ދިވެހިބަހަށް އިސްކަން ނުދެވެނީ ތަންފީޒީ ބާރުތަކުގެ ވެރީން ދިވެހިބަސް ދެކެ ލޯބިފުޅުނުވާތީއެވެ. އެހެން އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނުނެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިރާއްޖޭގެ ޤައުމީބަހަށް އިސްކަންދިނުމުގެ ޤާނޫނު ވުޖޫދުގައި އޮންނަތާ 13 ވަރަކަށް އަހަރުވީއެވެ. އަދި ވެސް އެއީ ވަރަ ބިނދިފައި އޮންނަ ހެން އޮންނަ، ބާރެއް ނެތް، ގާނޫނެކެވެ. އެ ގާނޫނުގައި ދިވެހި ދައުލަތަށް ލާޒިމުކުރާ ކިތަންމެ ކަމެއް، އެއްވެސް ޚަރަދަކާ ނުލައި ކުރެވޭން ހުއްޓަސް ނުކޮށް އެބަ ހުއްޓެވެ. ނަމަވެސް އެ ގާނޫނު ތަންފީޒުކުރައްވާން ޖެހިވަޑައިގަންނަވާ، ދައުލަތުގެ ގިނަ އިދާރާތަކުން ފެންނަނީ، އެ ކަންކަން ނުކުރައްވާން އެކި ފާޑުފާޑުގެ ބަހަނާ ދައްކަވާ ތަކެވެ. ކަމެއް ނުކުރާން ވެއްޖިއްޔާ ހާސް ބަހަނާ ދެއްކިދާނެއެވެ. ކުރާން ބޭނުންވާ ބަޔަކު ނަމަ، އުޅޭނީ ބަހަނާ ނުދައްކައި އެ ކަމެއް ކުރާށެވެ. ކުރެވޭނެ މަގެއް ހޯދައިގެން އެ ކަންކަން ކުރާށެވެ. މިއީ އިންސާނީ ޠަބީޢަތެވެ.
މިއީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ދިވެހީންނެވެ. ބަޔަކު އެހެން ބަސްބަހުން ވާހަކަދައްކައި އުޅުނަސް އާންމު މުޢާމަލާތުކުރަނީ ދިވެހިބަހުންނެވެ. ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 11ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް"ކަމަށެވެ. ގާނޫނު ނަންބަރު: 2/68ޖ. (އޮފިޝަލް ކަންތައް، ޗެޕްޓަރ 2)ގެ ފުރަތަމަ މާއްދާގައި އޮންނަނީ "ދައުލަތުގެ ރަސްމީ ލިޔުންތަކުގެ ތެރެއިން ކޮންމެހެން ބޭރު ބަހަކުން ލިޔާން ޖެހޭ ލިޔުންތައް މެނުވީ އެހެން ހުރިހައި ލިޔުންތަކެއް ހުންނާން ވާނީ ދިވެހިބަހުން ލިޔެފައި"ކަމަށެވެ. ޤާނޫނު ނަންބަރު: 9/2011 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ ތިންވަނަ މާއްދާގެ (ހ)ގައި އޮންނަނީ "ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށްވުމާއެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުޢާމަލާތުތައް ކުރާން ޖެހޭނީ ދިވެހިބަހުން"ކަމަށެވެ. މި މާއްދާގެ (ނ)ގައި އޮންނަނީ "ދިވެހި ދައުލަތުގެ ހުރިހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތާނގެ ލިޔެކިޔުންތަކުގެ ތެރެއިން، ބޭރުބަހަކުން ކޮންމެހެން ހުންނާން ޖެހޭ ލިޔެކިޔުންތަކާއި، މި ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔެކިޔުންތައް ދިވެހިބަހުން ތާނައަކުރުން ހުންނަންޖެހޭނެއެވެ." މިހެންނެވެ. މި މާއްދާއާއި މި ޤާނޫނުގެ އެހެން މާއްދާއަކުން ވެސް އިސްތިސްނާ ކޮށްފައިވާ (ނުވަތަ ދިވެހިބަހުން ނޫން ބަހަކުން ލިޔާން ޤާނޫނު ހުއްދަކުރާ) ލިޔުންތަކަކީ ޢިލްމީ ނުވަތަ ޑޮކްޓަރީ ތަޙުލީލުތަކުގެ ރިޕޯޓްތަކާއި، ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީތަކާއި، ރަސްމީ ލިޔުމަކަށް ނުވާ ގޮތަށް ކުރެވޭ ނޯޓުކުރުންތަކާއި، ދެލިކޮޕީތަކާއި، ދިވެހިބަހުން ލިޔެފި ނަމަ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތަކެވެ. މި ފަދަ ލިޔުންތައް ވެސް ދިވެހިބަހުން ލިޔާކަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތެވެ. ހަމައެކަނި އެހެން ބަހަކުން ލިޔާން ހުއްދަދެނީއެވެ.
ދިވެހިރާއްޖޭގައި ހުންނަ ދިވެހިބަހާއި ތާނައަކުރު ދެކެ "ބިރުގަންނަ" ބެންކެއް: ރަތްކުލައިގައި އެ ވާ ނިޝާނާއި ހުދުކުލައިގައި އެ ހުރި އަކުރުތަކަކީ ވެސް ލޯގޯކަމަށް ބުނެވެއެވެ. އެހެންވީ އިރު، މި ބޭންކުގެ ނަންބޯޑު ނެތީތާއެވެ. (ފޮޓޯ: ފަރަގު މީޑިއާ)<br>
އަދި ވެސް އިތުރުކޮށްލާނަމެވެ. ޤާނޫނު ނަންބަރު: 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ ހަތަރުވަނަ މާއްދާގެ (ހ)ގައި ވަނީ ''ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކުން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ އެންމެހައި ލިޔުންތަކުގެ ތެރެއިން، މި ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ލިޔަންވާނީ ދިވެހިބަހުން ތާނަ އަކުރުން"ކަމަށެވެ. (މި މާއްދާގައި ވެސް އިސްތިސްނާ ކޮށްފައި މިވަނީ ހަމަ އިސްވެ ދެންނެވުނު ފަސް ބާވަތުގެ ލިޔުންތަކެވެ.)
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ދިވެހިބަހަށް އިސްކަންދޭން ލާޒިމުކުރާ ކިތަންމެ ނުކުތާއެއް ލިޔެ ހާމަކުރެވިދާނެއެވެ. ނަމަވެސް ޤާނޫނުގައި ލިޔެފައިވާ އެއްޗެއް ތަންފީޒުވާނީ ދައުލަތުގެ މުއައްސަސާތަކުގެ ވެރީން ދިވެހި ޤައުމިއްޔަތަށް ލޯބިކުރައްވާ ނަމައެވެ. އަދި ދިވެހިބަހަށް އެ ބޭފުޅުންގެ ހިތްޕުޅުގައި ލޯތްބެއް އޮތް ނަމައެވެ. އެ ބޭފުޅުން ދިވެހިބަހަށް އިސްކަންދެއްވާ ނަމައެވެ. އަދި ޤައުމު ދެކެ ލޯބިވާ ދިވެހިއްޔަތަށް އިޙުތިރާމްކުރައްވާ ބޭފުޅުން ދައުލަތުގެ އިދާތަކުގައި ބަސް ބުނެވޭ މަގާމުތަކަށް އިސްކުރެވިގެންނެވެ.
ނަމަވެސް ހިތާމައާއެކު ފާހަގަކޮށްލާން ޖެހޭ ހަގީގަތަކީ، ދިވެހިރާއްޖޭގެ ހުރިހައި ޤާނޫނެއްގައި ވެސް ދިވެހިބަހަށް ވަރަށް ބޮޑަށް އިސްކަންދީފައި ވިޔަސް، އަދި ދިވެހިބަހުން އެއްވެސް އެއްޗެއް ލިޔާން އެއްވެސް ގާނޫނެއް މަނާކޮށްފައި ނެތަސް، ދައުލަތުގެ ގިނަ މުއައްސަސާތަކުގެ ވެރީން ދިވެހިބަހާ އިދިކޮޅަށް މަސައްކަތްކުރައްވާކަމެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވެސް ދިވެހިބަހާ ދުރަށް ވަޑައިގަންނަވާން މަސައްކަތްޕުޅުކުރައްވާކަމެވެ. މި ކަމުގެ ސާބިތުކަން ބޮޑު މިސާލުތައް ދިމާއަށް އެހެރީ ފެންނާށެވެ. އެއް ދުވަސްވަރެއްގައި ހުންނެވި ބަންޑާރަނައިބަކަށް "އިސްކަންދިނުން" މި ލަފުޒުގެ މާނަ އެނގިވަޑައިނުގަންނަވާތީ، ނުވަތަ ރަދީފުން އެ ލަފުޒު ފެނިވަޑައިނުގަންނަވާތީ، ދިވެހިބަހަށް އިސްކަން ދިނުމަކީ ގާނޫނީ ގޮތުން މަޖުބޫރުކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހިބަހަށް އިސްކަން ދިނުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަމަކަށް ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ. މި ތަނުން ވެސް މި ފެނުނީ ދިވެހިބަހާ ކައިރި ވެވަޑައިނުގަންނަވާން ދެއްކެވި ބަހަނާއެވެ.
