Advertisement

މަލަކޫތީ ޢާލަމަށް ހިތް ހުޅުވައިލުން...!

07 Apr 2024 | 12:55
އިންސާނާ: ކައުނާއި މަލަކޫތީ ޢާލަމަށް ބަލައިލުމަށް ފުރުޞަތެއް މިއަދު އޭނާއަކަށް ނުލިބެއެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ޙަޔާތުގެ ރާޅުތައް ބިންދަމުންދާ އަޑުފަށްގަނޑާ ހެދި އިންސާނާގެ ހިތަށް، ކައުނާއި މަލަކޫތީ ޢާލަމަށް ބަލައިލުމަށް ފުރުޞަތެއް ނުލިބެއެވެ. ﷲގެ ކުޅަދުންވަންތަކަމާ ބެހޭ ގޮތުން  އުފެދޭ ސުވާލުތައް ހިތަށް ހުށައަޅައިލުމަށް ވަގުތު ތަނަވަހެއް ނުވެއެވެ. އިންސާނާއަށް މިއަދު ވަރަށް މަދުން މެނުވީ އުޑާދިމާއަށް ކަޅި އުފުއްލައެއް ނުލެވެއެވެ. އުސް ޓަވަރުތަކާއި "އުޑުގައި ކޭއްތޭ" ޢިމާރާތްތަކުން އުޑުގެ  ބޮޑު ބައެއް ވަނީ ނިވައިވެފައެވެ. މޯބައިލް ފޯނުތަކަށް ގެނބުމުން އެޅޭ ދަޅައިން އެހެން އެއްޗެއް ނުފެނެއެވެ. މިއަދުގެ ހަލަބޮލި ޙަޔާތުގެ ސަބަބުން އަމިއްލަ ނަފުސާއެކު އެކަނިވެލާނެ ވަގުތުކޮޅެއް ނުލިބެއެވެ.

އާދޭހެވެ! ޚަލްވަތަކީ "ނަފުސު ތަނަވަސްކުރުމަށާއި ނަފުސު ފުރައިލުމަށް ޟަރޫރަތެކެވެ. ޚަލްވަތުން ބަލިތަކަށް ފަރުވާލިބެއެވެ. ޚަލްވަތުން ޢަޒްމު ވަރުގަދަވެއެވެ. "[1]

އިންސާނާގެ ހިތުގައި ވަންހަނާވެ ފޮރުވިފައިވާ ޙިކްމަތާއި މަޢުރިފާއާއި ކަންބޮޑުވުމާއި ނަފުސާ ކުރާ ސުވާލުތައް ހިތުގެ ވާސައިގައި ޚަލްވަތުގައި މެނުވީ ހެދިބޮޑެއްނުވާނެތެވެ. ހިތްހަމަޖެހުމުގެ ތަޅުދަނޑިއަކީ ހިތެވެ. މާނަވީ ޢާލަމުތަކަށް ވަނުމުގެ ދޮރަކީ ހިތެވެ.

ޒަމާނީ މެޑިކަލް ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ސިކުނޑީގައިވާ ވިސްނުމާ ބެހޭ ހަތާތަކަށް ވުރެ ހިތުގައިވާ ވިސްނުމުގެ ހަތާތައް މާ ގިނައެވެ. މި ހަތާތަކުގެ މުހިއްމަތަކީ ބޮޑެތި މަސްއަލަތަކާމެދު ވިސްނައި ފިކުރުކުރުމެވެ. ޤަދީމީ ޒަމާނުގައި މިޞްރުގައި ރަސްރަސްކަލުން އަވަހާރަވީމާ އެމީހުންގެ ހަށިގަނޑުތައް ކުނިވިޔަނުދީ ބޭއްވުމަށް ޓަކައި ތަޙްނީޠުކުރާއިރު ސިކުނޑީގެ ބައިތައް ނަގައި އެއްލައިލައެވެ. އެމީހުން ހިތުގެ އެތެރެ ސާފުކޮށެއް ނަހަދައެވެ.

ވިހިވަނަ ސައްތައިގެ  ދިރާސާތައް ބުނާގޮތުގައި، ހިތާއި ސިކުނޑިއާ ދެމެދުގައި ދާއިމީ ސިފައެއްގައި މަޢުލޫމާތުތައް ބަދަލުކުރެވެމުންދެއެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ލަފުޒު  "ފުއާދު"އާއި، ލަފުޒު "ޤަލްބު"ގެ މާނަ ވަރަށް ތަފާތެވެ. ފުއާދަކީ، ޤަލްބުގެ ޤަލްބެވެ. ނުވަތަ ހިތުގެހިތެވެ.

މި ދިރާސާތައް ބުނާ ގޮތުގައި ހިތުގެ ކޮންމެ އޮޕަރޭޝަނެއްގެ ސަބަބުން ހަނދާނުން އެތައް އެއްޗެއް ފުހެވިގެންދެއެވެ. އަދި މި ކަމުގެ ސަބަބުން ހަނދާން ބަލިވެއެވެ. ޕޯލް ޕިއަރސެލް ލިއުއްވައިފައިވާ މަޝްހޫރު ފޮތް "ދަ ހާޓްސް ކޯޑް"ގައި ބަޔާން ކޮށްދެއްވައިފައިވާ ގޮތުގައި ހިތް ބަދަލުކުރުމަކީ އެމީހާގެ ޝަޚްޞިއްޔަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. އޭނާގެ ކުރީން 1991 ގައި، އެންޑްރޫ އާމޯރ އިޝާރަތް ކުރައްވައިފައިވާ ގޮތުގައި ހިތުގައި ކުޑަކުޑަ ސިކުނޑިއެއް ވެއެވެ. މި ކަމުގެ ސަބަބުން ހިތް ބަދަލުކުރުމުން ކުރީގެ ހިތުން ސިކުނޑިއަށް ފޮނުވި އިޝާރަތްތަކަށް ބަދަލު އާދެއެވެ. ނަތީޖާއެއްގެ ގޮތުން އެ މީހާގެ ޝަޚުޞިއްޔަތަށް ބަދަލުތަކެއް އަންނާން ފަށައެވެ.

ތަޅު ހުޅުވައިލުން

ހިތަށް ވެސް ވިސްނައި ފިކުރުކުރާން ދަސްކޮށްދޭން ޖެހެއެވެ. މި ފުޅައު މަލަކޫތަށާއި މި ތަނަވަސް ފަޒާއަށް ހުޅުވިގަންނާން ޖެހޭތީއެވެ. ހޭލުންތެރި ވިސްނުމެއްގެ ތެރެއިން ނޫނީ އެ ކަން ޙާސިލެއް ނުކުރެވޭނެއެވެ. މާތް ﷲ ރަޙުމަތްލެއްވި އަބޫ ޙާމިދުލްޣަޒާލީ ވިދާޅުވިއެވެ. "އެބައިމީހުންގެ އިލާހުންކަމުގައި ހަވާނަފުސު ހަދައިފައިވާ މީހުންނަށް މަލަކޫތުގެ ސިއްރުތައް ތަޖައްލީވެގެންދާނީ ކިހިނެއްހެއްޔެވެ؟ " ކައުނަކީ ސިއްރުތަކާއި ޢިލްމުތަކުން ފުރި ބާރުވެފައިވާ ކަންޒެކެވެ. ހިތުގެ ޙިޖާބު ކެހިގެން ދިޔަ އިރަކުން ނޫނީ މި ސިއްރުތަކަށާއި ޢިލްމުތަކަށް ހުޅުވިއެއްނުގަންނާނެތެވެ. މިހެންވެ ޞޫފީން ގޮވައިލައްވަނީ ތަޅުތައް ތަޅައިލުމަށެވެ. އަލިވެގެންވާ ހިތުން އަނދިރިތައް ނައްތައިލާނެތީއެވެ. އެ ތަޅުދަނޑިތައް ގެއްލިގެން ދިޔުމަކީ އިންސާނީ ކާރިސާއެކެވެ. ހިތަކީ ވިސްނުމާއި ފެނުމެވެ. އެ ދެ ކަންތަކަށް ވެސް އަޅައިލުން ބޭނުންވެއެވެ. ހިތުގައި ދަމިލަޖަހައިފި ނަމަ، ދެނެގަތުމުގެ ބާރު އެއަށް ގެއްލިގެން ހިނގައިދާނެއެވެ. ހިތުގައި ދަމިލަޖެހިޔަ ނުދިނުމަށް އިރްޝާދުދެއްވައި ކީރިތި ރަސޫލާ (ﷺ) ޙަދީސްކުރެއްވިއެވެ. ((هذِه القلوبُ تصدَأُ كما يصدَأُ الحديدُ قالوا يا رسولَ اللَّهِ فما جِلاؤُها قال قراءةُ القرآنِ[2] - ދަގަނޑުގައި ދަބަރުޖަހާ ގޮތަށް މި ހިތްތަކުގައި ދަމިލަޖަހަތެވެ. އެބޭކަލުން ދެންނެވިއެވެ. އެ ސާފުކޮށްދެނީ ކޮން އެއްޗެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ޤުރްއާން ކިޔެވުމެވެ. )) ޤުރްއާން ކިޔަވާއިރު މި މަލަކޫތީ ޢާލަމާ މެދު ވިސްނައި ފިކްރުކުރާން އަންގަވައިފައިވާތީއެވެ.

އަޅުގަނޑުމެންގެ މިއަދުގެ ދުނިޔެއަށް ބަލާ އިރު ވަކި މައިދާނެއްގައި ވަކި ޢިލްމެއްގައި  ތަޚައްޞުޞުވެވަޑައިގަންނަވާ ބޭފުޅުން އެ ޢިލްމެއްގެ ކުދިކުދި ހިމުން އެތިއެތިކޮޅުތައް ވެސް އެނގިވަޑައިގަތުމަށް މަސައްކަތްކުރައްވައެވެ. އެ ޢިލްމެއްގައި ހިމެނޭ ގޮފިތަކާއި މި ގޮފިތަކުން ކަފިކަފިވެގެންދާ އޮފިތައް ވެސް ދިރާސާ ކުރައްވަތެވެ. އެ ކަމަށް ޓަކައި އެތައް އަހަރުތަކެއް ފަނާ ކުރައްވަތެވެ. އެތައް ފައިސާތަކެއް ހޭދަކުރައްވަތެވެ. ވީމާ މި މަލަކޫތީ ޢާލަމާއި ކައުނާބެހޭ ސިއްރުތައް ދެނެގަތުމަށް ބޭނުންވާ  "ބަޞީރަތު" ހޯދުމަށް އިންސާނާ ފަރުވާކުޑަކުރަނީ ކީއްވެގެންހެއްޔެވެ؟ ގިނަ ބަޔަކު ހީކުރާ ގޮތުގައި ބަޞީރާއަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވެއެވެ. އެއީ  "ނަސީބު ފިރުމައިލުން" އެކެވެ. އެއީ "ރުހިވޮޑިގަތުމުގެ ހިނދުކޮޅު"އެކެވެ. އެ ހިސާބުން ހުރިހާ ސިއްރުތަކެއް އޭނާއަށް އެނގޭނެއެވެ.  

ކައުނު ދުށުމަށް ހިތަށް ލިބިފައިވާ ބާރަށް އިޝާރަތް ކުރައްވައި "الله والإنسان" މި ފޮތުގައި އަޙްމަދުލް ޤަބާންޖީ،  ވިދާޅުވެފައިވެއެވެ. (( އިލާހީ ޢިޝްޤަކީ އެ ގޮތަށް ކުއްލިއަކަށް އަންނަ އެއްޗެއް ނޫނެވެ. އެއީ އެއްވެސް ކަމަކާ ނުލައި އިންސާނާގެ ހިތަށް ވަންނަ އެއްޗެއް ނޫނެވެ. މަލަކޫތީ އަދި މާނަވީ ޢާލަމަކީ މި ދުނިޔެއާ ތަފާތު ތަނެކެވެ. ހަވާ ބޮޑު އެދުރުކަލޭގެފާނު ދެއްވާ ދޮންކެޔޮވަކެއް ކައިލައިގެން ދަންނަބޭކަލަކަށެއް ނުވެވޭނެއެވެ. ކީރިތި ރަސޫލާގެ ޢިލްމުވެރި ޞަޙާބީން ބޮޑެތި ޢާލިމުންނަށް ވެވަޑައިގަތީ ރަސޫލާގެ އަރިހުގައި ޢިލްމު އުނގެނިވަޑައިގަތުމަށް ރެއާއި ދުވާލު މަސައްކަތްޕުޅުކުރައްވައިގެންނެވެ. އެއް ބޭކަލަކު އަނެއް ބޭކަލަކާ ސުވާލު ކުރައްވައި މަޢުލޫމާތު ހޯއްދަވައިގެންނެވެ. މާނަވީ ޢާލަމުގައި އިންސާނާއަށް އެއްޗެއް ޙާޞިލުކުރެވޭނީ މަސައްކަތްކޮށްގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى * وَأَنَّ سَعْيَهُ سَوْفَ يُرَى [3] - އަދި އިންސާނާޔަށް އޭނާ ކުޅަ عمل އެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން، އޭނާ ކުޅަ عمل އެއް ނިކަންހުރެ އޭނާ ދެކޭނެތެވެ. ))

އިޝާރާތްތައް ދެނެގަތުން

ކައުނުން އިންސާނާގެ މައްޗަށް އޮހޭ އިޝާރާތްތައް ދެނެނުގަނެވޭ މީހާއަށް ޢިބާރާތްތަކުން އަސަރެއް ނުކުރާނެތެވެ. ޙަޔާތުގެ ކޯޑުތައް ދެނެގަތުމުގެ ބާރު ލިބިފައިވާ މީހަކަށް ވެވޭތޯ އިންސާނާ މަސައްކަތްކުރަން ޖެހޭނެއެވެ. ޞޫފީން ވިދާޅުވެއެވެ." ޙަޤީޤަތުގެ ކަނޑުން ވާގިހޯދާ މީހާގެ ގަލަމުން ދުވަހަކުވެސް ދެލި ނުހިކޭނެތެވެ." މަލަކޫތުގެ ދެލިން ވާގިހޯދާ މީހާގެ ޝައުޤުވެރިކަން ނިމުމަކަށް ނާންނާނެތެވެ. އޭނާގެ ބަޞީރަތު ނުނިދާނެތެވެ. ކީރިތި ރަސުލާ ޙަދީސް ކުރެއްވިއެވެ. (( إِنَّ الله لا يَنْظُرُ إِلى أَجْسامِكْم، وَلا إِلى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ[4] -ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ހަށިތަކަކަށް އަދި ބުރުޞޫރައަކަށް ބައްލަވައިވޮޑިނުގަންނަވަތެވެ. އެހެނަސް އެކަލާނގެ ބައްލަވައިވޮޑިގަންނަވަނީ ތިޔަބައިމިހުންގެ ހިތްތަކަށެވެ. )) މާނައަކީ އިލާހީ ބައްލަވައިވޮޑިގަތުން އޮތީ ހިތަށެވެ.

ބެލުމާއި ފިކްރުކުރުމާއި މަލަކޫތީ ޢާލަމަށް ހުޅުވިގަތުމަކީ ފަސޭހަކަމެއް ނޫނެވެ.އެއީ ދިގު ރާސްތާއެކެވެ. ބުރަތައް ތަޙައްމުލުކުރަން ޖެހޭ މަގެކެވެ. އިންޑިޔާގެ މަޝްހޫރު ޝާޢިރު ރަބިންދުރަނާތު ޓޭގޯރު ވިދާޅުވާގޮތުގައި މީހަކު މޫދަށް އެރި ބަކަތެޅިއަސް އޭނާއަކަށް ކަޑު ހުރަހެއް ނުކުރެވޭނެއެވެ.

ޙައިރާންކަމުގެ ބޮޑުކަމާއޭވެ! ހުޅަނގުގެ ސައެންސީއަކު އެތައް ހާސް ފަހަރަކު ތަޖްރިބާކޮށްގެން ކަމެއް  ކާމިޔާބުކޮށްފިނަމަ އަޅުގަނޑުމެން އޭނާއަށް ތާރީފުކޮށް އަތްތިލަބަޑިތަޅަމުއެވެ.މިސާލަކަށް އިނގިރޭސިވިލާތުގެ ޖޭމްސް ޑައިސަނަކީ  ކަރަންޓު ހަކަތައިން ކުނިކަހައިދޭ  ފިހިގަނޑެއް އީޖާދު ކުރެއްވުމަށް ޓަކައި ދިހަވަރަކަށް އަހަރުގެތެރޭގައި  ފަސް ހާސް ނަމޫނާ ފަރުމާކުރެއްވި  މޭސްތިރިއެކެވެ. އެހެނަސް އަޅުގަނޑުމެން މިއަދު އެއްފަހަރު މަސައްކަތްކޮށްލައިފައި ނާކާމިޔާބުވެއްޖެނަމަ އެ މަސައްކަތް ހުއްޓައިލައިފާ ގެއަށް ވަންނަމުއެވެ.  

ފުޅައު ތަނަވަސް ސަރާސަރު  މި ކައުނު ދުށުމަށް ޓަކައި ތިބާ ހުރިތަން  ބަދަލުކުރަން އެބަޖެހެއެވެ. ޚަލްވަތަކީ ކައުނު ދުށުމަށް ޓަކައި ތިބާއަށް ލިބިފައިވާ ދޮރެވެ. ކައުނު ދުށުމަށް ޓަކައި ހިތް ހުޅުވައިލުމަށް ތިބާއަށް ސަހަރާތެރެއަށް ނުކުމެވިދާނެއެވެ. ކަނޑަށް ނުކުމެވިދާނެއެވެ. މީހުންނާ ދުރު ކުޑަ އާބާދީއެއްގެ ދަނޑުބިމަކަށް ނުކުމެވިދާނެއެވެ. ޢާލިމުން ވިދާޅުވަނީ " ޙަޤީޤަތަކީ ވާޞިލުވާން އެދޭ އިސްޓޭޝަނެއް ނޫނެވެ. ދާއިމީ ސިފައެއްގައި ގައުތައް ފުރޮޅަންޖެހެއެވެ. ރޫޙާނީ ދުނިޔެއަށް ވާޞިލުވުމަށް ޓަކައި ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ކުށް ހެދުނަސް ހުއްޓާނުލާށެވެ. އަމާޒަށް ލައްވައިލުމުން ލިބޭ ލައްޒަތު ފޮނިވާނެއެވެ. ލިބޭ އުފާވެރިކަން ބޮޑުވާނެއެވެ. އެންމެ ރަނގަޅު ޢަމަލަކީ ވިސްނާ ފިކުރުކުރުމެވެ.

ކީރިތި ޤުރްއާނުގައި ކައުނާބެހޭގޮތުން ﷲގެ  1300 ވަޙީ ބަސްފުޅު އައިސްފައި ވެއެވެ. މި ހުރިހާ އާޔަތްތަކެއް ވެސް ބޭނުންވަނީ އިންސާނާއަށް މި ކައުނު ދެއްކުމަށް ޓަކައި އޭނާ އުފުލާލާށެވެ. މަލަކޫތީ ޢާލަމަށް ދަތުރުކުރުމަށް ޓަކައެވެ. ހިތުގެ ތެރެއަށް ނޫރާއި އަލިކަން ވަނުމަށް ޓަކައި ހިތުގެ ފާރުތައް ތަޅައިލަން ޖެހެއެވެ. ޙަޔާތުގެ ފިނިކަން ދެނެގަނެވޭނީ އަލިފާނުގެ ދިލައިގައި ޖެހިގެންނެވެ. މަލަކޫތީ ދަތުރަކީ ބުރަ ދަތުރެކެވެ. ދަހިވެތިކަމާއެކު އެކަމަށް މަސައްކަތްކުރަން ޖެހޭ ދަތުރެކެވެ. ބޮޑީ ބިލްޑް ކުރާ މީހަކަށް އެ ރީތި ހަށިގަނޑާއި މަސްތައް ލިބެނީ ވަރަށް ހިތްވަރާއެކު ކަސްރަތުތައް ގަވައިދުން ކޮށްގެންނެވެ. ހަށިގަނޑަށް ފައިދާހުރި ކާނާތައް ކައިގެންނެވެ. ކުނިބުންޏާ ދުރުހެލިވެގެންނެވެ. ކިތަންމެ މީރަސް  އެ ބުނާ ކުނިބުނި ކައިގެން ނުވާނެއެވެ. އިންސާނާ ކަންކަމާމެދު ވިސްނާ ފިކުރުކޮށް ތަދައްބުރުކުރާ މީހަކަށް ވެވޭނީ ހިތުގެ މަސްތައް ވަރުގަދަކޮށްނެވެ. މާތް ﷲގެ ބަސްފުޅަކީ ((  أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ[5] - ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށް ވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީ ނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ. ))

ގިނަ ބަޔަކު މި މާއްދީ ކައުނަށް ނޫނީ ބަލާކަށް ބޭނުމެއް ނުވެއެވެ.މި މާއްދީ ކައުނަކީ ވެސް ޙަޤީޤަތްތަކާއި އަޖައިބުތަކުން ފުރިގެންވާ ތަނެކެވެ. ޢާލިމުން ވިދާޅުވާގޮތުގައި ޚާލިޤާ ހަމައަށް ދެވޭނީ މަޚްލޫޤާތުތަކުގެ ނޭވާތަކުންނެވެ. ﷲގެ މަޚްލޫޤާތުތަކުގެ ޢަދަދު އެނގޭނަމަ  ޚާލިޤުގެ މަތިވެރިކަން އެނގޭނެތެވެ. ޢިލްމީ ދިރާސާތައް ބުނާގޮތުގައި މި ބިމުގައި 8.7  މިލިޔަން ތަފާތު ބާވަތުގެ ދިރޭ އެއްޗެހި އުޅެއެވެ. އޭގެތެރެއިން 6.5 މިލިޔަން ބާވަތުގެ ދިރޭ އެއްޗެހި އުޅެނީ އެއްގަމުގައެވެ. އަނެއް 2.2 މިލިޔަން ބާވަތުގެ ދިރޭ އެއްޗެހި އުޅެނީ ކަނޑުގައެވެ. އެއްގަމުގައި އުޅޭ ބާވަތްތަކުގެ ތެރެއިން 86 % އަދި ނުހޯދެއެވެ. ކަނޑުގައި އުޅޭ ދިރޭއެއްޗެހީގެ ބާވަތުގެ ތެރެއިން 91 % ބާވަތް އުޅެނީ ފުން ކަނޑުތަކާއި މާކަނޑުތަކުގައެވެ. މިއަދު މި ބިމުގައި އުޅޭ 8 ބިލިޔަން މީހުންނަކީ  ﷲގެ ޚަލްޤުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާވަތެކެވެ.

އިންސާނާއަށް ވެސް އޭނާގެ ޙަޤީޤަތް  ވަނީ އަދިވެސް ދެނެނުގެނެވިފައެވެ. މި ޙަޤީޤަތާ ކުރިމަތިލާން ބޭނުންނުވާ މީހުން އަމިއްލައަށް މަރުވެ ދުނިޔެއާ ވަކިވާ ތަން ފެނެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރަކު 800 ހާސް މީހުން އަމިއްލައަށް މަރުވެއެވެ. ކާއެއްތިކޮޅެއް ނުލިބިގެން މަރުވާ މީހުން މަދެއްނޫނެވެ.

______________________________________

ޙަވާލާ:

1  - النجم: 39- 40

2  -  الحج : 46

3 -  أخرجه الخرائطي في ((اعتلال القلوب)) (٥٠)، وابن عدي في ((الكامل في الضعفاء)) (٥/٢٨٣)، والبيهقي في ((شعب الإيمان)) (٢٠١٤) 

4 - لألباني، صحيح الترغيب ( ١٥) 

5  - ޖަރްމަނުގެ ފިލޯސަފަރެއް ކަމުގައިވާ ނީޗޭ

-----------------------------------------------------------

ބައެއް ލަފުޒުގެ މާނަ:

1. ވާސަ        ނ.     (1) ދިރިއުޅޭ ތަން. (2) ދިރިއުޅޭ ވެށި (3) އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ، ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި.

2. ހަތާ         ނ.     (1) ދިރޭއެއްޗެއްގައި ދިރުން ހުންނަ އެންމެ ކުޑަ ބައި، ނުވަތަ ހުރިހާ ދިރޭއެއްޗެހި އެއެއްޗަކުން އުފެދިގެންވާ އަސާސީ މާއްދާ. މައިކްރޯބް ފަދަ ސާދާ ދިރޭއެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުން ފަދަ އޮޅުންބޮޅުން ބޮޑު އެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ. (2) ކުޅަނދުރު އުޅޭން އެ އެއްޗިހި ހަދާ ގެ. (3) ތުނި ގައު ފޮތި ފޮތި. (4) މޫދުގައި ތުނިކޮށް ފަތިކޮށް ފެތުރި ހެދޭ ގައު.

3. މަލަކޫތީ ޢާލަމް    ނ.    (1) ރޫޙާނީ ޢާލަމު. މިއީ اللهގެ އަމުރުފުޅުތަކަށް އުރެދިވަޑައިނުގެން އުޅުއްވާ ރޫޙާނީ މަޚުލޫގުން އުޅުއްވާތަނެވެ. (2) މަލާއިކަތުންގެ ދުނިޔެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
މަރީ
އުސްތާޒު ރަޝީދު މޫސާއަކީ މިރާއްޖޭގައި ހުންނެވި އެންމެ ކުޅަދާނަ ޢިލްމުވެރިޔާއެވެ. ފަރަގުން އުސްތާޒުގެ ލިޔުންތައް ފެންނަންފެށީމާ މަރަށް އުފާވެއްޖެއެވެ.
07 Apr 2024