Advertisement

ނޭޓޯއާއި އެމެރިކާއާ ނުލައި ޔޫރަޕުގެ ގައުމުތަކަށް އަމާންކަން ޖާމިނުކުރެވިދާނެބާ!؟

08 Apr 2024 | 10:52
ނޭޓޯ އޮތީ އެމެރިކާއާ އެކީ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

މި ދިޔަ ސައްތައިގެ ފަންސާހުގެ ތެރޭގައި ޔޫރަޕު  ދިފާޢުކޮށް ޙިމާޔަތްކުރުމަށް ޓަކައި ލަޝްކަރެއް ބިނާކުރުމުގެ ޚިޔާލު ނުވަތަ "ޕެރިސް މުޢާހަދާ"ގެ މަޝްރޫޢު ފަރަންސޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ރީނޭ ޕްލެވިން ހުށައެޅުއްވިއެވެ. ފަރަންސޭސިވިލާތުގެ ބަރުލަމާނުން މި މަޝްރޫޢު ތަޞްދީޤުކުރުމާ ދެކޮޅުހެދުމުން މި ޚިޔާލު މަރުވެ ވަޅުލެވުނީއެވެ.

އޭގެ ބައި ސައްތަ އަހަރު ފަހުން ޔޫރަޕުގެ ގައުމުތައް ޢަސްކަރީ މައިދާނުގައި ކަންނެތްވެ އެ ގައުމުތަކަށް ބޭރުން ޙަމަލާއެއް ދެވިއްޖެ ނަމަ އެމެރިކާގެ އެހީ ހޯދުމުގެ އުނގަށް ވެއްޓިގަތެވެ. ނޭޓޯގެ ގިއުގަނޑުގެ ތެރޭގައެވެ.

ނޭޓޯގެ މެންބަރު ގައުމުތައް ގަވައިދުން ޗަންދާ ނުދައްކާ ނަމަ، އެމެރިކާއިން އެ ގައުމުތައް ދިފާޢުކުރާކަށް ނުތެދުވާނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރުދެއްވައިފައެވެ. އެމެރިކާގައި މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރައްވައިފާނޭކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. މި ކަމާ ވިދިގެން އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޔޫރަޕުގެ ލަޝްކަރުތަކަށް އެކަނިމައިއެކަނި އެ ގައުމުތައް ޙިމާޔަތްކުރެވޭވަރުގެ ޤާބިލުކަމާއި އާރާއި ބާރު ލިބިގެންވޭ ހެއްޔެވެ؟

ރަޝިޔާއިން ޔުކްރޭނަށް އެރުމާ ވިދިގެން ޔޫރަޕަށް ވަނީ އަމަންއަމާންކަމުގެ މަސްރަޙުގައި އައު މާޙައުލަކާ ކުރިމަތިލާން ޖެހިފައެވެ. މި ހަނގުރާމައިގައި  ޔޫރަޕުގެ ގައުމުތަކުން "ހެޔޮ ވިސްނުމަކާ"ނުލައި ދަނީ ޔުކްރޭނަށް ހަތިޔާރާއި ފައިސާއާއި، ސިޔާސީ އަދި އިޤްތިޞާދީ މަދަދު އޮއްސަމުންނެވެ. އެހެނަސް ރަޝިޔާ ކުރިއަރަމުން ކާމިޔާބީތައް ހޯދަމުންދާތީ ޔޫރަޕަކީ އަމާންކަން ލިބިފައިވާ ތަނެއްކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ޔޫރަޕުގެ ދިރާސާތަކާ ބެހޭ ވެލްފްރެޑް މާރޓިންޒް މަރުކަޒުގެ ޚާރިޖީ ސިޔާސަތާއި އަމްނާއި ދިފާޢާ ބެހޭ ދިރާސާތަކުގެ މަސްއޫލުވެރިޔާ އިޔުނީލާ މާރިޔާ ސިޔޫލާން ވިދާޅުވާ ގޮތުގައި ވޭތުވެ ދިޔަ ތިން ދަހަރުގައި މީހުން ދެކެފައިވާ ގޮތުގައި ޔޫރަޕަކީ "ސުލްޙައިގެ ޖަޒީރާ" އެކެވެ. އެ ޖަޒީރާގެ އަމްނަށް އެއްވެސް ކަހަލަ ބިރުވެރިކަމެއް ނެތެވެ.

އޭނާ ޖަޒީރާ ނެޓާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައިގެ މައިދާނަށް ބޭނުންވާ ހަތިޔާރު އަވަހަށް އުފެއްދުމަށް ޓަކައި ޞިނާޢަތާއި ދިފާޢުގެ މަޝްރޫޢުތަކުގެ މުހިންމުކަން ޔުކްރޭން ހަނގުރާމައިން ވަނީ ފެނިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި މައިދާނުގައި ޔޫރަޕުގެ ޞިނާޢަތު، ފަހަތަށް ސޮއްސައިލައިފައިވާކަން އެނގެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ފަދަ ހަތިޔާރުތައް ބާޒާރުން ހޯދުމުގެ މައިދާނުގައި ވެސް ޔޫރަޕު އޮތީ ކުރީސަފުގައެއް ނޫނެވެ. އިސްތިރާޖީ ބާރުތަކުގެ (ވައިގެ މަގުން މުދާ އުފުލުމާއި، ޖާސޫސީ މަޢުލޫމާތު ބަދަލުކުރުމާއި، މުވާޞަލާތާއި ވިލަރެސްކުރުމުގެ) މައިދާނުގައި ޔޫރަޕު އޮތީ އަރާން ދަތި ފުން ވަޅުގަނޑެއްގައެވެ.

ނަޒަރީ ގޮތުން ބަލާ އިރު، ބާރުތައް އެކަތިގަނޑަކަށް ހެދުމުގެ ޚިޔާލަކީ ވަރަށް ޝައުޤުވެރި ވަރަށް ދަގަތްފާނު ގަދަ ފިކުރެކެވެ. ގުޅިފައިވާ ބޮޑު ޢަސްކަރީ މުއައްސަސާއެއް އޮތުމަކީ ވަރުގަދަ އިޤްތިޞާދެއް އުފައްދައިދޭނެ ކަމެކެވެ. ބީރޯކްރެސީގެ އުނިކަން ފޫބައްދައިދޭނެ ކަމެކެވެ. މީގެ އިތުރަށް ހަނގުރާމައިގެ މައިދާނުގައި ދިފާޢުވެރި މައިތިރިކުރަނިވި ކުރުންތެރި ތެދުވެރިކަމެއް ވުޖޫދުވެގެންދާނެއެވެ.

އެހެނަސް ޔޫރަޕުގެ ސިޔާސަތު ދިރާސާކުރާ މަރުކަޒު (ސީއީޕީއެސް)ގެ ޑިރެކްޓަރު ޑެނިއަލް ގްރޮސް އިސް މަންޒަރު ދެކެވަޑައިގަންނަވަނީ ތަފާތު ގޮތަކަށެވެ. އޭނާ ވިދާޅުވާގޮތުގައި "ނޭޓޯއަކީ ޒަމާނާއެކު ކަފާސްވެފައިވާ ބަލިކަށި ޖަމާޢަތެކެވެ." ޔުކްރޭން ހަނގުރާމަ އައިސް ހިރަފުސް ފޮޅައިލާން ޖެހޭންދެން ނޭޓޯ މެންބަރުންގެ މެދުގައި ދެބަސްވުންތައް އުފެދިފައިވަނީ ގުޅިފައިވާ ސިޔާސަތުތަކާއި އިޖުރާތުތައް ކަނޑައެޅުމުގައެވެ.

