް-އަޕް -------- އަހަރެން އަތުން ކަލެއަށް އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބޭނެއެވެ."

"އެންމެ ރަނގަޅު! ނުދެއްވާށެވެ. އެއްވެސް މަޖްބޫރު ކަމެއްނެތެވެ." އެކަމަކު------------

'ކޮން އެކަމަކުއެއް؟ ------- ބުނަން އުޅޭ އެއްޗެއް ޖުމްލަ ފުރިހަމަކޮށް ބުނެބަލާށެވެ. --------"

"ވަޒީފާއަކީ ދާއިމީ ވަޒީފާއަކަށް ވާންޖެހޭނެއެވެ. -------"

"ތިކަމެއް ތިހެން ނުވާނެއެވެ. -------" އޭނާ ހަރުކަށި ގޮތެއްގައި ބުންޏެވެ.

"ހިތްހަމަޖެހުމުގެ ތަކުލީފެވެ."

"ޢާންމުކޮށް ހުވަފެން ފެނޭހެއްޔެވެ؟ -------"

"ނިދީގައިވެސް ނުދެކެމެވެ.-------"

"ހުވަފެނުގައި ފެންނަނީ ކޮންކަމެއްހެއްޔެވެ؟ -------"

"ނޭނގެއެވެ. -------"

ޢާމިރު އަނެއްކާވެސް މަކަރުވެރި ގޮތަކަށް ހީނލިއެވެ.

"މިތާނގައި މަސައްކަތް ކުރާން ބޭނުންވަނީ ކީއްވެހެއްޔެވެ؟"

"މުސްތަގުބަލެއް ލިބޭ ކޮންމެ ތަނެއްގައި އަހަރެން މަސައްކަތް ކުރާނަމެވެ. ----- އަމާޒަށް ވާސިލުވުމަށްޓަކައެވެ."

"އުޅެނީ ކޮންތާކުހެއްޔެވެ؟ -------"

"އެތަނަކީ ފާހަގަ ކޮށްލެވޭ ތަނެއް ނޫނެވެ.------- އެހެނީ ރޭގަނޑު ހަތަރުދަމު ދަނީ ހަށިގަނޑުތަކުން ލޭ ބުޔުމުގައެވެ."

"ކަލޭ ޙަވާލާދޭ އަވަށުގެ ވެރިޔައަކީ އަހަރެންކަން އެނގޭހެއްޔެވެ؟"

"އަހަންނަށް އެކަން އެނގެއެވެ. -------"

"ދެން ދޮގުހަދައިގެން އެހައި ގިނައިން ވާހަކަދައްކަނީ ކީއްވެ؟ -------"

"އަވަށުގައި ބިންތަކަކީ ސާހިބުގެ ބިންތަކަކެވެ. އެހެންނަމަވެސް އަވަށުގައި ތިބި ރީތި އަންހެންކުދިންނަކީ ސާހިބުގެ ވާރުތަ މުދަލެއްނޫނެވެ. އަދި ސާހިބުގެ ދަނޑުތަކުން އުފަންވި މުޑުވަކެއްވެސް ނޫނެވެ."

ޚާން އަކުބަރު ލޭކެކެމުން ޢާމިރަށް ބަލައިލިއެވެ. ޢާމިރު އަނެއްކާވެސް ބުންޏެވެ.

"އެ އަވަށަކީ އިންސާނުން ދިރިއުޅޭ އަވަށެކެވެ."

"ކަލޭ ބުނަން ތިއުޅެނީ ކީކޭތަ؟ ------"

"މަސްދުވަހުގެ ޗުއްޓީއަކަށް ރެސްޓްހައުސްއަށް އައި ބަޔަކު ހަމައެކަނި 3 ދުވަހަށް ޗުއްޓީ ކުރުކޮށްލައިފައި އެނބުރި ދިޔަގޮތުގެ މަޢުލޫމާތު ސާހިބަށް އެނގިވަޑައިގަންނަވާތޯއެވެ؟ އެންމެ ކުޑަ މިނުން ސާހިބު ގެއަށް ވަޑައިގެން އެމަޢުލޫމާތު އޮޅުން ފިލުއްވަންވީނޫންތޯއެވެ؟"

"ކަލޭ މިޖުމްލަ މިހާރު ތަކުރާރު ތިޔަ ކުރަނީ ދެވަނަ ފަހަރުއެވެ."

