އަނިޔާވެރިކަމުގެ ހަނދާން ތާއަބަދަށް ދެމިހުރެއެވެ.
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޚަލީފާ މައުމޫނު ތުއްޕުޅުއިރު، އެ މަނިކުފާނުގެ މުދައްރިސު އެމަނިކުފާނުގެ ގައިކޮޅުގައި ޖެއްސެވިއެވެ. ދެން، މުދައްރިސު އެ ފަދައިން ކަންތައްކުރެއްވީ ކީއްވެތޯ އެއްސެވުމުން، މުދައްރިސު ވިދާޅުވިއެވެ. "އެއްޗެއް ނުބުނެ މަޑުން ހުންނަވާށެވެ!" އަދި، މި ފަދައިން ކަންތައްތައް ތަކުރާރުކުރައްވައި، މުދައްރިސު މައުމޫނުގެ ގައިކޮޅުގައި އެތައް ދުވަހަކު ޖެއްސެވިކަމަކަށް ވެއެވެ. އަދި އެއީ ކީއްވެތޯ ސުއާލުކުރައްވާ ކޮންމެ ފަހަރަކު ވެސް މުދައްރިސުގެ ޖަވާބަކަށް ވަނީ އެއްޗެއް ވިދާޅު ނުވެ މަޑުން ހުންނެވުމެވެ.
އޭގެ ވިއްސަކަށް އަހަރު ފަހެވެ. މިހާރު މައުމޫނަކީ ޚަލީފާއެވެ. އިސްލާމީ އުންމަތުގެ ވެރިޔާއެވެ. އެއް ދުވަހަކު، ޚަލީފާ މައުމޫނުގެ ދަރުބާރަށް މައުމޫނުގެ މުދައްރިސު ހާޒިރުކުރެވުނެވެ. ދެން، މުދައްރިސު ކުރެން ޚަލީފާ މައުމޫނު ސުއާލުކުރެއްވިއެވެ. "މުދައްރިސު އަޅުގަނޑު ގައިގައި ޖެއްސެވީ ކީއްވެތޯއެވެ؟"
ޖަވާބުގައ މުދައްރިސު ދެންނެވިއެވެ. "މަނިކުފާނު އެ ހާދިސާ އަދިވެސް ހަނދުމަފުޅު އެބަހުރި ދޮގެއްތޯއެވެ؟"
ޚަލީފާ މައުމޫނު ވިދާޅުވިއެވެ. "އާދޭހެވެ! އެ ކަން ހަނދާން ނެތޭނީ ކިހިނަކުންތޯއެވެ؟ ކަމަކުން ކަމަކާ ނުލައި މުދައްރިސު ޖެއްސެވީމާ އެ ކަން ހަނދާންނެއް ނުނެތޭނެ ނޫންތޯއެވެ؟ އެހެންވެ، އެ ކަމުގެ ސަބަބު ހޯދާން ބޭނުންވެގެން މިއަދު މި ދަރުބާރަށް މުދައްރިސު ހާޒިރުކުރެވުނީއެވެ."
"އެންމެ ރަނގަޅެވެ!" މުދައްރިސު ދެންނެވިއެވެ. "އެ ކަމުގެ ސަބަބު މިއަދު ބަޔާންކޮށްދޭނަމެވެ." މުދައްރިސުގެ ވާހަކަ ކުރިއަށް ގެންދެވިއެވެ. "މަނިކުފާނުގެ ބައްޕާފުޅަށް ފަހު، ޚަލީފާކަމަށް އިސްވެވަޑައިގަނަންނަވާން އޮތީ މަނކުފާނު ނޫންތޯއެވެ! އެހެންވެ، މަނިކުފާނު ޚަލީފާކަމަށް އިސްވެވަޑައި ގަތުމުން، ހަނދުމަފުޅު ބަހައްޓަވާން ޖެހިވަޑައިގަންނަވާ ވަރަށް ވެސް މުހިންމު ކަމެއް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން އެ ގޮތަށް ކަންތައް ކުރީއެވެ. މަނިކުފާނު ޚަލީފާއަކަށް އިސްވެވަޑައި ގަތުމަށް ފަހު އެންމެ މުހިންމު ކަމަކީ ވެރިކަންކުރެއްވުމުގައި އަދުލުވެރިވެވަޑައިގަތުމެވެ. އެއްވެސް ހައްގަކާ ނުލައި، މަނިކުފާނުގެ ގައިކޮޅުގައި އަޅުގަނޑު ޖެހި މަތީން މަނިކުފާނު ހަނދުމަފުޅު ނެތިގެން ނުދޭނޫންތޯއެވެ؟ ހަމަ އެހެންމެ، ބޭއިންސާފުން މީހަކާ ދޭތެރޭ ކަންތައްކުރައްވައި، އޭނާއަށް އަނިޔާއެއް ދެއްވައިފި ނަމަ، ނުވަތަ އޭނާއަށް އަނިޔާއެއް ކުރައްވައިފި ނަމަ، އެ މީހެއްގެ ހިތުން އެކަން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ. އެހެނީ އަނިޔާވެރިކަމުގެ އަލިފާނުން އުފެދޭ ޒަޚަމްތަކަކީ، ދުވަހެއްގައި ވެސް، ފިލައި ފޮހެވިގެންދާނޭ ފަދަ އެއްޗެއް ނޫނެވެ. އޭގެ ދިލަ ހޫނުގެ އަސަރު، އަބަދުގެ އަބަދަށް، ހިތުގައި ބިންވަޅު ނެގި، ހަރުލައިފައި ހުންނާނެއެވެ."
[ނޯޓު: މަތީގައިވާ ތަސްވީރުން ދައްކުވައިދެނީ ޚަލީފާ މައުމޫނުގެ ދަރުބާރު ރަމްޒުކޮށްދޭ މަންޒަރެކެވެ.]