މުސްތަޙީލު ކަންތައް ވެސް ވެއެވެ.
ޑރ. ޢަބްދުލްޣަފޫރު ޢަބްދުލްޣަފޫރު
މިއީ މީހަކު ބުނެފައިވާ ވާހަކައެކެވެ. އޭނާ ބުންޏެވެ.
އަހަރެން އައިސް މިހުރީ މުސްތަހީލުކަންކަން ވެސް ވާކަން އިނބަށް ހަނދާން ކޮށްލަދޭށެވެ!
އެއްވެސް ގުޅުމަކާ ނުލައި މަރްޔަމް 'އަލްއަޛްރާއު' ދަރިކަލަކާއިގެން ރައްކާވެވަޑައިގަތް ނޫން ހެއްޔެވެ؟
އަދި، އެކަމަނާގެ ދަރިކަލުން، މަންމާފުޅުގެ އުނގުފުޅުގައި ކިރުފޮދު އެރުވޭހާ ތުއްޕުޅު އިރުގައި ވަނިކޮށް، [އެކަލޭގެފާނު] ވާހަކަފުޅު ވެސް ދެއްކެވި ނޫން ހެއްޔެވެ؟
މުސްކުޅިފުޅުވެ އަރުޒަލިލްއުމުރުގައި ހުންނެވި، ޒަކަރިއްޔާގެފާނަށާއި، އަދި ދަރިކަލަކު ލިބިވަޑައިގަތުމަށް ނުކުޅެދުންތެރިވެވަޑައިގެން އިންނެވި އެކަލޭގެފާނުންގެ އަނބިކަނބަލުންނަށް ދަރިކަލަކު ލިބިވަޑައިގަތް ނޫންހެއްޔެވެ؟
އަދި، ހަނދުވެސް ދެ ފަޅިވީ ތަން ބަޔަކަށް ފެނުނު ނޫންހެއްޔެވެ؟
އެތައް ސަތޭކަ އަހަރު ވަންދެން ނިދައިފައި ތިބި ބަޔަކު ވެސް [ކަހުފްބާގައިގެ މީހުން] ހޭލި ނޫން ހެއްޔެވެ؟
ބަދުރު ހަނގުރާމައިގައި މަދު، ބަލިކަށި މީސްކޮޅެއް، ގިނަ ގަދަފަދަ ޖަމާއަތެއް ބަލިކުރި ނޫންހެއްޔެވެ؟
ޔަމަނު ކަރައިގައި [ސަބާގައި] ހުރި ތަޚުތެއް އެސްފިޔަ ޖަހައިލާން ހޭދަވާހައި އަވަސް ހިނދުކޮޅެއްގެ ތެރޭގައި ޝާމުކަރައަށް ގެންދެވުނު ނޫންހެއްޔެވެ؟
އަދި، ޔޫނުސްގެފާނު ބޮޑު މަހުގެ ބަނޑުގައި އިންނެވި އިރު އެކަލޭގެފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިއެއް ނުގަނޭ ނޫންހެއްޔެވެ؟
ހަމަ އެހެންމެ، އިބުރާހިމްގެފާނު އަލިފާންގަނޑަކަށް އެއްލައިލެވުމުން، އެ އަލިފާންގަނޑުން އެކަލޭގެފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައި ނުގަނޭ ނޫންހެއްޔެވެ؟
މި ކަންކަން ބުނެދެނީ ކޮން ވާހަކައެއްހެއްޔެވެ؟ ކުރީން ވެސް ބުނި ފަދައިން ވުން މުސްތަހީލޭ ހީކުރެވޭ ކަންކަން ވެސް ވާކަމެވެ.
އެހެންވެ، ކަމެއް ކުރާން ގަސްދުކޮށްފި ނަމަ، އެ ކަން ކުރުމުގެ ވަރުގަދަ އަޒުމު ކަނޑައަޅައި، އެ ކަން ވާނޭކަމުގެ ޔަގީންކަން ހިތުގައި ލައި، އެ ކަން ކުރުމުގެ މަސައްކަތް ފަށައި، އެ ކަން ހަގީގަތަކަށް ވާންދެން އެ މަސައްކަތުގައި ދެމި ހުންނާށެވެ! ކީއްވެހެއްޔެވެ؟ ވުން މުސްތަހީލޭ ހީކުރެވޭ ކަންކަން ވެސް ހަގީގަތަކަށް ވާތީއެވެ!