Advertisement

ގައުމީ ތަރައްގީގައި "ކުމެވި" އަދާކުރަނީ މުހިންމު ދައުރެކެވެ.

.

ކުމެވީގެ ނަން އަޑު އެއްސެވީމުތޯއެވެ؟ "ކުމެވި" މިއީ ރަމްޒުތަކަކުން އުފައްދައިފައިވާ ނަމެކެވެ. މި ލަފުޒު އަޅުގަނޑު ފުރަތަމަ އަޑުއެހީ އެންމެ ފަހުން ބޭއްވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ދަރިވަރަކު ދެއްކި ވާހަކައެއްގައެވެ. އެ ދަރިވަރު ދެއްކި ވާހަކައިގެ މައުޟޫޢުގެ ގޮތުން އެ ލަފުޒުގެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. މިއީ ލަފުޒުތަކެއްގެ ފެށޭ އަކުރުތަކުން އުފައްދައިފައިވާ ލަފުޒެކެވެ. މި ގޮތަށް ބައެއް ތަންތަނަށް ކިޔާ ޚާއްޞަ ނަން ވެސް އުފައްދައިފައި ހުރެއެވެ. އެއީ "ފެނަކަ" (ފެނާއި ނަރުދަމާއާއި ކަރަންޓު) އާއި "ދިރާގު" (ދިވެހިރާއްޖޭގެ ގުޅުން) ފަދަ ނަންނަމެވެ. މި ބީދައިން ކުމެވި މި ނަން އުފެދިފައިވަނީ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރި (އާންމުކޮށް ކިޔާ އަޑު އިވޭ ގޮތުން ނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި) މި ޢިބާރާތުންނެވެ. "ކުމެވި" މި ނަން އުފެއްދެވީ ރާއްޖޭގެ މަޝްހޫރު އިޤުތިޞާދީ މާހިރެއްކަމުގައިވާ ރިޢާޔަތު ޢަބްދުލްމަޖީދުކަން ފާހަކަކޮށްލެވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުމެވި މި ނަން ތަޢާރަފުކުރާން ބޭނުންވީ އިނގިރޭސިބަހުން ސްމޯލް އޭންޑް މިޑްސައިޒް އެންޓަރޕްރައިޒަޒް މި ޢިބާރާތުން ނަންގަވައިގެން އެސްއެމްއީއޭ ކިޔާއަޑު އިވިވަޑައިގަންނަވާތީ ދިވެހިބަހުން އެއަށް ކިޔާނެ ނަމެއް އޮތުން މުހިންމުކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ޝައްކެއް ނެތެވެ. "އެސްއެމްއީ"އޭ ކިޔުމަށް ވުރެ، ކިޔައިލާން "ކުމެވި" މާ ފަސޭހައެވެ. އެހެންކަމުން މި ފަދަ ފަސޭހަ ނަމެއް ބޭނުންފުޅުކުރައްވާން ނިންމެވީތީ "ފަރަގު" ޓީމުން ތަހުނިޔާ ދަންނަވަމެވެ. މި ދާއިރާގެ ހުރިހާ ބޭފުޅުން ވެސް "އެސްއެމްއީ"އޭ ވިދާޅުވުމުގެ ބަދަލުގައި، މި ނަން (ކުމެވި) ބޭނުންފުޅުކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. އެއީ ކިޔައިލާން ވެސް ލިޔެލާން ވެސް "ކުމެވި" މާ ފަސޭހަވީމައެވެ.

ކޮންމެއަކަސް ކުމެތްވަކީ އާމްދަނީއާއި ހަރުމުދާ ނުވަތަ އެ ވިޔަފާރިތަކުގައި އުޅޭ މީހުންގެ ޢަދަދު ކަނޑައެޅިފައިވާ ވަކި މިންގަނޑަކަށް ވުރެ ދަށުގައި ހުންނަ ވިޔަފާރިތަކެވެ. ހަގީގަތުގައި މި ބާވަތުގެ ވިޔަފާރިތަކަކީ ގައުމުގެ ޙާލަތަށް އަވަހަށް އިޖާބު ދިނުމުގައި މާ ފައްސި ނަތީޖާ ނެރެދޭ ވިޔަފާރިތަކެކެވެ. މި ފަދަ ވުނަދާނަތަކުން މީހުންގެ ބަދަލުވަމުން އަންނަ މުހުތާދުތަކަށް އަވަހަށް އިޖާބަދިނުމުގެ ގާބިލުކަން ހުންނާނެއެވެ. އަދި ރައްޔިތުންގެ ބޭނުންތަކަށް އެންމެ އެކަށީގެންވާ ހައްލު ހޯދައިދެނީ މި ބާވަތުގެ ވިޔަފާރިތަކުންނެވެ. މިއީ ރައްޔިތުންގެ މުހުތާދުތަކަށް ޙައްލު ހޯދައިދޭ ވިޔަފާރިތަކެވެ.

އާދޭހެވެ! ދިވެހި އިގުތިސާދުގައި ކުމެވި، އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. އަދި ކުމެވި އަދާކުރާ އިޖުތިމާޢީ ދައުރަކީ ވެސް ފާހަގަކޮށްނުލައި ދޫކޮށްލެވޭ ވަރަށް ވުރެ މާ މުހިންމު ދައުރެކެވެ. ކުދި ރަށްރަށުގެ މުޖުތަމަޢުތަކުގައި ދިރިއުޅޭ، ރައްޔިތުންގެ ދިރުއުޅުން ތަރައްގީކޮށް ކުރިއެރުވުމުގައި ކުމެވި އަދާކުރާ ދައުރު ވަރަށް މުހިންމެވެ. ރަށްރަށުގައި ހުންނަ ކުދި ވިޔަފާރިތަކާއި ކަންމަތީ ފިހާރަތަކުން ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށްނުދޭ ނަމަ، އެބައިމީހުންގެ ދިރިއުޅުމުގައި ކުރިމަތިވާނެ ދަތިތަކާ މެދު ފިކުރުކޮށްލުމުން ކުމެވީގެ މުހިންމުކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ކުޑަ ލޮނު ޕެކެޓެއް ނުވަތަ ސައިފަތް ފޮށްޓެއް ގަންނާން ކައިރި އެހެން ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރާން ޖެހިއްޖެ ނަމަ އުފުއްލާން ޖެހޭ ތަކުލީފުތައް މީހަކު ބަޔާންކޮށްދޭކަށް ނުޖެހޭނެއެވެ.

އިޖުތިމާޢީ ދިރިއުޅުމާއި އިގުތިސާދީ މައިދާނުގައި ކުމެވި އަދާކުރާ ދައުރަކީ ހަމައެކަނި ރައްޔިތުންގެ ދުވަހީ ބޭނުންތައް ފުއްދައިދިނުން އެކަންޏެއް ނޫނެވެ. މީގެ އިތުރަށް ކުދި ރަށްރަށުގައި ވަޒީފާގެ ފުރުސަތު ވެސް ކުމެވީގެ ސަބަބުން އިތުރުވެއެވެ. އެހެންކަމުން ރާއްޖޭގެ ޖުޣުރާފީ ޙާލަތު އޮތް ގޮތުން ވެސް ގައުމީ ތަރައްގީގައި ކުމެވީގެ ދައުރު ފުޅާކޮށް އެ ކަމަށް ފަހި ފުރުޞަތުތައް ހޯދައިދޭން އެބަ ޖެހެއެވެ. އެއީ ދިވެހި އިގުތިސާދަށް އަލުން ރޫފަ ލިބި ރައްޔިތުންނަށް ތަނަވަސްކަން އިތުރުވާނޭކަމެއްކަން ކަށަވަރެވެ.

__________________________________________

Advertisement

ކޮމެންޓް