Advertisement

ރާއްޖޭގައި ޒިރާއީ އިގުތިސާދީ ސަރަހައްދެއް (ޒއސ) ގާއިމްކުރުމަށް ޓަކައި، ފަހުމުނާމާއެއްގައި ސޮއިކުރި ކުރުމަކީ ހަމައެކަނި އިގުތިސާދީ ކަމެއް ނޫނެވެ.

30 Mar 2024 | 06:42
ފަހުމުނާމާގައި ސޮއިކުރުން

އިގުތިސާދީ މުރާސިލު

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި ޒިރާޢީ އިގުތިސާދީ ސަރަހައްދެއް (ޒއސ) ގާއިމްކުރުމަށް ޓަކައި، އެސްޓީއޯގެ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް (އެމްއައިޑީ)އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި ހުކުރުވިލޭރޭ  ސޮއިކުރި ކުރުމަކީ ހަމައެކަނި އިގުތިސާދީ ކަމެއް ނޫނެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓުން ނެރުނު ނޫސްބަޔާނެއްގައި، މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރައްވާން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ފައްޓަވާ މަސައްކަތެއް ކަމަށް ވިދާޅުވެފައި ވިޔަސް މިއީ ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލާ ގުޅިގައިވާ މަޝްރޫޢެއްކަމަށް ނޫނީ އަޅުގަނޑަކަށް ސިފައެއް ނުކުރެވެއެވެ. އެހެނީ، އުތުރުތިލަފަޅަކީ ދިވެހި އަސްކަރީ ޑޮކްޔާޑެއް ތަރައްގީ ކުރާން އިންޑިއާ މެދުވެރިކޮށްގެން ކުރާ މަސައްކަތެއްކަމަށް މީގެ ކުރީން ސަރުކާރުން ބުނެފައިވީ ނަމަވެސް އެއީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއްކަމަށް އިންޑިއާގެ ނޫސްތަކުން ކުރީން ވަނީ ފަޚުރުވެރިކަމާއެކު އަޑު ފަތުރައިފައެވެ. އެހެންކަމުން މާލެއާ މިހައި ކައިރީގައި އޮޅުވައިލައިގެން ނަމަވެސް ބޭރު ގައުމެއްގެ ސިފައިންގެ މަރުކަޒެއް ގާއިމުކުރުމަކީ ދިވެހި ގިނަ ރައްޔިތުން ވަރަށް ކަންބޮޑުވެގެން ދެކޮޅު ހަދަމުން އައި ކަމެކެވެ. މިއީ ކުރީން އޮތް ސަރުކާރުން ހައްދަވައިފައިވާ އެއްބަސްވުމަކަށް ވާތީ، ގައުމީ ސިޔާސަތަށް ނުރައްކާ ވެދާނެ ފަދަ މި ކަހަލަ ހުރިހައި އެއްބަސްވުންތަކެއް ބާޠިލުކުރައްވާނެކަމަށް މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކުރީން ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް ދީބުލޫމަސީ ގުޅުން އޮންނަ މި ފަދަ އަވައްޓެރި ގައުމަކާ އެކު ހަދައިފައި ހުންނަ އެއްބަސްވުންތައް ކުއްލިއަކަށް ބާޠިލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނޭކަން އެނގެއެވެ. ވީމާ، މި ސަރަހައްދުގައި ބޭރުގެ ބާރުގަދަ ގައުމަކާ ގުޅިގެން މި ފަދަ ޞިނާޢީ މަސައްކަތެއް ފެށުމަކީ، އެ ސަރަހައްދުގައި އެހެން ބާރަކުން އަސްކަރީ ބާރުގަދަކުރާން ހުރަސްއެޅޭނޭ ކަމެކެވެ.

މިއީ ޙިކުމަތުޢަމަލީގެ ދަށުން ސަރުކާރުން އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ނޫނީ އަޅުގަނޑަކަށް މާނައެއް ނުކުރެވެއެވެ. މި މަޝްރޫޢާ ގުޅިގެން ބައެއް ރައްޔިތުން ޚިޔާލު ފާޅުކުރައްވައިފައިވާ ގޮތުގައި ރާއްޖޭގައި ދަނޑުވެރިކަން ކުރެވޭނޭ ފަޅުރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް ހުއްޓައި މާލެއާ މިހާ ކައިރީގައި ބިން ހިއްކައިގެން މި ފަދަ މަސައްކަތެއް ކުރުމަކީ ގޯހެކެވެ. ތެދެކެވެ. ކާށިދުވާއި ހައްދުންމަތީ ގަމާއި ބަރެސްދުވާއި އިސްދޫކަލައިދޫއާއި ފިއްލަދުވާއި އައްޑޫ މީދޫ ފަދަ ކިތަންމެ ރަށެއްގައި މި ބާވަތުގެ މަޝްރޫޢެއް ބިން ނުހިއްކައި ވެސް ހިންގިދާނެއެވެ. ނަމަވެސް ޤައުމީ އެހެން މަޞަލަޙަތަކަށް ޓަކައްޔާއި، އެހެނިހެން ފަސޭހަތަކަށް ޓަކައި މި ބާވަތުގެ މަސައްކަތެއް މި ސަރަހައްދުގައި ފެށުމަކީ މި ހިނދަށް އެންމެ ރަނގަޅު ގޮތްކަމުގައި ނޫނީ އަޅުގަނޑަކަށް ނުވިސްނުނެވެ. ދަނޑުވެރިކަމުގެ މި މަޝްރޫޢު ކާމިޔާބުވެއްޖެ ނަމަ، ރާއްޖޭގެ އެހެން ދިމަދިމާއަށް މި ކަން ފުޅާކުރުމުގެ ފުރުޞަތު އޮންނާނެތާއެވެ. އަޅުގަނޑު މި ކަމާ މެދު، ފުންކޮށް ވިސްނައިލުމުން، މިއީ ސަރުކާރުން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއްކަމުގައި ނޫނީ ނުފެނުނެވެ. އަނެއް ކޮޅުން، ކައިރި އެހެން ގައުމެއްގެ އިތުބާރު ގެއްލިފައިވާ ނާގާބިލު ކުންފުންޏަކާއެކު މި ފަދަ އެއްބަސްވުމެއް އަލުން ނަހަދައި، ޗައިނާ ފަދަ، ދުނިޔޭގައި މަސައްކަތުގެ ގޮތުން އިތުބާރު ލިބިފައިވާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ގާއިމުކުރުމަކީ މި ކަން ކާމިޔާބުވާނޭކަމަށް އުންމީދު ލިބޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން<br>

ސަރުކާރުގެ ކަމާ ބެހޭ ކުންފުނީން ހާމަކުރައްވައިފައިވާ ގޮތުގައި މި ސޮއިކުރެވުނު ފަހުމުނާމާއާއި މި ފަހުމުނާމާގެ ދަށުން ސޮއިކުރެވޭ އެއްބަސްވުން ވާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިގުތިސާދު ސިންދަފާތުކުރުމަށާއި ހަމައެކަނި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާން ޖެހޭ ބަރޯސާވުން ކުޑަކުރުމަށް ޓަކައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ވަރަށް މުހިންމު ކުރިއެރުމެއްކަމުގައެވެ.

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާން ސަރުކާރަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ އިރު، މި ކަމުގެ މައިގަނޑު އެއް ސަބަބަކީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވާން ޖެހިފައި އޮންނަ މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ކަޅުބިލަމަސް ފިޔަވައި ގާތްގަނޑަކަށް އެހެން ހުރިހާ ތަކެއްޗަކީ ބޭރުން އެތެރެކުރާ ތަކެއްޗެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި ޒަރޫރީ ހުރިހާ ބާވަތެއް ވެސް ހިމެނޭތީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށާއި ތާރީހީ ގޮތުން ބަލާއިރު، ކާބޯތަކެތީގެ ރައްކާތެރިކަމުގައި ރާއްޖެއަށް އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމާއި ޖުޣުރާފީ ސަބަބުތަކާ ހުރެއެވެ. އެހެންކަމުން ޒިރާއީ އިގުތިސާދީ ސަރަހައްދެއް (ޒއސ) މާލެއާ ކައިރީން ތަރައްގީކުރާން އެކުލަވައިލި މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިމާވާ މި ކަހަލަ އެތައް ދަތިތަކަކަށް ހައްލު ހޯދައިދޭނެ މުހިންމު އެއްބަސްވުމެއްކަމާ މެދަކު އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ތަފުސީލު

· ބިން ހިއްކުން.

· އަސާސީ ބިނާރު ތަރައްގީކުރުން.

· ދަނޑުވެރިކަމުގެ ސިނާޢީ ބަގީޗާއެއް ހެދުން.

· ފަސިންޖަރުންނާއި މުދާ އުފުލުމުގެ ގިމަތަތައް ހެދުން.

މީގެ އިތުރަށް މި މަޝްރޫއާ އެކު ރާއްޖޭގެ ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަރުކަޒެއް ޤާއިމުވާނެކަމަށާއި ދަނޑުވެރިކަމުގެ ހުނަރުތަކާ ބެހޭ ތަމްރީނު މަޒުކަޒެއް ގާއިމުކުރެވޭނެކަމަށް ވެސް އެނގިފައިވެއެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް ރާއްޖެއާއި ރާއްޖެއިން ބޭރަށް ވެސް (ބޭނުން ޖެހިއްޖެ ހިނދެއްގައި) ފޮނުވައި ރައްދުކުރާނޭ ޚާއްޞަ މަރުކަޒެއް ވެސް މި މަޝްރޫޢޫގެ ދަށުން ޤާއިމުކުރެވޭނެއެވެ.

ރޖ ޑރ. މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު: ހުރިހައި ގައުމަކާ އެކު ވެސް ގުޅުން ބަދަހިކުރައްވާން ދިވެހި ސަރުކާރުން ބޭނުންވެއެވެ.<br>

ދަނޑުވެރިކަމުގެ ދާއިރާގައި ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުން ބޭރުކުރާ މުދަލަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި މި ފަދަ ޒިރާއީ އިގުތިސާދީ ސަރަހައްދުތަކަކީ ވިޔަފާރީގައި ވަރަށް މުހިންމު ސަރަހައްދުތަކެކެވެ.

ރާއްޖޭގައި ޒިރާއީ އިގުތިސާދީ ސަރަހައްދު ތަރައްގީކުރެއްވުމުގެ މަސައްކަތް ފައްޓަވާނެކަން ރައީސް އިއުލާންކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ފަހުގައެވެ.

ކޮންމެއަކަސް އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި ޒިރާޢީ އިގުތިސާދީ ސަރަހައްދެއް (ޒއސ)އެއް ގާއިމްކުރުމަށް ޓަކައި، އެސްޓީއޯގެ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް (އެމްއައިޑީ)އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި ހުކުރުވިލޭރޭ  ސޮއިކުރި ކުރުމަކީ ހަމައެކަނި އިގުތިސާދީ ކަމެއް ނޫނެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އަމިއްލަވަންތަކަމާއި ސިޔާދަތަށް ވެސް ވަރަށް ބޮޑު ޔަގީންކަމެއް ލިބޭނެއެވެ. ގައުމެއްގެ އުފެއްދުންތެރިކަން އިތުރުކޮށް އިގުތިސާދު ކުރިއަރުވައި އިގުތިސާދީ ގޮތުންނާއި އެހެނިހެން ރޮނގުތަކުން ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށްގެން ނޫނީ، ގައުމަކަށް ހަމަޖެހުމުގެ ނޭވައެއް ނުލެވޭނެއެވެ.

________________________________________

ބައެއް ލަފުޒުގެ މާނަ:

ޒިރާއީ          ނއ.        ދަނޑުވެރިކަމާ ގުޅޭ.          

ސިޔާދަތު        ނ.         ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން.

އިސްތިގުލާލު      ނ.         އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވެގެން ލިބޭ މިނިވަންކަން.

އިގުތިސާދީ       ނއ.        އިގުތިސާދާ ގުޅުން ހުރި

ބަގީޗާ          ނ.         ބާވަތްބާވަތުގެ ގަސްތައް ތަރުތީބެއްގެ މަތިން އިންދައި ބަލަހައްޓާ ތަންގަނޑު.

ބިނާރު          ނ.         ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

ފަހުމުނާމާ         ނ.         ވަކި މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދެ ފަރާތެއްގެ ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ސޮއިކުރެވޭ ރަސްމީ އެއްބަސްވުމެއް، އާންމު ގޮތެއްގައި މިއީ ކުރިމަގުގައި ގާނޫނީ އިލްތިޒާމަކަށް މަގުފަހިކޮށްދޭ އެއްބަސްވުމެކެވެ.

ފަންނިއްޔާތު       ނ.         (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

ޒަމާނީ          ނ.         (1) ޒަމާނަށް ނިސްބަތްވާ. (2) ޒަމާނުގެ ގޮތް ހުރި. (3) މިހާރުގެ

ޒަރޫރީ          ނ.         (1) ކޮންމެހެން ބޭނުންޖެހިފައިވާ ނުވަތަ ލާޒިމު. (2) އެންމެ އަސާސީ.

އިގުތިސާދު        ނ.         (1) ލިބޭ އާމްދަނީއާއި އެ އާމްދަނީ ފުއްދުންތެރި ގޮތަކަށް ޚަރަދުކުރާން ރާވާ ރޭވުން.  (2) ޤައުމެއްގެ އާމްދަނީއާއި އެ އާމްދަނީގެ ޚަރަދުބަރަދު ބަލަހައްޓާ ބެލެހެއްޓުން. (3) މާލީ ތަނަވަސްކަން ހުރި ނެތް ގޮތް.

ތަމްރީނު        ނ.          (1)  ފަންނެއް ނުވަތަ ހުނަރެއް ދަސްކުރުމަށް ނުވަތަ ދަސްކޮށްދިނުމަށް ކުރާ މަސައްކަތް.  (2)  ފިލާވަޅެއް ފަރިތަކުރުމަށް ދޭ މަސައްކަތް.

މަރުކަޒު        ނ.          (1) ކަމެއް ހިންގުމަށް ޓަކައި، ނުވަތަ ކުރުމަށް ޓަކައި ގާއިމުކުރެވިފައި ހުންނަ ތަން. (2) އެކިއެކި ބޭނުމުގައި މީހުން އެއްވެ އުޅޭ ތަންތަން،. (3) އެއްޗެއް ގާއިމުވެ ހުންނަ ތަން.

ތަސައްވުރު         ނ.        (1) ހިތަށް ސިފަވާސިފަވުން ނުވަތަ ޚިޔާލަށް ގެންނަ ގެނައުން. (2) މުއައްސަސާއަކުން ނުވަތަ ޖަމުޢިއްޔާއަކުން އެބައެއްގެ މަސައްކަތް ކުރިއަރުވައި ހާސިލުކުރާން ބޭނުންވާ ކަންކަން ސިފަކޮށްދޭ ބަޔާން. (3) މުހިންމު މަގުސަދެއް ހާސިލުކުރުމަށް ޓަކައި މީހަކު ނުވަތަ ބަޔަކު ވާސިލުވާން ބޭނުންވާ ލަނޑުދަނޑިތަކުގެ ބަޔާން.

Advertisement

ކޮމެންޓް