Advertisement

އިސްރާއީލުގެ ސިޔާސަތުގެ ތެޅުވުމާއި ފޮޅުވުން

05 Apr 2024 | 15:52
އިސްރާއީލުގެ އަނިޔާވެރިކަމުން ޒައްރެއްގެ މިމްނަރު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ވޭތުވެ ދިޔަ ސައުވީހަކަށް ގަޑިއިރުގެ ތެރޭގައި އިސްރާއީލުން އާދަޔާޚިލާފު ހަތަރު ޖަރީމާއަކަށް އަރައިގަނެ، ދުނިޔެ ވަނީ ޙައިރާންކޮށްލައިފައެވެ. މިއިން އެއްވެސް ކަމަކީ ވިސްނުންތެރި ޤައުމުތަކުގެ ސުލޫކިއްޔާތުގައި ހިމެނޭ ކަންތައްތަކެއް ނޫނެވެ. ދެއުޅި އެއްނުވާ މީހުން، ކުރާ ސޭކު ކަންތައްތަކުގެ ގިއުގަނޑުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކޭ ވެސް ނުބުނެވޭނެއެވެ. އިސްރާއީލު ދަޢުވާކުރާ ގޮތުގައި އެ ކިޔާނަކީ ހުޅަނގުގެ ގިޔަމުތަކުގެ ނިޒާމަށް ތަބާވާ ވަރަށް ދީމުޤްރާޠީ ތަނެކެވެ. 

އިސްރާއީލުން ހަތް އޮކުޓޫބަރުގައި ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ލާއިންސާނީ ނިރުބަވެރި ހަނގުރާމަ ފެށިފަހުން މި ހިންގި ނުބައި ހަތަރު ޖަރީމާއަކީ ސޫރިޔާގެ ވެރިރަށް ދިމަޝްޤުގައި ހުންނަ އީރާނުގެ ކޮންސްލޭޓަށް ބޮންއަޅައި އެ ޢިމާރާތް ތަޅައި ވައްޓައިލުމާއި އީރާނުގެ ޑިޕްލޮމެޓުންތަކެއް އަވަހާރަކޮށްލުމާއި އެމެރިކާގެ އިންސާނީ މުއައްސަސާއެއްކަމުގައިވާ ގްލޯބަލް ސެންޓްރަލް ކިޗެންއަށް ޙަމަލާދީ އެ ތާނގައި މަސައްކަތްކުރާ ހަތް މުވައްޒަފަކު މަރައިލުމާއި އިސްރާއީލުގައި ހުންނަ ޖަޒީރާ ނޫސް މަރުކަޒު ބަންދުކުރުމާއި ޣައްޒާގައި ހުންނަ އައްޝިފާ ހަސްފަތާލު ހަލާކުކޮށް ސުންނާފަތިކޮށްލައިފައިވާ ގޮތުގެ ބިރުވެރި މަންޒަރުތަކާއި ވީޑިއޯތައް ދުނިޔެއަށް ހާސާކުރުމެވެ.

އިސްރާއީލުގެ ލާއިންސާނީ މި ޢަމަލުތަކުގެ ޚުޠޫރަތްތެރިކަން ތިން ނުކުތާއަކުން ފާހަގަކުރެވެއެވެ.

1- އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވެ އިސްރާއީލުގެ ޢުދްވާނު ކުރިއަށް ގެންދިޔުމަށް ހިތްވަރުދީ އެހީތެރިވާ އެމެރިކާގެ ގިޔަމުތަކާ އަރައިރުންވުން: އެމެރިކާގެ އަތްގަދަކުރުމާއި އެމެރިކާގެ ނުފޫޒު ދުނިޔޭގައި ދެމެހެއްޓުމަށް ޓަކައި  އެމެރިކާއިން އަޑު އަރުވާ އަގުތަކުގެ ތެރޭގައި މި ގިޔަމުތައް ހިމެނެއެވެ. އެމެރިކާގެ މަޞްލަޙަތުތައް ޖާމިނުކުރުމަށާއި އެމެރިކާގެ ރައްޔިތުންގެ މަޞްލާޙަތުތައް ޖާމިނުކުރުމަށް ޓަކައި އެމެރިކާއިން އެކި ގައުމުތަކަށާއި ސިޔާސީ ނިޒާމުތަކަށް ޙަމަލާތައް ދެނީ މި ގިޔަމުތައް ފަތުރާ ދެމެހެއްޓުމަށެވެ. އެމެރިކާއިން މި ގިޔަމުތައް ދެމެހެއްޓުމަށް ޓަކައި ހަދާ ދޮގުތަކާއި ދައްކާ ވާހަކަތަކުގެ އޮއްޓަރެއް ނެތްކަން މިއަދު ވަނީ ބޭޒާރުވެ ފަޟީޙަތްވެފައެވެ. ސަލާމަތީ މަޖިލީހުން ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ވެއްދޭނެ މަގު ތަނަވަސްކޮށްދިނުމަށް އިސްރާއީލަށް ގޮވައިލައި ފާސްކުރި ޤަރާރާ އެމެރިކާއިން ދެކޮޅު ނެހެދީ އެމެރިކާއިން އިންސަނިއްޔަތާ ގުޅޭ ޢަމަލުތަކަށް ތާއީދުކުރާކަން ދެއްކުމަށް ޓަކައެވެ. މި ޤަރާރުގެ ކުރީން ސަލާމަތީ މަޖިލީހަށް ހުށައެޅުނު ތިން ޤަރާރު އެމެރިކާއިން މި "އިންސާނިއްޔަތުގެ އަގުތައް  ދިފާޢުކުރުމަށް ޓަކައި"  ވީޓޯކޮށްފައިވާކަން ހަނދާނެއް ނެތެވެ. އެންމެ ފަހުގެ ޤަރާރަށް އިސްރާއީލުން ޢަމަލުނުކުރާނެކަމަށް ބުނުމުން ވައިޓްހައުސްއިންނާއި އެމެރިކާގެ ޚާރިޖިއްޔާއިން ބުނީ އެއީ އިސްރާއީލަށް ޢަމަލުކުރުން ލާޒިމުކުރާ ޤަރާރެއްނޫންކަމަށެވެ. އެމެރިކާއިން މި ޤަރާރާ ދެކޮޅަށް ވީޓޯ ނުކުރުމުން ރައީސް ބައިޑެނާ އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫއާ ދެމެދުގައި ދެބަސްވުމެއް އުފެދުނެވެ. އެއީ ޙަޤީޤީ ދެބަސްވުމެކެވެ. އެހެނަސް އެއީ ފަލަސްޠީނު މީހުން މަރައި ހުސްކުރުމާ ބެހޭ ގޮތުން އުފެދުނު ދެބަސްވުމެއްނޫނެވެ. ދެބަސްވުން އުފެދިފައިވަނީ އެ މީހުން މަރަާންވީ ގޮތާ ބެހޭ ގޮތުންނެވެ. އިސްރާއީލެކޭ އެއް ގޮތަށް އެމެރިކާ ވެސް ފަލަސްޠީނުގެ ނަސްލުހޭދުއަށް ތާއީދުކުރެއެވެ. އިސްރާއީލުން ހިންގަމުން މި ގެންދާ ގިތި ޖަރީމާތަކުގެ ކުރިމަތީގައި ހުޅަނގުގެ "އިންސާނީ ގިޔަމުތައް" މި ދައްކާ އަވާމެންދުރަށް ދުނިޔޭގެ ލޯތައް ބުނާނީ ކީކޭހެއްޔެވެ! އިސްރާއީލުން ޣައްޒާގެ ހަސްފަތާލުތަކަށް އަޅާ ބޮންތައް އެއީ ޙަޤީޤަތެކެވެ. އިސްރާއީލުން ޣައްޒާގެ ކުޑަކުދީންނާއި އަންހެނުން މަރައި ހުސްކުރާ ގޮތް މިއީ ޙަޤީޤަތެކެވެ. އިސްރާއީލުން ޣައްޒާގެ ބިނާރުތަކާއި ބޯހިޔާވަހިތައް ހަލާކުކުރާހަލާކުކުރުމަކީ ވެސް ޙަޤީޤަތެކެވެ. ހުޅަނގުން ބުނާގޮތުގައި އެއީ އިސްރާއިލުގެ "އަމިއްލަ ނަފްސުގެ ދިފާޢު" ގައި އަޅާ ފިޔަވަޅުތަކެކެވެ. އިސްރާއީލަށް ބޭނުންވާ ފަލަސްޠީނުގެ ފިދާއީއަކު ހައްޔަރުކުރުމަށް ޓަކައި ހަސްފަތާލެއް ގޮއްވައިލުމުގައި މަސްއަލައެއް ނެތެވެ. މި ހަސްފަތާލުގައި އެދުމަތިކޮށްފައިވާ ބަލިމީހުންތައް މަރައިލުމުގައި މަސްއަލައެއް ނެތެވެ. މި ހަސްފަތާލުގެ  މެޝިންތައް (މިސާލަކަށް ގުރުދާ ދޮވުމަށް ބޭނުންކުރާ މެޝިންތައް) ހަލާކުކޮށް ނައްތައިލުމުގައި މަސްއަލައެއް ނެތެވެ. ހުޅަނގުގެ ރައްޔިތުންގެ ތެރެއިން ހަތް މީހަކު އިސްރާއީލުން މަރައިލިއިރު އެ ރައްޔިތުން  ޙިމާޔަތްކުރުމަށްޓަކައި ގައުމުތަކަށް ބޮންއަޅައި ގައުމުތަކުގެ ވެރިކަން ބަދަލުކުރަމުންދާ ހުޅަނގުގެ ޤައުމުތަކުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް ނާޅަނީ ކީއްވެގެން ބާވައެވެ. ރަޝިޔާއާއި ޗައިނާފަދަ ހުޅަނގުގެ ހަތުރުވެރި ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތޭކިޔައިފައި އެ ގައުމުތަކުގެ ނޫސްވެރިން ޙިމާޔަތްކުރުމަށް އަޑުގަދަކުރާ ހުޅަނގުގެ ގައުމަތަކުން ޖަޒީރާ ނޫހުގެ ދިފާޢުގައި އިސްރާއީލާ ދެކޮޅަށް އެއްޗެއް ނުބުނުމުން ދުނިޔެއަށް ދައްކާނީ ކޮންކަހަލަ މޫނެއް ހެއްޔެވެ؟ މިއީ ރައީސް ޝީ ކުރެއްވި ކަމެއްނަމަ މުޅި ދުނިޔެ ކޮޅަށް ނަގައި ތިރިކުރާނެތެވެ. ނޫސްވެރިން މަރަމުން ދާ އިސްރާއީލާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅެއް އަޅަން ނުކުރެނީ ކީއްވެގެން ހެއްޔެވެ؟ އެމެރިކާގެ ރައްޔިތެއްކަމުގައިވާ ޖަޒިރާގެ ހިތްވަރުގަދަ ނޫސްވެރިޔާ ޝީރީން އަބޫ ޢަޤްލާ އިސްރާއީލުގެ ވަޒަންތަކުން އަވަހާރަކޮށްލި އިރު، އެމެރިކާއިން އެ މަސްއަލަ ތަޙުޤީޤުކޮށް އިސްރާއީލާ ދެކޮޅަށް އެއްޗެއް ނުބުނީ ކީއްވެގެންބާވައެވެ؟ އެހެން ގައުމުގައުމުގައި ހުންނަ ޑިޕްލޮމެޓިކް އޮފީސްތަކަށް އިސްރާއީލުން ބައިނަލްއަޤްވާމީ ގުޅުންތަކާއި ޤާނޫނުތަކާ ޚިލާފަށް ބޮންއަޅާ އިރު ހުޅަނގުން އެ ކަން ކުށްވެރި ނުކުރަނީ ކީއްވެގެން ބާވައެވެ؟ ރަތްކަނޑުގައްޔާއި ބާބުލް މަންދަބު ކަނޑުއޮޅިތެރެއިން ލައިފާ އިސްރާއިލަށް ދަތުރުކުރާ އުޅަނދުތަކަށް ހޫސީން ޙަމަލާ ދޭތީއޭ ކިޔައިފައި ބައިނަލްއަޤްވާމީ ބާރެއް އުފައްދައިގެން ޔަމަނަށް ޙަމަލާތައް ދެމުން މި ދަނީ ކޮން ހައިސިއްޔަތަކުން ބާވައެވެ!

ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ބޭއިންސާފުކަމެވެ.<br>

2- އިސްރާއީލުގެ ދޮގުތައް ބޭޒާރުކޮށް ދުނިޔެއަށް ދައްކައިދޭ އިތުރު ދަލީލުތަކާއި ހެކިތައް ދުނިޔެއަށް ފެނުމުގެ ފުރްޞަތު އިތުރުވުން: ފަލަސްޠިނުގެ ރެފިޔުޖީންނަށް އެހީވާ އދ.ގެ އޭޖެންސީއެއް ކަމުގައިވާ އޮންރުވާގެ އެތައް ސަތޭކަ މުވައްޒަފުންނެއް އިސްރާއީލުން މަރައިލީ ޙަމާސުން އިސްރާއީލަށް ދިން އަޤްޞާ ޠޫފާނުގައި ބައިވެރިވެފައިވާކަމަށް ތުހްމަތުކޮށްފައެވެ. ރަނގަޅެވެ. ގްލޯބަލް ސެންޓްރަލް ކިޗެންގެ ހަތް މަވައްޒަފުން މަރައިލީ މި އަޤްޞާ ޠޫފާނުގައި ބައިވެރިވެގެންހެއްޔެވެ؟ ފަލަސްޠީނުގެ ޢާންމުންގެ އެތައް ހާސް ބަޔަކު މަރައިލުމަށް ފަހު އެއީ ނިރުބަވެރީންނޭ ބުންޏެވެ. ފަލަސްޠީނާ އެއްވެސް ގުޅުމެއްނެތް ބޭރުގެ އެތައް ބަޔަކު ޣައްޒާގައި މަރައިލައިފައި ވަނީ ކީއްވެގެން ހެއްޔެވެ؟ އިންސާނިއްޔަތުކަމުގެ ޚިދްމަތުގައި އުޅުނު މެހެމާނުންތަކަކަށް ވާތީހެއްޔެވެ؟

3- އިސްރާއީލުގެ އަމިއްލަ މަޞްލަހަތުތަކަށް ގެއްލުންދިނުން: ގްލޯބަލް ކިޗެންގެ މުވައްޒަފުންނަކީ އެމެރިކާއިން އަލަށް ބިނާކުރާން އުޅޭ ބަނދަރެއްގައި މަސައްކަތްކުރާން ގޮސްއުޅުނު ބަޔެކެވެ. އިސްރާއީލުން އެމެރިކާގެ މި މަޝްރޫއަށް ތާއީދުކުރާނީ އެ މީހުންނަށް އެތަނުން ފައިދާތަކެއް ލިބެނޭތީއެވެ. އެހެންނޫން ނަމަ އެމެރިކާއިން އެދުނަސް ތައްލު އަބީބުން އެ ކަމަށް އެއްބަހެއް ނުވާނެއެވެ. އުފެދޭ ސުވާލަކީ އިސްރާއީލުން މޮޔައެއް ގޮތަށް މި ފަދަ ޖަރީމާއެއް ހިންގީ ކީއްވެގެން ބާވައެވެ؟ އެއީ އެއްވެސް ޝައްކެއްނެތް ގޮތުގައި މުޅި ދުނިޔެ ކުށްވެރިކުރި ޢަމަލެކެވެ. އެއީ އިސްރާއީލުގެ އެކުވެރި ގައުމުތަކުން ވެސް އެ ކަމާ މެދު ނަފުރަތްތެރިކަން ފާޅުކުރި ޢަމަލެކެވެ. އެއީ އިސްރާއީލު ފާލުން ނައްޓައިގެން ގޮސް ކުރެވުނު ކަމެއް ބާވައެވެ؟ ތަޅުވަމުންފޮޅުވަމުން ގޮސް ކުރެވުނު ކަމެއް ބާވައެވެ. ޙަޤީޤަތަށް ބަލާ އިރު ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން މި ވަނީ އިސްރާއީލު ފަލަސްޠީނު އަރައިރުމުގެ ޢާންމު ގިއުގަނޑުން މުޅީން ބޭރުވެފައެވެ. އެތައް އަހަރެއް ވަންދެން ޢަމަލުކުރަމުން ދިޔަ އުޞޫލުތަކާ ޚިލާފުވެފައެވެ. ދުނިޔެއަށް ދައްކާން މަސައްކަތްކުރާ "ޤާނޫނުގެ ދައުލަތް"ގެ ޙަޤީޤީ މޫނު ކަޝްފުވެފައެވެ. މުޤައްދަސް ތަންތަނަށް އިޙްތިރާމު ނުކުރާކަން ފާޅުވެފައެވެ. ކުޑަކުދީންނާއި އަންހެނުންގެ ޙައްޤުތަކަށް އިޙްތިރާމު ނުކުރާކަން ހާމަވެފައެވެ.

 މާޒީއަށް ބަލާ އިރު، އިސްރާއީލަށް ދަސްވެފައިވާ ފިލާވަޅުތައް ބުނާ ގޮތުގައި ފަލަސްޠީން މީހުންނަށް އިހާނެތިކޮށް ހިތުމަކީ އެ ކަމުގެ ބަދަލުހިފޭ ކަމެކެވެ. ފަލަސްޠީނުގެ މުޤައްދަސާތުތަކުގެ ޙުރުމަތް ކެނޑުމަކީ ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން އެ ކަންކަމަށް ރައްދުދެވޭ ކަންތައްތަކެކެވެ. އެހެނަސް އިސްރާއީލުގެ ވެރިކަމަށް މިއަދު އިސްވެ ތިބި ބިން ޣަފީރާއި ސުމުޓްރިޗްފަދަ ޙައްދުފަހަނަޅައިވާ މީހުންތަކެއްގެ ސަބަބުން ދެވުނު އަޤްޞާ ޙަމަލާއިގެ ޠޫފާނުގައި އިސްރާއީލު މި ވަނީ ބޯ ގޯސްވެފައެވެ.

އިސްރާއީލުގެ ރޭވުމުގައި ޣައްޒާ މީހުން އެ ބިމުން ބޭރުކޮށްލުމުގެ ވިސްނުން އޮތް ނަމަ، ޣައްޒާގައި ދިރިއުޅޭ ދެ މިލިޔަނެއްހާ މީހުން ރަފަޙު ސަހަރަށް ޖަމާކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއީ ފަލަސްޠީނުގެ ނަސްލުހޭދުގެ މުއާމަރާއެއް ކަން އެނގެއެވެ.

މި ބޯގޮވުންތަކުގެ ސަބަބަކީ ބޮޑާކަމާއި ފޮނިކަމާއި އެމެރިކާގެ ޙައްދެއްނެތް އިމެއްނެތް އެހީތަކެވެ. ވޭތުވެ ދިޔަ ތިން މަހަށް ބަލާ އިރު ޣައްޒާއަށް 70 ހާސް ޓަނުގެ ގޮވާ އެއްޗެހި ވަނީ، ތަނެއްދޮރެއް ނުބަލައި އަޅައިފައެވެ. އެމެރިކާގެ މިފަދަ އެހީތަކާއި ސިޔާސީ ވާގިވެރިކަން އިސްރާއިލަށް ލިބެމުން ނުދާ ނަމަ އިސްރާއީލަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ނުކުރޭނެއެވެ. އިސްރާއީލުން މި އެޅި ބޮންތައް ޣައްޒާގެ ރައްޔިތުންނަށް ބަހައިލުމުން މީހަކަށް 30 ކީލޯގެ ގޮވާއެއްޗެހި ލިބެއެވެ.

އިސްރާއިލުގެ މި ބޯގޮވުމާއި ބޮޑާކަން އެކުވެ މަސްހުނިގަނޑަކަށް ވުމުން ފާލުންނެއްޓިފައިވާ މޮޔައަކަށް އިސްރާއީލު  ފުރޮޅިގެން ދިޔައީއެވެ. ހަނގުރާމައިގެ މައިދާނުގައި އިސްރާއީލު ސިފައިން ކޮންޓްރޯލުން ބޭރުވީއެވެ. ޚަބަރުފަތުރާ ވަސީތްތަކުގައި އިސްރާއިލުގެ ސިޔާސީ ފަރުމާވެރިން ފާލުން ނެއްޓުނީއެވެ. މިސާލަކަށް އިސްރާއީލުގެ ދިފާޢީވަޒީރު ގެލެންޓް ޔޫއާފު ސިފަކުރާ ގޮތުގައި ފަލަސްޠިނު މީހުންނަކީ "ވަލު ޖަނަވާރުންތަކެކެވެ." ސިފައިންނާއި ސިފައިންގެ އޮފިސަރުން ޙަރަކާތްތެރިވަމުން ދަނީ ޙަރަކާތްކުރާ ކޮންމެ އެއްޗަކަށް ބަޑިޖަހައި މަރައިލުމުގެ ވިސްނުމުގައެވެ. މި ކަމުގެ ސަބަބުން އިސްރާއީލުގެ އެތައް އަސީރުންތަކެއް ވެސް ވަނީ މަރުވެފައެވެ.

ސިޔާސީ ގޮތުން ބަލާ އިރު، ނަތަންޔާހޫގެ ސިޔާސަތަކީ ވެރިކަމުގައި އޭނާއަށް ހުރެވޭނެ މަގުތައް އާރާސްތުކުރުމެވެ. ޣައްޒާ ހަނގުރާމަ ދިގުދެންމުމަކީ މި ކަމަށް ބޭނުންވާ މުހިއްމު ބަހާއެކެވެ. ރަފަޙަށް އަރާނެކަމުގެ ބިރުދައްކަނީ މިހެންވެގެންނެވެ. އީރާނުގެ ކޮންސްލޭޓަށް ޙަމަލާދިނުމާއި ޝިފާ ހަސްފަތާލު ތަޅައި ބިމާހަމަކުރުމާއި ޖަޒީރާ އޮފީސް ބަންދުކުރުމަކީ މި ލަޑުދަނޑިއަށް ވާޞިލުވެވޭތޯ ކުރި ކަންތައްތަކެކެވެ. ރައީސް ބައިޑެންއާ އެކު ދެބަސްވުމަކާ ހަމައަށް ދިޔައީ ވެސް ހަމަ މި ބޭނުމުގައެވެ. ބަޠަލެއްކަން ދެއްކޭތޯއެވެ. އިންތިޚާބުތަކުގައި ލިބޭ ވޯޓުކޮޅު އިތުރުކުރެވޭތޯއެވެ. ނުވަތަ މި އިންތިޚާބުތައް ބޭއްވުން ފަސްކުރެވޭނެ އައު ހަނގުރާމައެއް ފެށޭނެ މަގެއް ކޮށޭތޯއެވެ. އެއީ ބޯގޯސްވުމެވެ. އެއީ ތަޅުވައި ފޮޅުވުމެވެ. މިއީ ފަލަސްޠީނު މީހުންނަށް ލިބޭ ހެޔޮ ޚަބަރެކެވެ. ޣައްޒާގެ ކުށެއްނެތް މަޢޫޞޫމު މީހުންނާ ދެކޮޅަށް ޤަތުލުޢާންމުތައް ހިންގިޔަސް އޭނާ ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލު ނުކުރެވޭނެކަމުގެ ހެޔޮ ޚަބަރެވެ. ޙަމާސް ނައްތައިނުލެވޭނެކަމުގެ ހެޔޮ ޚަބަރެވެ.

____________________________________

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު       ނ.         އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ޖަރީމާ          ނ.         ބޮޑެތިކުށް.

ނިރުބަވެރިކަން     ނ.         (1) އާދަޔާ ޚިލާފަށް އުފައްދާ ނުވަތަ ފަތުރާ ބިރުވެރިކަން. (2) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު.

ބިނާރު          ނ.        ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

ފާލު            ނ.        (1) ކުރިމަގުގައިވާ ކަންތައްތަކާއި ފޮރުވިފައިވާ ކަންތައްތައް އޮޅުން ފިލުވުމަށް ކުރާކަންތައްތައް. (2) ސޯބު ފަދަ ތަކެތި އެނބުރުނަ ނުދިނުމަށް އެޅުވޭ ގޮތަށް ހަދައިފައި ހުންނަ އެތިކޮޅު. (3) ބަޑި ގޮވިޔަ ނުދިނުމަށް ޓަކައި އަޅުވާ ތަންޑު (4) ސޯބު ފަދަ ތަކެތި އެނބުރުނަ ނުދިނުމަށް އެޅުވޭ ގޮތަށް ހަދައިފައި ހުންނަ އެތިކޮޅު.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ޙަޤީޤަތް ހާމަވާ ވަރަށް އޮއްޓަރު ހުރި ލިޔުއްވުމެއް.
13 Apr 2024