Advertisement

މިއަދަކީ ދިވެހިރާއްޖެއަށް ކުޑައީދު ނަމަވެސް ބައެއް ގައުމުތަކަށް ބޮޑުއީދެވެ.

10 Apr 2024 | 00:13
ދިވެހީން ސަގާފީ ގޮތުން ފިޠުރު ޢީދު ފާހަގަކުރަނީ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ އުފާވެރި ބަރަކާތްތެރި ފިޠުރު ޢީދުދުވަހެވެ. މި އުފާވެރި މުނާސަބަތުގައި "ފަރަގު"ގެ އަހުލުވެރީންނަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އާދޭހެވެ!  ކޮންމެ ބަޔެއްގެ ވެސް ޢީދަކީ އެ ބަޔަކު ރަމްޒުކޮށްދޭ ޢަލާމާތެކެވެ. ކައު އިތުރު ރަސޫލާ މުޙަންމަދު (صلّى الله عليه وسلم) ޙަދީސްކުރައްވައިފައިވާ ގޮތުގައި "ކޮންމެ ބަޔަކަށް ވެސް ޢީދެއްވެއެވެ. އަދި މިއީ އަހަރެމެން (މުސްލިމުން)ގެ ޢީދެވެ." (ބުޚާރީ/މުސްލިމް/އިބްނިމާޖާހ). އެހެންވީމާ މި އުފާވެރި ފިޠުރު ޢީދުގައި މުސްލިމުން އުފާ ފާޅުކުރުމަކީ ކުރާންޖެހޭނެ ކަމެކެވެ. ޝަރީޢާތުގެ އިމުގެ ތެރޭގައެވެ. މިއަދަކީ މި ދެންނެވި ފަދައިން އުފާފާޅުކުރާންޖެހޭ ދުވަހެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. " قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ .( سورة يونس:58) ("ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ފަޟުލުވަންތަކަމާއި، އެކަލާނގެ ރަޙުމަތަށް ޓަކައި، ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.") އެހެންވީމާ އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ޝަރުޢުކުރައްވައިފައިވާ ގޮތުގެ މަތީން އެ އިމުގެ ތެރޭގައި މިއަދު އަޅުގަނޑުމެން އުފާކޮށް މީރު ކެއުން ކައި ރީތި ހެދުންލައި އުޅުމަކީ އޮތްކަމެކެވެ. ތަހުނިޔާއެވެ.

ކުޑައީދާއި ބޮޑުއީދަކީ ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރު ދެނަމެވެ. "ޢީދުލްފިޠުރު"އާއި "ޢީދުލްއަޟުޙާ"އަށް ވުރެ، އެ ދެ ނަން ހަމަ ގައިމު ވެސް ކުރީން ދިވެހީންގެ ތެރޭގައި މާ މަޝްހޫރެވެ. ފިޠުރު ޢީދަކީ ކުޑައީދުކަމާ މެދަކު އަދި އަޟުޙާ ޢީދަކީ ބޮޑުއީދުކަމަކަށް އެއްވެސް ދިވެއްސަކު ދެކޮޅެއް ނަހަދައެވެ.

ދިވެހީން ފިޠުރު ޢީދަށް ކުޑައީދޭ، އަދި އަޟުޙާ ޢީދަށް ބޮޑުޢީދޭ ކިޔަނީ ކީއްވެގެން ކޮން ސަބަބަކާ ހުރެކަމެއް ސާބިތު ގޮތެއްގައި އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް ފިޠުރު ޢީދު ދުވަހާ ވިދިގެން ޖެހިގެން އަންނަ ދުވަހުން ފެށިގެން ހަރޯދަ ހިފާން ފަށާތީ އީދުގެ ކުޅިވަރުތައް ކުޅޭނެ ދުވަސްތައް މަދީމާ ކުޑައީދޭ ކިޔަނީކަމަށް ވެދާނެއެވެ. އަދި ޢީދު ދުވަހާއި ވަޅުޢިދު ދުވަހާއި ޢީދުގެ މުނާސަބަތުގައި ބަންދުވާ ތިން ދުވަސް ފިޔަވައި އިތުރު ދުވަހެއް ބަންދު ނުވާތީ ކިޔާ ނަމަކަށް ވެސް ވެދާނެއެވެ. އަދި ތަކުބީރު ކިޔުން މި ޢިދުގައި ސުންނަތް ވަނީ ޢިދުވިލޭރެއަށް އިރު އޮއްސުނީއްސުރެ އިމާމު މީހާ ޢީދު ނަމާދަށް ޙަރަމްބަދެފުމަށް ދާންދެންކަމަށް ވާތީކަމަށް ވެދާނެއެވެ. ނަމަވެސް އަޟުޙާ ޢީދާ ގުޅިގެން ޙައްޖު ދުވަހާއި ޢީދުދުވަހާއި އައްޔާމުއްތަޝްރީޤު ތިންދުވަސް ވެސް ޢީދުގެ ތެރޭގައި ގުނޭތީޢައި މި ދުވަސްވަރުގައި ވެސް ކޮންމެ ފަރުޟު ނަމާދަކާއި ސުންނަތް ނަމާދެއްގެ ފަހުގައި ކިޔައިފުމަށް ދާންނދޭން ތަކުބީރުކިޔުން ސުންނަތްވާތީ ޢީދުގެ އިޙުސާސް މި ހުރިހައި ދުވަހެއްގައި ވެސް ކުރެވޭތީ މި ޢީދަށް ބޮޑު ޢިދޭ ކިޔަނީކަމަށް ވެދާނެއެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާކެވެ. އެއްވެސް ދިރާސާއެއްގެ އަލީގައި ދެންނެވި އެއްޗެއް ނޫނެވެ.

އެކި މީސްމީހުންނާ މިކަމުގައި ޚިޔާލު ބަދަލުކޮށްލުމުން ވެސް ސާބިތު ޖަވާބެއް ނުލިބުނެވެ. ނަމަވެސް ލަފާކުރެވޭ ލަފާކުރުންތަކެއް އެ ބޭފުޅުންގެ ވެސް އެބަ ހުއްޓެވެ. ކުރީން ވެސް ދެންނެވި ފަދައިން ކުޑައީދުގައި ތަކުބީރު ކިޔާ ވަގުތު މަދެވެ. ޢީދުވިލޭރޭ އިރު އޮއްސުނީއްސުރެ އިމާމުމީހާ ޢީދު ނަމާދަށް ޙަރަމް ބަނދެފުމަށްދާނދެނެވެ. ބޮޑުއީދުގައި އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރު ނާމާދުގެ ފަހުގައި ކިޔައިފުމަށްދާނދެން ތަކުބީރުކިޔުން ދެމިއޮވެއެވެ. މިއީ، އަޟުޙާ ޢީދު ބޮޑު ޢީދުގެ ގޮތުގައި އަދި ފިޠުރު ޢީދު ކުޑައީދުގެ ގޮތުގައި ބަލަމުން އަންނަ އެއް ސަބަބު ކަމުގައި ވެދާނެކަމަށް ބައެއް މީހުން ބުންޏެވެ. އަނެއް ސަބަބަކީ ފިޠުރު ޢީދާ ގުޅިގެން ދިވެހިރާއްޖޭގައި ބަންދުވަނީ ތިން ދުވަސް ކަމަށް ވެފައި އަޟުޙާ ޢީދާ ގުޅިގެން ފަސް ދުވަސް ބަންދުވާތީކަމަށް ވެސް ވެދާނެކަމަށް ބައެއް މީހުން ޚިޔާލު ދިނެވެ. އެހެންކަމުން ގިނަ ކުޅިވަރުތައް ރާވައި ހިންގުމުގެ ފުރުޞަތު ބޮޑުއީދުގައި ބޮޑުވެއެވެ. ވީމާ، ބޮޑު ޢީދެއްގެ ގޮތުގައި އަޟުޙާ ޢީދު ފާހަގަކުރުމުގެ ފުރުޞަތު ވެސް ބޮޑުވެއެވެ. 

ކޮންމެއަކަސް ފިޠުރު ޢީދަކީ ދިވެހީންގެ ކުޑައީދެވެ. އަދި އަޟުޙާ ޢިދަކީ ދިވެހީންގެ ބޮޑުއީދެވެ. މިއީ ދިވެހީން ގަބޫލުކުރާ ގޮތެވެ. ދިވެހީންގެ ސަގާފަތެވެ.  

ދިވެހިރާއްޖޭގައި ކަން އޮތީ މި ދެންނެވި ގޮތަށްކަމުގައި ވިޔަސް މުސްލިމު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންގެ ޚިޔާލު ތަފާތެވެ. މިސާލަކަށް މެލޭޝިޔާގައި ބޮޑު ޢީދެއްގެ ގޮތުގައި ފާހަގަކުރަނީ ފިޠުރު ޢީދެވެ. ރަމަޟާން މަސް ފެށުމާއެކުހެން ޢިދުގެތައްޔާރީތައް ވާނަ ފަށައެވެ. ޚާއްޞަކޮށް ރަށްފުށގެ ސަރަހައްދުގައި މި އާދަ މާ ބޮޑުކަމުގައި ވެސް ފާހަގަކުރެވެއެވެ. ފިޠުރުޢީދާ ގުޅިގެން ގޭގެ ޒީނަތްތެރިކުރުމާއި ހެޔޮ އެދުމުގެ ކާޑު ބަދަލުކުރުން ވެސް މާ ބޮޑަށް އެ ޤައުމުގައި އިތުރެވެ. އަދި ބަންދުވާ ދުވަސްތަކުގެ ޢަދަދު ވެސް ގިނައެވެ. ދެތިން ހަތަރު ރަމަޟާން މަހެއްގައި މެލޭޝިޔާގައި ހުރުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ލިބިފައިވާތީ، މި ކަންކަން އަޅުގަނޑަށް ތަޖުރިބާކުރެވުމުން މި ކަމާ ބެހޭ ގޮތުން މެލޭޝިޔާގެ ބައެއް ރައްޓެހީންނާ އަޅުގަނޑު ވާހަކަދައްކައިލީމެވެ. އަޅުގަނޑު ބުނީމެވެ. ތިޔަބައިމީހުން ކުޑައީދުގެ ގޮތުގައި ފިޠުރު ޢީދު ފާހަގަކުރަނީ ކީއްވެގެންހެއްޔެވެ؟ އަޅުގަނޑު މި ސުވާލުކުރީ، އެ މީހުން އެ ކަން ކުރަނީ ރަނގަޅަށް ނޫންކަމަށް ބުނާން ވެގެންނެވެ. އެހެންނަމަވެސް އެ މީހުންގެ ޖަވާބުން އަޅުގަނޑުގެ އަނގަ ބަންދުކޮށްލިއެވެ. އެ މީހުން ބުންޏެވެ. ފިޠުރު ޢީދަކީ ހުރިހާ މުސްލިމުން އަދާކުރި މަތިވެރި އަޅުކަމެއް (ރޯދަ) ފުރިހަމަކުރެވުމުގެ އުފަލުގައި ފާހަގަކުރާ ޢީދެއް ނޫންހެއްޔެވެ؟ އަޟުޙާ ޢީދަކީ ތަނަވަސްކަމުގެ އަހުލުވެރީން މައްކާއަށް ގޮސް ފުރިހަމަކުރާ އަޅުކަމަކާ ގުޅިގެން އަޅުގަނޑުމެން ފާހަގަކުރާ ޢީދެއް ނޫންހެއްޔެވެ؟ އެ އަޅުކަން އަދާކުރަނީ އަދި އަދާކުރެވެނީ ނިސްބަތުން މަދު ބަޔަކަށެވެ. އެހެންވީމާ، އަޅުގަނޑުމެން އެންމެން ޙިއްޞާވި އަޅުކަމަކާ ގުޅިގެން ފާހަގަކުރާ ޢީދު މާ ބޮޑުވާން ޖެހޭނެ ނޫންހެއްޔެވެ؟

މި ޖަވާބަށް ދޭނެ ރައްދެއް އަޅުގަނޑަކަށް ނުވިސްނުނެވެ.  ކޮންމެއަކަސް މިއީ ދެ ޤައުމުގެ ސަގާފަތުގައި ހުރި ތަފާތަކަށް ވެދާނެއެވެ. ދީނީ ގޮތުން ބޮޑު ޢީދެއް ކުޑައީދެއް އޮންނާން ޖެހޭކަމަކަށް ނުދެކެމެވެ. ކޮންމެ ޢީދަކީ ވެސް ހަމަ “ބޮޑު” ޢީދެކެވެ. މުސްލިމުން އުފާ ފާޅުކުރުމަށް ޓަކައި ޝަރުޢުކުރައްވައިފައިވާ ދެ ޢީދެވެ. ނަމަވެސް ޒަމާނުއްސުރެ ދިވެހީންގެ ސަގާފަތުގައި ކުޑައީދަކީ ފިޠުރު ޢީދެވެ. ބޮޑުއީދަކީ އަޟުޙާ ޢީދެވެ. ދީނީ ގޮތުން މި ކަން ކޮންމެ ގޮތަކަށް އޮތަސް އަޅުގަނޑުމެން މި ދެ ނަން ދީގެން މި އުޅެނީ ސަގާފީ ގޮތުންނެވެ. ވީމާ، އެއީ މައްސަލައެއްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. ފިޠުރު ޢީދަކީ ދިވެހީންނަށް ހަމަ "ކުޑައީދެވެ."

އާދޭހެވެ! މި އަދަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހެވެ. ސަޢުދީ ޢަރަބިއްޔާއާއި އިސްލާމީ ގިނަ ގައުމުތަކަށް ވެސް މިއަދަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ ވެރީންނަށް ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. މި ތަހުނިޔާގައި ދުނިޔޭގެ އެންމެހައި މުސްލިމުން ވެސް ޝާމިލުކުރާނަމެވެ. މި ޢީދަކީ ދިވެހީންނަށާއި އިސްލާމީ އުންމަތަށް އުފާވެރި ޢީދެއްކަމުގައި ލައްވާށިއެވެ! މި އުފާވެރި މުނާސަބަތުގައި ވެސް ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުން ބަރުދާސްތުކުރަމުންގެންދާ ހިތްދަތި ޙާލާމެދު ހިތާމަކޮށް، އެ އަޚުންނާއި އުޚުތުންނަށް އަވަސް މުއްދަތެއްގައި ކާމިޔާބު މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.

Advertisement

ކޮމެންޓް
މަރީ
ތިޔައީ ސަގާފަތުގެ ތަފާތެވެ. އަޑުގަނޑަކަށް މައްސަލައެއް ނޫނެވެ.
10 Apr 2024