Advertisement

ތަސްވީރެއް ކިޔައިދޭ ވާހަކަ: ނާދިރު ނަމަވެސް، މިއީ ވެސް ހިނގައިފައިވާ، އަދި ހިނގައިފާނޭ ކަންކަމެވެ.

06 Apr 2024 | 06:49
އެކްސިޑެންޓުވި އެންބިޔުލަންސް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ތަސްވީރުން ތިޔަ ފެނިވަޑައިގަންނަވަނީ އެކްސިޑެންޓެއްވެފައި އޮތް މަންޒަރެވެ. އެމްބިޔުލަންސަކާއި ބޮޑު ލޮރީއެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި ހިތާމަވެރި ހާދިސާގައި އެންބިޔުލަންސުގައި ތިބި އެންމެން ހެން މަރުވިއެވެ. އެމްބިޔުލަންސު ދުއްވާން އިން މީހާއާއި ނަރުހަކާއި އަދި ބަލިމީހާގެ އެހީތެރިޔާއެވެ. ސަލާމަތްވީ ކާކުކަން އެނގިވަޑައިގަނޭތޯއެވެ؟ އާދޭހެވެ! ސަލާމަތްވީ އެމްބިލުންސުން ގެންދިޔަ ބަލި މީހާ އެކަންޏެވެ. އެކްސިޑެންޓުަގައި އޭނާއަކަށް އެއްވެއް ކަމެއް ނުވެއެވެ. އަދި ފަހުން، އޭނާގެ ބަލި މުޅިން ރަނގަޅުވެ، އޭނާއަށް ފުރިހަމަ ޝިފާއެއް ލިބުނެވެ.

ޝައްކެއް ނެތެވެ!  މިހިރީ ވެސް ކަންތައްތައް ނިމޭ ގޮތެވެ. ބަލި މީހާ ބަލީން ސަލާމަތްވެ، ހެޔޮ ހާލުގައި ތިބޭ މީހުން ނިމިދާ ގޮތް މެދުވެރި ވުމެވެ. އާދޭހެވެ! ކަންތައްތައް މި ކަހަލަ ގޮތެއްގައި ދިމާންވާން މެދުވެރި ވަނީ ކިހިނެއްހެއްޔެވެ؟ މި ފަދަ ބައެއް ކަހަލަ ސުވާލުތަކަކީ، އޭގެ މައްޗަށް ތަހުލީލީ ނަޒަރެއް ހިންގައިގެން ޖަވާބުދިނުން ދަތި ސުއާލުތަކެވެ. އިލާހީ މިންވަރުފުޅޭ ބުނެލުން ނޫން، ރަނގަޅު ޖަވާބެއް ލިބުން ދަތި ސުއާލުތަކެވެ.

މުއުމިނުންނަށް އޮތީ ހިތް މަޑުމޮޅިކޮށް، ދެ އަތް އުފުލައި ދުއާކުރުމެވެ.

ދުޢާ

اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ: عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ. اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ بِكَ مِنْهُ عَبْدُكَ وَنَبِيُّكَ. اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

("ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ހަޒުރަތުން ހުރިހާ ހެވަކަށް އަޅު އެދެމެވެ. އަވަހަށް ލިބުން މިންވަރުކުރައްވައިފައިވާ ހެވާއި ފަހަށް ލިބުން މިންވަރުކުރައްވައިފައިވާ ހެވެވެ. އޭގެ ޚަބަރު އަޅާއަށް އެނގޭ ހެވާއި އޭގެ ޚަބަރު އަޅާއަށް ނޭނގޭ ހެޔޮ ވެސް މެއެވެ. އަދި، އެ ކަމުގެ ޚަބަރު އެނގޭ ނުބައި ކަަންކަމުންނާއި އެ ކަމުގެ ޚަބަރު ނޭނގޭ ނުބައި ކަންކަމުންނާއިި މިި ހުރިހައި ނުބައި ކަންކަމަކުން ސަލާވުން އެދި އިބަރަސްކަލާނގެ ކިބަފުޅަށް ރުޖޫއަވަމެެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅާ އަދި ނަބިއްޔާ އިނބަރަސްކަލާނގެ ހަޒުރަތުން އެދިވަޑައިގެން ދެންނެވި ކަންކަމަށް މިއަޅާ ވެސް އިބަރަސްކަލާނގެ ހަޒުރަތުގައި އަަދައި ދަންނަވަމެވެ. އަދި، އިނބަރަސްކަލާނގެ އަޅާ އަދި ނަބިއްޔާ، އެ ނުބައިކަންކަމުން އިނބަރަސްކާލާގެ ހަޒުރަތަށް ރުޖޫއަވެވަޑައިގެން ސަލާމަތްކަން ހޯއްދެވި ނުބައިކަންކަމުން، މިއަޅާ ވެސް އިނބަރަސްކަލާނގެ ހަޒުރަތަށް ރުޖޫއަވެ، ސަލާމަތްކަން ހޯދަމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ސުވަރުގެއަށް އެދި، އިނބަރަސްކަލާނގެ ހަޒުރަތުގައި އަޅު ދަންނަވަމެވެ. އަދި ސުވަރުގެއާ އަޅު ކުއްތަންކޮށްދޭނޭ އަމަލުތައް ކުރުމާއި ކިޔުންތައް ކިޔުމުގެ (ތައުފީގު ދެއްވުމަށް އެދި ވެސް) މެއެވެ. އަދި ނަރަކައިން ސަލާމަތްކޮށް މިންޖުކޮށްދެއްވުން އެދި އިނބަރަސްކަލާނގެ ހަޒުރަތުގައި އަޅު ދަންނަވަމެވެ. އަދި ނަރަކައާއި އަޅު ކައިރިކުރާނޭ އަމަލުތައް ކުރުމާއި ކިޔުންތައް ކިޔުމުން ވެސް ސަލާމަތްވުން އެދި އިބަރަސްކަލާނގެ ކިބަފުޅަށް ރުޖޫއަވަމެވެ. އަދި އިބަރަސްކަލާނގެ މިއަޅާއަށް މިންވަރުފުޅުކުރައްވާ ކޮންމެ މިންވަރުފުޅުކުރެއްވުމީ މިއަޅާއަށް އޮތް ހެވެއްކަމުގައި ލައްވާނދޭވެ!") 

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް