Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (14)

01 Apr 2024 | 01:00
ކަޢުބަތުﷲ ގެފުޅު

އަޙްމަދު ފަޔާޟް ޙަސަން

(2024 މާރިޗު 25ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަނެއްކާވެސް އިބުރާހީމްގެފާނު ﷲ އަށް ދުޢާ ދެންނެވިއެވެ. މިފަހަރުވެސް އެކަލޭގެފާނު ދުޢާ ބައްޓަންކުރެއްވީ ވިސްނުންތެރިކަމާއެކުއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އަޅަމެންގެ ވެރިރައްބު! އިބަ ﷲ އަށް ފުރިހަމައަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަ ﷲ އަށް ފުރިހަމައަށް ފުރިހަމައަށް ކިޔަމަންވާ އުންމަތެއް އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް ތައުބާލައްވައި ފާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އަކީ ގިނަގިނައިން ތައުބާ ލައްވާ، ރަޙީމްވަންތަ އިލާހެވެ.

ބުއްދިވެރިކަމުގައި އަރައި ހުންނެވި އިބުރާހީމްގެފާނު މި ފަހަރު ދެންނެވީ އެންމެ ކުޑަމިނުން އެ ދެ ބަފައިކަލުންނަކީ ﷲއަށް ފުރިހަމައަށް އީމާންވާ ދެ ބޭކަލުންކަމުގައި ލެއްވުމަށެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅުން އީމާންނުވާނެ މީހުން އަންނާނެކަން އެނގިވަޑައިގަންނަވާތީ ދެން މި ދެންނެވީ އެ ދެ ބަފައިކަލުންގެ ދަރިފަސްކޮޅުން ﷲއަށް އީމާންވާ އެންމެ އުންމަތެއް ލެއްވުމަށެވެ. އެކަލޭގެފާނުގެ މިދުޢާއަށް ﷲ ޖަވާބެއް ނުދެއްވައެވެ. އެއިން ދޭހަވަނީ އެކަލޭގެފާނުގެ ދުޢާ ﷲ އިޖާބަކުރެއްވިކަމެވެ. ރަސޫލުﷲ ﷺގެ އުންމަތް، ނުވަތަ އަޅުގަނޑުމެންގެ މުސްލިމް އުންމަތަކީ އެކަލޭގެފާނުގެ ދުޢާގެ އިޖާބައެވެ.

ﷲއަށް އީމާންވާ މީހުންނަށް ﷲއަށް އަޅުކަންކުރެވޭނީ އެކަމެއް އެނގިގެންނެވެ. ދެން އެކަލޭގެފާނު އެދިވަޑައިގަތީ ކުރަންވީ އަޅުކަންތައް ދަސްކޮށްދެއްވުމަށެވެ. މިދުޢާވެސް ﷲ އިޖާބަކުރެއްވިކަން ކަށަވަރެވެ. މިއަދު އަޅުގަނޑުމެން މިކުރާ ނަމާދާއި ހިފާ ރޯދައާއި ދޭ ޒަކާތާއި ކުރާ ޙައްޖަކީ އެކަލޭގެފާނުގެ ދުޢާގެ އިޖާބައެވެ. މި އަޅުކަންތައް ކުރާން ޖެހޭ ގޮތްތައް ވެސް ﷲ ވަނީ ބަޔާންކުރައްވައިފައެވެ. އަޅުކަންތައް ތަރުތީބުވެފައިވާ ގޮތް ވެސް ﷲ ވަނީ ބަޔާންކޮށްދެއްވައިފައެވެ.

ތަކުރާރުކޮށް ދަންނަވާން ޖެހެނީ އިބުރާހީމްގެފާނަކީ ޖީނިއަސްއެއްކަމަށެވެ. ﷲ، އެކަލޭގެފާނުގެ މަގާމާއި ދަރަޖަ މި ދުނިޔެއާއި އާޚިރަތުގައި މަތިކުރެއްވިއެވެ. އެކަލޭގެފާނަށް އާޚިރަތުގައި ހުރި ސަވާބާއި ދަރުމަ ވެސް ﷲ އެކަލޭގެފާނަށް އެންގެވިއެވެ. އެކަމަކު އެކަލޭގެފާނު ދުޢާ މި ކުރައްވަނީ އެކަލޭގެފާނުގެ ދެ ބަފައިކަލުންނާއި އެކަލޭގެފާނަށް ތަބާވާ އެންމެންނަށް ތައުބާލެއްވުމަށެވެ. އެކަލޭގެފާނުގެ އުންމަތުގައި ތިބީ އިންސާނުންނެވެ. އާދަމްގެ ދަރިންނަކީ ހަނދާންނެތޭ ބަޔެކެވެ. އެއީ ކުށްކުރެވޭ ބައެކެވެ. އެމީހުންނަށް އެނގިގެންނާއި ނޭނގިވެސް ކުށް ކުރެވޭނެއެވެ. އެމީހުން ކުރާ އެންމެހައި އަޅުކަންތަކުގައިވެސް ގަސްދަކާނުލާ އެމީހުންނަށް ކުށްކުރެވޭނެއެވެ. މިކަން އިބުރާހީމްގެފާނަށް ވިސްނިވަޑައިގަތެވެ. ވުޟޫކުރާއިރު ކުށެއް ކުރެވިދާނެއެވެ. އަދި ނަމާދުކުރާއިރުވެސް ކުށެއް ކުރެވިދާނެއެވެ. އެހެންކަމުން އެކަލޭގެފާނު މިދަންނަވަނީ އަޅުގަނޑުމެންނަށް ކުރެވޭ އެންމެހައި ކުށްތައް ޢަފޫކުރައްވައި އަޅުގަނޑުމެންނަށް މަޢާފްދެއްވުމަށެވެ. އަޅުގަނޑުމެންގެ ކުށްތަކަށް ތައުބާވުމުން އެތައުބާ ގަބޫލުކުރެއްވުމަށެވެ. ދުޢާ ނިންމަވަމުން އެކަލޭގެފާނު މިދަންނަވަނީ ﷲ އަކީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ އިލާހުކަމަށެވެ.

އަދި ދުޢާ ނިންމަވަމުން އެކަލޭގެފާނު މިވިދާޅުވަނީ ﷲ އަކީ އައްރަޙީމް ކަމުގައެވެ. ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމަށްފަހު ސުވަރުގޭގެ އަހުލުވެރިންނަށް އޮތީ ސުވަރުގޭގެ މަތިވެރި ނިޢުމަތެވެ. ސުވަރުގޭގެ ނިޢުމަތަކީ ދުވަހަކު ނިމުމެއްނުވާ ދާއިމީ ނިޢުމަތެކެވެ. މިމަތިވެރި ނިޢުމަތް އީމާންވި މީސްތަކުންނަށް ލިބޭ އެއް ސަބަބަކީ ﷲ، އައްރަޙީމަށްވުމެވެ. އެހެންވެ އިބުރާހީމްގެފާނު ދުޢާ ނިންމަވަނީ ﷲ ގެ މިމަތިވެރި ނަންފުޅުންނެވެ. މިއީ އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ހިތްގައިމު ޒިކުރާއެވެ.

އިބުރާހީމްގެފާނު ކުރެއްވި ދުޢާގުޅޭގޮތުން ﷲ އެއްވެސް ރައްދެއް ނުދެއްވައެވެ. އެހިސާބުން އެކަލޭގެފާނުގެ ދުޢާ އަކުރުން އަކުރަށް ﷲ އިޖާބަކުރެއްވިކަން އެކަލޭގެފާނަށް ކަށަވަރުވިއެވެ. ދެން އަނެއްކާވެސް އިބުރާހީމްގެފާނު އެކަލޭގެފާނުގެ ދުޢާ ކުރިއަށްވުރެވެސް ޙިކުމަތްތެރިކޮށް ކުރިއަށް ގެންދެވިއެވެ. މިއީ އެކަލޭގެފާނުގެ ދުޢާގެ އެންމެ އަސަރުގަދަ ބައެވެ. މިއީ ވިސްނައި ފިކުރުކުރާ ކޮންމެ މުސްލިމެއްގެ ލޮލުން ކަރުނަ ފާއްދާލާނެ އިބާރާތެކެވެ. މިއީ އެކަލޭގެފާނުގެ ދުޢާގެ އެންމެ މުހިންމު އެއްބައިވެސް މެއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އަޅަމެންގެ ވެރި ރައްބު! އަދި އެ އުންމަތުގެ މީހުންނަށް އިބަ ﷲ ގެ އާޔަތްތައް ކިޔަވައިދެއްވާ، ޙިކުމަތާއި ފޮތް އުނގަންނަވައިދެއްވާ އަދި އެ އުންމަތް ޠާހިރުކުރައްވާނޭ ރަސޫލަކު އެ އުންމަތުގެތެރެއިން އެ އުންމަތުގެ ތެރެއަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އަކީ ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހުއެވެ.

ސުބުޙާނަﷲ! އިބުރާހީމްގެފާނުގެ ތޫނުފިލިކަމާއި އެކަލޭގެފާނުގެ ކުޅަދާނަކަމާއި އެކަލޭގެފާނުގެ އޯގާތެރިކަމާއެވެ! އެކަލޭގެފާނުގެ ދުޢާގެ ބަސްމަގު އަތުރާލެއްވީ ހާދަހާ ފުރިހަމައަށެވެ. އެކަލޭގެފާނު ﷲ އަށް މިދަންނަވަނީ އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން އީމާންވާ އުންމަތަށް ﷲ ގެ ވަޙީ ބަސްފުޅު ކިޔަވައި ދެއްވައި ޙިކުމަތާއި ފޮތް އުނގަންނައިދެއްވައި އެ އުންމަތް ޠާހިރުކޮށްދެއްވުމަށެވެ. އަދި މިހުރިހާ ކަމެއް ކޮށްދެއްވުމަށް އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ރަސޫލަކު ފޮނުއްވުމަށެވެ. އަދި އެފޮނުއްވާ ރަސޫލަކު އެމީހުންގެ ގާތަށް ޔަޢުނީ މައްކާއަށް ފޮނުއްވުމަށެވެ. މައްކާގެ އަހުލުވެރިންނަކީ އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅެވެ.

ﷲ، އިބުރާހީމްގެފާނުގެ މި ދުޢާ އެކަލޭގެފާނު ދެންނެވި ގޮތަށް އިޖާބަކުރެއްވިއެވެ. އަދި ﷲ ގެ އާޔަތްތަކުގެ ގޮތުގައި ކީރިތި ޤުރްއާން ބާވައިލެއްވިއެވެ. އަދި އެ ޤުރްއާނަކީ ގިޔާމަތަށް ދާދެން އޮންނާނެ ފޮތެއް ކަމުގައި ލެއްވިއެވެ. އަދި އެފޮތް އުނގަންނައި ދެއްވައި އެމީހުންނާއި ﷲ ގެ ގެކޮޅު ޠާހިރުކުރެއްވުމަށް އެމީހުންގެތެރެއިން މީހަކު އެމީހުންގެތެރެއަށް ފޮނުއްވިއެވެ. އެއީ ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި އެންމެ މާތް ސާހިބާ ރަސޫލުﷲ ﷺ އެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ބަފައިކަލުން އިބުރާހީމްގެފާނުގެ ސީދާ ނަކަލެކެވެ. ހުރިހާ ގޮތަކުން އެކަލޭގެފާނުގެ ބަފައިކަލުންނަށްވުރެ އެކަލޭގެފާނުގެ ކިޔަމަންތެރިކަމާއި ޝުކުރުވެރިކަމާއި އަޅުވެރިކަން މާބޮޑެވެ. ނަތީޖާއަކަށްވީ ދުނިޔެއާއި އާޚިރަތުގައި ﷲ އެންމެ މާތްކުރެއްވި އިންސާނަކަށް އެކަލޭގެފާނުވުމެވެ. އަދި ﷲ ގެ ޙަޟުރަތުގައި އީމާންވި މީހުންގެ ފަރާތުން ޝަފާޢަތްތެރިވާ ބޭކަލަކަށް އެކަލޭގެފާނުވުމެވެ. އަދި އެކަލޭގެފާނަށް މަގާމުލް މަޙުމޫދުގެ މަތިވެރި މަގާމް ދެއްވުމެވެ.

އިބުރާހީމްގެފާނު ދުޢާ ނިންމާލެއްވީ ﷲ ގެ ދެ ނަންފުޅުންނެވެ. އެއީ އަލްޢަޒީޒްއާއި އަލްޙަކީމްއެވެ. މި ދެނަންފުޅު ބޭނުންކުރެއްވުމުން ލިބޭ މެސެޖަކީ އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި ޙިކުމަތްތެރިކަމެވެ. ޢަޒީޒް މިނަންފުޅުން އަންގައިދެނީ ﷲ އަކީ އެންމެ މަތިވެރި އަދި އެންމެ ބާރުވެރި އިލާހުކަމެވެ. އަދި އެއިލާހު ކޮންމެ ކަމަކަށް ކުޅަދުންވަންތަކަމެވެ. އަލްޙަކީމް މި ނަންފުޅުން އަންގައިދެނީ ﷲ އަކީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ޙިކުމަތުން ފުރިފައިވާ އިލާހުކަމެވެ. ހިނގި ކަންކަމާއި ހިނގާ ކަންކަމާއި ހިނގާނެ ކަންކަން ޙަކީމްވަންތަ ﷲ ދެނެވޮޑިގެންވެއެވެ. އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް މިދޫކުރައްވަނީ ލޯބީގެ ވަރުގަދަ ތަރިކައެވެ. އެކަލޭގެފާނުގެ ތަރިކައަކީ އިހުސާންތެރިކަމާއި އިންސާނިއްޔަތުކަމެވެ. އިންސާނުންނަށް އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ވަރުގަދަ ލޯތްބެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް