Advertisement

"ހެދުނު ބޮޑު ގޯހެއް"ކަމަށް ބުނެ އިސްރާއީލުން ދެބޯގެރި ދުއްވުން.

05 Apr 2024 | 13:45
އިސްރާއީލުގެ "ތަހުގީގު" ޓީމު

"ފަރަގު"ގެ ބައިނަލްއަގުވާމީ މުރާސިލު

ދާދިފަހުން ދުނިޔޭގެ މަރުކަޒީ ބަދިގެއަށް ސީދާ ޙަމަލާދީ ހަތް މީހަކު މަރައިލި ހާދިސާއަކީ މުޅި ދުނިޔެ ކުށްވެރިކުރި ޢަމަލެކެވެ. އެއީ އިސްރާއީލުގެ އެކުވެރި ގައުމުތަކުން ވެސް އެ ކަމާ މެދު ނަފުރަތްތެރިކަން ފާޅުކުރި ޢަމަލެކެވެ. މި މަޢުލޫމާތު ތަފުސީލުކޮށް "ފަރަގު"ން ވަނީ ގެނެސްދީފައެވެ. އެއީ ހަގީގަތުގައި ފަލަސްޓީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭތީ އެ ކަން ހުއްޓުވާން ދިން ލަދުވެތި ދަށު ދަރަޖައިގެ ޢަމަލެކެވެ. ނަމަވެސް މި ކަމަށް ދުނިޔެ ފާޑު ކިޔާން ފެށުމުން މި ކަން ތަހުގީގުކުރުމުގެ ނަމުގައި މަޑުކޮށްލުމަށް ފަހު، ޔަހޫދީން މި ވަނީ ހަގީގަތާ ޚިލާފު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައު އެ މީހުން ބުނެފައިވަނީ އެއީ ހަމާސްގެ އަމާޒު ފާހަގަކުރުމުގައި ގޯސްހެދި، ނުބައި ތަނަކަށް އޮޅިގެން ޙަމަލާ ދެވުނީކަމަށެވެ. އެއީ ވަރަށް ބޮޑު ފޭލިވުމެއްކަމަށް ވަނީ އެއްބަސްވެފައެވެ. އެ ބަޔާން އިތުރަށް ބުނެފައި ވަނީ މި ފަދަ ކަމެއް ހިނގައިގެން ނުވާނެކަމަށެވެ.

އެ މީހުން ބުނާ ގޮތުގައި އެ މީހުން ޙަމަލާ އަމާޒުކުރީ ޙަމާސަށެވެ. ދުނިޔޭގެ މަރުކަޒީ ބަދިގެއަކަށް ނޫނެވެ. އަދި އެހީދޭ އުޅަނދަކަށް ހަމަލާދެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއްކަމަށާއި މިއީ އެ ޙަލަމާ ރަވައި ހިނގުމުގައި ހެދުނު ވަރަށް ބޮޑު ގޯހެއްކަމުގައެވެ.

"ކިހާ ރީތިހެއްޔެވެ! ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކުގެ އެހީގައި އެންމެ ޒަމާނީ އާލަތްތައް ހުރި ގައުމަކުން އެންމެ މި ޒަމާނުގެ ހަތިޔާރުން ޙަމަލާ ދޭ އިރު، ކާ ތަކެތި ފޯރުކޮށްދޭ އުޅަނދަކާއި އެ ފަދަ ބަދިގެއަކާއި، ހަނގުރާމަވެރި ޖަމާޢަތެއްގެ ހަނގުރާމަވެރި މަރުކަޒެއް ވަކި ނުވާ ވާހަކަ ހަމަޖެހޭ މީހަކު ގަބޫލުކުރާނެހެއްޔެވެ؟ ނަމަވެސް ދުނިޔެ މި ވަނީ އެ ވާހަކަ ވެސް ގަބޫލުކޮށްފައެވެ.

މިހެން އިސްރާއީލުން މި ދެބޯގެރި ދުއްވައި ތަހުގީގެކޭ ކިޔައިގެން ރޯމަރު ދޮގު ރިޕޯޓެއް ނެރެފައި ވިޔަސް "ައަލްޖަޒީރާ"ގެ "ސަނަދު ވެރިފިކޭޝަން އެޖެންސީ"އިން ކޮށްފައިވާ މިނިވަން ޢިލްމީ ތަހުގީގަށް ސާބިތުވެފައި ވަނީ ދުނިރޭގެ މަރުކަޒީ ބަދިގެ ޖަމުޢިއްާގެ ޞަދަގާތު ގުރޫޕުގެ ދަރުމަވެރީން ފަލަސްތީނީންނަށް އެހީ ހިފައިގެން ދަތުރުކުރި ތިން އުޅަނދެއްގައި އިސްރާއީލުގެ ޑުރޯނުތައް ހަމަ ގަސްތުގައި ޖައްސައި ގޮއްވައިލިކަމެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން އުޅޭ ބައިނަލްއަގުވާމީ ދަރުމަވެރީންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު އިސްރާއީލުން މަރައިފައިވާ އިރު އެއަށް އިތުރުވީ އާ ބޮޅެކެވެ. ދިވެހީން ވެސް ޣައްޒާގައި ފަލަސްތީނީންނަށް އެހީ ފޯރުކޮށްދިނުމުގައި ކޮންމެވެސް ވަރަަށް މަސައްކަތްކުރެއެވެ. ނަމަވެސް ދިވެއްސެއްގެ ފުރާނަ ގެއްލިފައިވާކަމުގެ މަޢުލޫމާތެއް، ﷲގެ ރަޙުމަތުން އަދި ލިބިފައެއް ނެތެވެ.

ދާދިފަހުން އަދ.ގެ ސަލާމަތީ މަޖިލީހުން ޢުދުވާނީ ޙަމަލާ މަޑުޖައްސައިލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް ނާޅާން އިސްރާއީލަށް ގޮވައިލައި ފާސްކުރި ގަރާރާ ދެކޮޅަށް އެމެރިކާއިން ވޯޓު ނުދިނީ އެއީ އިންސާނިއްޔަތަށް ހުރަސްއަޅާ ބަޔެއް ނޫންކަމަށް ދުނިޔެއަށް ދައްކާން ވެގެންނެވެ. ނަމަވެސް އެ ގަރާރު ފާސްވުމާއެކު އެމެރިކާއިން ބުނީ ކީކޭކަމަށްތޯއެވެ؟ އެއީ އިސްރާއީލުން ޢަމަލުކުރާން ލާޒިމު ގަރާރެއް ނޫންކަމަށެވެ. ކިހަ ރީތިހެއްޔެވެ؟ ބޭއިންސާފާއި މުނާފިގުކަމުގެ މިއަށްވުރެ ރީތި މިސާލެއް ދުނިޔެ ދެކޭނެހެއްޔެވެ!

ވީމާ ދުނިޔޭގެ މަރުކަޒީބަދިގެއަށާއި އެ ޖަމުއިއްޔާގެ އުޅަނދަކަށް ޙަމަލާދީ އެތައް ބަޔަކު ގަސްތުގައި މަރައިލެވުނީ އޮޅުމަކުންކަމަށް ބުނުމަކީ ދުނިޔޭގެ ކުރިމަތީގައި ދެބޯގެރިދުއްވާން ދެއްކި ހަމަނުޖެހޭ ވާހަކައެކެވެ. ނަމަވެސް އެހީދޭ މުވައްޒިފުން މަރައިލި ހާދިސާ ވަނީ އިސްރާއީލުގެ ބައިވެރީން ވެސް އަނގައިން ކުށްވެރިކޮށްފައެވެ. އަދި އެމެރިކާގެ ރައީސް ވެސް ބުނެފައިވަނީ ހިތްފަޅައިގެން ދިޔަ ހިތާމަވެރި ޢަމަލެއްކަމަށެވެ.

Advertisement

ކޮމެންޓް