"އަޅުގަނޑުގެ މަޤްޞަދަކީ ކޮބައިކަން އަދިވެސް ސާހިބަށް ނުވިސްނޭތޯއެވެ؟"

"ތިބާ އަމިއްލައަށް ޖުމްލަ މާނަކުރަނީއެވެ."

"އަވަށުގެ މީހުން ސާހިބަށް ވަރަށް ނަފުރަތު ކުރެއެވެ. އެ ނަފުރަތުކަމުގެ ޝިކާރައަކަށް ސާހިބުގެ އަނބިމީހާއި އަންހެންދަރިފުޅުވެސް ވާންޖެހެއެވެ. އަވަށުގެ މީހުން، އެމީހުންނާމެދު ދެކެނީ ރަނގަޅު ނަޒަރަކުން ނޫނެވެ. އެކަން ސާހިބުގެ އަނބިމީހާއާއި އަންހެންދަރިފުޅުވެސް އިހުސާސް ކުރާން ޖެހެއެވެ. ------ އެމީހުންނަށް އެ ނަފުރަތުކަމަށް ކެތްނުކުރެވިގެން އެނބުރި ދިޔުން އެންމެ ރަނގަޅުކަމަށް ވިސްނިގެން ދިޔައީއެވެ."

"އަދި ވާހަކައެއް އެބަ އޮތްހެއްޔެވެ؟"

ޚާން އަކުބަރު ނަފުރަތުކަމާއެކު ބުންޏެވެ.

"ސާހިބުގެ އަންހެންދަރިފުޅާ އަނބިމީހާގެ ކައިރީގައި އަވަށުގެ މީހުން ނަފުރަތު ކުރަނީ ކީއްވެގެންކަން އަޅުގަނޑު ބުނަން ބޭނުމެއް ނޫނެވެ.------- އެ ދެ މީހުން އެކަމުގެ ޝިކާރައަކަށް ވެފައިވާ އިރު، ނަފުރަތާ ބެހޭ ގޮތުން ސާހިބާއާ ސުވާލުކުރާން އެދެމީހުންނަށް ނުކުރެނީ ކަން ނޭނގެއެވެ."

"ކަލޭ އަހަރެމެން ބުލެކުމޭލުކުރަނީތަ؟"

"ހޫމް ------ ސާހިބު ވިސްނެވުން ގޯހެވެ. އަޅުގަނޑު ސާހިބުގެ ފަރާތުން ފައިސާއަށް ޑިމާންޑެއް ނުކުރަމެވެ.------- އޭގެ ބަދަލުގައި އަޅުގަނޑު މިއެދެނީ ރަނގަޅު ވަޒީފާއަކާ އުފާވެރި މުސްތަގުބަލަކަށެވެ."

"ކަލޭގެ ދޮގު ވާހަކަތަކަށް ފަހަރެއްގައި ވެސް އަހަރެން ކަންބޮޑެއް ނުވަމެވެ."

"ސާހިބު އެކަން ކުރައްވަން ބޭނުންނުވިޔަސް އެހެން މީހުން ބޭނުންވާކަން ޔަޤީނެވެ.-------!"

"ޝަޓް-އަޕް --------"

ޚާން އަކުބަރު ތެޅިގެންފައި ބުންޏެވެ.

"ޑީލެއް ހައްދަވާށެވެ. -------"

ޢާމިރުގެ އަޑުގައި މިފަހަރު ވެސް ހުރީ ހީލަތްތެރިކަމެވެ.

"ޑީލް -------"

ޚާން އަކުބަރު، ފުރައްސާރަ ކުރާ ގޮތެއްގައި ޢާމިރަށް ބަލައިލިއެވެ.

"އާދެ، ޑީލު ------- ތިމާގެ ޢިއްޒަތާއި ކަރާމަތުގެ ޑީލު ---------"

"ނަފުރަތާއި ލަދުވެތި ކަމުގެ ޑީލު -------"

"ގެއްލުމާއި ޝަރަފުގެ ޑީލު --------- މިކަންކަމަށްޓަކައި ސާހިބަށް މަޖުބޫރެވެ. --------- "

"އެހެން ނޫނީ  ------------" ޢާމިރު ބުނަން އުޅުނު އެއްޗެއް ފުރިހަމައަށް ނުބުނެ ދޫކޮށްލައި އޭނާ ހަމަހިމޭންވެލިއެވެ. އޭނާގެ ހިމޭންކަމަކީ ވަރަށް ސިއްރުވެރި އަދި ސީރިއަސް ހިމޭންކަމެކެވެ.

ޚާން އަކުބަރުގެ ހަށިގަނޑުގެ ތެރޭގައި ފިނިކަމުގެ ރާޅެއް ދައުރުވާން ފެށިއެވެ. އެހެނީ ޢާމިރު ހުރީ ވަރަށް ސީރިއަސްވެފައެވެ.

ޚާން އަކުބަރު ފަދަ އަމިއްލަ އެދުން ބޮޑު އަދި މުއްސަންޖަކު ހާސްވިއެވެ. މިހާރު ޢާމިރުގެ މުހިންމުކަން ޚާން އަކްބަރަށް ވަރަށް ބޮޑަށް އިހުސާސް ވެއްޖެއެވެ. އެއީ އާމިރު މިޖެހި މަޅިތަކުގެ ތެރެއިން މަޅިއެއްގައި އޭނާ ނުބައިކޮށް ތާށި ކޮށްފައިނެތީއެވެ. ކުޑައިރުކޮޅަކަށް ކޮޓަރީގެ މާޙައުލުގައި ސިއްރު ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. މިހަހިމޭން ވަގުތުކޮޅުގެ ތެރޭގައި ނޭވާ ހިއްލުންފަދަ އިހުސާސެއް              ޚާން އަކްބަރަށް ކުރެވެމުން ދިޔައެވެ.

ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ.

ދެ މީހުންނަށް ވެސް ދެ މީހުންނަކީ ބާޒުހެން ހީވާ ކަހަލައެވެ. -------- "

ދެ މީހުންނަކީ ވެސް ޝިކާރަވެރީންނެވެ.-----------"

ޤަބޫލުކުރިޔަސް ނުކުރިޔަސް ދެމީހުންވެސް ދަނީ އެމީހަކަށް މޮޅުވާގޮތުގެ ބަރުދަން ބަލަމުންނެވެ.

ނުވަތަ ---------------!

ދެ މީހުން ވެސް އެކަކު އަނެކަކު ޝިކާރަކުރުމަށް، އެ މީހުންގެ އެންމެ ފަހުގެ ކާޑު ކުޅޭން ނިންމައިފައެވެ.

އަވަސް ޙައްލެއް ހޯދާން ޖެހޭކަން ޚާން އަކްބަރަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ. އޭނާ ދިޔައީ އެ ކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެއީ ޚާން އަކުބަރުގެ ފޮރުވިފައިވާ ޝަޚްޞިއްޔަތުގެ މަޢުލޫމާތު އެނގޭންވާ މިންވަރަށް ބޮޑަށް ޢާމިރަށް އެނގިފައިވާތީއެވެ.

އެކަމަކު އެއީ ކޮންކަމަކަށް ވެދާނެހެއްޔެވެ. ---------- ؟

އެމީހުންނަށް ވަނީ ވިސްނާން މަޖުބޫރުވެފައެވެ.

އެހެނީ އޭނާގެ ޝަހުވަތްތެރި އުޅުމަށް އަވަށުގެ މީހުން ހޭލުންތެރިވުމަކީ އޭނާގެ ނަޒަރުގައި އެހައި މުހިންމު ކަމަކަށް ނުވާތީއެވެ.

އަދި މިވަގުތު ޢާމިރު ހާމަކޮށްފައިވަނީ ހަމައެކަނި މިކަންކަމެވެ. އެކަމަކު އެމީހުން ހިތްހަމައެއް ނުޖެހުނެވެ.

ޗަސްބިމުގައި އޭނާގެ ފައިތާށިވާނެ އެހެންކަމެއް ވިސްނަން އޭނައަށް މަޖްބޫރުވެއްޖެއެވެ. ------- ކިހިނެއްވާނެބާއެވެ. -------؟

އެތައް ލައްކަ ވިސްނުމަކަށް ފަހުވެސް ޢާމިރަށް އެތެރެއަށް ވަދެވޭގޮތެއް ނުވިއެވެ. އެހެންވިޔަސް އޭނާއަށް މިކަން ވިސްނިފައި އޮތީ ވަރަށް ދެރަކޮށެވެ.

ޢާމިރަށް އެނގޭނީ އެފަދަ ކޮންކަހަ ކަމެއްހެއްޔެވެ؟ ---------- އެއީ އަވަށުގެ މީހުންނަށްވެސް ނޭނގޭ ކަންކަމެވެ. ------ ކޮންމެ ގޮތެއްވިޔަސް -------- އޭނާ މުހިންމު ނިންމުމެއް ނިންމިއެވެ.

ޑީލެއް ހަދަން އޭނާ ތައްޔާރު ވެއްޖެއެވެ. ޢާމިރުގެ އިތުބާރު ހާސިލު ކުރުމަށްޓަކައެވެ. ------ މިސިއްރުތަކަށް އެމީހުންނަށް ވާސިލުވެވޭނީ އޭރުންނެވެ.

ޚާން އަކުބަރުގެ މޫނުމަތީން އެކުވެރިކަމުގެ ހިނިތުންވުން ފެނިގެން ދިޔައެވެ. އަދިވެސް އެއް ފަހަރު އޭނާގެ ނިންމުމަށް ވިސްނާލުމާއެކުގައެވެ.

"އާނއެކެވެ. ތަޞައްރުފު ފުދި ބޮޑުވެފައިވާ އަންހެންކުދިންނަކީ އަހަރެންގެ ބަލިކަށިކަމެވެ. ------" ޚާން އަކުބަރު ހިނިތުންވަމުން ބުންޏެވެ.

"އެހެންނަމަވެސް މިބަލިކަށިކަން %90 އިންސައްތަ އިންސާނުންގެ ކިބައިގައި ހުރެއެވެ. މިބަލިކަށިކަމުގެ ފައިދާ ނަގާން ބޭނުންވިޔަސް އަހަރެންގެ ފަރުވާލެއްނެތެވެ. އެއްފަހަރާ އެތައް ބަޔަކުވެސް ގަނެވޭވަރަށް އަހަރެންގެ ކިބައިގައި ރަނާއި ރިހި އަދި މުއްސަނދިކަން އެބަހުއްޓެވެ."

"އެ ހުރިހައިއެއްޗެއް ލިބިހުރެމެ، އަހަރެންގެ ހިތުގައި ކަލެއާމެދު ރަޙްމު އުފެދުނީ ކީއްވެގެން ކަމެއްނޭނގެއެވެ. އަހަރެންގެ ކުޑަކުޑަ މިބަލިކަށިކަމުގެ ފައިދާ ނަގަން ކަލޭ އެހައި ކެރިގެން މަސައްކަތް ކުރީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ."

"ކޮންމެ ގޮތެއްވިޔަސް ކަލެއަކީ ކުޅަދާނަ މީހެކެވެ. ކަލޭގެ މައްޗަށް އަހަރެން ހަމްދަރުދީވަމެވެ. -------- އާއެކެވެ. އަހަރެން ކަލޭ މާޔޫސް ނުކުރާނަމެވެ. -------- ކަލޭގެ ހިތްވަރަށް އިނާމު ލިބެންޖެހެއެވެ. ހިތްވަރުގަދަ މީހުންދެކެ އަހަރެން ލޯބިވިނަމަވެސް ކަލޭ ކޮށްފައިވަނީ ވަރަށް މޮޔަކަމެކެވެ. އެހެންވިޔަސް އަހަރެން ކަލޭ މާޔޫސްއެއް ނުކުރާނަމެވެ."

