Advertisement

ދިވެހިބަހުގެ އެކެޑަމީގެ ތަހުނިޔާ ޑރ. މުޢިއްޒަށް

03 Oct 2023 | 07:19
.

"ފަރަގު" ޚަބަރު މޭޒު

ދިވެހިރާއްޖޭގެ އަދުގެ "ރައީސް މުންތަޚަބު ލިރިއާސަތި ޖުމްހޫރިއްޔަތިލްމާލްދީފިއްޔާ" ޑރ. މުޙަންމަދު މުޢިއްޒު އެ މަނިކުރާނުގެ ރިޔާސީ ކެންޕޭނުގައި ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވާނެކަމަށާއި ދިވެހިބަހަށް އިސްކަންދެއްވާނެކަމަށް ވަޢުދުވެވަޑައިގަތުމުން އެންމެ އުފާކުރި މުއައްސަސާއަކީ ދިވެހިބަހުގެ އެކެޑަމީއެވެ. އެހެންކަމުން އެ މަނިކުފާނު އިންތިޚާބުވެވަޑައިގަތުމާއެކު އެންމެ އަވަހަށް ތަހުނިޔާދެންނެވި އެއް މުއައްސަސާއަކީ ވެސް ދިވެހިބަހުގެ އެކެޑަމީއެވެ. އެ ވިދާރާގެ ރަސްމީ އެކްސް އެކައުންޓްގައި އާންމުކުރި މެސެޖެއްގައި ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޙަންމަދު މުޢިއްޒަށާއި ނާއިބު ރައީސް ހުސައިން މުޙަންމަދު ލަޠީފަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ތަހުނިޔާއާއި މަރުޙަބާ ދަންނަވަމެވެ." ޑރ. މުޙަންމަދު މުޢިއްޒަށާއި އަލްއުސްތާޒު ޙުސައިން މުޙަންމަދު ލަޠީފަށް "ފަރަގު" ޚަބަރު މޭޒުން ވެސް ތަހުނިޔާ ދަންނަވަމެވެ.

ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިބަހަށް ޚިދުމަތްކުރުމަށް ޓަކައި ދިވެހިރާއްޖޭގައި މިހާރު ހުރި އެންމެ އިސް ވިދާރާއެވެ. އެ ވިދާރާގެ މަސައްކަތްތައް ކުރުމުގައި ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާކަމަށް އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް އެތައް މަގާމެއްގައި ވަނީ ވިދާޅުވެފައެވެ.

ދިވެހި ޤައުމިއްޔަތަށް އިސްކަންދިނުމަށް ޓަކައި ކުރާން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދައާއި އިޖުތިމާޢީ ޢިލްމު ފަދަ މާއްދާތައް ދިވެހިބަހުން ކިޔަވައިދޭނެ ގޮތް ހަމަޖެއްސުމެވެ. އަދި ފަށާ ތަޢުލީމުގެ މަރުޙަލާގައި ދިވެހިބަހުން ކިޔަވައިދެވޭނެ އުޞޫލެއް ހަމަޖެއްސުމެވެ. މި ކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީއިން ވަނީ އަޑު އުފުއްލައިފައެވެ. އަދި އަދަބީ އެކި ޙަރަކާތްތައް ބޭއްވުމަށް ދިވެހި ބަހުގެ އެކެޑަމީއަށް އެންމެ ބޮޑަށް ދަތިވާ، އެކަށީގެންވާ މާލަމެއްގެ މައްސަލަ ޙައްލުވުމަކީ ވެސް ދިވެހި ގައުމިއްޔަތަށް އިސްކަންދޭ ނަމަ ކުރާންޖެހޭ ކަންކަމެވެ.

މީގެ އިތުރަށް ތަޢުލީމާ ބެހޭ ވުޒާރާއާއި ކޮލިފިކޭޝަން އޮތޯރިޓީއާއި އަދި (އުފައްދަވާ ނަމަ) ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވެރީންނަށް ވެސް ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބޭފުޅުން އިސްކުރުމަކީ ދިވެހި ޤައުމިއްޔަތު އާލާކުރުމަށް ޓަކައި ލާޒިމުކަމެކެވެ. "ފަރަގު" އުންމީދުކުރަނީ މި ހެޔޮ ބަދަލު ޑރ. މުޢިއްޒުގެ ރިޔާސަތުގައި ރާއްޖެއިން ފެންނާނެކަމަށެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގައި މިނިވަންކަންމަތީ އަބަދަށް މި ގައުމު ލައްވާށިއެވެ! އާމީން!

Advertisement

ކޮމެންޓް