Advertisement

އެންމެ ދީންވެރި މީހަކީ އެންމެ އަޚުލާޤު ރަނގަޅު މީހާއެވެ.

.

ބައެއް މީހުން ހީކުރާ ގޮތުގައި އެންމެ ދީންވެރި މީހަކީ އެންމެ ގިނައިން ސުންނަތްކޮށް އެންމެ ގިނައިން ސުންނަތް ރޯދަ ހިފައި އުޅޭ މީހާއެވެ. ނަމަވެސް މި ފަދަ މީހުންގެ ތެރޭގައި މީހުންނާ ހަޑިހުތުރުބަހުން މުޢާމަލާތުކޮށް މީހުންނާ ގެރި ޒުވާބުކޮށް، މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި ހަދާ މީހުން އެބަ އުޅެއެވެ. އަޅުގަނޑުގެ ތަޖުރިބާއެއް ދަންނަވައިލާނަމެވެ. ހުކުރު މިސްކިތުގައި އަޅުގަނޑުގެ ފަހަތުގައި މައުމޫމުވެ ހުކުރު ނަމާދުކޮށް އެ މިސްކިތުން ފޭބި ދެ މީހަކު، ހުކުރުން ފޭބި ގޮތަށް އަޅުގަނޑު ފަހަތުންހަޑި އެއްޗެހި ކިޔަމުން އަޅުގަނޑު ގެޔާ ހަމައަށް އައެވެ. އަޅުގަނޑު ގެޔާ ހަމައަށް އާދެވުނު ތަނާ އަޅުގަނޑަށް ކުޑަކޮށް ހިނިތުންވެލެވުނެވެ. އަދި އަންނަނީ ހިންޏޭ ކިޔަމުން އަނބުރައިލައިފައި ދިޔައީއެވެ. މި ދެންނެވި ހާދިސާއިން އަޅުގަނޑަށް އެނގުނީ އެ މީހުން އަދި ނަމާދު ކުރިޔަސް އެ މީހުންގެ ކިބައިގައި ދީންވެރިކަމެއް ނެތްކަމެވެ. އެ މީހުން އަދި ހުކުރު ނަމާދުގެ ޙަރަކާތްތަކެއް ކުރިޔަސް އެއީ ނަމާދަކަށް ނުވާކަމެވެ. އެހެނީ މާތްﷲ ވަޙީކުރައްވައިފައިވަނީ "އަދި ކަލޭގެފާނު ނަމާދުގާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ." މި ފަދައިންނެވެ. (سورة العنكبوت:45). ﷲގެ ވަޙީބަސްފުޅަކީ ޙައްޤު ތެދެވެ. އެހެންވީމާ، ނަމާދަކަށް ވާ ގޮތަށް ނަމާދުކުރާ މީހެއްގެ ކިބަޔަކުން ހުތުރުކަން ބޮޑު ފާފަތަކެއް މުންކަރާތްަކެއް ނުފެންނާނެއެވެ. ތެދުފުޅެކެވެ. ދެ ޝަހާދަތް ދުލުން ކިޔައި ހިތުން އިޤުރާރުވެއްޖެ ކޮންމެ މީހަކީ އީމަންވެގެން ހުރި މީހެއްކަމަށް ގަބޫލުކުރާންޖެހެއެވެ. އެ ކަމަކު އެ މީހެއްގެ ފުށުން މަތިވެރި އަޚުލާޤާއި ސުލޫކު ނުފެންނަ ނަމަ އޭނާގެ އިސްލާމްކަމެއް ފުރިހަމައެއް ނުވެއެވެ. މާތްﷲ ރުއްސުންެލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ހެޔޮ އަޚުލާޤު ފުރިހަމަކުރެއްވުމަށް ޓަކައެވެ." (رواه أحمد). މި ޙަދީޘަށް ފުންކޮށް ވިސްނައިލުމުން ވަރަށް ގިނަ ކަންކަން ހާމަވެއެވެ. މި ވާހަކަ ދެއްކުމަށް ޓަކައި އަޚުލާގަކީ ކޮބައިތޯ ބަލައިލާން އެބަޖެހެއެވެ. އަޚުލާގުގެ މާނަ ވަރަށް ފުޅަލެވެ. އެހެންކަމުން ވަރަށް ކުރުކުރުކޮށް ބަޔާންކޮށްލާނަމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޚުލާގަކީ މީހެއްގެ އުޅުމުގެ ފެންވަރެވެ. ރަނގަޅާއި ނުބައާ ދެމެދު އޭނާ ހިފަހައްޓާން ޖެހޭ އަސާސްތަކެވެ. އަޚުލާގު ރަނގަޅު މީހެކޭ ބުނެވެނީ އޭނާގެ ކިބައިގައި ހުންނަ ސިފަތަކާއި އުޅުންތެރިކަން މީސްތަކުން ގަބޫލުކުރާ ރަނގަޅު ފެންވަރުގައި ހުރުމަށެވެ. އިންސާނާގެ ހިތާއި އެހެނިހެން ގުނަވަންތައް ޞުލްޙަކޮށް މީސްތަކުންގެ ތެރޭގައި އުޅޭން ޖެހޭ ރަނގަޅު އުޅުމަށް މަގު ދައްކަނީ ރަނގަޅު އަޚުލާގެވެ. މި ފަދަ ރަނގަޅު އަޚުލާގަކީ މީސްތަކުން ރުހޭނޭ ސިފަތަކެވެ. މިއާ ޚިލާފަށް ވަރަށް ޚުލްޤު ނުވަތަ އަޚުލާޤު ނުބައި މީހެކޭ ބުނެވެނީ މި ދެންނެވި ރީތި މާތް ސިފަތަކާ ޚިލާފު ޢަމަލުތަކާއި އާދަތައް މީހެއްގެ ކިބައިގައި ނެތިއްޖެ ނަމައެވެ. އިސްވެ ދިޔަ ހަދީޘަށް ބަލައިލުމުން ދޭހަވަނީ އަޚުލާގަކީ މުޅި އިސްލާމް ދީން އޭގައި ހިމެނިފައިވާ އެއްޗެއްކަމެވެ. ތެދުފުޅެކެވެ. އިސްލާމްދީނުގައި ޢަޤީދާއާއި ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤު ހިމެނެއެވެ. ނަމަވެސް ފާހަގަކޮށްލާން ޖެހޭކަމަކީ އިސްލާމް ދީނޭ މި ކިޔަނީ އިންސާނާ މި ދުނިޔޭގައި އުޅޭންޖެހޭ ހުރިހާ އުސޫލަކާއި ގަވާއިދަކާއި ގާނޫނަށް ކަމެވެ. މި ގޮތްތައް ބިނާ ވެފައިވަނީ ފުރިހަމަ އަޚުލާގުގެ މައްޗަށެވެ. ވިސްނައިވަޑައިގަތުން ހުށްޓެވެ! އަޚުލާޤު ރަނގަޅު މީހެއް ނަމަ، އޭނާގެ ވެރިޔާއަށް އިޚުލާޞްތެރިވާނެއެވެ. ވަފާތެރިވާނެއެވެ. ހުރިހާ އަމުރުފުޅުތަކަކަށް ބޯލަނބައި ކިޔަމަންވާނެއެވެ. އަޅުގަނޑުމެންގެ ހަގީގީ ވެރި ފަރާތަކީ، ރައްބަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އެހެންވީމާ އަޅުގަނޑުމެންގެ ކިބައިގައި ހެޔޮ އަޚުލާގެއް ހުރި ނަމަ، އަޅުގަނޑުމެންގެ ވެރި ރައްބުގެ ހުރިހާ އަމުރުފުޅަކަށް އިޚުލާސްތެރިކަމާއެކު ކިޔަމަންވާނެއެވެ. ކީރިތި ރަސޫލާ ދެއްވައިފައިވާ އިރުޝާދުތަކަށް ތަބާވާނެއެވެ. އިޚުލާޞްތެރިކަމާއެކު ނަމާދު ގާއިމުކުރާނެއެވެ. ޒަކާތްދޭނެއެވެ. ރޯދަހިފާނެއެވެ. ކުޅަދާނަކަން ލިބިއްޖެ ނަމަ ލަސްނުކޮށް ޙައްޖުގެ މަތިވެރި ފަރުޟު އަދާކުރާނެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާނެއެވެ. އެއިން މީހަކާ ދިމާއަށް ނުރުހުމުގެ ގޮތުން ޗުއްޕު ވެސް ނުބުނާނެއެވެ. މީސްތަކުންނަށް އަތްފައިން ވެސް ދުލުން ވެސް އުނދަގުލެއް ނުކުރާނެއެވެ. ހެޔޮ ބަހެއް ނޫނީ ނުބުނާނެއެވެ. ހެޔޮ ބަހެއް ބުނެވޭން ނެތް ނަމަ ހަނުހުންނާނެއެވެ. މީސްތަކުންނާ މުޢަމަލާތުކުރާނީ ހެޔޮ ގޮތުގައެވެ. ވާހަކަދައްކާނީ މަޑުމައިތިރިކަމާއެކުގައެވެ. އަވަށްޓެރީންނަށް ހެޔޮކޮށް ހިތާނެއެވެ. ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވައި އުޅޭނެއެވެ. މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. ސާފުތާހިރުކަމަށް ލޯބިކުރާނެއެވެ. އަމިއްލަ މަސައްކަތުން ރިޒުގު ހޯދާން ކުރާ މަސައްކަތުގައި މުރާލިވާނެއެވެ. މީހުންގެ މުދާ ނުހައްގުން އަތެއް ނުލާނެއެވެ. މީހަކަށް ރިޝްވަތެއް ނުދޭނެއެވެ. އަދި މީހަކު ރިޝްވަތު ދިނަސް ނުވެސް ހިފާނެއެވެ. އިލްމު ހޯދާން މަސައްކަތްކުރާނެއެވެ. ﷲގެ ކުޅަދުންވަންތަކަމާ މެދު ވިސްނައި ފިކުރުކުރާނެއެވެ. މި ހުރިހައި ކަމަކާއި އަދި މި ނޫނަސް ދުނިޔޭގައި އެކަކު އަނެކަކާ އެކުލަވައިގެން ގުޅިގެން ޞުލްޙަވެރިކަމާއެކު އުޅޭނޭ ހުރިހާ ގޮތަކަށް އިސްލާމް ދީނުގައި ވަނީ އިރުޝާދުދެއްވައިފައެވެ. އެހެންވީމާ މި ހުރިހައި ކަމަކަށް ޢަމަލުކޮށްފި ނަމަ، އޭނާއަކީ ފުރިހަމަ އަޚުލާގެއްގެ ވެރިއަކަށް ވާނެއެވެ. އޭރުން އޭނާ ވާނީ ތެދުވެރި އީމާންތެރި މުސްލިމަކަށެވެ. އެންމެ ދީންވެރި މީހަކީ އެންމެ އަޚުލާޤު ރަނގަޅު މީހާއޭ އަޅުގަނޑު މި ދަންނަވަނީ މިހެންވެގެންނެވެ. އަޅުގަނޑުމެން، މި މަތިވެރި އަޚުލާޤުގައި ﷲއަށް ކިޔަމަންތެރިކަން އަދާކޮށް ދުނިޔޭގައި ފުރިހަމަ ދިރިއުޅުމެއް މި އުޅެނީ ސުވަރުގެ ޙާޞިލުކުރުމުގެ ނިޔަތުގައެވެ. ދުނިޔޭގައި މި ކުރާ ހުރިހާ ކަމެއް ވެސް މި ކުރަނީ އެ ބޭނުމުގައެވެ. އެ މަގުސަދުގައެވެ.

ކިރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުގައި ރަނގަޅު ހެޔޮ އަޚުލާގަކީ ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ އެއްޗެކެވެ. އެ ކަލޭގެފާނު ޙަދީޘްކުރައްވަނީ إِنَّ مَكَارِمَ الْأَخْلَاقِ مِنْ أَعْمَالِ أَهْلِ الْجَنَّةِ "ހަމަކަށަވަރުން ފުރިހަމަ އަޚުލާޤު ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވެއެވެ. މި ފަދައިންނެވެ. ވީމާ ފުރިހަމަ އަޚުލާޤެއް ނެތި ސުވަރުގެއަށް ދެވޭނެ ގޮތެއް އެބަ އޮތްތޯއެވެ!

ޢާންމު ގޮތެއްގައި ހެޔޮ އަޚުލާޤާ ބެހޭ ގޮތުން ކައު ރަސޫލާ (صلى الله عليه و سلم) ޙަދީޘްކުރައްވައިފައިވެއެވެ. خياركم أحاسنكم أخلاقا )ތިޔަބައި މީހުންކުރެ އެންމެ ހެޔޮ ރަނގަޅު މީހަކީ ތިޔަބައިމީހުން ކުރެ، އެންމެ އަޚުލާޤު ރަނގަޅު މީހާއެވެ.) (رواه الترمذي). އަދި ވެސް މާތް ރަސޫލާ (صلى الله عليه و سلم) ޙަދީޘްކުރައްވައިފައިވެއެވެ. إن من أحبكم إلىَّ أحسنكم أخلاقاً ("ހަމަ ކަށަވަރުން ތިޔަބައި މީހުންކުރެ ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޯބިވެތި ބަޔަކީ ތިޔަބައިމީހުންކުރެ އެންމެ އަޚުލާޤު ރަނގަޅު މީހުންނެވެ.") (رواه البخاري)

އިބްނިމާޖާގައި ރަނގަޅު ސަނަދަކުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި عبد الله بن عمر (رضي الله عنهما) ވިދާޅުވިއެވެ. "كنت مع رسول الله صلى الله عليه وسلم فجاءه رجل من الأنصار فسلم على النبي صلى الله عليه وسلم، ثم قال: يا رسول الله! أي المؤمنين أفضل؟ قال أحسنهم خلقا. قال: فأي المؤمنين أكيس؟ قال أكثرهم للموت ذكرا، وأحسنهم لما بعده استعدادا، أولئك الأكياس (މާތްﷲ އެކަލޭގެފާނަށް ސަލާމާއި ޞަލަވާތްލެއްވި އެކަލާންގެ ރަސޫލާގެ އަރިހުގައި އެއް ދުވަހަކު އިންނަވަނިކޮށް އަންޞާރުބޭކަލަކު ވަޑައިގެން ސަލާން ދެންނެވުމަށް ފަހު، ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. މުއުމިނުންގެ ތެރެއިން އެންމެ މަތިވެރީ ކާކުތޯއެވެ؟ ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެ މީހުންގެ ތެރެއިން އެންމެ ޚުލްޤުހެޔޮ މީހާއެވެ. އެ ބޭކަލަކު ދެން ދެންނެވިއެވެ. އެންމެ ބުއްދިވެރިއަކީ ކާކުތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ގިނަގިނައިން މަރު ހަނދާންކުރާ މީހާއެވެ. އަދި އެންމެ ހެޔޮ މީހަކީ، މަރުގެ ފަހަތުގައިވާ ކަންތައްތަކަށް ތައްޔާރުވެ ހުންނަ މީހާއެވެ. އެންމެ ބުއްދިވެރި މީހަކީ އެއީއެވެ. (ابن ماجة)

މާތް ﷲގެ އަޅުންގެ ކިބައިގައި ހުންނާންވީ ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވައިފައިވަނީ އެބައިމީހުން ތައުޙީދުގެ އަހުލުވެރީންނަށް ވާން ޖެހޭނެކަމަށެވެ. އަދި ނުޙައްޤުން މީހުން މަރާ ބަޔަކަށް އެބައިމީހުން ނުވާނެކަމަށެވެ. އަދި ޒިނޭކުރާ މީހުންކަމަކަށް ވެސް އެ ބައި މީހުން ވެގެން ނުވާނެކަމަށެވެ. މާތްﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.  "އެއުރެންނީ ﷲއާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާ މީހުންނެވެ. އަދި ﷲ، ޙުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް، ޙައްގު ގޮތުން ނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފި މީހާ (އެކަމުގެ) އުޤޫބާތާ ބައްދަލުކުރާނެތެވެ." (الفرقان:68) އެހެންވީމާ، މި އާޔަތުގައި ވެސް މި ވަނީ ހަމަ އަޚުލާޤީ ސިފަތަކެއް ބަޔާންކުރައްވައިފައެވެ.

މަތިވެރި އަޚުލާގާ އެކީގައި ހެޔޮ ޢަމަލުކުރުމަކީ ކޮބައިކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.  "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމެއް ނޫނެވެ. އެހެނެއްކަމަކު، ހެޔޮކަން ކުރާ މީހާއީ، ﷲއަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބި ހުރުމާއެކު ވެސް، ގާތްތިމާގެ މީހުންނަށާއި  އަޚުން މިނިވަންކުރުމުގައި  މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅޭ މީހާއެވެ. އަދި އަހުދެއް ކޮށްފިނަމަ، އެއުރެންގެ ޢަހުދު ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރި މީހުންނަކީ، އެއުރެންނެވެ. އަދި ތަޤުވާވެރީންނަކީ ވެސް ހަމަ އެއުރެންނެވެ." (البقرة:177). އެހެންވީމާ ހެޔޮކަމަކީ ހަމައެކަނި ނަމާދުކުރުން ނޫންކަން މި އާޔަތުން ވަރަށް ސާފުކޮށް އެބަ އެނގެއެވެ. އަދި އަޚުލާޤު ރަނގަޅު މީހެއް ނަމަ ނަމާދުކުރާނެއެވެ. ﷲއަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވާނެއެވެ. ﷲގެ މަގުގައި ތިމާގެ މުދާ ހޭދަކުރާނެއެވެ. ވަޢުދެއް ވެއްޖެ ނަމަ، އެ ވަޢުދެއް ފުއްދާނެއެވެ. ކެތްތެރިވާނެއެވެ.

މާތްﷲއަށް އަޅުކަންކުރުމަށާއި އެކަލާނގެއާ އެހެން އެއްޗަކާ ޝަރީކުނުކުރުމަށް މާތްﷲ އަމުރުކުރެއްވުމަށް އަމުރުކުރެއްވުމާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތައި ރީތިކޮށް މުޢާމަލާތުކުރުމަށް ވަނީ އަމުރުކުރައްވައިފައެވެ. ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންންނަށާއި، އަވަށްޓެރީންށާއި، އެކުވެރީންނަށާއި، ދަތުރުވެރިީންނާއި އަޅުންނަށް ވެސް ހެޔޮކޮށް ހިތައި ރަނގަޅު ގޮތުގައި މުޢާމަލާތުކުރުމަށް ވެސް މާތްﷲ ވަނީ ގަދަ އަމުރުފުޅުން އަމުރުކުރައްވައިފައެވެ. އަދި ކިބުރުވެރިކަމާއި ބޮޑާކަމުން ދުރުހެލިވާން ވެސް ވަނީ އަމުރުކުރައްވައިފައެވެ. މިއީ މަތިވެރި އަޚުލާގެވެ. ރީތި ސުލޫކެވެ. މާތްﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން، ﷲއަށް އަޅުކަންކުރާށެވެ! އަދި، އެ ކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެކެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށް ފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކު ދެކެ، ﷲ ލޯބިވެވޮޑިގެންނެއް ނުވެތެވެ." (النساء:36)

 އިސްވެ ދިޔަ ދަލީލުތަކުން އެއްވެސް ޝައްކެއް ނެތި ސާބިތުވަނީ މަތިވެރި އަޚުލާޤާއި ރީތި ސުލޫކަކީ މުޅި އިސްލާމް ދީން އެ މައްޗަށް ބިނާވެގެންވާ މައިގަނޑު ތަރަހަކަމުގައެވެ. އަޚުލާޤު ރަނގަޅު މީހެއް ނަމަ، މާތްﷲާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާނެވެ. ހުރިހާ އަމުރުފުޅަކަށް ކިޔަމަންތެރިކަން އަދާކުރުމާއެކު ނަހީކުރެއްވި އެންމެހާ ކަމަކުން ދުރުހެލިވެ ރައްކާތެރިވާނެއެވެ. ތަޤުވާވެރީންނަކީ އެއީއެވެ. އަދި މުސްލިމުންނަކީ ވެސް އެއީއެވެ. އެހެންވީމާ އެންމެ ދީންވެރި މީހަކީ އެންމެ ޚުލްޤުހެޔޮ މީހާއެވެ. އަޚުލާގު ރަނގަޅު މީހާއެވެ. އެހެންވީމާ އެންމެ ދީންވެރި މީހަކީ އެންމެ އަޚުލާޤު ރަނގަޅު މީހާކަމާ މެދަކު ޝައްކެއް ނެތެވެ.

____________________________________________

Advertisement

ކޮމެންޓް