Advertisement

ކަރުނައިގެ އަސަރު (9)

03 Apr 2024 | 22:36
ކަރުނައިގެ އަސަރު (9)

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

 (2024 މާރިޗު 29ގައި ޝާއިޢުކުރި ބައާ ގުޅޭ)

                      ____________________

                    ބިމުން އުޑުމަތީގެ ތުންފަތުގައި ބޮސްދިނެވެ.

                     އާ އިންސާނެކެވެ. އާޒަމާނުގެ މެސެޖެވެ.

                       _____________________

އިންޑަސްޓްރީޒަށް ދިޔުމަށް އެއްބަސްވިދުވަހަކު ޢާމިރު ނުދެއެވެ. އޭގެ ބަދަލުގައި އޭނާ ދިޔައީ އޭގެ އަނެއްދުވަހެވެ.

ޝާހިދު ވަރަށް ބޮޑަށް އޭނާއަށް ބެލިއެވެ.

"ގުޑް މޯނިންގ ސަރ ------"

ޝާހިދުގެ ކުރިމަތިން ޢާމިރު ދަމުން ސަލާން ގޮވާލިއެވެ.

އަދި ޢާމިރާ ދިމާއަށް ފުން ނަޒަރަކުން ބަލަހައްޓައިގެން ހުރި ޝާހިދަށް ސިހުމެއްލިބުނެވެ.

ދެން މަޑު މަޑުން ޢާމިރަށް ބަލައިލުމަށް ފަހު ޝާހިދު ބުންޏެވެ.

"ސަރ" ގެ ބަދަލުގައި ޝާހިދު ކިޔުމުން މާ ހިތްހަމަޖެހެއެވެ."

"ދެން ކިޔާނީ އެހެންނެވެ. -----"

ޢާމިރުގެ ޖަވާބަށް ހިނިތުންވެލުމަށް ފަހު، ޝާހިދު ބުންޏެވެ.

"ހޫނ ----- އިށީނދޭ ---------"

ދިގުވާހަކަތަކެއް ދެއްކުމަށް ފަހު، އިށީނުމަށް ޢާމިރު ކައިރީގައި ޝާހިދު ބުނުމުން އޭނާ ބޯ ޖަހާލިއެވެ.

"ޙަޤީޤަތުގައި އަހަރެން ކަންބޮޑުވަނީ ކަންކަން ސިއްރު ކުރަން މަސައްކަތް ކޮށްފައިނެތީއެވެ. އެފަދަ މީހަކަށް  ޢާމިރު ނުވާނެކަމަށް އަހަރެން އުއްމީދު ކުރަމެވެ."

ޢާމިރު އިނީ ޝާހިދަށް ބަލާށެވެ.

ޝާހިދު ބުންޏެވެ.

"އަހަރެން މަސައްކަތް މިޙަވާލުކުރަނީ ޢާމިރަށް ވަރަށް ބޮޑަށް އިތުބާރު ކޮށްފައެވެ. އަދި މިޙަވާލުކުރެވޭ ވަރަށް ގިނަ މަސައްކަތްތަކަކީ ޢާމިރުމެންނަށް ގެއްލުން ހުރި މަސައްކަތްތަކެއްކަމަށްވުން އެކަށީގެންވެއެވެ."

"ކުރެއްވި އިތުބާރަށްޓަކައި ޝުކުރިއްޔާ! ---------"

އާމިރު ވަރަށް ސީރިއަސް ކަމާއެކު ބުންޏެވެ. ----- އެކަމަކު އިންޑަސްޓްރީޒަށް ގެއްލުމެއް ލިބިދާނެފަދަކަންކަން އަޅުގަނޑަށް އެނގިގެން ގެންދެވުމަކީ އަޅުގަނޑު އެދޭކަމެކެވެ."

"އެނޫން ގޮތެއް ނޯންނާނެއެވެ. ------ އެހެންނޫނީ އެފަދަ ތަޢާރުފެއްގެ ބޭނުންތެރިކަން ޢާމިރަށް އިހުސާސް ނުކުރެވިދާނެއެވެ."

"އެންމެ ރަނގަޅެވެ .------ އެއީ ރިކަވަރކުރަން މަޖުބޫރުން ކުރައްވާ ކަމެއްކަމުގައިވާނަމަ، ފިކުރު ކުރައްވާނެ ކަމެއްނެތެވެ. ---- ތިކުރެއްވި އިތުބާރު ހިފހެއްޓުމަށް އަޅުގަނޑު މަސައްކަތް ކުރާނަމެވެ."

"މަސައްކަތް ކުރާނެކަމަށް" މިހެން ބުނުމުން ޝާހިދު ޙައިރާންކަމާއެކު ޢާމިރަށް ބަލައިލިއެވެ. އަދި ޢާމިރު ހިނިތުންވެލުމަށް ފަހު، އަވަސް އަވަހަށް ބުންޏެވެ.

"އަޅުގަނޑަށް ކުރީން އެއްވެސް ޔަޤީންކަމެއް ނުދެވޭނެއެވެ."

"އެކަމަކު ކުރީން އެނގުމުން އަހަރެންވެސް ހިތްހަމަޖެހެއެވެ. އެހެންނަމަވެސް ޖަވާބަކީ ސުވާލު އުފުދޭ ޖަވާބެކެވެ. އެކަހަލަ ޖަވާބެއްދިނުމުގެ  ކުރީން ޢާމިރު ވިސްނައިލުން ރައްކާތެރިއެވެ."

"ޙަޤީޤަތަކީ އިންސާނާގެ ޠަބީޢަތް ބަދަލެއް ނުކުރެވޭނެކަމެވެ. ------ އަދި ވަގުތުން އެއްވެސް ކަމަކަށް ޔަޤީންކަން ދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްނޫނެވެ. އެގޮތަށް ވިސްނުމަކީ މޮޔަކަމެކެވެ. ކޮންމެ މީހަކަށްވެސް ދެވޭނެ ޔަޤީންކަމަކީ އެކަމެއް އެގޮތަށް ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަމެވެ."

"މިސްޓަރ ޢާމިރު ------! ތިކަންކަން ސާފުވުމުން އަހަރެން ވަރަށް ހިތްހަމަޖެހިއްޖެއެވެ."

"މީގެފަހުން އެފަދަކަންކަމަށް ހެކިދެއްކުމަށް އެދިނުލައްވާނެކަމަށް އުއްމީދުކުރަމެވެ."

"ޢާމިރު އަހަރެން ހާސްކޮށްލަނީ ވިއްޔާއެވެ؟ -----" ޝާހިދުގެ އިނގިލި އޭނާގެ ނިތްކުރީގައި ޖައްސައިލަމުން ބުންޏެވެ.

ޢާމިރު ހަމައެކަނި ހިނިތުންވެލިއެވެ.

ޢާމިރުގެ ހިނިތުންވުމުން ޝާހިދު އިތުރަށް ހާސްވިއެވެ.

ކުޑައިރުކޮޅެއްވަންދެން ކޮޓަރީގެތެރެއަށް ހަމަހިމޭންކަމަށް ލާޒިމުކޮށްފިއެވެ. ------- ޢާމިރާމެދު ޝާހިދު ވިސްނަންފެށިއެވެ. ޢާމިރުގެ އަޑުން ޝާހިދުގެ ހަމަހިމޭންކަމުގެ މޭގައި ރެނދު އެޅުވިއެވެ.

"ހިތްހަމަޖެހިލައްވާނަމަ، ސިނާޢަތްތަކުން ބޭނުންވާނެ ކޮލިފިކޭޝަންތަކަކީ ކޮބައިކަން އޮޅުންފިލުވައި ދެއްވާށެވެ. އޭރުން މަސައްކަތް ކުރަން އަޅުގަނޑަށް އިތުރަށް ފަސޭހަވެގެންދާނެއެވެ."

ޝާހިދަށް ކުއްލި ސިހުމެއް ލިބިގެންދިޔައެވެ. ޙާލަތުގެ ވަގުތު ކޯރަކަށް ދޫކޮށްލައި ފަދައިންނެވެ. -------ޝާހިދު، ޢާމިރަށް ބަލައިލަމުން ބުންނެވެ.

"ޖެހިގެން ހުރި ކޮޓަރިއަކީ ޢާމިރުގެ ކޮޓަރިއެވެ. ހަތަރު ފައިލެއް މޭޒުމަތީގައި އޮންނާނެއެވެ. އެފައިލުތަކުގައި ލިޔުންތަކެއްވެސް ހުންނާނެއެވެ. ލިޔުންތައް ބަލައިލައްޗެވެ. ޢާމިރު ކުރަންވީ މަސައްކަތަކީ އެއީއެވެ."

"ޝުކުރިއްޔާ -------!"

ޢާމިރު ދިޔުމަށްޓަކައި ކޮޓަރީގެ ދޮރާ ދިމާއަށް އެނބުރުނެވެ.

"އަޑުއަހާށެވެ. ------" ޝާހިދު ގޮވައިލުމުން ޢާމިރު ހުއްޓުނެވެ.

"އިއްޔެ އަންނަން އާމިރު ވަޢުދު ވީމެއްނޫންހެއްޔެވެ؟ ------ "އޭނާގެ ސިކުނޑީގައި ގިނައިރުތަކެއްވަންދެން އުފެދިފައިވާ ސުވާލު ކޮށްލިއެވެ.

"އަހަރެންގެ ވަޢުދު ނުފުއްދުމުން އަހަރެން ހިތާމައެއް ނުކުރަމެވެ. ------ ސަބަބަކީ އަހަރެން މުހިންމު މަތިވެރި މަސައްކަތެއްގައި އުޅެން ޖެހުމެވެ."

"އަހަންނަކަށް ނުވިސްނު. ------"

"އަމިއްލަ ޒާތީ މަސައްކަތެކެވެ.-------"

ޢާމިރު ހިނިތުންވެލިއެވެ.

ޝާހިދު އާދަޔާ ޚިލާފު ގޮތަކަށް ޢާމިރަށް ބަލަން ހުއްޓެވެ. ޢާމިރު ހިނިތުންވެލުމާއެކު ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ.

"އާދަޔާ ޚިލާފު އިންސާނެކެވެ."

ޢާމިރު ދިޔުމަށް ފަހު ޝާހިދު ސިއްރު ސިއްރުން ބުނެލިއެވެ.

ޙަޤީޤަތުގައި ޢާމިރަކީ ކޮންކަހަލަ މީހެއްތޯ ޝާހިދު އަދިވެސް ދިޔައީ ވިސްނަމުންނެވެ. ޢާމިރު ދިޔައީ އޭނާގެ ޙަޤީޤަތް ފޮރުވަމުންނެވެ.

އަދި ޢާމިރުގެ ޙަރަކާތްތަކުންނާއި އޭނާގެ ބަސް މަގުން ހުރިގޮތުން ޢާމިރު ޙަޤީޤަތް ފޮރުވާކަން ޝާހިދަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ. އަދި ވާހަކަ ދައްކަމުންދާއިރު، ކުޑަ ހިނިތުންވުމެއް ގެންގުޅެމުންދާކަންވެސް ޝާހިދަށް ފާހަގަކުރެވުނެވެ.

ޝާހިދުގެ ހިތުގައި ޝައްކު އުފެދުނެވެ. އެހެންނަމަވެސް ޢާމިރަށް އިތުބާރުކުރަން ޝާހިދު ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

އެހެންވީއިރު ޝާހިދަށް ބިރުވެރިކަމެއް އިހުސާސް މިވަނީ ކީއްވެހެއްޔެވެ؟ އޭނާ ވަށާލާނީ ކާކުހެއްޔެވެ؟

ޝާހިދު އަދިވެސް ދަނީ ޢާމިރާމެދު ވިސްނަމުންނެވެ.----- އެވަގުތު ޓައިޕިސްޓް އަފްޝާނު ޝާހިދުގެ އޮފީހަށް ވަދެ އޭނާގެ ޚިޔާލުތައް ވިއްސި ވިހާލިކޮށްލިއެވެ.

އަފްޝާނު،ޝާހިދުގެ ކޮޓަރިއަށް ވަނީ ކޮންމެވެސް ކަރުދާސްތަކެއް ހިފައިގެންނެވެ.

ޝާހިދު، އަފްޝާނަށް ބަލައިލަމުން ބުންޏެވެ.

"ޓައިޕްކޮށް ނިމިއްޖެނަމަ ކުރިމަތީގައިހުރި ކޮޓަރިއަށް ހިފައިގެންދާށެވެ."

"އާދެ، ރަނގަޅު--------!"

އަފްޝާނު ފަހަތަށް އެނބުރި ހިނގައިގަތެވެ.

އަފްޝާނު ލިޔުންތައް ހިފައިގެން އައި އިރު، މޭޒުމަތީގައި ހުރި ފައިލްތައް އަދިވެސް ޢާމިރަށް ބަލައިނުލެވެއެވެ.

"ގުޑް މޯނިންގ ސަރ ---------"

އަފްޝާނު އިޙްތިރާމާއެކު ހެނދުނުގެ ސަލާން ކުރިއެވެ.

ޢާމިރު އޭރު ހުރީ ފާރުގައިވާ ކުރެހުމަކަށް ބަލާށެވެ.

ޢާމިރު ސިއްސައިގެން ގޮސް އެނބުރި ބަލައިލިއެވެ.

"މިލިޔުންތައް ޗެކްކޮށްލަ ދެއްވުން އެދެން."

ޢާމިރު ވަރަށް ފުރިހަމައަށް އަންހެންކުއްޖާއަށް ނަޒަރު ހިންގާލިއެވެ. އެއަށް ފަހު އޭނާގެ އަތުގައި ހުރި ލިޔުންތަކުގައި ހިފިއެވެ.

އެއީ އިންކަމް ޓެކްސްއާ ގުޅޭ ލިޔުންތަކެކެވެ.  ------- އެއީ ޢާމިރު ކުރަންޖެހޭ މަސައްކަތެކެވެ.

އިންކަމް ޓެކްސްއަށް މަކަރު ހެދުމަކީ މުއްސަނދިން ޢާންމުކޮށް ކުރާކަމެކެވެ.

ޢާމިރުވެސް އެކުށުގައި ބައިވެރިވާން ޖެހުނީއެވެ.

ޢާމިރުގެ މޫނުމަތިން ނަފްރަތުކަން ފެނިގެންދިޔައެވެ.

ޢާމިރު، އަފްޝާނަށް ބަލައިލިއެވެ.

އަފްޝާން އަދިވެސް ހުރީ ޢާމިރަށް ބަލާށެވެ.

"އަފްޝާނު އަދިވެސް ނުގޮސް ތިހުރީ ކީއްވެހެއްޔެވެ؟"

"އަޅުގަނޑު ހީކުރީ އަޅުގަނޑު ބޭނުންވެދާނެކަމަށެވެ. --------" އަފްޝާނު ބޯ ޖަހައިލަމުން ބުންޏެވެ.

"ޝުކްރިއްޔާ! ------ އަފްޝާނުދިޔަސް އެންމެ ރަނގަޅެވެ."

"މިއަދު ސާހިބު ވަޑައިގަންނަވާނެއެވެ. ---------"

އަފްޝާނު ބުންޏެވެ.

"ކޮން ސާހިބެއް --------"

"މިއިންޑަސްޓްރީޒުގެ ވެރިމީހާ --------"

"ދެން އަހަރެން ކުރަންވީ ކީއްހެއްޔެވެ؟"

ޢާމިރު ރުންކުރު ގޮތަކަށް ބުންޏެވެ.

"މިލިޔުންތައް މިއަދު ނިންމަންޖެހެއެވެ. --------"

"އެއީ އަހަރެންގެ މަސައްކަތެކެވެ. އެކަމަށް ވިސްނާނީ އަހަރެންނެވެ. އަފްޝާނުދިޔަސް އެންމެ ރަނގަޅެވެ."

އަފްޝާނުގެ މޫނު ރަތް ވެގެންދިޔައެވެ. ------ ތޫނު ބެލުމަކުން ޢާމިރަށް ބަލައިލުމަށް ފަހު، އޭނާ ހިނގައްޖެއެވެ.

އާމިރު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

މިވަގުތު އޭނާ ދިޔައީ ލިޔުންތައް ޗެކް ކުރަމުންނެވެ. ވަގުތު ދިޔަގޮތްވެސް އޭނާއަށް ނޭނގުނެވެ.

ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވައިލުމަށް ފަހު، ޚާން އަކްބަރު ކޮޓަރިތެރެއަށް ވަނެވެ. އޭނާއަކީ ވަރަށް ރަނގަޅު ޝަޚްޞިއްޔަތުގެ ވެރިއެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޝަރަފުވެރިކަމެވެ.

ޢާމިރު ސިއްސައިގެން ގޮސް ޚާން އަކްބަރަށް ބަލައިލިއެވެ. ------- އޭނާގެ ޝިކާރަވެރިޔާ ދެނެގަންނަން އޭނާ މާގިނަ ވަގުތެއް ނުނެގިއެވެ. އެހެންނަމަވެސް ------- އޭނާގެ މޫނުމަތިން އެކަން އިހުސާސްވިޔަ ނުދެއެވެ.

ޚާން އަކްބަރު ފެނުމުން ޢާމިރު ލަދުވެތިކަމާއެކު އިސްޖަހައިލިއެވެ.

ޚާން އަކްބަރު ތޫނު  ބެލުމަކުން ޢާމިރަށް ބަލަމުންދިޔައެވެ. ------ އެހެންނަމަވެސް އެބެލުމުން ޢާމިރަށް އެއްވެސް ކަމެއް އިހުސާސްނުކުރެވެއެވެ.

އޭނާ އިނީ އޭނާގެ މަސައްކަތުގައި ލިޔުންތައް ބަލައި ޗެކް ކުރުމުގައެވެ.

"އަހަންނަކީ މިއިންޑަސްޓްރީޒުގެ ވެރިމީހާ -------"

ޚާން އަކްބަރު އަމިއްލައަށް ތަޢާރުފުވިއެވެ.

"ދެން އެހެންވީއިރު ----------؟"

ޢާމިރު ބުންޏެވެ. ------ ޚާން އަކްބަރުގެ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ފިނިވެގެން ދިޔައެވެ.

ޢާމިރު އަދިވެސް ޚާނު އަކްބަރާ ދިމާއަށް ބަލައިނުލައެވެ.  ------ އޭނާ މިވަގުތުވެސް ދިޔައީ ލިޔުންތައް ތަރުތީބު ކުރަމުންނެވެ.

ފަތްތަކުގެ ގިސްލުމުގެ އަޑުން ކޮޓަރީގެ މާހައުލުގައި އާދަޔާ ޚިލާފު ތެޅުން ގަނޑެއް އުފެދެމުން ދިޔައެވެ.

ޚާން އަކްބަރު ހުރީ ރުޅިވެރިކަމުގެ އަލިފާނުން ރަތްވެފައިވާ ދެލޮލުން ޢާމިރަށް ބަލަހައްޓައިގެންނެވެ. ދެން އެނބުރުނެވެ.

އަދި ކޮޓަރިން ނުކުމެގެން ބޭރަށް ހިނގައްޖެއެވެ.

ޢާމިރުގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދައުރުވިއެވެ.

ޠޫފާނީ ކަޅު ވިލާގަނޑެއްފަދައިން ޚާން އަކްބަރު، ޝާހިދު ކޮޓަރިއަށް ވަދެ، ޝާހިދަށް މުޚާޠަބު ކުރިއެވެ.

"މިސްޓަރ ޝާހިދު-------!"

އޭނާ ޖަނަވާރެއްފަދައިން ހަޅޭލަވައިގަތެވެ. އެވަގުތު ކޮޓަރީގެ ފާރުތައް ކަނޑަ ކަނޑައިގެން ދިޔަހެން ހީވިއެވެ.

ޝާހިދު ވާނުވާއެއް ނޭނގޭ ގޮތެއްގައި ކޮޅަށް ތެދުވިއެވެ.

"ވަޒީފާއަށް ނަގާފައި އެ އިނީ ކޮން ޖަނަވާރެއްހެއްޔެވެ؟ މިހާރު މިވަގުތު އޭނާ މިތަނުން ބޭރުކުރާށެވެ."

"ވަރަ ------ ވަރަށް ------- ސަރ ----------"

ޝާހިދު ބިރުން ހަލާކުވާވަރުވިއެވެ.

ޚާނު އަކްބަރު ލޭ ހޫނުވެގެން ގޮނޑިއަށް ވެއްޓި ގަތެވެ.

ތުރުތުރު އަޅާ ގޮތެއްގައި ޝާހިދު، ޢާމިރުގެ ކޮޓަރިތެރެއަށް ވަދެއްޖެއެވެ.

ޝާހިދު އިތުރަށް ކުރިއަށް ނުދަނީސް ޢާމިރު ކޮޅަށް ތެދުވިއެވެ.

ޢާމިރު ލިޔުންތައް ދުރަށް ޖައްސައިލުމަށް ފަހު ޝާހިދަށް ބަލައިލަމުން ބުންޏެވެ.

"ވިދާޅުވޭ -------"

ޢާމިރުގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް އޭރު ނަށަމުން ދިޔައެވެ.

"މީގެ ކުޑައިރުކޮޅެއްގެ ކުރީން ޚާން އަކްބަރު ސާހިބު މިކޮޓަރިއަށް ވަޑައިގެންނެވިހެއްޔެވެ؟"

"ވަޑައިގެންނެވި ކަން ނޭނގެއެވެ. ------"

ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.

ޢާމިރުގެ އެ ހިނިތުންވުމަށް ޝާހިދު ހާސްވީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހެންނަމަވެސް ނަފުސާނީ ބަލިމީހަކާ މުޚާޠަބު ކުރެވެނީއޭވެސް  ޝާހިދު ހިތަށްއެރިއެވެ.

އެހެނީ ބުއްދި ހަމަޖެހޭ އިންސާނަކު އެގޮތަކަށް ޖަވާބެއް ނުދޭނެއެވެ.

ޝާހިދު، ޢާމިރަށް ބަލަމުން ގެންދިޔައެވެ.

"ކިހިނެއްތޯވީ ޝާހިދު! ------ އަޅުގަނޑަށް ތިވަރަށް ތިބައްލަވަނީ. އަނެއްކާ އަޅުގަނޑު ނިގޫ ނުކުތީ ހެއްޔެވެ؟"

"ޢާމިރު ތިހުންނަނީ ހަމަ ހޭގައިތަ؟"

ޝާހިދު ސުވާލު ކުރިއެވެ.

"ފުރިހަމައަށް ހަމަ ހޭގައެވެ."

ޢާމިރު ހީލަތްތެރި ގޮތެއްގައި ބުންޏެވެ.

ޝާހިދުގެ ސިކުނޑިވަނީ ގޮވާފައެވެ.

"މިވަގުތު ޢާމިރު މިތަނުން ދިއުމަށް ސާހިބު އަމުރު ކުރެއްވިއެވެ."

ޝާހިދު ބުންޏެވެ."

"އެއީ މޮޔައެކެވެ. ------ އަޑިއަށް ދިޔައީ ކަންނޭނގެއެވެ. ----- ޝާހިދު ދުރުވެ ޝާހިދުގެ މަސައްކަތް ކުރައްވާށެވެ. ------"

ޢާމިރު އަތް ދިއްކޮށްލަމުން ފަރުވާލެއްނެތް ގޮތެއްގައި ބުންޏެވެ.

މުޅި ޢިމާރާތުގެ ފާރުތައް އޭނާގެ މައްޗަށް ވެއްޓިގެން އައިހެން ޝާހިދަށް ހީވިއެވެ.-------

ޢާމިރު އަނެއްކާވެސް ބުންޏެވެ.

"ޝާހިދަކީ ވަރަށް ރަނގަޅު މީހެކެވެ. ------- މިދެމެދު ފާރަކަށް ޝާހިދު ނުވާށެވެ. ------- ޝާހިދުގެ ވެރިމީހާއަކީ އަހަރެންގެ ޒާތީ ހަނގުރާމައެކެވެ. ------- އަހަރެން މިދަނީ ވަރަށް އަވަހަށް އޭނާގެ ކަރަށް މަރުގެ މަޅިއެއް އެއްލަން ތައްޔާރުވަމުންނެވެ."

ޢާމިރު ބުންޏެވެ.

އޭނާގެ އަޑުގައިވަނީ މަކަރާ ހީލަތްތެރިކަމެވެ.

އޭނާގެ މޫނުން ފެންނަނީ ކެހިވެރިކަމުގެ ލައްތަކެކެވެ.

"އޭނާ ބަރަހަނާ ވާނީ ކޮންކަހަލަ އަސަރުތަކަކުންހެއްޔެވެ؟-----"

ޝާހިދު އަދިވެސް ހުރީ ޢާމިރަށް ބަލާށެވެ.

އެކަމަކު ޝާހިދަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.

އޭނާ އަނބުރައިގަންނަ ގޮތްވެގެން ފާރުގެ އެހީތެރިކަން އޭނާ ހޯދިއެވެ. ------

ޢާމިރުގެ މޫނުމަތިން މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ ހިނިތުންވުމެއް ފެނިގެންދިޔައެވެ.

"މިސްޓަރ ޝާހިދު --------!"

ޢާމިރުގައި އަޑު މިފަހަރު ވަރަށް ބިރުވެރިއެވެ.

"އަޅުގަނޑު ޝާހިދުގެ ސާހިބު މީހާއާ ބައްދަލު ކުރަން ބޭނުމެވެ. ------ އަހަރެން އެނބުރި އަންނަންދެން މިކޮޓަރީގައި ޝާހިދު މަޑުކޮށްލައްވާށެވެ. ------ ރަނގަޅުވާނީ އެގޮތެވެ. ------- އަހަރެމެން ދެމީހުންގެ ދެމެދުގެ ފާރަކަށް ޝާހިދުވާކަށް އަހަރެން ނޭދެމެވެ."

ޢާމިރު ބުންޏެވެ.

އެހެން ބުނުމަށް ފަހު، ޢާމިރު ތެދުވެގެން ބާރަށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ޝާހިދުގެ މޫނުމަތީގައި 10 ފަހަރު ޢާމިރު ޖެހިކަމުގެ އިހުސާސް ޝާހިދަށް ކުރެވުނެވެ.

"މިވާން އުޅެނީ ކޮންކަންތައް ގަނޑެއްހެއްޔެވެ؟"

ޝާހިދު ސިއްރު ސިއްރުން ބުނެލިއެވެ.

ހަދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން ޢާމިރު އިން ގޮނޑިއަށް ބަލަން ޝާހިދު ހުއްޓެވެ.

--------------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް