Advertisement

"ވިޓޯލް ބަންކަރސް"ގެ ޗާޓުގައި ދިވެހިރާއްޖެ ހިމެނުމަކީ ދިވެހި ގައުމަށް ލިބުނު ކާމިޔާބީއެކެވެ.

03 Apr 2024 | 12:00
ހއ. އަތޮޅުގައި ހިންގާން ރާވައިފައިވާ "އައިހަވަން" މަޝްރޫޢުގެ މައި ތަދުބީރު: ކަނޑު ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތަކީ އައިހަވަން މަޝްރޫޢުގެ ވަރަށް ކުޑަކުޑަ ބައިކުޅަ ބައެކެވެ.

"ފަރަގު" އިގުތިސާދީ މުރާސިލު

އާދޭހެވެ! ކަނޑުބޯޓުފަހަރަށް ތެޔޮއަޅައިދިނުމުގެ މަޝްހޫރު ކުންފުނި "ވިޓޯލް ބަންކަރސް"ގެ ޗާޓުގައި ދިވެހިރާއްޖެ ހިމެނުމަކީ ދިވެހި ގައުމަށް ލިބުނު ކާމިޔާބީއެކެވެ. ހަނދުމަފުޅު ހުންނާނޭ ފަދައިން ކަނޑު ބޯޓުފަހަރަށް ތެޔޮއަޅައިދިނުމުގެ ޚިދުމަތަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ފުޅާކުރައްވާން ސަރުކާރުން ގަސްތުކުރައްވައިފައިވާ ޚިދުމަތެކެވެ. މި އަހަރު ޖުލައި މަހުގެ ތެރޭގައި މި ޚިދުމަތް ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި ފައްޓަވާން ސަރުކާރުން މަސައްކަތްޕުޅުކުރައްވައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކަނޑުބޯޓުފަހަރަށް ތެޔޮއަޅައިދިނުމުގެ ޚިދުމަތުގެ އިތުރަށް، ތަކެތި އުފެއްދުމާއި ތަކެތި ރޭވުމާއި ރާއްޖެއަށް ގަނޑުކޮށް މުދާ އެތެރެކޮށް އަލުން ބޭރަށް ވިއްކުމާއި ސާފުނުކުރާ ތެޔޮ، ރާއްޖެއަށް ގެނެސް ސާފުކޮށް ރާއްޖޭގައި ބޭނުންކޮށް ބޭރަށް ވިއްކުމާއި ފަންނިއްޔާތުގެ ޚިދުމަތާއި އާލަތް އުފައްދައި ވިއްކުން ފަދަ އެތައް ޚިދުމަތެއް ފޯރުކޮށްދޭ ގޮތަށް އައިހަވަންގެ ނަމުގައި ޚާއްޞަ އިގުތިޞާދީ ސަރަހައްދެއް ގާއިމުކުރާން ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތްކުރެއްވި އިރު، މިއަދުގެ ރައީސް ޑރ. މުޙަންމަދު މުޢިއްޒަކީ އޭރުގެ ކެބިނެޓުގައި ނުފޫޒު ގަދަ ވަޒީރެކެވެ. މިއަދުގެ އިޤުތިޞާދީ ވަޒީރު މުޙަންމަދު ސަޢީދަކީ އޭރު ވެސް އިޤުތިސާދީ ވަޒީރެވެ. އެހެންކަމުން އެ މަޝްރޫޢުގެ ވިސްނުންފުޅާއެކު، އޭގެ ތެރެއިން އެއް ޚިދުމަތް ފައްޓަވާން އަދުގެ ސަރުކާރުން ނިންމެވީ ކުރިމަގުގައި އިތުރު ޚިދުމަތްތައް ފޯރުކޮށްދެއްވައި މަޑުމަޑުން މުޅި މަޝްރޫޢު ފުޅާކުރައްވާށެވެ.

ވިޓޯލް ބަންކާރސްގެ ވެބްސައިޓޫގައި ރާއްޖޭގެ ނަން ހިމަނައިފައި. (ފޮޓޯ: ވިޓޯލް ބަންކާރސް)<br>

މި ތަޞައްވުރާއެކު ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތްޕުޅުން މިހާރު މި ވަނީ ދުނިޔޭގައި ކަނޑުބޯޓުފަހަރަށް ތެޔޮއަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ މަޤުބޫލު ކުންފުންޏެއްކަމުގައިވާ ވިޓޯލް ބަންކަރސްގެ ޗާޓުގައި ދިވެހިރާއްޖެ ހިމަނައިފައެވެ. ވިޓޯލް ބަންކާރސްއަކީ ދުނިޔޭގައި ބޯޓުފަހަރު ދުއްވުމުގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން ގެންދާ ފާހަގަކޮށްލެވޭ ބައިނަލްއަޤުވާމީ މަޝްހޫރު ޖަމާޢަތެކެވެ. ވިޓޯލް ބަންކާރސްގެ ޗާޓުގައި މިހާރު ރާއްޖޭގެ ނަން ހިމަނައިފައި މި ވަނީ އިހަވަންދިއްޕޮޅުގައި ދިވެހި ސަރުކާރުން ޤާއިމުކުރާ، "ބޯޓުފަހަރަށް ތެޔޮއަޅައިދޭ ބައިނަލްއަޤުވާމީ ޚިދުމަތުގެ މަޝްރޫޢު"ގެ ދެ ފަރާތް އެއްބަސްވާ ޝަރުޠުތަކުގެ މައްޗަށް އެކުލެވޭ ލުއި އެއްބަސްވުމެއްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިންގ ކޮމްޕެނީ (ވިޓޯލް)އާ ދެމެދު މިދިޔަ މާރިޗުމަހުގެ 13ވަނަ ދުވަހު ސޮއިކޮށްފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. މި އެއްބަސްވުމުގެ ދަށުން ތެޔޮއަޅައިދިނުމުގެ ޚިދުމަތްދޭ މަޝްރޫޢާ ގުޅޭ ގޮތުން ދެ ފަރާތުން ފުރިހަމަކުރާން ޖެހޭ ލިޔެކިޔުންތައް ވަކި ތާރީޚެއްގެ ކުރީން ނިންމާން ޖެހެއެވެ.

އެސްޓީއޯއަކީ ސަރުކާރުން ފައްޓަވާ މި ޚިދުމަތް ހިންގުން އެކީއެކަށް ޙަވާލުކޮށްފައިވާ ކުންފުންޏެވެ. ދިވެހި ސަރުކާރުން އަމާޒު ހިއްޕަވައިފައިވަނީ މި އަހަރުގެ މެދެއްހައި ތާނގައި މި މަޝްރޫޢުގެ ދަށުން ޚިދުމަތް ފޯރުކޮށްދެވޭން ފައްޓަވާށެވެ. އިހަވަންދިއްޕޮޅަކީ އެ ސަރަހައްދުން ބައިނަލްއަގުވާމީ ބޯޓު ފަހަރު ވަރަށް ގިނައިން ދަތުރުކުރާ ސަރަހައްދެކެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ އިރުން ހުޅަނގަށް ހުޅަނގުން އިރަށް ދަތުރުކުރާ މައި މަގެއްގައި އޮންނަ ގައުމެވެ. ބޯޓް ފަހަރު އާންމުކޮށް ދަތުރުކުރާ މި ފަދަ މުހިންމު މަގެއްގައި، ތެޔޮއަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ނަމަ، އެ ތަންތަނަށް ބޯޓުފަހަރު މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މި ގޮތަށް ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ފެށުމަކީ ވަރަށް ބޮޑު ފައިދާއެއް ލިބޭނެ އަދި ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ މުހިންމު ސިނާޢަތަކަށްވާނެކަން ކަށަވަރެވެ. މި ކަމަށް ޓަކައި ސަރުކާރުގެ މި މަސައްކަތަށް ތަހުނިޔާ އަރިސްކުރަމެވެ. އަދި "ބޮޑުބޭބެ" ނުރުހުނަސް "އައިހަވަން"ގެ މަޝްހޫރު ފުރިހަމައަށް ތަންފީޒުކުރައްވައި، ދިވެހިރާއްޖޭގެ ތަނަވަސްކަން އިތުރުކުރައްވާން އިޚުލާސްތެރިކަމާއެކު މަސައްކަތްޕުޅުކުރައްވާނެކަމަށް އުންމީދުކުރަމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި "ވިޓޯލް ބަންކަރސް"ގެ ޗާޓުގައި ދިވެހިރާއްޖެ ހިމެނުމަކީ ގައުމުގެ އިގުތިސާދު ސިންދަފާތުކުރެއްވުމަށް ޓަކައި ސަރުކާރުން އެޅުއްވި ރަނގަޅު ފިޔަވަޅެއްކަމުގައި "ފަރަގު" ދެކެއެވެ.

________________________________

ބައެއް ލަފުޒުގެ މާނަ:

އިގުތިސާދު       ނ.     (1) ލިބޭ އާމްދަނީއާއި އެ އާމްދަނީ ފުއްދުންތެރި ގޮތަކަށް ޚަރަދުކުރާން ރާވާ ރޭވުން. (2) ޤައުމެއްގެ އާމްދަނީއާއި އެ އާމްދަނީގެ ޚަރަދުބަރަދު ބަލަހައްޓާ ބެލެހެއްޓުން. (3) މާލީ ތަނަވަސްކަން ހުރިނެތް ގޮތް.

ސިންދަފާތު      ނ.      އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.

މަޝްހޫރު        ނއ.     ވަކިރޮނގަކުން ފާހަގަވެ ގިނަ ބަޔަކަށް އެނގިފައިވާ.

ތަންފީޒުކުރުން      މ.      (1) ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2) ވެރިޔެއްގެ އަމުރާ އެއްގޮތަށް ޢަމަލުކުރުން.

މަގުބޫލު         ނއ.     (1) ޤަބޫލު ކުރެވޭ. (2) ގަބޫލުކުރެވިގެންވާ

މައި            ނ.     (1) އަސްލު.  (2) ބޮޑު.  (3) އަމާ

ތަދުބީރު          ނ.     (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.

Advertisement

ކޮމެންޓް