ޔޫރަޕުގެ ގައުމުތަކުގެ މެދުގައިވާ ދެބަސްވުންތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ގްރޮސް ވިދާޅުވި ގޮތުގައި މި ދެބަސްވުންތަކުގެ ސަބަބުން ނޭޓޯ އިއްތިޙާދު އަދި ނިކަމެއްޗެއް ނުވެއެވެ. ގުޅިގެން، ކިޔީވަށް އެހީވުމުގައި އޮތް، ގުޅިފައިވާ ރޭވުންތަކާއި ކަނޑައަޅައިފައިވާ ރާސްތާއިން ކައްސައެއް ނުލައެވެ. އޭނާ ވިދާޅުވި ގޮތުގައި ރޫސީ ބިރަކީ ޢަސްކަރީ ކަމެކެވެ.

މުސްތަޙީލު މާދަލާއެއް

ނޭޓޯއަށް ޔޫރަޕުގެ ގައުމުތަކުން ހޭދަކުރުމުގެ މަސްއަލައަށް ބަލާ އިރު، ބްރަސަލްސްގައި ހުންނަ ނޭޓޯގެ މަރުކަޒުގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ޔޫރަޕުގެ ހުރިހާ ގައުމުތަކެއްގެ ހަތަވިވަރާ އެމެރިކާގެ ހަތަވިވަރާ ދާދި އެއްވަރެވެ. މި އަމާންކަން ކުޑަ ދުނިޔޭގައި ޔޫރަޕު ބަރޫދު ދިފާޢުކުރުމަށް ޓަކައި މި ހަތަވިވަރުގެ 2 % (ދެ އިންސައްތަ) ދިފާޢަށް ޓަކައި ވުނަކުރާން ޖެހޭނެއެވެ.

ސިޔޫލާން ވިދާޅުވިގޮތުގައި ޔޫރަޕްގެ ލަޝްކަރުތައް "އަގެއް ނެތްކަމަށް" ސިފަކުރުމަކީ ހައްދުފަހަނަޅައިދިޔުމެކެވެ. އޭނާ ވިދާޅުވިގޮތުގައި ނޭޓޯއަކީ ޔޫރަޕްގެ އަމްނުގެ ބިނާގެ ޙަޔަވީ ޢުންޞުރެކެވެ. އެހެންކަމުން ނޭޓޯ ނެތުމަކީ  ޔޫރަޕްގެ އަމްނަށާއި ދިފާޢަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި  ޔޫރަޕްގެ ދިފާޢީ މައިތިރި ވަރުގަދަކުރުމަކީ ނޭޓޯގެ ޔޫރަޕްގެ ބިނާ ވަރުގަދަކޮށްދޭނެ ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި ނޭޓޯގެ 32 މެންބަރުންގެ ތެރެއިން  23 މެންބަރުންނަކީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުންނެވެ.

ދުނިޔޭގެ ބާރުގެ ޢަލާމަތަށް (ޕަވަރ އިންޑެކްސް އަށް) ބަލާއިރު ޔޫރަޕުގެ އެންމެ ވަރުގަދަ ޢަސްކަރީ ބާރަކީ ރޫސީވިލާތެވެ. ދެވަނަ ގައުމަކީ އިނގިރޭސިވިލާތެވެ. ދެން ފަރަންސޭސިވިލާތާއި އިޓަލީވިލާތެވެ.

ގްރޮސް ވިދާޅުވާގޮތުގައި ދިފާޢުގެ ކަންތައްތަކުގައި އެމެރިކާއަށް ބަރޯސާވުން ތަމުސީލުކޮށްދެނީ ޔޫރަޕުގެ ޑީއެންއޭ އެވެ. ބަރޫދު ވިހައިފައި ވަނީ އޭގެ އަމިއްލަ ނަފުސު ދިފާޢުކުރުމުގެ ދަފަރާއަކާ ނުލައެވެ.  އެ ބަރޫދުގެ ގައުމުތައް އުފަންވެފައިވަނީ އެ ގައުމުތަކުގެ މެދުގައި  ހަނގުރާމަތަކާއި އަރާރުންތައް ހިނގުން މަނާކުރާ ވިރާސީ ބަހާއަކާ (ޖީނަކާ) އެކުގައެވެ.

އޭނާ ވިދާޅުވާގޮތުގައި ރައީސް ޓްރަމްޕްގެ ރިޔާސީ އައު ހަތަރު އަހަރުގެ ތެރޭގައި ޔޫރަޕަށް ދިފާޢީ ބާރެއް ބިނާކުރުމަށް ވަގުތު ތަނަވަސްވެގެންދާނެއެވެ.

ގްރޮސް ވިދާޅުވާގޮތުގައި ޔުކްރޭން ހަނގުރާމައިގައި ކިޔީވް މޮޅުވަން ޖެހޭނެއެވެ.ޔޫރަޕްގެ އަމާންކަން ރަހީނުކުރެވިފައިވަނީ ޔުކްރޭނުގެ އަމްނާއެވެ. ޔޫރަޕް ބަރޫދުގެ ކުރިމަގު ކަނޑައެޅިގެންދާނީ މި ހަނުގުރާމައިގެ ނަތީޖާއިންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މެދުއިރުމަތީގެ އިންސާނީ އަދި ސިޔާސީ ޑުރާމާގައި ޔޫރަޕްގެ ދައުރަކީ ސާނަވީ ދައުރެކެވެ. ޔޫރަޕްގެ ތާސީރު ވަރަށް ކުޑައެވެ. އޭނާގެ ބަސްފުޅުން ޔޫރަޕް ޔުކްރޭނަށް ދޭ އަހައްމިއްޔަތުގެ ބޮޑުކަން ސާފުކޮށް އެނގެއެވެ.  

ސިޔޫލާން ވިދާޅުވާ ގޮތުގައި ޖިޔޯސިޔާސީ ވާދަވެރިކަން ބޮޑުވަމުންދާ ދުނިޔެއެއްގައި ރަޝިޔާއަކީ ޔޫރަޕުބަރޫދުގެ ސަލާމަތަށް ހުރި ބޮޑު ބިރެކެވެ. ހަމައެކަނި އިރުމަތީ ފަޅިއަކަށްނޫނެވެ. ދެކުނު ފަޅިއަށާއި އުތުރު ތަނޑީގެ ސަރަޙައްދަށްވެސް މެއެވެ. މީގެ އިތުރަށް ތަރައްޤީވަމުން ފުޅައުވަމުންދާ ރަޝިޔާ – ޗައިނާ އެއްބާރުލުމަކީ ވެސްއ ޔޫރަޕުގެ ޙަޔާތުގެ ވައްޓަފާޅިއަށް ވެސް ބިރުހުރި ކަމެކެވެ.  

އެމެރިކާގެ ރިޔާސި އިންތިޚާބާމެދު ހުޅަނގު ކަންބޮޑުވަނީ މިހެންވެގެންނެވެ. ޔުކްރޭނަށް އެހީވުމުގެ މަސްއަލައިގައި ޔޫރަޕުން ގެންގުޅޭ ސިޔާސަތަށް މި އިންތިޚާބުގެ ނަތީޖާއިން އަސަރުފޯރާނެތީއެވެ. މި އިންތިޚާބުގެ ސަބަބުން ޔޫރަޕުގެ ލަޝްކަރުތަކުގެ ކުރުންތެރިކަން ވަރަށް ބޮޑު އިމްތިޙާނަކާ ކުރިމަތިކުރުވާނެތީއެވެ.

ސިޔޫލާން ވިދާޅުވާގޮތުގައި "އެމެރިކާއިން ޔޫރަޕު ބަރޫދަށް އަމާންކަމުގެ ކުޑަ ތަނަވަސްކޮށްދޭނެކަމަށް ޤަބޫލުކުރާކުރުމަކީ އެއްވެސް ޖާމިނުވުމެއް އޮތް ކަމެއްނޫނެވެ. އެންމެ ހެޔޮ ސީނާރިޔޯއަށް ބެއްޔަސް އެމެރިކާއަށް މުޅި ދުނިޔެ ޙިމާޔަތެއް ނުކުރެވޭނެއެވެ." މިއަދު ގެ ޖިޔޯސިޔާސީ މަސްރަޙަށް ބަލާއިރު މެދުއިރުމަތި އެ އޮތީ ގޮވައިފައެވެ. އިތުރަށް އެ ދަނީ ގޮވަމުން ގޮއްވަމުންނެވެ. ވައިޓްހައުސާއި ޠަހަރާނާ ދެމެދުގައި ވަނީ ނުތަނަވަސްކަން ވަރަށް ބޮޑުވެފައެވެ. އެއްބަޔަކު ދަނީ އަނެއް ބަޔަކަށް އިންޒާރުދެމުންނެވެ. ޠަހަރާން ދެކޭގޮތުގައި އިސްރާއީލު ބަސްނާހާ ބޯހަރު ޙައިވާނަކަށް ވެފައިވަނީ އެމެރިކާއިން ދޭ "ނެސްޕްރޭ ތަށީގެ" ސަބަބުންނެވެ. ޗައިނާއާއި ތައިވާނާ ދެމެދުގައި އޮތް މަސްރަޙު ވެސް ވަނީ ނުތަނަވަސްވެފައެވެ. މި މަސްރަޙުގައި ވެސް ގިނި ޖައްސަނީ އެމެރިކާއިންނެވެ.

ގްރޮސްގެ ރައުޔުގައި ޔޫރަޕްގެ ގައުމުތަކުން އެ މީހުންގެ އަމިއްލަ މުސްތަޤިއްލު ދިފާޢީ ބާރެއް ބިނާކުރާން ތެދުވާނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޓްރަމްޕަށް ކާމިޔާބު ލިބިވަޑައިގެންފި ނަމައެވެ.

______________________________________

ބައެއް ލަފުޒުގެ މާނަ:

ބަރުލަމާނު      ނ.    (1) ގާނޫނު ހެދުމުގެ ބާރު ލިބިފައިވާ މަޖިލިސް. (2) ގާނޫނު ހަދާން ނުވަތަ ގާނޫނު ހަދާށާއި ސަރުކާރު ހިންގާން ރައްޔިތުން އިންތިޚާބުކުރާ ނުވަތަ އައްޔަނުކުރާ މަޖިލިސް ނުވަތަ މަޖިލިސްތައް.

މާދަލާ         ނ.    (1) ސައިންސީ އިލްމުތަކުގައި ނިޝާނަކުން ހާމަކުރާ ވިޔައިގެ ގުޅުންތައް ނުވަތަ ގަވާއިދު. (2) އެއްޗެއް އުފައްދާން ބޭނުންކުރާ ތަކެތީގެ މީޔާރު ލިސްޓު.

ރާސްތާ        ނ.    (1) ދުރުމިން. (2) މަގު

ކައްސައިލުން     މ.    (1) އަމިއްލަ ބާރަކާ ނުލައި ފަރާތަކަށް ފައިތިލަ ކެހިގެން ދިއުން. (2) ހިތުގައި ރާވައިގެން ހުރި ކަމެއް ހަނދާން ނެތުން.

މީޔާރު         ނ.    (1) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (3) އާންމު ހަމަ. (4) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.

ދަހަރު         ނ.    ދިހަ އަހަރު

ހަތަވިވަރަ       ނ.     (1) ތަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގައި (މިސާލަކަށް އަހަރަކަށް) އެ ޤައުމަކުން އުފައްދާ ތަކެއްޗަކާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ.  (2) ހާސިލުވާ އެއްޗެއް.

ބަރޫދު        ނ.      (1) ދުނިޔޭގެ މާކަނޑުތަކުގައި އެއް ބިމަކަށް އޮންނަ އެންމެ ބޮޑެތި ހަތް ބައްރު. (2) ބައްރު

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
ވިސްނާ މީހާ
އުސްތާޒު ރަޝީދު މޫސާއަކީ ދީނީ ކަންކަމާ ހަމަ އެއްވަރަށް ދުނިޔެއަށް ވެސް ލޯހުޅުވިފައިވާ މުޙައްލިލެކެވެ.
11 Apr 2024