Advertisement

ހައްގު (7)

31 Mar 2024 | 14:12
ހައްގު (7)

އަސްމާ އަބޫބަކުރު

2024 މާރިޗު 24ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ޔޫލީގެ ފޯން ރިންގުވުމާއެކު އަލީމް ގުޅާތީ ކޮޓަރިއަށް ވަނުމަށް ފަހު ފޯން ނެގިއެވެ.

"ޔޫލީގެ ޚަބަރެއް މިއަދު ނުވޭ. ކޮންތާކު ތިއުޅެނީ. ކިތައް ފަހަރު ގުޅިއްޖެ މިހާރު"

"އޮފީހުގައި ބިޒީވެގެން ފޯނަށް ޖަވާބުދެވޭ ވަރެއް ނުވޭ. ރޭގައި ގުޅި ގަޑީގައި އަލީމްގެ ހަބަރެއް ނެތް. ހަމަޖެހިލައިގެން ގުޅަން މިހުރީ."

"ޔޫލީއަށް އެނގޭނެ އަހަރެންގެ ހިތަށް އުނދަގޫވާނެކަން ޔޫލީ އެއްފަހަރު ފޯން ނުނެގިއަސް. އަބަދު ވެސް ހިތަށް އަރަނީ ޔޫލީ އެހެން މީހަކު ހޯދީ އޭ. ތި އޮފިހުގައި ވެސް ނުލާހިކު ރީތި މީހުންނާ، މުއްސަނދީން އުޅޭ. އެއިން މީހަކަށް ޔޫލީގެ ހިތް ކިޔައިފިއްޔާ މަށަށް ވާނެ ގޮތެއް ވެސް ނޭނގެ"

"މި ހިތެއް މުއްސަނދި ކަމަކަށް ނުހެއްލޭނެ. އަލީމަށްޓަކައި އަހަރެން މިހުރީ. އަލީމް ބޭރަށް ގޮސް ކިޔަވާ ނިންމައިގެން އަންނަންދެން އަހަރެން ހުންނާނީ މިގޮތުގައި" ޔޫލީ ބޭނުންވަނީ އަލީމް މައިންބަފައިން އެދޭގޮތަށް ޑޮކްޓަރުކަން ކިޔަވަން ބޭރަށްދާށެވެ. އަލީމް ހުންނަނީ ޔޫލީ ގެއްލިދާނެތީ ނުދާށެވެ.

"އަލީމުގެ މައިންބަފައިން ހިތްހަމައެއް ނުޖެހޭނެ މޮޅަށް ކިޔަވަން ފުރުޞަތު އޮއްވާ ތިހެން ހުރީމަ. އަމިއްލަ ފައިމައްޗަށް ތެދުވެގެން ނޫނީ އަހަރެމެންނަށް ރަނގަޅު ދިރިއުޅުމެއް ނުފެންނާނެ.

"މިހާރު ވެސް އަހަރެން ފައިސާ ހޯދަނީ އަމިއްލަ މަސައްކަތުން. އެމީހުންގެ ބިޒްނަސް އެ އެހެންކަމެއް."

ޔޫލީއަށް އެނގިފައި އޮތްގޮތުގައި އަލީމް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަބަދު ގޭގައި އޮންނަނީއެވެ. މައިންބަފައިން ދިނީމަ ކައިގެންނެވެ. އެއީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށްވުމުން އެމީހުން އަލީމް ލައްވާ އެއްވެސް ކަމެއް ކުރުވާކަށް  ބޭނުމެއް ނުވެއެވެ. ޑޮކްޓަރުކަން ކިޔެވުން އެއީ އަލީމްގެ ކުޑައިރުގެ ހުވަފެނެވެ.

ޕްރީސްކޫލުގައި އާންޓީމެން ގާތު ބޮޑުވެގެންވާނި ޑޮކްޓަރަކަށޭ ބުނި ހިސާބުން މައިންބަފައިން ތިބީ އަލީމް ޑޮކްޓަރުކަން ކިޔެވުމުގެ ފޮނި އުއްމީދުގައެވެ. އެމީހުންނަކީ ފުދިގެން އުޅޭ ބަޔަކަށްވުމުން ވިސްނާނެ އެހެންކަމެއް ނެތެވެ. އަލީމް ބޭނުން ގައުމަކަށް ގޮސް ކިޔަވައި މޮޅުވެގެން ރާއްޖެއަށް ޚިދުމަތް ކުރުމަކީ އެމީހުންގެ އުއްމީދެވެ.

ނަދީމުގެ އަތްމަތި އަވަސްވެފައިވަނީ މުސްކުޅި މައިންބަފައިން ޢުމުރުން ދުވަސްވީ މީހުން ތިބޭ މަރުކަޒަށް ގެންދިޔުމުގެ ކަރުދާސްތައް ނިންމުމުގައެވެ. ޒަހީރާ ދެކެ ލޯބި ވާނަމަ އެކަން ކުރަން ޖެހިއްޖެކަން ނަދީމަށް ވިސްނުނެވެ. އެހެން ނޫނީ ޒަހީރާ ދަރީންތައް ނަދީމުގެ ބޮލަށް ޖަހާފައި ގެއިން ނިކުންނާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. އެކަމަކީ ނަދީމު ވެސް މިހާރު އެންމެ ކުރަން ބޭނުން އެއްކަންތަކެވެ.

ހަވީރުގެ ވަގުތެވެ. ނީނާ ތައްޔާރުވެގެން ބޭރަށް ނިކުތްއިރު މާމަ އިނީ ޖޯލިފަތީގައެވެ. ކޮންމެ ދުވަހެއްގެ އާދައިގެ މަތީންނެވެ. ޢަޞުރަށްފަހު ހިތްހަމަ ޖައސާލުމަށް މާމަ ނިކުންނާނީ ޖޯލިފައްޗަށް ކަން ނީނާ އަށް  އެނގެއެވެ. ހަވީރު ފިންޏަށް އެހެން ކުދީން ހިނގާލަން ދިޔަސް، ނީނާ ބޭރަކަށް ނުދެއެވެ. މާމަ ކައިރީ އިށީނދެ ވާހަކަ ދައްކާލުމުން އެލިބޭ މަޢުލޫމާތު ނީނާއަށް މުހިއްމެވެ.

"މާމާ. މާމަމެން ކުޑައިރު އެހާ ގިނަ ހުސްވަގުތެއް ނުލިބޭދޯ. ހުރިހާ މަސައްކަތެއް ކުރަން ހާދަ ވަގުތެއް ހޭދަވާނޭ."

"އެކަންކަން މާމަ ކުރަނީ އެ ޒަމާނުގައި އެކަން ކުރަން އޮންނަ ގޮތްވީމަ. އެއީ މިހާރު ހުރިހާ ކަމެއް ފަސޭހައިން ކުރެވޭ ދުވަސްވަރެއް ނޫން. ކަރަންޓެއް ނެތް ޒަމާނެއްގައި މާމަމެން ހުރިހާ މައްސަކަތެއް ކުރީ މި ދެއަތުން." މާމަގެ އަތް ނީނާއަށް ދައްކާލަމުން ބުންޏެވެ. 

"އޭރު މާމަމެން އުޅުނު ގޮތް ކިޔައިދީބަލަ." ނީނާގެޝައުޤުވެރިކަން ހުރީ މާމަމެންގެ ޒަމާނުގައި ކަންކުރިގޮތް އަޑުއެހުމަށެވެ.

"މާމަ ކުޑައިރު އުޅުނީ ފަނުން ހަދާފައި ހުރި ގޭގައި. އެގޭގެ ހިތްފަސޭހަ ކަމަކީ ފިނިކަން. ކެއުމަށް ބޭނުން ކުރަނީ މަސް، ކާށި، ގަބުޅި، ދިޔާހަކުރު، ގަރުދިޔަ އާއި ބަތް ފަދަ ބާވަތްތައް. އެތަކެތި ކެއުމުން ހަށިގަނޑަށް ބަރުހެލިކަން އިޙްސާސެއް ނުކުރެވޭ. މާމަމެންގެ އަލިކަމަކީ ފުޅި ބައްތި. އެ އަލިކަމުން ރޭގަނޑުގެ ހިތްފަސޭހަކަން ފެނިގެންދޭ. އެއްގޭގައި ކައްކާ އެއްޗެހި  އަވަށްޓެރި އަނެއްގެއަށް ދިނުމަކީ އޭރުގެ އާދައެއް. އެކަމުން އެއްބަޔަކު އަނެއްބަޔަކު ގުޅުން ބަދަހިވޭ. މާމަ ބޮލުން ވައްޓާލި ލިބާހާއެކު ކާފައާ އިނީ. އަދި މިހާތަނަށް މިއުޅެނީ އެކީގައި."

"މާމާ. އޭރު މީހުން ކައިވެނިކުރީމާ ޕާޓީ ބާއްވައިތަ؟ ނީނާ މާމަގާތު އަހަމުން ދިޔައެވެ.

"އޭރު ކައިވެނީގެ ވަލީމާ އޭރުގެ ފެންވަރުން ކޮންމެ މީހަކުވެސް ބާއްވާނެ. ރަށުގެ އެންމެން ކައިވެނިކުރާ ގެއަކަށް ޖަމާވެ ރަށުގެ އެންމެންނަށް ކެއުން ކައްކާނެ. އެންމެން އަންނާނީ އެމީހަކަށް ލިބޭ އެއްޗެއް ހިފައިގެން. އެއް ގެއިން ހަވާދުގެ ބާވަތް ގެންނާނެ. އަނެއްބަޔަކު ރޮށިފިހެ، ފޮޅި ފިހެ ހަދާނެ. ހީވާނީ ހަ ރޯދަ ޢީދު އައިސްގެން އުޅޭހެން. މިހާރުގެ ގޮތަށް ޕާޓީގައި ކައިވެނިކުރާ ދެމަފިރިންނެއް ނުތިބޭނެ. އެކަމަކު އެންމެންނަށް ވެސް ކައިވެނި ކުރީ ކޮންބައެއްކަން އެނގޭނެ. ރަށު ރައްޔިތުން ބަހައިލައިގެން ކައްކައި ހަދާ އިރު އެންމެން ހީވާނީ އެއް ޢާއިލާއެއްހެން.

އޭރު ދޮންވެލީން ދަތްއުނގުޅައި ފުނޑާދައިގައި ފުނޑައިގެން، ރުކުރާ ބޮއިގެން އުޅުނު ދުވަސްވަރު އެއީ. ރަށުތެރޭގައި އަމާންކަމާއި ހަމަޖެހުން އޭރު އޮވޭ. މިހެން ގޮސް ކިތަންމެ ވާހަކައެއް ވެސް ކިޔައިދެވިދާނެ. ދަރިފުޅާ އެ ގޮވަނީ މަޣްރިބު ނަމާދު ބަންގި. ހިނގާ އަވަހަށް ގޭތެރެއަށް ވަންނަން."

އެރޭ ނިދާން އޮށޯވެ ނީނާއަށް ވިސްނެނީ މާމަމެން ޒަމާނުގެ އާދަކާދަތަކާމެދުގައެވެ. ދިވެހި ޓީޗަރަކަށް ވުމުގެ އުންމީދުގައި ހުރި ނީނާއަށް މާމަގެ ވާހަކަތައް ވަރަށް މުހިންމެވެ. އެ ޒަމާނުގައި ރަށްރަށުގެ ހަމަހިމޭންކަމާއި އެކުވެރިކަން އޮންނަ ގޮތުން ފެންނަނީ އެންމެންނަކީ އެއްބަޑު އެއްބަފައި ބަޔެއްގެ ގޮތުގައެވެ.

މިހާރު ވައްކާމާއި ފޭރުން ގިނައެވެ. މަކަރުހެދުން އިންތިހާއެވެ. ޑްރަގުގެ ވަބާ މެކުހަށް ޖަހައިފައެވެ. ޒަމާން ތަރައްޤީވިއަސް އިންސާނުންގެ ވިސްނުން ދަނީ ގޯހުންގޯހަށެވެ. ރީތި ބޮޑު ޢިމާރާތްތައް އަޅަމުން ދަނީއެވެ. ފައިސާ ހޯދަނީ އެމީހަކަށް ލިބުނު ގޮތަކަށެވެ. ޙަލާލު ފައިސާ މުހިންމެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް މަކަރާއި ޙީލަތުން ވިޔަސް މުއްސަނދި ވޭތޯ ބަލައެވެ. އޭރާއި މިހާރު ކިހައި ތަފާތު ހެއްޔެވެ؟

ޔޫލީ އާއި ޒާރާ ހިނގަމުން ދިޔައީ ލޮނުޒިޔާރަތް ޕާކް ތެރޭގައެވެ. ވާހަކަ ދައްކައިލާން ހިތްފަސޭހަ އެއްވެސް ތަނެއް މާލެއަކު ނެތެވެ. ކޮންމެ ތަނެއްގައި ވެސް އެހާ މީހުން ގިނައެވެ. ޕާކުގައި ހުރި އުނދޯލީގައި ދެ ކުދީން އިށީނެވެ.

"އަލީމް ކަންތައް ކިހިނެއް؟" ޔޫލީ ކުރީ ދުވަހު ވެސް އަލީމްގެ ވާހަކަ ބުނެފައިވާތީ، ޒާރާ ހަނދާންވެގެން އެ ވާހަކަ ފެށިއެވެ.

"އަލީމް ވަނީ އަހަރެން ދެކެ މާ ވަރުގަދަ ލޯތްބެއް ތޯއްޗެ. އޮފީހަށް ދިޔަސް، ގެއިން ބޭރަށް ނިކުތަސް، ރައްޓެއްސަކާ ވާހަކަ ދެއްކިއަސް އަލީމަށް އަންގާންޖެހޭ. އޭނާ ގުޅާއިރު ފޯނު ނުނެގުނަސް ކަމަކު ނުދާނެ. ކަންތަކާ ޖެހުނީ އެ. އަދި ފޯން އެންގޭޖު ވިއަސް ސުވާލު އެހާ ގިނަވާނެ. އަހަރެންގެ ރައްޓެހިން ވެސް ގުޅާނެތާ. ކިރިޔާ ވަގުތެއް ވިޔަސް އޭނަޔަށް ގުޅައިގެން ހުންނާންވީ. އަސްލު އަލީމް ބޭނުންވަނީ ސައުވީސް ގަޑިއިރު އޭނައާ ކަނެކްޓް ވެފައި ހުންނަން. ރަސްމީ ދުވަސް ދުވަހު ގިނަ ފަހަރު ވަގުތެއް ލިބޭނީ ރޭގަނޑު. އަހަރެން ހުންނަނީ އެނދު ފެންނައިރަށް ވެސް ނިދިއައިސްފައި. ފޯނުކޮށްގެން ދެތިން މިނިޓް ވާއިރަށް އާ ފުރެން ފަށާނެ. އޭރު އަދި އަލީމުގެ ހިތެއް ނުފުރޭނެ. ގިނަ ރޭރޭ މަށަށް ނިދެނީ ފޯނުން ވާހަކަ ދައްކާން އޮއްވައި."

"ތިޔައީ ދެން ދޮން ހިޔަލަ އާއި އަލިފުޅެއްނު. ތިވަރުގެ ލޯތްބެއް މަށެއް ނުދެކެން. އަހަރެންދެކެ ގައިމު މާނިއު ތިހާވަރެއް ނުވޭ."

" އެހާ ބޮޑަށް ލޯބި ވަންޏާ އަބަދު އުޅޭނީ ޝައްކުކުރުމުގައި. އެހެން އަލީމް އެ އުޅެނީ. ކޮންމެ ދުވަހެއްގެ ނިދާ ހޭލީއްސުރެ ނިދަން ވަންދެން ކުރި ހުރިހާ ކަމެއްގެ ވާހަކަ އަހާނެ. ކިރިޔާ ވެސް ކަމެއްގެ ވާހަކަ ނުބުނެވި އޮތިއްޔާ ފަހުން އެނގޭ އިރަށް އެހާ ރުޅިއައިސްގެން ޝަކުވާކުރާނެ." ޔޫލީ ހުންނަނީ އަލީމުގެ ކަންތައް ހުންނަ ގޮތުން ހިތްހަމަ ނުޖެހިފައެވެ.

" ޒާރާ އަށް އެނގޭތަ މިދިޔަ ހަފުތާއަކީ އަލީމުގެ ވިހި ވަނަ އުފަންދުވަސް. އެ ދުވަހު ގިފްޓެއް ދޭންވެގެން ސެންޓުފުޅިއަކާއި މަށަށް ރީތިވީ ގަމީހެއްގަތީ." އެ ގިފްޓް ދިނީމަ އެހެން މީހަކު ނަމަ އުފަލެއްނު ވާނީ. އަލީމް ބުނި އެއްޗެއް އެނގޭތަ. ތިމަންނަ އެހީމަ ނުބުނަމެއްނޫންހޯ ބާޒާރަށް ދިޔަ ވާހަކައެއް. އެހެންވީމާ އަސްލު ހުރިހާ ވާހަކައެއް ތެދަށް ނުބުނާކަމަށްވެ އެންމެ ފަހުން ގޯސްވީ މަށެއްނު. އެކަމަކު އެއީ އަހަރެން އޮންލައިންކޮށް ގަތް އެއްޗެހި. މި ޒަމާނުގައި ގޭގައި ހުރެގެން ވިޔަފާރިކުރެވޭކަން ނޭނގޭ ވަރުގެ މީހެއް ނޫން އަލީމަކީ."

" ދެން ޔޫލީ ނުބުނަންތައް ތިހެނެއް.؟"

" ބުނެގެން ވާނެ ފައިދާއެއް އެބައޮތްތަ. އަހަރެން ނުބުނަން އަހަރެން ދޮގު ނުހަދަމޭ ވެސް. އެ ގަތީ އޮންލައިންކޮށޭ ވެސް. ޝައްކު ބަލި ޖެހިފަ ހުންނަ މީހަކު ނުވާނެ ރަނގަޅެއް. ބައެއް ފަހަރު ހިތަށް އަރައި މަށަށް ކުރެވުނު މޮޔަކަމެކޭ މިއީ. އެކަނި ޙާލަށް އުޅޭން މާ ހިތްހަމަ ޖެހޭ"

"ޔޫލީ އަވަހަށް ކައިވެންޏާ މެދު ވިސްނާ. އަހަރެމެން ނުދޭ ތިޔަ ހިސާބަކަށް ކިތަންމެ ކުރީން ރައްޓެހިވިއަސް."

"ކައިވެންޏާ މެދު ވިސްނާނީ ކިހިނެއް. އިތުބާރުގެ ވާފަށް ބުރިވާން ކައިރިވެފައި އޮއްވައި ކިހިނެއް އަހަރެން މި ކަން ކުރާނީ. އަލީމް ގާތު ބުނެފިން ޑޮކްޓަރީ ފާސް ނަގައިގެން އަންނާން ކިޔަވާން ދާށޭ. މަންމަމެން ދިނީމަ ކައިގެން އުޅެންޏާ ވިސްނާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެއްނު."

ޒާރާއާއި މާނިއުގެ ގުޅުން ވަރުގަދަކަން ޔޫލީއަށް އެނގެއެވެ. ޝައްކުގެ ނަޒަރަކުން މާނިޢެއް ނުބަލައެވެ. ޒާރާއަށް މިނިވަންކަން އޮވެއެވެ. ބޭނުންތާކަށް ދެވެއެވެ. އެހެން ނޫނަސް ކައިވެނީގެ ކުރީން ފިރިހެނުންގެ އަތަށް ކޮންޓްރޯލް ދޭކަށް ޒާރާ ބޭނުމެއް ނުވެއެވެ. ޔޫލީ ދެކެ އަލީމް ވަނީ ޙަޤީޤީ ލޯބިކަމަށް ޒާރާ ބުނެއެވެ. އެހެން ނޫން ނަމަ ޔޫލީ ގެއްލިދާނެތީ އެ ވަރަކުން ނޫޅޭނެއެވެ.

ޔޫލީގެ ސެކްޝަން މުވައްޒަފުން ކޮންމެ މަހަކު އެއްފަހަރު ކޮންމެ ވެސް ރެސްޓޯރެންޓަކަށް ކެއުމަށްދާން ރާވައެވެ. މި މަހު ކެއުން ދޭންޖެހެނީ ޔޫލީއަށެވެ. މުސާރަ ލިބުމާއެކު ސާރާ އެކަން ހަނދާން ކޮށްދޭން ފެށިއެވެ.

"ޔޫލީ މިއަދު މިމަހުން ތިނެއް. ކޮބާ އަދިވެސް ނުވޭތަ؟" ކާއެއްޗެއް ލިބެންޏާ ސާރާ ހުންނާނީ އެންމެ ކުރީގައެވެ.

"ހޮނިހިރު ދުވަހުގެ ރޭ ކިހިނެއްވާނީ." ޔޫލީ އޭރު ވެސް އުޅުނީ ވަރަށް ބިޒީކޮށެވެ. ވެރިޔާ އަންގަވައިގެން ޑޮކިއުމެންޓެއް ހޯދުމުގައެވެ. ވޭތުވެ ދިޔަ ހަފުތާ ސަޕްލައިކުރި ތަކެތީގެ ލިސްޓު ހޯދުމުގައި ޔޫލީ އަވަދިނެތި އުޅެއެވެ.

"ތިޔަ ލިސްޓް ކިތަންމެ ހޯދިޔަސް ފެންނާނެތަ؟ ވެރިޔާ ވިދާޅުވެގެން މީގެ ތިން ދުވަސް ކުރީން ފާލިހާ އެ ފައިލުން ތި ބުނާ ޑޮކިއުމެންޓްތައް ދިން ހަނދާންވޭ." ސާރާ އެހެން ބުނުމާއެކު ޔޫލީ ގޮސް ވެރިޔާގެ ކޮޓަރި ދޮރުގައި ޓަކިޖަހައިފިއެވެ.

" ވެރިޔާގެ މޭޒުގައި ނެތްތޯ އެ ލިސްޓް. ކުރީ ދުވަހު ފާލިހާ އެ ޑޮކިއުމެންޓްތައް ދިންކަމަށް ބުނި."

" އޯހ. ސޮރީ. މޭޒުމަތީ މި އޮތީ. މިހާރު ދެން މުސްކުޅި އަތަށް ޖެހީމަ ހަނދާން ނެތޭން ފެށީ ކަންނޭނގެ." ވެރިޔާ ހިނި އައިސް އިންގޮތުން ޔޫލީ ގާތަށް ވެސް ހިނި އަތުވެއްޖެއެވެ.

"އަން. މީގެން ޗެކްކޮށްލަ ދެއްވަ ބައްލަވާ ކޮން އޮފީހަކަށްތޯ ފަރުނީޗަރ ސަޕްލައި ކުރުމުގައި މައްސަލައެއް އުޅެނީ." މިދިޔަ ހަފުތާގައި އޯޑަރުދިން ހުރިހާ އޮފީސްތަކުގެ ތެރެއިން ކޮންމެ ވެސް އެއް އޮފީހަކުން ގުޅައިފައި އެބަ ބުނޭ އެމީހުން އޯޑަރުކުރި އެއްޗިއްސެއް ނޫނޭ ފޮނުވައިފައި ހުރީ."

ޔޫލީ ވެރިޔާގެ ކެބިން އިން ނުކުތްއިރު ނާދިރު ހުރީ ޔޫލީއާ ދިމާއަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. ހީވަނީ ޔޫލީއަށް ވަރަށް ގޯސްކޮށް ކަމެއް ކުރެވިގެން އުޅޭހެންނެވެ. ޔޫލީއަށް ކަތި ނަޒަރުން ބަލާ ނާދިރު އުޅޭނީ އަބަދުވެސް ކޮންމެވެސް އަންހެން ކުއްޖެއްގެ ފަހަތުން ދުވުމުގައެވެ. ގިނަ އަންހެން ކުދީން ނާދިރުގެ ސިފައަށް ބަލާފައި އޭނާގެ މަޅީގައި ޖެހެއެވެ. ޔޫލީއަށް ނާދިރު އެއީ މާ މުހިންމު މީހެއް ނޫނެވެ. އަދި އަމުދުން ގިނަ ކުދީންގެ ފަހަތުގައި މުގޯލި އަޅާ މީހަކު ރައްޓެއްސަކަށް ވެސް ޔޫލީ ނުބަލައެވެ.

"ކުރަނގި ދެލޯ. އެހައި ވިދުން ގަދަ." ނާދިރު ޔޫލީ ކައިރިން ދަމުން ބުނެލިއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް