Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (15)

08 Apr 2024 | 10:31
ޤަދީމީ ކަޢުބާ

އަޙްމަދު ފަޔާޟް ޙަސަން

2024 އޭޕްރީލް 1ގައި ޝާއިޢުކުރި ބައާ ގުޅޭ)

ސަލާމްލެއްވި އިބުރާހީމްގެފާނު އުފަންވެވަޑައިގަތީ ބާބީލްގެ ކައިރީގައި އޮތް އަވަށެއްކަމަށްވާ އޫރަށެވެ. އެއީ މިހާރުގެ އިރާޤުއެވެ. ގައުމުން ބޭރުކުރުމުން ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނު ހިޖުރަކުރެއްވީ މިހާރުގެ ފަލަސްޠީންއަށެވެ. އެތަނުގައި އެކަލޭގެފާނު ވަޒަންވެރިވެޑައިގަތެވެ. އިސްމާޢީލްގެފާނު ގޮވައިގެން އެކަލޭގެފާނު މައްކާއަށް ދަތުރުކުރެއްވީ ﷲ ގެ އަމުރުފުޅަށެވެ. ގެފުޅު ކައިރީގައި ﷲ އަށް ދުޢާ ދެންނެވުމަށްފަހު އެކަލޭގެފާނު އެނބުރި ފަލަސްޠީނަށް ވަޑައިގަތެވެ.

ސޫރަތުލް ހޫދުގެ 69 އާޔަތުން ފަށައިގެން އިބުރާހީމްގެފާނުގެ ވާހަކަ ﷲ ބަޔާންކުރައްވައެވެ. މިފަހަރު މައުޟޫއަކީ އެކަލޭގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާކަމުގެ އުފާވެރި ޚަބަރެވެ. މިވާހަކަ ކީރިތި ޤުރްއާނުގައި ﷲ ތަކުރާރުކުރައްވައެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ﷲ އެ ވާހަކަ ގެންނަވާފައިވަނީ ތަފާތު ނަޒަރަކުންނެވެ. މިފަހަރު ﷲ ފުރަތަމަ ފާހަގަކުރެއްވީ މުޅިން އެހެން ވާހަކައެކެވެ. އެއީ ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ވާހަކައެވެ. މަލާއިކަތް ބޭކަލުން އިބުރާހީމްގެފާނު ގާތު ފުރަތަމަ ވިދާޅުވީ އެބޭކަލުން ވަޑައިގަންނަވަނީ ލޫޠުގެފާނުގެ ގައުމަށް ކަމުގައެވެ. އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާ ޚަބަރަށްވުރެ އެކަލޭގެފާނަށް ބޮޑުވީ ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ހާލަތެވެ. އެމީހުންނަށް ލިބިދާނެ ދެރަޔަކާމެދު އެކަލޭގެފާނު ކަންބޮޑުވެވަޑައިގަތެވެ.

ލޫޠުގެފާނުގެ ގައުމުގެ މީހުން ﷲ ގެ ކޯފާއަށް ހުށަހެޅިފައިވާތީ އެމީހުންނަށް ލުޔެއްލިބޭތޯ އެކަލޭގެފާނު ޖިބުރީލުގެފާނާ ވާހަކަފުޅު ދެއްކެވިއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންނަށް އިތުރު ފުރުސަތެއް ލިބޭތޯ ޖިބުރީލުގެފާނާއި ޖަދަލުކުރައްވައި އިލްތިމާސްކުރެއްވިއެވެ. މިކަން އަޅުގަނޑުމެންނަށް އަންގަނީ ހޫދު ސޫރަތުގެ 74 ވަނަ އާޔަތެވެ. އެކަމަކު އޭރު އޮތީ ވަގުތުފާއިތުވެފައިކަން ޖިބުރީލުގެފާނު އެކަލޭގެފާނަށް އެންގެވިއެވެ. ﷲ ގެ އަމުރުފުޅު އައުމުން އެއަމުރުފުޅަކީ ބަދަލުކުރެވޭނެ އެއްޗެއްނޫނެވެ. ﷲ މިކަން އަޅުގަނޑުމެންނަށް އަންގަވަނީ މިސޫރަތުގެ 76 ވަނަ އާޔަތުގައެވެ. މިހާދިސާއިން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅަކީ އިންސާނުން ނަރަކައިން މުއްތިކުރެއްވުމަށް އެކަލޭގެފާނުގެ އެދުންފުޅު ހުރިވަރެވެ. އެކަލޭގެފާނުގެ މަގުސަދަކަށްވީ އެމީހުން އީމާންވޭތޯ ބެއްލެވުމެވެ. އެކަމަކު އީމާންވުމަށް ދެވުނު ހުރިހާ ފުރުސަތަކަށް އެމީހުން ފުރަގަސްދިންކަން އެކަލޭގެފާނަށް އެނގިވަޑައެއްނުގަންނަވައެވެ.

އިބުރާހީމްގެފާނަކީ އިންސާނިއްޔަތުކަން އިންތިހާއަށް ބޮޑު ބޭކަލެކެވެ. އެކަމަށް ހޫދު ސޫރަތުގެ 75 ވަނަ އާޔަތް ހެކިވެއެވެ. އަބަދުވެސް އަމިއްލަ ނަފުސަށްވުރެ ބޮޑަށް އެކަލޭގެފާނު ބެއްލެވީ އަނެކުންނަށެވެ. އިސްމާޢީލްގެފާނު ޤުރްބާންކުރައްވަން ޖެހިވަޑައިގަތުމުން އިބުރާހީމްގެފާނު އެކަމާ ވާހަކައެއް ނުދައްކަވައެވެ. އެގޮތަށް އެކަމާ ސުވާލުނުކުރެއްވީ އެއީ އެކަލޭގެފާނުގެ އަމިއްލަފުޅު ކަމަކަށްވީތީއެވެ. އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާކަމުގެ އުފާވެރި ޚަބަރުން އެކަލޭގެފާނަށް ފުދިވަޑައިނުގަތެވެ. އެ އުފާވެރި ޚަބަރަށްވުރެ އެކަލޭގެފާނަށް ބޮޑުވީ ހަލާކުވުމުގެ ތުންފަތް މަތީ އޮތް ލޫޠުގެފާނުގެ ގައުމެވެ. އިބުރާހީމްގެފާނުގެ މިޒުވާބު ﷲ ފާހަގަކުރައްވާފައިވަނީ ރަނގަޅު ޒުވާބެއްގެގޮތުގައެވެ. ހަގީގަތުގައި އެކަލޭގެފާނު ބޭނުންފުޅުވީ އެމީހުންނަށް އިތުރު ފުރުސަތެއް ލިބި ﷲ ގެ ކޯފާ ލަސްވުމަށެވެ. އެކަލޭގެފާނުގެ އެދުންފުޅަކަށްވީ އެމީހުން ނަރައިން މިންޖުކުރެއްވުމެވެ.

މިތަނުގައި ފާހަގަކުރަންޖެހޭ އެއް ކަމަކީ މިހާދިސާއިން އިބުރާހީމްގެފާނުގެ އިންސާނިއްޔަތުކަން ﷲ އަޅުގަނޑުމެންނަށް ދައްކަވާކަމެވެ. އިބުރާހީމްގެފާނުގެ އިންސާނިއްޔަތުކަން ﷲ ތައުބާ ސޫރަތާއި ހޫދު ސޫރަތުގައި ބަޔާންކުރައްވާ. މި ދެ އާޔަތުން އެންމެ ފާހަގަކުރެވޭ ބަހަކީ އައްވާހް މިބަހެވެ. އައްވާހު އައިސްފައިވަނީ އައުހީ މިބަހުންނެވެ. އައުހީގެ އެއް މާނަޔަކީ މީހަކަށް ހިތާމައެއް ނުވަތަ ދެރައެއް ލިބުމުން ބޭރުކޮށްލެވޭ ހިތާމައިގެ އަޑު އާހް އެވެ. އެއީ ހިތާމައިން މީހާއަށް ލިބޭ ތަދުން ބޭރުވާ ހިތާމައިގެ އަޑެކެވެ. އައްވާހުގެ އެއް މާނަޔަކީ އިންތިހާއަށް ހިތާމައިގަ ހުންނަ މީހާއެވެ. މިއިން އަންގައިދެނީ މީހުންނަށް ތެދުމަގު ނުލިބޭތީ ނުވަތަ ތެދުމަގު ނުލިބިދާނެތީ އެކަލޭގެފާނަށް ކުރެވޭ ހިތާމައިގެ ބޮޑުކަމެވެ.

ތަކުރާރުކޮށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ﷲ އަންގަވަނީ އަޅުގަނޑުމެންގެ މިއްލަތަކީ އިބުރާހީމްގެފާނުގެ މިއްލަތުކަމުގައެވެ. އެކަލޭގެފާނުގެ ދީނަކީ އިސްލާމް ދީން ކަމުގައި ﷲ ފާހަގަކުރައްވައެވެ. އަދި އެންމެ ފުރަތަމަ މުސްލިމަކީ އެކަލޭގެފާނު ކަމުގައިވެސް އަންގަވައެވެ. ކަންމިހެން ހުރިއިރު އެކަލޭގެފާނުގެ ތަރިކައިން ފިލާވަޅު ލިބިގަނެ އަދުގެ މުސްލިމުން އިސްލާމް ދީނުގެ ތަސައްވުރު ރަނގަޅުކުރަންޖެހެއެވެ. މިއީ އަމާންކަމާއި ސުލްހަވެރިކަމުގެ ދީންކަން މުޅި އިންސާނީ ދަރިފަސްކޮޅަށް ޔަގީންކޮށްދޭންޖެހެއެވެ. އެކަމުގެ ހުއްޖަތާއި ދަލީލުތައް އާންމުކޮށް ދައްކަންޖެހެއެވެ. މުސްލިމުންގެ އުޅުމާއި ވާހަކައިން ފެންނަންޖެހެނީ އިބުރާހީމްގެފާނުގެ އަޚުލާޤުއެވެ. ރަސޫލުﷲ އަޅުގަނޑުމެންނަށް ދައްކަވާފައިވަނީ އަޚުލާޤަކީ ލޯތްބާއި އޯގާތެރިކަމާއި ރަހުމާއި ކުލުނެވެ.

އަދުގެ ދުނިޔެއަށް އަޅުގަނޑުމެން ނަޒަރުހިންގާއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މީހުންގެ ވިސްނުމަށްވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. އެއްކޮޅުން ޑެމޮކްރަސީއަކީ މީހުންގެ ސިޔާސީ ފަލްސަފާއެވެ. އަނެއްކޮޅުން ފަރުދީ ފެންވަރުގައި މީހުން ދެކެނީ އެމީހުންނަކީ މިނިވަނުންކަމަށެވެ. އެހެންކަމުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އެއް ޖިންސުން ޖިންސީ ގުޅުން ހިންގައި އެއް ޖިންސަށް އެ ޖިންސުގެ މީހުންނާ ކައިވެނި ކުރެވެންޖެހޭނެކަމަށްވެސް އެމީހުން ގަބޫލުކުރެއެވެ. މިއީ އަދުގެ ޒަމާނީ އިންސާނުން ގަބޫލުކުރާ ހަމަތަކެވެ. ނަޞާރާއިންގެ ކަން ހުރީ އެމަގަށެވެ. އެމީހުން ދަޢުވާކުރާގޮތުގައި އެމީހުންނަކީ އިބުރާހީމްގެފާނު ގެންނެވި ދީނަށް އުޅޭ ބައެކެވެ. އެކަމަކު އެމީހުންގެ އަމަލާއި އުޅުމުގައި އެކަލޭގެފާނު ދެއްކި އަސާސްތަކެއް ނެތެވެ.

މީހުންނަށް ނުވިސްނޭ ކަމަކީ އެމީހުންގެ ރައްބުއަކީ ﷲ ކަމެވެ. ﷲ މީސްތަކުންގެ ރައްބުއަށް ވުމުން އެމީހުންގެ އަމަލުތައް ރުއްސެވުމާއި ނުރުއްސެވުމަކީ އެކަލާނގެ އިޚުތިޔާރުގައިވާ ކަމަކެވެ. ކޮންމެ ފާފައަކީ ﷲ ނުރުއްސަވާ ކަމެކެވެ. އަދި ބޮޑެތި ފާފައަކީ އެފާފަ ކުރާ މީހުންނަށް ﷲ ގެ ކޯފާ ހުށަހެޅޭ ކަންކަމެވެ. މިސާލަކަށް ﷲ އަށް ދަރިކަލަކު ވެޔޭ ބުނުމުން ﷲ ގެ ކޯފާ އިންތިހާއަށް ބޮޑުވެއެވެ. އެއީ ﷲ ގެ ކޯފާގެ ކުރިމަތީގައި ހަތް އުޑު ފަޅަފަޅައިގެން ދާފަދަ ނުބައިކަން ބޮޑު ވާހަކައެކެވެ. ސަބަބަކީ އެކަލާނގެ އެފަދަ ހުރިހާ ކަމަކުން ހުސްޠޯހިރުވެވޮޑިގެންވާތީއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުން ކުރި ފާފައަކީ އިންތިހާއަށް ބޮޑު ފާފައެކެވެ. އެއީ އޭގެ ކުރިން އިންސާނުން ދުވަހަކުވެސް ކޮށްފައިނުވާ ފާފައެކެވެ. އެހެންވެ ލޫޠުގެފާނު ގޮތް ހުސްވެ ﷲ ގެ މަދަދަށް އެދި ދެންނެވުމުން ﷲ އިރާދަކުރެއްވީ އެމީހުން ހަލާކުކުރެއްވުމަށެވެ. ﷲ ގެ އަމުރުފުޅު އަވަސްކުރުމާއި ފަސްކުރުމަކީ އެއިލާހުގެ އަޅުތަކުންނަށް ކުރެވޭނެ ކަމެއްނޫނެވެ.

ﷲ އަށް ދަރިކަލަކުވެޔޭ ބުނާ ނަޞާރާއިންގެ ބަޔަކު ރަސޫލުﷲ ﷺ އާ ބައްދަލުކުރެއްވުމަށް މަދީނާއަށް ވަޑައިގަތެވެ.  އެމީހުންނާ އެކަލޭގެފާނު ބައްދަލުކުރެއްވީ މަސްޖިދުއްނަބަވީގައެވެ. އެކަލޭގެފާނުގެ މިސްކިތްކޮޅުގައި އެމީހުން އަޅުކަންވެސް ކުރިއަށް ގެންދިޔައެވެ. މިކަމުން ދައްކައިދެނީ އެކަލޭގެފާނުގެ އިހުސާންތެރިކަމާއި އޯގާތެރިކަމެވެ. މުސްލިމުން އަނެކުންނަށް ބަހައްޓާ އަޅާލުމާއި އޯގާތެރިކަމާއި ﷲ ގެ ކޯފާޔާ މިއީ މުޅިން ދެކަމެކެވެ. އިބުރާހީމްގެފާނު ލޫޠުގެފާނުގެ ގައުމުގެ މީހުންނަށް އިހުސާންތެރިވެވަޑައިގަތްފަދައިން އަޅުގަނޑުމެން މުސްލިމުން މުޅި އިންސާނިއްޔަތަށް އިހުސާންތެރިވާންޖެހެއެވެ. އަޅުގަނޑުމެންގެ ރޫހީ ބަފައިކަލުން ދެއްކެވި މަގުން ހިނގައިގެން މެނުވީ މުސްލިމް އުންމަތަށް ކާމިޔާބެއް ނުވެއެވެ.

ފަނާކުރުމާއި ހަލާކުކުރުމާއި ސުންނާފަތިކުރުމާއި މެރުމާއި އަނިޔާކުރުމަކީ އިސްލާމް ދީނާ މުޅިން ބީރައްޓެހި ކަންކަމެވެ. އެފަދަ އެއްވެސް ކަމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫނެވެ. މުސްލިމުންގެ ރޫޙީ ބަފައިކަލުން އެކަމެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ތަރިކަ އަޅުގަނޑުމެންނަށް ވާސިލުކޮށްދެއްވި ރަސޫލުﷲ އަކީ ޢާލަމްތަކަށް ﷲ ފޮނުއްވި ރަހުމަތެކެވެ. އެއީ ލޯތްބާއި އޯގާތެރިކަމުގެ އެންމެ މަތިވެރި ނަމޫނާއެވެ. އެހެންކަމުން އިންސާނިއްޔަތުކަމުގައި އެންމެކުރީގައި ތިބެންޖެހޭ ބަޔަކީ މުސްލިމުންނެވެ. އެމީހުންގެ ފަރާތުން އެހެން ދީންތަކުގެ މީހުންނަށް ފެންނަންޖެހޭނީ ލޯތްބާއި އޯގާތެރިކަމެވެ. އިސްލާމް ދީނަށް މީހުން ވަންނަންޖެހޭ މައިގަނޑު ސަބަބަކަށް ވާންޖެހޭނީ ލޯތްބެވެ.

ވިސްނާލަމާ ހިނގާށެވެ. އާންމުކޮށް ﷲ ގައުމެއް ހަލާކުކުރައްވަނީ އެމީހުންގެ މެދުގައި އީމާންކަމުގެ ކަންފުޅެއްވެސް ނެތުމުންނެވެ. ﷲ ގައުމުތައް ހަލާކުކުރެއްވި ގޮތަށް ބަލާއިރު ކޮންމެ ގައުމަކަށް އެއިލާހު އެތައް ފުރުސަތު ދެއްވިއެވެ. މީސްތަކުން އެހުރިހާ ފުރުސަތުތަކަށް ފުރަގަސްދިނުމުން ދެން ކުރިމަތިވަނީ ﷲ ގެ ޢަޒާބެވެ. ނޫހުގެފާނުގެ ގައުމުގެ މީހުންނާއި މިސްރުގެ ފިރުޢައުނަށްވެސް ޖެހުނީ އެދަތުރެވެ. އެބައެއްގެ މެދުގައި ކިތަންމެ ކުޑަ މިންވަރަކަށް އީމާންކަން ހުއްޓަސް ﷲ އެބަޔަކު ހަލާކުނުކުރައްވައެވެ. މައްކާ ފަތަހަކުރެއްވުމާއެކު މިކަން ކަށަވަރުވިއެވެ. މައްކާގެ މުޝްރިކުން ހީކުރީ އެމީހުން އެންމެން ހިފާ ހައްޔަރުކޮށް މަރާނެކަމަށެވެ. އެކަމަކު ﷲ ގެ އަމުރުފުޅަށް ރަސޫލުﷲ ﷺ ކަންކުރެއްވީ މުޅިން އެހެން މަގަކުންނެވެ. (ނުނިމޭ)

Advertisement

ކޮމެންޓް