"މިތަނުން ބޭނުންވާ މަޤާމަކީ ކޮބައިކަން ބުނެބަލާށެވެ.؟"

ޢާމިރުގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ހިނގައިގަތެވެ.

ޢާމިރު ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފަހު، ހުއްޓަމުން ހުއްޓަމުން ކަހަލަގޮތެއްގައި ބުންޏެވެ.

"އަޅުގަނޑަކީ ނިކަމެއްޗަކީމުއެވެ."

"މުއްސަނިދިވުމުގެ ހުވަފެނަކީ އަޅުގަނޑު ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ."

"އަޅުގަނޑުގެ ދިރިއުޅުމުގެ ބޭނުންތަކަށް ހަމައެކަނި ޚަރަދުކުރުމުގެ އިތުރުން ކޮންމެވެސް އެއްޗެއް ބާކީ ކުރެވޭނެފަދަ މަޤާމެއް ދެއްވުމުން ރަނގަޅުވާނެއެވެ."

ޢާމިރު ބުންޏެވެ.

"މަހަކު އެއް ހާސް ރުފިޔާ ކިހިނެއްވާނީ ------؟"

ޚާން އަކުބަރު ޢާމިރުގެ ލޮލަށް ރަނގަޅަށް ބަލައިލުމަށް ފަހު ބުންޏެވެ.

"އެކަށީގެންނެއް ނުވެއެވެ. --------"

ދެ ލޮލުން ވިދުވަރެއް ފޮނުވައިލަމުން ޢާމިރު ބުންޏެވެ.

"އެންމެ ރަނގަޅު -----!"

"މިއަދަށް ފަހު މިއޮށް ބޮޑު އިންޑަސްޓްރީޒުގެ ސުޕަވައިޒަރަކީ ކަލެއެވެ."

ޚާން އަކަބްރު ބުންޏެވެ.

"އަޅުގަނޑުވެސް ސާހިބު އެއްވެސް ޝަކުވާއެއް ކުރައްވާނެ ފުރުސަތެއް ނުދޭނަމެވެ. އަޅުގަނޑަކީ ބުރަ މަސައްކަތް ކޮށްގެން އުޅޭމީހެކެވެ." ޢާމިރު ބުންޏެވެ.

"ހޫނ ------!"

ޚާން އަކުބަރު ސިއްރުވެރި ގޮތެއްގައި ބޯ ހުރައިލަމުން ބޯޖަހައިލިއެވެ. އަދި ބުންޏެވެ.

"މިއަދަށް ފަހު ކަލޭގެ ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލާށެވެ. ------- ކަލޭގެ ވާހަކަ ދައްކާ ގޮތާ މެދު، އަހަރެން އެހައި ހިތްހަމައެއް ނުޖެހެއެވެ."

އެ ފަދަ ރާގަކަށް އޭނާ ބުންޏެވެ. "މިސާލަކަށް ------- އެމީހުން ތަންކޮޅެއް ބޮޑަށް ބިރުގަތެވެ."

"މިހާރު ކަލޭ ދިޔަސް އެންމެ ރަނގަޅެވެ. --------"

މިނފަހަރު ދެއަތް އުފުލައިލުމަށް ފަހު ޚާން އަކުބަރު ބުންޏެވެ.

"ޝުކުރިއްޔާ ------!" ޢާމިރު ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ ޑީލަށް އަޅުގަނޑު ހިތްހަމަޖެހޭ ވަރު ވާހެނެވެ." މިހެން ބުނުމަށް ފަހު، ޢާމިރު ނުކުމެގެން ހިނގައްޖެއެވެ.

"އޭ ޒުވާން ފިރިހެނާއެވެ! ކަލޭ ވަރަށް އަވަހަށް މަރުވާނެއެވެ. ------ އަހަރެންގެ ކަރާމަތާ ކުޅޭން ކެރޭވަރުގެ ފުރުސަތެއް އަހަރެން ދުވަހަކު ވެސް އެއްވެސް މީހަކަށް ނުދެމެވެ." އެގްޒެކްޓިވް ގޮނޑީގައި އިށީންނަމުން ޚާން އަކުބަރު ސިއްރުސިއްރުން ބުންޏެވެ.

                --------------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް