Advertisement

މުދިމުންގެ ތާރީޚު: މުދިމުންގެ މަގާމަކީ ޤަދީމީ މަޤާމެކެވެ.

07 Apr 2024 | 01:35
މުދިމަކު ބަންގި ގޮވަނީ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

1625ގެ ކުރީގެ އަހަރުތަކުގައި އިންޑޮނޭޝިއާއާއި މެލޭޝިއާގައި މުދިމުންނަކީ ފިރިހެންކުދީން ޚިތާނުކޮށް ހަދާ މީހުންނެވެ. މިއީ ޢިލްމީ ގޮތުން މާ މަތީ ބަޔެއް ނޫނެވެ. ނަމަވެސް އާދައިގެ ފަގީރު ރަށްފުށުގެ މުޖުތަމަޢުތަކުގައި އެ މީހުންގެ ޙުރުމަތް މަތިވެރިއެވެ. އެ ޒަމާނުގައި ކިޔަވައިގެން ތިބޭ މާ ގިނަ މީހުންނެއް ނުވެސް ތިބެއެވެ.

ދިވެހި ތާރީޚަށް ބަލާއިރު މުދިމުންގެ މަގާމަކީ މުހިންމު މަގާމެކެވެ. ޚާއްޞަކޮށް ރަށްފުށުގެ މުޖުތަމަޢުތަކުގައެވެ. އެއީ ރަސްގެފާނުގެ ފަތްކޮޅަކުން މަގާމު ޙަވާލުކުރައްވާ މުވައްޒަފެކެވެ. އެއީ ކޮންމެ ދުވަހެއްގެ ފަސް ވަގުތުގައި ނަމާދަށް ބަންގި ގޮވައި، މީސްތަކުންނާއިގެން އިމާމުވެ ނާދުކޮށް، މިސްކިތް ސާފު ތާހިރުކޮށް މިސްކިތުގައި ވޮށް ދިއްލައި، މިސްކިތް ބަލަހައްޓައި ހަދާ މީހުންނެވެ. ބައެއް މުދިމުން އިމާމުވެ ހުކުރުނަމާދު ވެސް ކުރާނެއެވެ. މީގެ އިތުރަށް ރަށްފުށުގެ މުދިމުންނަކީ ރަށުގެ އަންހެނުން ވިހާ އިރު ފަންޑިތަހަދައި؛ މައުލޫދު، ޒިކުރު، ބުރުދާ، ރާތިބު ފަދަ ކިޔެވުންތައް (އިހުގައި) ކިޔެވުމުގެ ވެސް އިމާމުންނެވެ. އަދި ޚިތާނުކުރުން ފަދަ ކަންކަން އިސްވެ، ކުރާ މީހާއެވެ. އަދި ޖަނާޒާގެ ކަނަތއް ވެސް ކޮށް އުޅޭނެއެވެ. ފަތުވާދިނުމާއި، ދީނީ ތަޤުރީރުކުރުމާއި ކާވެނިކޮށްދިނުމާއި މައްސަލަތައް ބަލައި ފައިސަލާކުރުން (ސަރީއްޔަތްކުރުން) ފިޔަވައި ދީނީ އެހެން ކަންކަން ކުރާނީ މުދިމުންނެވެ. ފަތުވާދިނުމާއި، ދީނީ ތަޤުރީރުކުރުމާއި ކާވެނިކޮށްދިނުމާއި މައްސަލަތައް ބަލައި ފައިޞަލާކުރުން (ސަރީއްޔަތްކުރުން) ފަދަ ކަންކަން ބަލަހައްޓާނީ ފަނޑިޔާރުންނެވެ. ނުވަތަ އޭނާގެ ނާއިބުންނެވެ. ކުރީ ޒަމާނުގައި ރަށްރަށުގައި ތިއްބަވާ އަދި މާލޭ ފަނޑިޔާރުގޭގައި ވެސް ތިއްބަވާ ނާއިބުންނަކީ ފަނޑިޔާރު މަނިކުފާނުގެ ނާއިބުންނެވެ. ނާއިބުންނޭ އެ ކިޔަނީ ފަނޑިޔާރުގެ ނާއިބުގެ މާނައިގައެވެ. ކޮންމެއަކަސް މި ދެންނެވި ޒަމާނުން ފެށިގެން "މުދިމު" މި ނަން ވުޖޫދުގައި އެބަ އުޅެއިތާއެވެ!

ފަރަންސޭސި ސައްޔާޙެއްކަމަށްވާ ފްރާންޝުވާ ޕިރާޑް ޑީ ލާވަލް، 1817ގައި ލިޔެފައިވާ "އެސް. ޕާރޗަސް ޕިލްގްރިމްސް" (ވޮލިއުމް 2)ގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުންނާއި ނާއިބުންނާއި ކަތީބުންނާއި މުދިމުންނާއެކު (Mödins) ކައިބޮއި ހެދިކަމަށް ލިޔެފައިވެއެވެ. މި ތާނގައި ފާހަކަކޮށްލާން ޖެހެނީ "މުދިމު"ގެ ބަދަލުގައި "މޫދިން" މި ލަފުޒު ލިޔެފައިވާކަމެވެ. އެއީ ޢަރަބިބަހުގެ 'މުއައްޛިން'ގެ ބަދީލެއްގެ ގޮތުން ބޭނުންކުރާ ލަފުޒެއްކަމަށް ނުވާނެބާވައެވެ.

އަދި ޓީ.އެސް.ރަފްލްސް 1858ގައި ލިޔެފައިވާ "ހިސްޓްރީ އޮފް ޖާވާ" (ވޮލިއުމް:1)ގައި މުދިނުން (މުދިމުންނެއް ނޫން)އާއި ދަންނީ (ޕްރޮފެޝަނަލް) ޚިތާނުކުރާ މީހުން އެ އޮޕަރޭޝަން ތިން ފަހަރު ކުރާކަމަށް ބަޔާންކޮށްފައިވެއެވެ.

1900ވަނަ އަހަރު ޝާއިޢުކޮށްފައިވާ "ޖާނަލް އޮފް އިންޑިއަން އާކިޕިލާގޯ އެންޑް އީސްޓަން އޭޝިއާ" (ވޮލިއުމް: 2)ގައި "މެލޭޝިއާ މީހުންގެ ތެރޭގައި އެ ކަންތައް (ޚިތާނުކުރުން) ކުރިއަށް ގެންދާ މީހުންނަށް ކިޔަނީ މުދިމް"ކަމަށް ލިޔެފައިވެއެވެ. (މި ތާނގައި "މުދިން"ގެ ބަދަލުގައި "މުދިމް" ލިޔެފައިވާކަން ފާހަގަކުރެވެއެވެ.)

ޑީ.ފޯބްސް 1966ގައި ލިޔެފައިވާ "ހާޓް އޮފް މަލަޔާ"ގައި ވާ ގޮތުން އާދަކާދައިގެ މަތީން ޚިތާނުކުރުމުގެ ކަންތައް ޑޮކްޓަރުންގެ ބަދަލުގައި ކުރިއަށް ގެންދަނީ "މުދިމް"ކަމަށް ލިޔެފައި އޮވެއެވެ.

1987ގައި ޝާއިޢުކޮށްފައިވާ "ޖާނަލް އޮފް ޢޭޝިއަން ސްޓަޑީޒް"(ވޮލިއުމް:46)ގައި ވާ ގޮތުން ދީނީ ޙަރަކާތްތަކުގައި އަވަށު ފެންވަރުގެ ދީނީ ލީޑަރުން (މުދިން) ބައިވެރިވުން މަނާކޮށްފައިވާކަމަށް ލިޔެފައިވެއެވެ.

އިސްވެ މި ދަންނަވައިލެވުނު ވާހަކަތަކުން އެނގެނީ 17ވަނަ ގަރުނުގައި ވެސް މުދިމު މި ލަފުޒު ދިވެހިރާއްޖެއާއި އަދި ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރެވެމުން އައިސްފައި ވާކަމެވެ. މި ލަފުޒު "މޫދިން"ގެ ގޮތުގައި ތަޢާރަފުވެފައިވުމުން އެއީ ޢަރަބިބަހުގެ "މުއައްޛިން" (ބަންގިގޮވާ މީހާ) މި ލަފުޒުން ނެގިފައިވާ ލަފުޒެއްކަމަށް ވެދާނެކަމަށް ބެލެވިދާނެބާވައެވެ. ފަހުންފަހުން، ކިޔާން ފަސޭހައަކަށް "މޫދިން" މިހެން ކިޔަމުން އައިސް، މި ލަފުޒު "މުދިމު"އަށް ބަދަލުވީކަމަށް ބެލެވިދާނެބާވައެވެ. މި ކަމަށް އިތުރު ދިރާސާއެއް ކުރެވިދާނެއެވެ. ވީމާ، މިހާރު ރާއްޖޭގެ މިސްކިތްތަކުގައި "މުދިމު"ގެ ބަދަލުގައި ބަންގި ގޮވައި ނަމާދުކުރައްވަނީ "އިމާމު"ންކަމަށް ވިޔަސް "މުދިމު" މި ނަމަކީ ވަރަށް ގިނަ ގައުމުތަކުގައި މީގެ ގަރުނުތަކެއްގެ ކުރީންސުރެ ބޭނުންކުރެވެމުން އައި ނަމެއްކަން ސާބިތުވެއެވެ. އަދި އެއީ ދިވެހިރާއްޖޭގައި ކުރީން ވަރަށް ޝަރަފުވެރި، ޤަދަރުވެރި މަގާމެއްކަން ވެސް ސާބިތުވެއެވެ.

______________________________

ބައެއް ލަފުޒުގެ މާނަ:

ޚިތާނުކުރުން     މ.       ޒަކަރުގެ ކުރީގައި ދިގުކޮށް އޮންނަ ހަންކޮޅު ކަނޑައިލުން.

ވޮށް         ނ.      ރަންވަންލޮއިން ހަދައިފައި ހުންނަ ބާވަތެއްގެ އެލުވާ ބައްތިއެއް. ޢާންމު ގޮތެއްގައި މި ހުންނާނީ ދެ ތަބައް ލައި، މަތީ ތަބަކަށް ކަފައިން އަނބުރައިފައި ހުންނަ ފުއް ލައި ކާށިތެޔޮ އަޅައިގެން ދިއްލޭނެ ގޮތަށެވެ. ކިތަންމެ ފުކެއް ދިއްލޭނެހެން ވެސް ވޮށް ހަދައިފައި ހުރެއެވެ.

ފައިސަލާ      ނ.       (1) ކަމެއް ބަލައި ނިންމާ ނިންމުން. (2) ޙުކުމް.

ބުރުދާ        ނ.      އަލްއިމާމު ބޫޞީރީގެފާނު، ކީރިތި ރަސޫލާއަށް މަދަހައިގެ ގޮތުން ހައްދަވައިފައިވާ މަޝްހޫރު ޅެން ބައި.

Advertisement

ކޮމެންޓް