Advertisement

"ތިރީސް ހާސް ފަލަސްތީނީން ޝަހީދުކޮށްލުމުން ހެއިނުލި އުންމަތެއް، އަހަރެން އިއްވާ ބަހަކުން ހެއިލައްވާނީ ކިހިނެއް؟"- ޝައިޚު މަޙުމޫދު

04 Apr 2024 | 05:50
އައްޝައިޚު މަޙުމޫދުލް ޙަސަނާތު: ހުކުރު ޚުޠުބާގެ އަސަުގަދަކަމުން މީހުންތައް ރޯއިރު އޭނާ ވެސް ކީރިތިކުރައްވައެވެ. (ފޮޓޯ: އެކްސް)

ބައިނަލްއަގުވާމީ މުރާސިލު

އެމެރިކާއާއި އިނގިރޭސިވިލާތާއި ވިލާތުގެ ގިނަ ގައުމުތަކުގެ އެހީއާއި އެއްބާރުލުމާއެކު ނިރުބަވެރި އިސްރާއީލުން 32 ހާހަށް ވުރެ ގިނަ ފަލަސްތީނީން ޝަހީދުކޮށްލައިފިއެވެ. އެއްވެސް ހައްގުން ކަމަކާ ނުލައެވެ. އެ މީހުންގެ ކުށަކާ ނުލައެވެ. މީގެ ތެރޭގައި 17 ވަރަކަށް ހާސް ކުޑަކުދީންނާއި އަންހެނުން ހިމެނެއެވެ. 70 ހާހަށް ވުރެ ގިނަ މީހުން ތިބީ ލިބުނު ޒަޚަމުތަކާއެކު ނުކުޅެދުންތެރި ޙާލަތުގައެވެ. ޣައްޒާގެ ޢުމްރާނީ ތަރައްގީއާއި ބިނާރުގެ 90 އިންސައްތަ ފުޑުފުޑުކޮށްލައިފިއެވެ. ދުނިޔޭގެ ލޮލުގެ ކުރިމަތީގައެވެ. ނަމަވެސް އިސްލާމީ އުންމަތް އޮތީ ގަދަ ނިދީގައެވެ. ގުގުރިދަމަދަމައެވެ. އެހެންވީމާ، މި މައްސަލައިގައި އިސްލާމީ އުންމަތް ހޭލާނެ ގޮތެއް އޮންނާނެހެއްޔެވެ؟ މި ދިޔަ ހުކުރުދުވަހު ޝައިޚު މަޙުމޫދު ވިދާޅުވީ އެ ވާހަކައެވެ. ކިހައި ބޮޑު ހަގީގަތެއްހެއްޔެވެ؟

ފަލަސްޠީނުގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚު މަޙުމޫދު އަލް ޙަސަނާތު އަލްފިލަސްޠީނީ އޭނާގެ ޙަޔާތުގައި ދެއްވި އެންމެ ކުރު ހުކުރު ޚުޠުބާގައި ފަލަސްޠީނުގެ ޙާލަތާ މެދު ވިދާލުވީ ހަމައެކަނި މިހެންނެވެ. "30 ހާސް ޝާހީދުންނާއި 70 ހާސް ޒަޚަމީންނާއި ގެދޮރު ގެއްލުނު ދެ މިލިއަން މީހުންނަކަށް އިސްލާމީ އުންމަތް ހޭލައްވައެއް ނުލެވުނެވެ. [އެހެންވީ އިރު] އަހަރެންގެ ބަސްކޮޅަކުން ކުރާނީ [ވަކި] ކޮން އަސަރެއްހެއްޔެވެ؟ އަހަރެން އިތުރަށް ދައްކާން އޮތީ ކޮން ވާހަކައެއްހެއްޔެވެ؟ [އަހަރެންގެ ވާހަކަ އިއްވާން އޮތީ ވަކި] ކޮން ބަޔަކަށްހެއްޔެވެ؟ ތިޔަބައިމީންގެ ސަފުތައް ސީދާކުރާށެވެ! [ﷲގެ ޙަޟުރަތުގައި] ދުޢާކުރަމާ ހިނގާށެވެ!"

ޝައިޚު އެ ވިދާޅުވީ ކިހާ ބޮޑު ހަގީގަތެއްހެއްޔެވެ؟ އެމެރިކާއިން ކާންބޯންދީގެން ގެންގުޅޭ ނިކަމެތި ކުޑަކުޑަ [ނިރުބަވެރި] ދައުލަތަކުން މުސްލިމު ފަލަސްތީނީން ޝަހީދުކޮށް ހުސްކޮށްލަނީއެވެ. ނަސްލު ނައްތައިލަނީއެވެ. ނަސްލުހޭދު ހިންގްނީއެވެ. ޣައްޒާ ފުނޑުފުނޑުކޮށް ފަނާކޮށްލީއެވެ. މުސްލިމުންގެ ބާރުގަދަ މުއްސަނދި ގައުމުތައް ކޮބައިހެއްޔެވެ؟ ތިބީ އެމެރިކާއަށް ވިކިފައެވެ. އެ މީހުންގެ ދަށުވެފައެވެ. އިސްރާއީލާ އަޑިއަޑީން ޑީލު ހަދައިގެންނެވެ. އެހެންވީ އިރު، ހުކުރު ޚުޠުބާއެއްގައި ދައްކާ ވާހަކައަކުން ފެންނާނީ ވަކި ކޮން ނަތީޖާއެއްހެއްޔެވެ؟ އިސްލާމީ އުންމަތް ހޭލާނެހެއްޔެވެ؟ ނުވަތަ އިސްލާމީ އުންމަތް އެ ނިދީން ހޭނުލައި އޮވެ މަރުވާނީހެއްޔެވެ؟ މުސްލިމުންނަށް މުސްލިމު ޢާންމުންނަށް ކުރެވޭން އޮތް ކަމަކީ ދުޢާކުރުމެވެ.

ޢުމުރުފުޅުން 34 އަހަރުގެ ޝައިޚު މަޙުމޫދަކީ "ފަގީރުގެ މުގައްރިރު"ގެ ގޮތުގައި ޢަރަބި އިސްލާމީ ދުނިޔޭގައި މަޝަހޫރުވެފައިވާ އަދި ޢަރަބި އިސްލާމީ ދުނިޔެއިން އެ ލަގަބާއި ޝަރަފު އަރަުވައިފައިވާ ޢިލްމުވެރިއެވެ. އޭނާ އެންމެ ފުރަތަމަ ޢާންމު ތަޤުރީރެއް ދެއްވީ ޢުމުރުފުޅުން އެންމެ 18 އަހަރުގައެވެ. އޭގެ ފަހުން އަދިއަދަށް ދާންދެން ވެސް އޭނާގެ ތަގުރީރުތަކާއި ޚުޠުބާތައް މުސްލިމުންގެ ގާތުގައި ވަރަށް މަގުބޫލެވެ. އޭނާގެ ޓިކްޓޮކް އެކައުންޓް (mahmoudalhasanat09)އަށް މިހާރު ވެސް ނުވަ މިލިއަން މީހުން އިގުތިދާވެއެވެ. އަދި އޭނާގެ އިންސްޓަގްރާމް އެކައުންޓު ވެސް އެހައި ގިނަ މީހުން ގަވާއިދުން ބަލައެވެ.

Advertisement

ކޮމެންޓް
ޒުބޭދާ
އިސްލާމީ އުންމަތް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެ އޮތީ ނިދައިފައެވެ.
04 Apr 2024