Advertisement

ވުޒާރާގެ ވަޒީރަކު ނުހުންނަވާނެއެވެ.

29 Mar 2024 | 09:52
މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ އެންމެ މަތީވެރިޔާ. ޑރ. މުޙަންމަދު މުޢިއްޒު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެއް ކަމެއްގައި ވެސް ފަހު ބަސް ބުނުމުގެ ބާރު ލިބިފައިވާ މީހަކު ނެތިއްޖެ ނަމަ، އެ ކަމެއް ބޮއްސުން ނުލައެއް ނުދާނެއެވެ. ޖަމާޢަތެއްގައި ވެސް ވެރިއަކު ހުންނާން ޖެހެނީ އެހެން ވެގެންނެވެ. މި ނަޒަރުން ވިސްނާ އިރު، ޑިމޮކްރެސީއޭ މި ކިޔާ އެއްޗެއްގައި ހިމެނޭ ތިން ބާރު ވަކިވުމުގެ ނިޒާމަކީ އެ ނިޒާމު، އޭގެ މައްޗަށް ބިނާ ވެފައިވާ ދައުލަތުން ވަކިވެ، އެ ނިޒާމަށް އަމުރު ހިނގާނޭ ވެރިއަކު ނެތި، އެކި ދިމަދިމާއަށް އޮޔާ ދާން ޖެހޭ ތިން ބާރުކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ވެރިކަން ހިންގުމުގައި ތިންބާރުގެ މައްޗަށް މުޅި ދައުލަތުގެ އިދާރިއްޔަތު ބިނާވެފައި މި ވާ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނުއަސާސީ ބުނެއެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ވެސް އެ ޤާނޫނުއަސާސީ ބުނެއެވެ. އެހެންވީ އިރު، ފަހު ބަސް ބުނާނީ ކާކުކަން ޤާނޫނުއަސާސީ މި ވަނީ ބުނެދީފައެވެ. ވީމާ، ގޯހެއް ހިނގަންޏާ އެއީ ގޯހެކޭ، އެ ކަން މި ވެނި ގޮތަކަށް ރަނގަޅުކޮށްލާށޭ ބުނާނޭ އަދި ބުނެވޭނޭ ބަޔަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފައި ތިއްބަވާން ޖެހޭކަމަށް އަދި ތިއްބަވާނޭކަމަށް ގަބޫލުކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން ޢައްޔަންކުރެއްވުމަކީ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޅ) އިން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރެކެވެ. އެއީ އެ މަގާމުގައި ވެސް ހުންނަވާނީ އިންސާނަކަށްވާތީ އެ މަނިކުފާނަށް ހުރިހައި ކަމެއް ސީދާ ނުކުރެއްވޭނެތީއެވެ. އަދި ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯ ބެއްލެވުމަކީ އެ މާއްދާގެ (ށ)އިން، ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ޒިންމާއަކަށް ވެފައި، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅުއްވައި، އެ ސިޔާސަތުތައް ސަރުކާރުގެ ކަމާ ގުޅޭ އިދާތަކަށާއި މުއައްސަސާތަކަށް އަންގަވައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދުދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މި ދެންނެވި މާއްދާގެ(ބ) ލާޒިމުކުރާ ކަމެކެވެ. ވީމާ، މި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އެ މަނިކުފާނަށް އެހީތެރިވެދެއްވާނޭ މުވައްޒަފުން ޢައްނުކުރައްވައިފައި ތިއްބަވާނެއެވެ. ހަމަގައިމު ވެސް ތިއްބަވާން ވާނެއެވެ.

ކަންކަން ހުރީ އިސްވެ ދެންނެވުނު ގޮތުގެ މަތީންކަމަށް ވިޔަސް ގޯސްކޮށް ހިނގާ ކަންކަން ރަނގަޅުކޮށްލާށޭ ބާރުވެރިކަމާއެކު ބުލެލާނޭ މީހަކު މި ދައުލަތުގެ ތެރެއަކުން ނުފެނެއެވެ. ރަސްމީ މީޑިއާގައި ރަސްމީ ފަރާތްތަކުން "އަތޮޅުތަކަށް"، އަތޮޅެއްގެ "އަތޮޅުތެރެ"އޭ ވިދާޅުވެ އާންމު ކުރައްވާއިރު، ތިޔައީ ގޯހެކޭ، ހުރިހައި އަތޮޅަކަށް ނިސްބަތްކޮށް ވިދާޅުވާންވާނީ "އަތޮޅުތަކޭ" ދަންނަވައި އެ ކަންކަން ރަނގަޅުކުރާން އެންގެވޭ ވަރުގެ ބާރު ހުރި "މުވައްޒަފަކު" މި ދައުލަތަކުން ނުފެނެއެވެ. ނަމަވެސް ޤާނޫނުއަސާސީ ބުނާ ގޮތުން މި ފަދަ ހުރިހާ ކަމެއްގައި ރައީސުލްޖުމުހޫރިއްޔާއަށް ނުވަތަ އެ މަނިކުފާނު ޢައްޔަންކުރައްވާ މުވައްޒަފަކަށް އަމުރުކުރެއްވޭނެއެވެ.

މި ވާހަކަ މާ ދިގުކޮށް ލިޔާކަށް ނެތީމެވެ. ދައުލަތުގެ ޚާއްޞަކޮށް ސަރުކާރުގެ އިދާރިއްޔަތުގެ ތެރޭގައި އުޞޫލުތައް ހިފެހެއްޓޭތޯ ބައްލަވާނެ މުވައްޒަފަކު ހުރިހެނެއް ހިޔެއް ނުވެއެވެ. ބައެއް ވުޒާރާތަކުން، ހަމަ ގައިމު ވެސް ވުޒާރާއަކުން، ގާނޫނާ ޚިލާފަށް ސިޓީލިޔާތާ ފަސްއަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ގާނޫނުގައި ވަކި ގޮތަކަށް ސިޓީގެ ނަމޫނާ އޮތަސް އެ ވުޒާރާއިން ސިޓީގައި ސޮއިކުރައްވަނީ "ޚާދިމުކުމް"ގެ ބަދަލުގައި "އަލްމުޚުލިޞް" ނުވަތަ "މުޚުލިޞްކުމް" ލިޔުއްވައިފައެވެ. "ޚާދިމުކުމް"ގެ މާނައަކީ "ކަލޭމެންގެ ޚާދިމު"ކަމަށް ވާތީ އެ މާނައާ "އެ ބޭފުޅުން" ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވަނީއްޔޭ ކިޔާ އަޑު އިވެއެވެ. ނަމަވެސް "އެ މާނަ މާ ފުރިހަމައެވެ. ސަބަބަކީ ދައުލަތުގެ ކޮންމެ މުވައްޒަފަކީ ހަގީގަތުގައި އަޅުގަނޑުމެންގެ، ރައްޔިތުންގެ، ޚާދިމެކެވެ. "މުޚުލިޞްކުމް"ގެ މާނައަކީ "ކަލޭމެންނަށް އިޚުލާޞްތެރި"ކަމަށް ވާނަމަ، ގިނަ ފަހަރަށް އެއީ ތެދަކަށް ނުވެއެވެ. އެހެން ނޫނަސް ގާނޫނުގައި ވަކި ގޮތަކަށް އޮތްކަމަށް ވާ ނަމަ، ޢަމަލުކުރާންޖެހޭނީ އެ ގޮތަށެވެ. ގާނޫނުގައި މިހާރު އޮތް ގޮތަށް ވުރެ ރަނގަޅު ގޮތެއް އޮވެއްޖެ ނަމަ، ގާނޫނަށް ޖެހޭނީ އެ ބަދަލު ގެންނާންތާއެވެ. ގާނޫނުގައި އެހެން ގޮތެއް ކަނޑައެޅެންދެން ޢަމަލުކުރާންޖެހޭނީ މިހާރު އޮތް ގޮތަކަށް ތާއެވެ. ގާނޫނަށް ޢަމަލުކުރޭތޯ ކަށަވަރުކުރާން ޖެހޭ ކޮންމެވެސް މުވައްޒަފަކު ނުވަތަ މުއައްސަސާއެއް ދައުލަތުގައި ހިމެނޭނެއެވެ. ހަމަ ގައިމު ވެސް ހުންނާން ޖެހޭނެއެވެ. އެ ކަމަކު މި މަސްއޫލިއްޔަތު އަދާކުރާ ތަނެއް ނުފެނެއެވެ. ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާއި އޮފިޝަލް ކަންތައް ޗެޕްޓަރ IIއާއި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު ފަދަ ކިތަންމެ ގާނޫނަކަށް ޢަމަލެއް ނުކުރެވެއެވެ.

މިހާރު ޢަމަލުކުރެވެމުން އަންނަ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫންއަާސީ މީހަކު ހިފަހައްޓައިގެން.<br>

މާފުކުރެއްވުން އެދެމެވެ. މައުޟޫޢާ މާ ދުރަށް ސޮއްސައިލެވުނީ މި މައުޟޫޢަށް ލިޔާން އިށީނުމުން ހިތަށް ވެރިވި އެތައް ޝުޢޫރަކުން އަޅުގަނޑުގެ އަމާޒު ކަސިޔާރުވީތީއެވެ. އެހެންވެ، މައުޟޫޢުން ބޭރު، މާ ގިނަ ހާސަރުތަކެއް ލިޔެލެވުނީއެވެ.

މިހާރަކަށް އައިސް ވަރަށް ގިނައިން މިވެނި ވުޒާރާއެއްގެ ވަޒީރޭ ވިދާޅުވާ އަޑު އިވެއެވެ. މިވެނި ވުޒާރާއެއްގެ ސްޓޭޓް މިނިސްޓަރޭ ވިދާޅުވާ އަޑު ވެސް އިވެއެވެ. އަދި މިވެނި ވުޒާރާއެއްގެ ޑެޕިޔުޓީ މިނިސްޓަރޭ ވިދާޅުވާ އަޑު ވެސް އިވެއެވެ. އެހެން ލިޔެފައި ވެސް ހުރެއެވެ. ނަމަވެސް ފާހަގަކޮށްލާންޖެހޭ ކަމަކީ، ވަޒީރަކީ ވުޒާރާގެ ނުވަތަ ވުޒާރާއަށް ޢައްޔަނުކުރާ މަގާމެއް ނޫންކަމެވެ. މިސާލަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެވެ. އެއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރެއް ނޫނެވެ. އެއީ އެ މަނިކުފާނުގެ ވުޒާރާއެވެ. އަދި ޑެޕިޔުޓީ މިނިސްޓަރުންނެއް ވެސް ނުތިއްބަވައެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމު ދެއްވަނީ ކޮންމެވެސް ވަޒީރެއްގެ ނާއިބުކަމެވެ. ވީމާ ލިޔެކިޔައި ހަދާން ޖެހޭނީ "ވަޒީރުގެ (ނުވަތަ މިނިސްޓަރުގެ) ނާއިބު" މިހެންނެވެ.

މި ފަދަ އެހެން މިސާލުތަކަކީ، އޮޑިޓަރޖެނެރަލްގެ އޮފީހުގެ "އޮޑިޓަރޖެނެރަލް"އެއް ނުހުންނަވާނެއެވެ. އޭގެ ބަދަލުގައި ހުންނާނީ އޮޑިޓަރޖެނެރަލްގެ އޮފީހެވެ. ބަންޑާރަނައިބުގެ އޮފީހުގެ ބަންޑާރަ ނާއިބެއް ނުހުންނަވާނެއެވެ. އޭގެ ބަދަލުގައި ހުންނާނީ "ބަންޑާރަނައިބު"ގެ އޮފީހެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ "ކޮމިޝަނަރެއް" ނުހުންނަވާނެއެވެ. އޭގެ ބަދަލުގައި ހުންނާނީ "އިންފޮމޭޝަން ކޮމިޝަނަރު"ގެ އޮފީހެވެ. މި ފަދަ ކަންކަން ރަނގަޅު ނޫން ގޮތްގޮތަށް ރަސްމީ ވާހަކަތަކާއި ލިޔުންތަކުގައި ބޭނުންކުރެވޭ ނަމަ، އެ ފަދަ ކަންކަން ރަނގަޅުކުރާން ރަސްމީކޮށް ބަސް ބުނެވޭނެ، ބަސް ބުނާނެ، ބަސް ބުނާސްޖެހޭ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ތިބޭނޭ ޖެހޭނެއެވެ. ބަދަހި ގުޅުމަކުން ވަށައި ޖެހިފައިވާ ދައުލަތެއްކަމުގައި ވާނީ އޭރުންނެވެ. އެ ބަޔަކު ހިތަށް އެރިހާ ގޮތަކަށް ރަސްމީ ލިޔެކިޔުންތަކުގައި ލިޔެ ތާރީޚަށް ދޫކޮށްލެވޭ ނަމަ، އެއީ އަންނާން އޮތް ޖީލުތަކަށް ވަރަށް ބޮޑަށް ކަންކަން އޮޅޭނެ ކަމެކެވެ. ހަގީގަތާ ޚިލާފު މަޢުލޫމާތުތަކެއް ތާރީޚުގައި، ފަހުގެ ޖީލުތަކުން ލިޔާން މަޖުބޫރުވާނެ ކަމެކެވެ.

ހަނދުމަފުޅު ބަހައްޓަވާންޖެހޭ ކަމަކީ ވަކި ވުޒާރާއެއްގެ ވަޒީރޭ ވިދާޅުނުވުމެވެ. އެއީ އެ ވަޒީރަކާ މަތިކުރެވިފައިވާ ދާއިރާގެ ވަޒީރެވެ. މިސާލަކަށް ޚާރިޖީ ކަންތަތަކާ ބެހޭ ވަޒީރެވެ. ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރެވެ. މުޅި ރާއްޖޭގެއެވެ. އެ މަނިކުފާނުގެ މަސްއޫލިއްޔަތު ހަމަ އެކަނި ގައިދުވެފައި އޮންނަނީ އެ ވުޒާރާގެ ތެރޭގައެއް ނޫނެވެ. މުޅި ރާއްޖެއަށެވެ. ވީމާ، މި ފަދަ ކަންކަމަކީ ކުދިކުދި ކަންކަމޭ ހީވިޔަސް މިއީ ބޮޑެތި ކަންކަމެވެ. މިއީ ދައުލަތުގެ ކޮންމެވެސް ފަރާތަކުން ހަމަމަގަށް އަޅުވާން ޖެހޭ ކަންކަމެވެ. ދައުލަތުގައި މި ކަންކަންކުރުމުގެ ޒިންމާ އުފުއްލާނޭ ކޮންމެވެސް ބަޔަކު ދައުލަތުގެ އެންމެ އިސްވެރިޔާގެ ފަރާތްޕުޅުން ޢައްޔަންކުރައްވައިފައި ތިއްބަވާނޭކަމަށް ގަބޫލުކުރެވެއެވެ. އެއީ ޤާނޫނުއަސާސީގެ 15ވަނަ މާއްދާގެ (ބ)އިން ދައުލަތުގެ ވެރިޔާއަށް ލިބިވަޑައިގެންފައިވާ ބާރެކެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. މި ކަންކަން ރަނަގަޅުކުރާނޭ މުވައްޒަފަކު ނެތަސް ވުޒާރާގެ ވަޒީރެއް ނުހުންނަވާނެއެވެ. އެ ވަޒީރުގެ ވުޒާރާއެއް ހުންނާނެއެވެ.

____________________________________

Advertisement

ކޮމެންޓް