ދިމާ ކުރިމަތީން ތިޔަ ފެނިވަޑައިގަންނަވަނީ ދިވެހީންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާން ޤާއިމުކުރައްވައިފައިވާ މުއައްސަސާއެއްގެ ނަންބޯޑެކެވެ. ބިދޭސީންނަށް ނޭނގިދާނެތީ ލެޓިން އަކުރުން ނަން ލިޔެފައިވަނީޔޯލައެވެ. ނުވަތަ އެއީ ލޯގޯއެކޯލައެވެ. ނަމަވެސް އެ ބޮޑުމިނުގައި ތާނައަކުރުން "ފުލުސް" މިހެން ޖަހައިފައި އޮތަސް ބިދޭސީންނަށް ވެސް މަދު ހިނދުކޮޅެއްގެ ތެރޭގައި އެއީ ކޮން ތަނެއްކަން ދެނެގަނެވޭނެއެވެ. ފޮޓޯގެ ވާތް ފަތާރުން ތިޔަ ފެނިވަޑައިގަންނަވަނީ ދިވެހީންނަށް ދަތުރުފަތުރުގެ ޚިދުމަތްދޭ ބަހެއްގެ ފަހަތުކޮޅެވެ. ލެޓިން އަކުރުން RTL މިހެން ލިޔެފައި އެބަ އޮތެވެ. އަޅުގަނޑަކަށް އެއީ ކޯއްޗެއްކަމެއް ނޭނގެއެވެ. (ފޮޓޯ: ފަރަގު މީޑިއާ)<br>
މާލޭގެ އަވަށެއްގެ ފުލުސް އޮފީހެއް ހުޅުއްވި އިރު ތިރީގައި ކުޑަކުޑަކޮށް ތާނައިން ނަން ލިޔެފައި ވަރަށް ބޮޑު އަކުރަކުން ލެޓިން އަކުރުން އިނގިރޭސިބަހުން ނަން ލިޔުއްވައިފައި އޮވެގެން، އެ ކަމާ ސުވާލުކޮށްލުމުން ދެއްކެވި ބަހަނާ އެނގިވަޑައިގަންނަވައިތޯއެވެ؟ "Police" އެއީ ނަމެއް ނޫންކަމަށާއި އެއީ "ނިޝާނެއް"ކަމަށެވެ. ނަމަވެސް ފުލުހުންގެ ނިޝާނެއްގެ ގޮތުން ޢާންމުކުރެއްވި ނިޝާން ތިޔަ ފެނިވަޑައިގަންނަވަނީއެވެ.
ފުލުހުން ޢާންމުކުރައްވައިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތުގެ ނިޝާން: މި ނިޝާނުގައި ހުރިހައި ލިޔުމެއް ހުރީ ވެސް ދިވެހިބަހުން ތާނައިން ލިޔުއްވައިފައިކަން އުފަލާއެކު ފާހަގަކުރަމެވެ. (ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް)<br>
ވީމާ އެއީ ދިވެހިބަހާ ދުރަށް ވަޑައިގަންނަވާން ބޭނުންފުޅުވާތީ އިތުރުފުޅެއް ހައްދަވައިގެން ނަމަވެސް ދެއްކެވި ބަހަނާއެކެވެ. އެ އިދާރާގައި "Police" ބޮޑުކޮށް ލިޔެފައި އޮންނަ އަނެއް ސަބަބެއްކަމަށް ވިދާޅުވަނީ ރާއްޖޭގައި އުޅޭ ބައިނަލްއަގުވާމީ މީހުންނަށް ފަސޭހައަކަށް ޓަކައިކަމެވެ. އެހެން ނޫނީ އެ މީހުންނަށް ފުލުސް އޮފީސް ހޯދާން އުނދަގޫވެދާނެތީއެވެ. މިއީ ވެސް ތާކުންތާކު ނުޖެހޭ ބަހަނާއެކެވެ. ފުރަތަމަ ސަބަބަކީ ފުލުހުންގެ ޚިދުމަތަކީ އެތެރޭގެ މަދަނީ ޚިދުމަތަކަށް ވެފައި އެއީ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގާއިމުކޮށްފައިވާ ޚިދުމަތަކަށްވާކަމެވެ. އަނެއް ވާހަކައަކީ ވެސް ތާކުންތާކު ނުޖެހޭ ވާހަކައެކެވެ. އިނގިރޭސިބަހުން ނުލިޔުނިއްޔާ ބޭރު މީހުންނަށް ނޭނެގޭނެކަމަށް ވިދާޅުވާ ވާހަކައެވެ. ލެޓިން އަކުރުން އިނގިރޭސިބަހުން ނުލިޔެ ހަމައެކަނި ދިވެހިބަހުން ތާނައަކުރުން "ފުލުސް އޮފީސް" މިހެން ބޮޑު އަކުރުން ލިޔެފައި އޮތަސް ބިދޭސީން އެ ނަން ދަސްކޮށްލާން މާ ގިނަ ވަގުތެއް ނުވާނެއެވެ. އެއީ، އެ ގޮތަށް ނަން ލިޔެފައި ވަނީ ކޮން ތަނެއްގައިކަން އެއް ފަހަރު ބުނެލީމާ، އެއީ ފުލުސް އޮފީސްކަން އެ މީހުންނަށް އެނގޭނެއެވެ. އެހެން ނޫންނަމަ، އިސްޕޭނުގައި Policía ޖަރުމަނުވިލާތުގައި Polizei، ޢަރަބި ބައެއް ގައުމުތަކުގައި شرطة، އިންޑޮނޭޝިއާގައި POLISI، މެލޭޝިއާގައި POLIS، އިސްރާއީލުގައި מִשׁטָרָה ލިޔުނީމާ އެ ތަންތާނގައި އުޅޭ ބިދޭސީންނަކަށް އެ ތަންތާނގެ ފުލުހުންނާއި ފުލުސް އިސްޓޭޝަންތައް ނޭނގުނީސްތާއެވެ. ހުސް ހޮޅި ވާހަކައެވެ. ދިވެހި ގައުމިއްޔަތާއި ދިވެހިބަހަށް ނަފުރަތުކުރައްވާތީ ދައްކަވާ ދެކޮޅުނުޖެހޭ ބަހަނާއެވެ. "އޫރެޑޫ" (އުރީދޫ)އާއި "ދިރާގު"އަކީ ވެސް މުވާޞަލާތީ ދެ ކުންފުނިކަން އެ ނަން ކިޔައިލުމުން އެބަ އެނގެއެވެ. "ފެނަކަ"އޭ ބުނާ އިރަށް އެއީ ފެނާއި ނަރުދަމާއާއި ކަރަންޓާ ބެހޭ ޚިދުމަތް ދޭ ކުންފުންޏެއްކަން އެބަ އެނެގެއެވެ. ފުރެއްދެ ނަމެއް ނުކިޔަސް ވެހެވެ. ވީމާ، ވަކި ބަޔަކަށް އަންގާކަށް ފުރެއްދެ ބަހަކުން ކޮންމެހެން ނަން ކިޔާކަށް ނުޖެހޭކަން އެބަ އެނގެއެވެ.
މާލޭގެ މަގެއް: އެއްކޮޅުން އަނެއް ކޮޅަށް ލެޓިން އަކުރުން ލިޔެފައި އެވަނީ ނަމެއް ނޫންކަމަށާއި އެއީ ލޯގޯއެއްކަމަށް އިވެއެވެ. ނަންބޯޑު ނެތީކަމަށް ވެދާނެއެވެ. އަޅުގަނޑުމެންނަށް ނޭނގެނީއެވެ. (ފޮޓޯ: ފަރަގު މީޑިއާ)<br>
ރާއްޖޭގެ މަޝްހޫރު ބޭންކެކެވެ. އެއްކޮޅުން އަނެއްކޮޅަށް އެ ތާނގެ ނަން ބިދޭސީ ބަހަކުން ލެޓިން އަކުރުން ޖަހައިފައި ވެސް ބުނަނީ އެއީ އެ ތާނގެ ނަން ނޫންކަމަށާއި އެއީ ލޯގޯކަމަށެވެ. ހުސް ބަހަނާއެވެ. ދިވެހިބަހަށް ނަފުރަތުކުރައްވާތީ ދައްކަވާ ތާކުންތާކުނުޖެހޭ ބަހަނާއެވެ. ހަމަ އެންމެނަށް ފެންނަ ގޮތަށް އަތިރިމަތީގައި ހުންނަ ބޭރު ގައުމެއްގެ ބޭންކެއްގައި ބޮޑުއަކުރުން ތާނައަކުރުން ބެންކުގެ ނަން އެ މީހުން ލިޔެފައި އޮތީ ފަޚުރުވެރިކަމާއެކީގައެވެ. އެކަމަކު ދިވެހި ބޭންކުގެ މީހުން ދިވެހިބަހުން ނުވަތަ ތާނައަކުރުން ނަން ޖެހުމަކީ ކަޓުކަމެއްކަމަށް ދެކި އެ ކަން ކުރާން ލަދުގަނެއެވެ.
މިއީ ވަރަށް ދިގުކޮށް ދެއްކިދާނެ ވާހަކައެކެވެ. އަޅުގަނޑު ދެކެ ސަރުކާރުގެ މުއައްސަސާތަކުގެ ވެރީން ކޯފާވާނެ ވާކައެއްކަމަށް ވެސް ވެދާނެއެވެ. ކިތަންމެ ވަރަކަށް ފާވިޔަސް ހަގީގަތް ހާމަކުރާކަށް އަޅުގަނޑު ޖެހިލުމެއް ނުވާނެއެވެ. ﷲގެ ރިޒުޤު ބަންދުކުރެވޭނެ ބާރެއް އިންސާނަކަށް ލިބިގެނެއް ނުވެއެވެ. އެހެންވީ އިރު ޖެހިލުން ވާން ޖެހޭ ސަބަބެއް ނެތެވެ. حسبنااالله ونعم الوكيل. (އަޅަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.)
ދެން އޮތީ ވަރަށް ބާރުގަދަ ވުޒާރާއެއްގެ ވާހަކައެކެވެ. ގާނޫނު ތަންފީޒުކުރެއްވުމުގައި އެންމެ ނުފޫޒުގަދަ އެއް ވުޒާރާއެވެ. ދައުލަތުގެ މުއައްސަސާތަކުގެ ނަންފިލާގަނޑުތައް މި ދެންނެވި އުސޫލުން ހުންނަ އިރު އަމިއްލަ މީސްމީހުންގެ ތަންތާގެ ނަންބޯޑުތަކަށް ވެސް ބާރު ފޯރުވޭނެ ވުޒާރާއެކެވެ. ނަމަވެސް އެ ތާނގެ ވެރީންގެ ވެސް އެންމެ ޝައުޤުވެރިކަން ހުންނަނީ ބަހަނާ ދައްކަވައިގެން ދިވެހިބަހާ ދުރަށް ވަޑައިގެންނެވޭނެ ގޮތެއް ވޭތޯ ބެއްލެވުމެވެ. މި ބޭފުޅުން ދައްކަވާ ބަހަނާ އެނގިވަޑައިގަންނަވައިތޯއެވެ؟ މި ބޭފުޅުން ވިދާޅުވަނީ ނަންބޯޑުތައް ދިވެހިބަހުން ހުންނާން ގާނޫނު ލާޒިމުކުރަނީ ހަމަ އެކަނި ދައުލަތުގެ އިދާރާތަކުގައި ކަމަށެވެ. އަނެއްކާ ވެސް ދިވެހިބަހާ ދުރުގައި އުޅުއްވޭތޯ ދައްކަވާ ބަހަނާއެކެވެ. ދިވެހިބަހުން ލިޔުން މަނާ އެއްވެސް ގާނޫނެއް ނެތެވެ. އަނެއް ކޮޅުން ޤާނޫނު ނަންބަރު:2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ ފަސްވަނަ މާއްދާގެ (ނ)ގައި ދައުލަތުގެ އިދާރާތަކާއި އާންމުންގެ ތަންތަނާއި އެއްވެސް ތަނެއް އިސްތިސްނާ ނުވާނޭ ގޮތުން އޮންނަނީ "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައިޢާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައިވެސް އެތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައިއޮންނަންވާނެ"ކަމަށެވެ. އަދި "ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާ ނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށްވުރެ ބޮޑުވެގެން ނުވާނެ"ކަމަށް ވެސް މި މާއްދާގެ (ރ)ގައި ސަރީހަކޮށް ބަޔާންކޮށްފައި އެބަ އޮތެވެ. އެހެންވީމާ މި ގޮތަށް ލިޔެފައި ނެތް ކޮންމެ ތަނެއްގައި ނަންބޯޑު އެ ހުންނަނީ ގާނޫނާ ޚިލާފަށެވެ. އެއްވެސް އިސްތިސްނާއެއް ނެތިއެވެ. ވީމާ ގާނޫނާ އެއް ގޮތަށް ނަންބޯޑުތައް ބަދަލުކުރާން ދައުލަތަށް އެންގޭނެއެވެ. އަދި އެ ގޮތަށް ބަދަލުނުކުރާ ތަންތަން ބަންދުކުރާން ވެސް އެންގެވޭނެއެވެ. އެކަމަކު ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތަށް ޓަކައި ކިހާ މުހިންމު ތަރިކައެއްކަން އިޙުސާސްކުރައްވާ ވެރީން ތަންތާނގައި ތިއްބަވާ ނަމައެވެ. ޤައުމިއްޔަތުގެ ރޫޙު ހިތުގައި އަށަގެންފައިވާ ވެރީން ތަންތާނގައި އިސްކޮށް ތިއްބަވާ ނަމައެވެ.
މާލޭގައި ބޭރު ގައުމަކުން ހިންގާ ބެންކެއް: އެ މީހުން ބެންކަށް ކިޔާ ނަން ގާނޫނާ އެއް ގޮތަށް ތާނައަކުރުން ލިޔެލުމަކީ ފަޚުރެއްކަމަށް ދުށްޓަސް ދިވެހި ބޭންކުން ދެކެނީ އެއީ ވަރަށް ކަޓު ކަމެއްކަމަށެވެ. (ފޮޓޯ ފަރަގު މީޑީއާ)<br>
ދާދި ފަހުން ދައުލަތުގައި އުފެދުނު އިދާރާއަކަށް ރީތި ދިވެހި ނަމެއް ކިޔޭން އޮއްވައި، އެ ނަމުގެ ތަރުޖަމާ އިނގިރޭސި ބަހުން އޮންނަ ގޮތަށް އެއީ ދިވެހިބަހުން ވެސް ކިޔާ ގޮތްކަން ހަމަޖެއްސެވީއެވެ. އެ ތާގެ ނަމުގެ ތަރުޖަމާއަކަށް ޢަރަބިބަހުން އޮތީ "ބައިތުއްޒަކާތި" އެވެ. އިނގިރޭސި ތަރުޖަމާއަކަށް އޮތީ "ޒަކާތު ހައުސް"އެވެ. ޒަކާތަކީ އިނގިރޭސިބަހާ އެއްވެސް ގުޅުމެއް ނެތް އެއްޗަކަށް ވިޔަސް ދިވެހިބަހުން "ޒަކާތުގެ" ކިޔޭން އޮއްވައި، އެހެން ނުކިޔައި، ޒަކާތުގެ އަސްލު އައި ބަސްކަމުގައިވާ ޢަރަބިބަހުގެ "ބައިތުއްޒަކާތި" ވެސް ނުކިޔައި ހަމަ ގަދަފައި ވިއްދައިފައި އިނގިރޭސިބަހުން ކިޔާ ގޮތަށް ދިވެހިބަހުން ކިޔާން ބާރުއެޅުއްވި ބަޔަކު އެ ކަމަށް ބާރުއެޅުއްވީ ދިވެހިބަސް ދެކެ ހާދަހާ ފޫއްސެއް ވާތީތާއޭ ހިތަށް އެރިއެވެ. "ގެ" މި ލަފުޒަކީ "ހައުސް"އަށް ވުރެ ލިޔާން ވެސް ކިޔާން ވެސް ފަސޭހަ ލަފުޒަކަށް ވެފައި އެއީ އެންމެ އިހުއްސުރެ، ރާއްޖޭގައި ދީނީ ކަންކަމާ ގުޅުވައިގެން ވެސް ބޭނުންކޮށްފައިވާ ރީތި ލަފުޒަކަށް ވާ އިރު، ހަމަ އިނގިރޭސިބަހުން ކިޔާ ގޮތަށް "ޒަކާތު ހައުސް"އޭ ކިޔާން ބާރުއެޅުއްވީ ހަމަ ގައިމު ވެސް ދިވެހިބަހަށް އިސްކަން ދެއްވާތީކަމަކަށް ނުދެންނެވޭނެއެވެ. އިހު ޒަމާނުގައި ވެސް "ގެ" ބޭނުންކޮށްގެން، "ނަމާދުގެ" އާއި "މައުލޫދު ހަރުގެ"އާއި "ކާޑުގެ" ވެސް ބޭނުންކޮށްފައިވާ އިރު، އިނގިރޭސިބަހުން "ޒަކާތު ހައުސް"އޭ ކިޔަސް، ޢަރަބި ބަހުން "ބައިތުއްޒަކާތި"އޭ ކިޔަސް ދިވެހިބަހުން "ޒަކާތުގެ" ކިޔައިގެން މަދުވާނީ ކޮން އެއްޗެއް ބާވައެވެ. ލިބޭނީ ކޮން ގެއްލުމެއްބާވައެވެ. ދިވެހިރާއްޖޭގެ އަދި ދިވެހި ދައުލަތުގެ ނުފޫޒު ގަދަ ބޭބޭފުޅުން ދިވެހިބަހަށް އެއްވެސް އިޙުތިރާމެއް ނުކުރައްވާކަމުގެ މި ފަދަ ކިތަންމެ މިސާލަކާއި ސާބިތު ހެކިތަކެއް ދިމާއަށް ފެންނާން އެބަ ހުއްޓެވެ. ނަމަވެސް މި ދެންނެވި ފަދަ ބޭފުޅުންނަށް ވެސް ފާޅުގައި ތިމަން ބޭފުޅުން ދިވެހިބަސް ދެކެ ފޫހިފުޅުވެޔެކޭ ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވައެވެ. މިއީ ފިނޑިކަން ނުވަތަ މުނާފިގުކަން ފިޔަވައި ކޮން ކަމެއްތޯއެވެ!
މިއީ ރާއްޖެއިން ބޭރުގައި ހުރި ޢިމާރާތެއް ނޫނެވެ. މިއީ ދިވެހިރައްޔިތުން ދިރިއުޅޭ އެޕާޓުމެންޓު ޢިމާރަތެއްގެ ނަން ބޯޑެެވެ. ގާނޫނާ އެއް ގޮތެއް ނޫނެވެ. (ފޮޓޯ: ފަރަގު މީޑިއާ)<br>
ދިވެހިރައްޔިތުން މާލޭތެރޭގައްޔާއި މާލެއިން ހުޅުމާލެއަށް ދަތުރުކުރާން ހުންނަ ބަސްތަކަށް އަޅުގަނޑުމެން މުސްކުޅީންނަށް ނޭނގޭ ބަހަކުން ކޮންމެވެސް "އާރުޓީއެލް"އެކޭ ލިޔެފައި އޮތަސް އެއީ ކޮން ތާކަކަށް ދާ ބަހެއްކަން ދިވެހި ގިނަ މީހުންނަށް އެނގެއެވެ. އަޅުގަނޑުމެން ފަދަ މަދު މީހަކަށް ނޭނގުނު ނަމަވެހެވެ. އެހެންވީ އިރު، ދިވެހިބަހުން ނަމެއް ކިޔަސް އެ ޚިދުމަތް ދޭން ފެށުމުން ބިދޭސީންނަށް ވެސް އެނެގޭނެތާއެވެ. އެހެންނެއް ނޫނެވެ. ތަންތާނގައި ބަސްބުނާން ތިއްބަވާ ބޭފުޅުންނަށް ހަމަ ބޭރުބަސްތައް ރީތިފުޅުވެ، ދިވެހިބަހާއި ދިވެހި ކާބަފައިން އުފެއްދި ފަޚުރުވެރި ތާނައިގެ އަކުރުތައް ހުތުރީއްޔެވެ. އެ އަކުރުތަކާއި ދިވެހިބަސް ދެކެ ފޫހިފުޅުވަނީއްޔެވެ. މި ދެންނެވި ބޭބޭފުޅުން ދިވެހިބަހުން ވާހަކަފުޅުދައްކަވާ އިރުގައްޔާއި ފައިސާ މެސެނު ކައިރިއަށް ވަޑައިގެން ބަސް ޚިޔާރުކުރައްވާ އިރު، އެ ބޭބޭފުޅުން ދިވެހިބަސް ދެކެ ފޫހިފުޅުވާ މިންވަރު ހާމަވެއެވެ.
މިދާކަށް ދުވަހު ރާއްޖޭގެ ރަށެއްގެ ކައުންސިލަކުން އެ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ބޭއްވި ރޯދަވީއްލުމެއްގެ ފޮޓޯއެއް ބޭފުޅަކު އަޅުގަނޑަށް ފޮނުއްވިއެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އެ ޙަފުލާގެ ބިއްދޮށުގައި ބޯޑެއްގައި ވަރަށް ރީތިކޮށް ލެޓިން އަކުރުން ލިޔެފައި އޮތީ "ސްޓާފް އިފްތާރު" މިހެންނެވެ. އެ ފޮޓޯ ފޮނުއްވި ބޭފުޅަކަށް އަޅުގަނޑު މެސެޖެއް ފޮނުވީމެވެ. "ތިޔަ ކައުންސިލުގައި ދިވެހި މުވައްޒިފަކު ނޫޅުއްވަނީތޯއެވެ؟" އެއަށް ޖަވާބެއް ނުދެއްވައި ފޮޓޯ ފޮހެލެއްވީއެވެ. މިއީ ހަމަ ގައިމު ވެސް އިނގިރޭސިބަހަށް، ލެޓިން އަކުރަށް، ހުންނަ ލޯބި ފިޔަވައި އެހެން ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މުވައްޒަފުންގެ ރޯދަވީއްލުމޭ ތާނައަކުރުން ލިޔުއްވައިލެއްވިއްޔާ ވާނީ ކީއްތޯއެވެ!
މީގެ ފަސް ހަ އަހަރު ކުރީން ގާނޫނެއް ފާސްކުރައްވާން އުޅުއްވި އިރު، ވިދާޅުވާން އުޅުއްވި ނަން، ދިވެހި ދޫތަކަށް އުނދަގޫވެފައި، އެ ލަފުޒުގެ ބަދަލުގައި ކިޔާނެ ދިވެހި ލަފުޒެއް ދިވެހިބަހުގެ ރަދީފުގައި އޮތީމާ އެ ވާހަކަ، ދައުލަތުގެ ކަމާ ބެހޭ ވިދާރާއިންނާއި ބަހަށް ކުލުނު ހުންނަ ވަކިވަކި ފަރުދުން ވެސް ރައްޔިތުންގެ މަޖިލީހުގައި ދެންނެވިއެވެ. އެއީ ވިޒްލް ބްލޯވިންގ ފާޑުގެ ނަމެއް ކީ ގާނޫނެކެވެ. އެ އުނދަގޫ ލަފުޒުގެ ބަދަލުގައި ވަރަށް ރީތި ލަފުޒެއްް ރަދީފުގައި އޮވެއެވެ. އެއީ ފާށާކުރުމެވެ. ވިޒްލް ބްލޯވިންގ ކިޔުމަށް ވުރެ، ލިޔެ ކިޔާން ވެސް "ފާށާ" ފަސޭހަ ވިޔަސް އެ ބޭފުޅުންނަށް އެ ލަފުޒުވީ "ކަޑަ" ލަފުޒަކަށެވެ. ނަމަވެސް "ޑޮމެސްޓިކް ވައިލެންސް" މި ލަފުޒުގެ ބަދަލުގައި "ގެވެށި އަނިޔާ"އޭ ލިޔެގެން ގާނޫނެއް ފާސްކޮށްލީމާ އެ ލަފުޒު މިހާރު މީހުންނަށް ކަމުހިނގައްޖެއެވެ. އޭރު އެ ބިލު ހުށަހެޅުއްވީ ގައުމިއްޔަތަށް އިސްކަން ދޭ ޕާޓީއަކުން އެ ޕާޓީގެ މެންބަރެކެވެ. މިއިން އެނގެނީ ތަންތާނގައި ބަސްކިޔޭ މަގާމުތަކުގައި ދިވެހި ޤައުމިއްޔަތާއި ގައުމީ ބަސް ދެކެ ލޯބިވާ ބަޔަކު ތިބޭ ނަމަ، ދިވެހިބަހަށް އިސްކަންދެވޭކަމެވެ. އެ ތަންތާނގައި އެ ފަދަ ބަޔަކު ނުތިބޭ ނަމަ، ދިވެހިބަހޭ، ގައުމިއްޔަތޭ ކިޔައިގެން ދައްކާ ވާހަކަތައް ވާނީ ހަމަ ހާސަރުތަކަކަށެވެ. ހޮޅި ވާހަކަތަކަކަށެވެ.
މާފުކުރެއްވުން އެދެމެވެ. ޖަޒުބާތުގައި ވެސް މި ލިޔެލީ ހަމަ ގަހީގީ ވާހަކަތަކެކެވެ. ގައުމިއްޔަތޭ ދިވެހިބަހޭ ކިޔައިގެން ބާރު ހުރި ބަޔަކު ކަމެއް ކުރިޔަސް އެ ކަންކަމުން ވެސް ފެންނާނީ ގިނަ ފަހަރަށް އިސްރާފެވެ. ކޮންމެވެސް އެހެން މަގުސަދެއް ހާސިލުކުރާން މަސައްކަތްކުރާ ތަނެވެ. ޚަރަދުކުޑަކޮށް ނުވަތަ ޢަމުދުން ޚަރަދެއް ނުކޮށް ކުރެވޭން ހުންނަ ކަންކަން ވެސް ދޫކޮށްލައި، .......... ކުރެވޭ މި ބާވަތުގެ ކަންކަމަކުން އިޚުލާޞްތެރި ނިޔަތެއް ނުފެނެއެވެ. އިޚުލާޞްތެރި ނިޔަތް ނެތި ކުރެވޭ ކަމަކުން ނަތީޖާއެއް ފެނުމަކީ ....... ކައިރީގައި އޮންނާނޭ ކަމެއް ނޫނެވެ.
ދިވެހި ޤައުމިއްޔަތާއި ދިވެހިބަހަށް ހަގީގީ ލޯތްބަކުން ލޯބިކުރައްވާ ބޭފުޅުން ދައުލަތުގެ މުއައްސަސާތަކުގެ ބަސް ކިޔޭ މަގާމެއްގައި ތިއްބަވާ ނަމަ، ދިވެހިބަހަށް ހާދަހާ ކުރިއެރުމެއް ލިބުނީހޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު ސައްތައިންސައްތަ ތަންފީޒުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ރިޔާސީ ހުވައިކުރެއްވުމުގެ ކުރީން ވިދާޅުވި ހަނދާން އަޅުގަނޑު އެބަ ހުއްޓެވެ. އަޅުގަނޑު މި އުންމީދު ކުރަނީ އެ ދުވަހަކަށެވެ. އެ ޤާނޫނު ސައްތައިންސައްތަ ތަންފީޒުކޮށްދެއްވާނެ ދުވަހަކަށެވެ. އެ ޤާނޫނު އުވައިލާން ބަޔަކު މަސައްކަތްކުރާ ނަމަ، އަދުގެ ޙާލަތަށް ބަލާ އިރު، އެއީ ދިވެހިވަންތަކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ ބާރުގަދަ މަރުޙަލާ ފެށުނީކަން ދައުލަތުގެ ވެރީންނަށް ވިސްނިވަޑައިގަތުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެދުމެވެ.
އާދޭހެވެ! ދިވެހިރާއްޖޭގެ ޤައުމީ ބަހަށް
އިސްކަންދިނުމުގެ ޤާނޫނު ތަންފީޒު ނުކުރެވެނީ އަދި ދިވެހިބަހަށް އިސްކަން ނުދެވެނީ
ތަންފީޒީ ބާރުތަކުން ދިވެހިބަސް ދެކެ ލޯބިނުވާތީއެވެ. އަދި ފާޅާއި ސިއްރުގައި ދިވެހިބަހާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ތަންފީޒީ މަރުޙަލާގައި ބާރު ގަދަކޮށް ތިބީތީއެވެ. އެހެން އެއްވެސް ސަބަބެއް އަޅުގަނޑަކަށް
ނުފެނުނެވެ. އެހެން ނޫން ނަމަ، ވެރިކަން ކުރާ މާލޭގައި ދައުލަތުގެ ބައެއް އިދާރާތަކާއި އަމިއްލަ ގިނަ ތަންތާގެ ނަންބޯޑުތައް ގާނޫނާ ޚިލާފަށް ހުއްޓަކައެއް ނުދެއްވީހެވެ.
__________________________________
ބައެއް ލަފުޒުގެ މާނަ:
ފާށާ ނ. ތަނެއްގައި ހިނގާ، ގާނޫނާ ނުވަތަ ގަވާއިދާ ޚިލާފު ކަމެއް ރިޕޯޓުކުރާކުރުން ނުވަތަ ފާޅުކުރާކުރުން
ފާށާކުރުން ނ. ތަނެއްގައި ހިނގާ، ގާނޫނާ ނުވަތަ ގަވާއިދާ ޚިލާފު ކަމެއް ރިޕޯޓުކުރުން ނުވަތަ ފާޅުކުރުން
ތަންފީޒުކުރުން ނ. (1) ގާނުނީ ނުވަތަ ޝަރުޢީ ޙުުމެއްގެ މައްޗަށް ޢަމަލުކުރުން . (2) ވެރިއެއްގެ އަމުރާ އެއް ގޮތަށް ޢަމަލުކުރުން.
މުއައްސަސާ ނ. އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކައި ގާއިމުކޮށްފއި ހުންނަ އިދާރާ
ދައުލަތް ނ. (1)ގައުމެއްގައި އެ ގައުމެއްގެ ދުސްތޫރާ އެއް ގޮތް ވާ ގޮތުގެ މަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި އެ ގައުމެއްގެ އެންމެހައި ރައްޔިތުންނާއި އެ ގައުމެއްގެ ސިޔާސީ ސަރަހައްދާއި މި ހުރިހައި ފަރާތަކަށް ޖުމުލަކޮށް ކިޔާނަން. (2) ސަރުކާރު
މަރުހަލާ ނ. (1) ދަތުރެއްގެ ނުވަތަ މަސައްކަތެއްގެ ފާހަގަކޮށްލެވޭ ބައިތަކުގެ ތެރެއިން ބައެއް (2) އިންސާނީ ޙަޔާތުގެ ފާހަގަކޮށްލެވޭ ދައުރުތަކުގެ ތެރެއިން ދައުރެއް.
ފުރެއްދެ ނ. ރާއްޖެއިން ބޭރު
ވުޖޫދު ނ. (1) އުފެދޭ އުފެދުން. (2) ދުނިޔެ