Advertisement

އޮސްޓްރޭލިއާގެ ރައްޔިތެއްކަމަށްވާ މިސް ޒޫމީ މިއަދު މަރައިލީ ފަލަސްޠީނީންނަށް ކާއެތިކޮޅު ފޯރުކޮށްދޭތީއެވެ. އެހެން ސަބަބެއް ނެތެވެ.

02 Apr 2024 | 14:07
ޔަހޫދީން މިއަދު މަރައިލި އިންސާނީ އެހީދޭ ޓީމުގައި ހިމެނޭ މިސް. ޒޫމީ: އޭނާއަކީ ފަލަސްތީނުގެ ވިއްސިވިހާލިވެފައިވާ ރައްޔިތުންނަށް ކާއެތިކޮޅު ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ "ދުނިޔޭގެ މަރުކަޒީ ބަދިގެ ޖަމުޢިއްޔާ"ގެ ދަރުމަވެރިއެކެވެ. (ފޮޓޯ: އެކްސް)

"ފަރަގު"ގެ ބައިނަލްއަގުވާމީ މުރާސިލް

ހަމަ އެކަނި މުސްލިމު ގައުމުތަކެއް ނޫނެވެ. މުޅި ދުނިޔެ ވެސް ލަދުގަންނާން ޖެހެއެވެ. އެއްވެސް ކުށެއް ނެތް މަޢުޞޫމު މަދަނީން މަރައި ހުސްކޮށް, ބިނާކޮށްފައިވާ ގައުމެއް ތަޅައި ސުންނާފަތި އެ ކޮށްލީ, ދުނިޔޭގެ އެންމެންގެ ލޮލުގެ ކުރިމަތީގައެވެ. ދުނިޔެ ސުލްހަކުރާށޭ ކިޔައިގެން އުފައްދައިފައިވާ އދ.އޭ ކިޔާ ޖަމާޢަތުގެ އަމުރުތަކަށް ވެސް ގޮންޖަހަމުންނެވެ. ނަމަވެސް ދުނިޔެ އޮތީ އަދި ވެސް ކުޅިބަލާށެވެ.ކުރެވޭނެ ކަމެއް ނެތިފައި ކަހަލައެވެ.

ޣައްޒާގައި މަސައްކަތްކުރަމުން ގެންދިޔަ ބައިނަލްއަގުވާމީ މަސައްކަތްތެރީންތަކަކަށް އަމާޒުކޮށްގެން އިސްރާއީލުގެ ރަސްމީ ނިރުބަވެރި ބާރުތަކުން މިއަދު ޙަމަލާދީ، އޭގެ ތެރެއިން ހަތް މީހަކު މަރައިލައިފިއެވެ. އެ މީހުން ދުނިޔޭގެ މަރުކަޒީ ބަދިގެ ޖަމުޢިއްޔާގެ އުޅަނދެއްގައި ތިއްބައެވެ. މަރުވި މީހުންގެ ތެރޭގައި އޮސްޓްރޭލިއާއާއި ޕޮލަންޑާއި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި އެމެރިކާއާއި ކެނެޑާއާ ދެ ގައުމަށް ނިސްބަތްވާ މީހަކާއި އެމެރިކާއާއި ފަލަސްތީނާއި ދެ ގައުމަށް ނިސްބަތްވާ މީހުން ހިމެނެއެވެ. މި އެންމެންނަކީ ދުނިޔޭގެ މަރުކަޒީ ބަދިގެ ޖަމުޢިއްޔާއަށް ނިސްބަތްވާ މީހުންނެވެ. އެ މީހުން މަސައްކަތްކުރަމުން ގެންދިޔައީ ޣައްޒާގެ ރައްޔިތުންގެ ތެރެއިން ވިއްސިވިހާލިކޮށްލައިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭތޯއެވެ. ހަގީގަތުގައި މި މީހުންނަށް އިސްރާއީލުން އެ ޢުދުވާނީ ޙަމަލާ އަމާޒުކުރީ ފަލަސްތީނީންނަށް އިންސާނީ އެހީ ފޯރުކޮށްދޭތީއެވެ. އެހެން އެއްވެސް ސަބަބެއް ނެތެވެ. އިސްރާއީލީ ބާރުތަކުން ބޭނުންވަނީ ފަލަސްތީނު ރައްޔިތުން ބަޑަށް ހާންތިކޮށްގެން ޝަހީދުވާން ދޫކޮށްލާށެވެ. މިއަދު ޣައްޒާގެ ރައްޔިތުންގެ ޙާލަކީ އެއީއެވެ.

އިސްރާއީލުގެ ޢުދުވާނީ ޙަލަމާގައި މަރައިލި ބައިނަލްއަގުވާމީ އެހީ ފޯރުކޮށްދޭ މީހުންގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ދެ މީހުންނަކީ ޒުމީއާއި އޮލީއެވެ. މިސް ޒުމީއަކީ ވެސް ވިއްސި ވިހާލިކޮށްލައިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ، ދުނިޔޭގެ މަރުކަޒީ ބަދިގެ ޖަމުޢިއްޔާ (ދަ ވޯލްޑް ސެންޓްރަލް ކިޗަން އޮގަނައިޒޭޝަން)ގައި މަސައްކަތްކުރާ ހީވާގި ދަރުމަވެރިއެކެވެ. ޒުނީއަކީ އަބަދު ވެސް ރީތި ހިނިތުންވުމެއްގައި އުފާވެރި މޫނަކާއެކު މަސައްކަތްކުރާ ހީވަގި މަސައްކަތްތެރިއެކެވެ. މިއަދު ޒުމީ އޭނާގެ ރަފީގުންނާއެކު ދަތުރުކުރި އުޅަދަކަށް ސީދާ އަމާޒުކުރި ޙަމަލާއަކުން، "ދީރު އަލް ބަލާޙު" އަވަށުގައި އޭނާގެ ރަފީގުންނާއެކު މަރައިލި އިރު މީގެ ކުރީން 32 ހާހަށް ވުރެ ގިނަ މީހުން ޣައްޒާގައި ޔަހޫދީން ވަނީ ޝަހީދުކޮށްލައިފިއެވެ.

މި ހުރިހައި ކަމެއް މި ހިނގަނީ ދުނިޔޭގެ ހުރިހައި ގައުމެއްގެ ކުރިމަތީގައެވެ. ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން މީހަކު ވެސް ފަލަސްޠީނު ރައްޔިތަކަށް އިންސާނީ އެހީތެރިކަމެއް ދީ، އަޅައިލައިފި ނަމަ، އިސްރާއީލީ ރަސްމީ ނިރުބަވެރި ބާރުތަކުން ބަލަނީ އެ ފަދަ ކޮންމެ މީހަކީ ޙަމާހަށް ތާއީދުކުރާ ނިރުބަވެރިއެއްކަމަށެވެ. ނަމަވެސް އެއީ އެ މީހުން ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ދޭ ޙަމަލާއަކީ "ހައްގު" ޙަމަލާތަކެއްކަމަށް ހަދާން ދައްކާ "ފޭކު" ބަހަނާއެކެވެ. ހުޅަނގު ގައުމުތަކުގެ ރައްޔިތުން ވެސް ފަލަސްތީނު ރައްޔިތަކަށް އެހީވެއްޖެ ނަމަ، އެ މީހުން ބުނަނީ އެއީ ނިރުބަވެރީންކަމަށެވެ.

އިސްރާއީލުގެ މި ޢުދުވާނާ ގުޅިގެން ދުނިޔޭގެ މަރުކަޒީ ބަދިގެ ޖަމުޢިއްޔާގެ ޙަރަކާތްތައް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓައިލައި، ރައްކާތެރިކަމަށް ހީކުރެވޭ އެހެން ދިމާއަކަށް ބަދަލުވެފައެވެ. ނަމަވެސް ފަލަސްތީނުގައި މިހާރު ރައްކާތެރި އެއްވެސް ދިމާއެއް ނެތެވެ.

އިސްރާއީލި ސަހުޔޫނީންގެ އަނިޔާވެރިކަމާއި ބޭއިންސާފު، ވިލާތުގެ ގައުތަކަށް އެނގުނުކަމުގައި ވިޔަސް އަދި މަދުން ނަމަ ވެސް އެ ގައުމުތަކުގެ ރައްޔިތުން އެއްވެސް ހައްގަކާ ނުލައި މެރިކަމުގައި ވިޔަސް އިސްރާއީލާ ދެކޮޅަށް އިނގިލިކުރި ހަލުވައިލާން ކެރޭ ވިލާތުގެ ގައުމެއް ވެސް ނެތެވެ. މުޅި ދުނިޔޭގެ ހުރިހައި ގައުމަކަށް ވުރެ ފަހެ އެ މީހުން ބާރުގަދއީހެއްޔެވެ؟ އެއީ އެމެރިކާގެ އެހީގައި ދިރިއުޅޭ ނިކަމެތި ގައުމެކެވެ. ވީމާ، މިއަދު، ދުނިޔޭގައި ހިނގާ މި ބޭއިންސާފުގެ ސަބަބުން ލަދުގަންނާން ޖެހެނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ތަހުޒީބާއި ޙަޟާރަތާއި އިންސާފާއި ޑިމޮކްރެސީއާއި އިންސާނީ ހައްގުތަކުގެ އަހުލުވެރީންކަމަށް ދައުވާކުރާ ވިލާތުގެ ގައުމުތަކުގެ ނިކަމެތިކަމާއި އިސްރާއީލު ދަށުވެފައި އެ މީހުން ތިބި މިންވަރުން އެ މީހުން ވެސް ލަދުގަންނާން ޖެހޭނެއެވެ. މި އަދު ވެސް އޮސްޓްރޭލިއާގެ މިސް ޒޫމީ އިސްލާއީލީ ނިރުބަވެރި ލަޝްކަރުގެ ޙަމަލާގައި މަރައިލީ ފަލަސްޠީނީންނަށް ކާއެތިކޮޅު ފޯރޮށްދޭތީއެވެ. ދުނިޔޭގެ ގައުމުތަކުގެ ނިކަމެތިކަމާއެވެ! ލަދުނުގަންނަކަމާއެވެ!!

____________________________________

ބައެއް ލަފުޒުގެ މާނަ:

ނިރުބަވެރީން          ނ.      (1) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ބިރު ދައްކާ މީހުން. (2) އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދާ ނުވަތަ ފަތުރާ މީހުން.

ދަރުމަވެރި           ނއ.      އަމިއްލައެދުމެއް ނެތި ހެޔޮކޮށް ހިތާ.

ދަރުމަވެރިކަން         ނ.       އަމިއްލަ އެދުމެއްނެތި ހެޔޮކޮށް ހިތާކަން.

ވިއްސިވިހާލިވުން        މ.       ހާވިޔާވުން.

Advertisement

ކޮމެންޓް
އިބްނި މުހަންމަދު
އަދިވެސް އިސްރާއީލުގެ ޕާސްޕޯޓު މި ރާއްޖޭގައި މަނާކުރާކަށް ނުވޭބާ؟
03 Apr 2024
ޢަލިފުޅު
ވަރަށް މުހިއްމު މަޢުލޫމާތުކޮޅެއް އަސަރުހުރި.
03 Apr 2024