Advertisement

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ބައިނަލްއަޤްވާމީ ދިރާސާ މަހާސިންތާ (އައި.ސީ.އައި.އޭ 2024)ގެ ރަސްމީ ދަޢުވަތު އިޢުލާނުކުރެއްވުން.

28 Mar 2024 | 22:54
ޢީލްމީ ކިރިއެރުމާ ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާގެ ދަޢުވަތު އިޢުލާނުކުރެއްވުމުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: އިސްލާމީ ޔުނިވަރސިޓީ)

"ފަރަގު"ގެ ޚާއްޞަ މުރާސިލު

ދިވެހިރާއްޖޭގައި ހުރި އެންމެ ޝަރަފުވެރި އެއް މުއައްސަސާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީއެވެ. މިއީ ޤާނޫނު ނަންބަރު 2015/11 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 2015ވަނަ އަހަރު ޖުލައި މަހު ނުވަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޔުނިވަރސިޓީއެކެވެ. އެހެންނަމަވެސް މިއީ އިސްލާމީ ޔުނިވަރސިޓީއަކަށް އަމާޒުކުރައްވައިގެން 1980ވަނަ އަހަރު އުފެއްދެވި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ތަރައްގީވެގެން އުފެދުނު މުއައްސަސާއެކެވެ. މަޢުދު ކުއްލިއްޔާއަކަށް ތަރައްގީވެ، ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ތަރައްޤީކުރެވުނީއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަކީ މި ޔުނިވަރސިޓީއަށް ޤާނޫނީ ބާރު ލިބިދިނުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤާނޫނެކެވެ.

މި މުއައްސަސާގެ ތާރީޚަށް ބަލާއިރު، ދިވެހިރާއްޖޭގައި ރީތިކޮށް ޤުރުއާން ކިޔަވާ ޤާރީން އުފެއްދެވުމާއި އިމާމުން ތަމްރީނުކުރުމާއި ޢިލްމުވެރީން އުފެއްދުމާއި މި ބާވަތުގެ ޢިލްމީ ޙަރަކާތްތަކުގައި މި މުއައްސަސާ އަދާކޮށްފައިވާ ދައުރަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލާން ޖެހޭ ދައުރެކެވެ. މި މުއައްސަސާ ޔުނިވަރސިޓީއަކަށް ތަރައްޤީވުމުން ޢިލްމީ ގޮތުން އެ ޔުނިވަރސިޓީގެ ޙަރަކާތްތައް ފުޅާކުރައްވައި އިތުރުކުރައްވައިފައިވެއެވެ. ޤައުމަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ދާއިރާއަކުން މަތީ ތަޢުލީމުގެ ކޯސްތައް ހިންގަވައި ޢިލްމީ ޖީލެއް ވަނީ ބިނާކުރައްވައިފައެވެ. ސެޓްފިކެޓު ކޯސްތަކުން ފެއްޓެވި މި ޢިލްމީ ދަތުރުގައި މިއަދު ވަނީ ޕީއެޗްޑީގެ ކޯސްތަކާ ހަމައަށް ވާޞިލުވެ އެތައް ޢިލްމުވެރީންނެއް އުފައްދަވައިފައެވެ.

މަހާސިންތާގެ ދަޢުވަތު އިޢުލާނުކުރެއްވުމުގެ ޖަލްސާގެ ތެރެއިން (ފޮޓޯ: ދއޔ)<br>

2016ވަނަ އަހަރުން ފެށިގެން ޢިލްމީ އިތުރު ޙަރަކާތެއް އެ ޔުނިވަރސިޓީއިން ތަޢާރަފުކުރެއްވިއެވެ. އެއީ ޢިލްމީ ދިރާސާއަށް ސަމާލުކަންދެއްވައިގެން ބައިނަލްއަޣުވާމީ ފެންވަރެއްގައި ދިރާސާ ކޮންފަރެންސެއް ބޭއްވެވުމެވެ. މި ކޮންފަރެންސަށް ކިޔަނީ  އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް (ޢިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަގުވާނީ މަހާސިންތާ) އެވެ. މި މަހާސިންތާ މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ވެސް ގެންދަވަނީ ބާއްވަމުންނެވެ. މި ގޮތުން މި އަހަރުގެ ކޮންފަރެންސް އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) 2024ގެ ދަޢުވަތު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އިން މިއަދު ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު އެ ޔުނިވަރސިޓީގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާރޗް އެންޑް އިނޮވޭޝަންސް) ޑރ. ވިސާލު މޫސާ ފާހަގަކުރެއްވި ގޮތުގައި 2016 އަހަރުން ފެށިގެން މެދު ނުކެނޑި މިއަހަރާ ހަމައަށް ވެސް ޢިލްމީ ކަރުދާސްތަކާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި މިކޮންފަރެންސް ދަނީ ބޭއްވެމުންނެވެ. މި އަހަރުގެ ކޮންފަރެންސްގެ މައިގަނޑު ޝިޢާރަކީ 'ދެމެހެއްޓެނިވި ތަރައްޤީއަށް އުނގެނުމުގެ މުޖުތަމަޢު ބިނާކުރުން' މިއެވެ. މިއީ މަލްޓިޑިސިޕްލިނަރީ ކޮންފަރެންސެކެވެ. މީގެ މާނައަކީ މި ކޮންފަރެންސަކީ ހުރިހާ ދާއިރާއެއްގެ ޢިލްމީ ދިރާސާތަކާއި މަސައްކަތްތައް ހުށަހެޅޭނެ ކޮންފަރެންސަކަށް ވުމެވެ.

ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު (މެދުގައި)އާއި އިސް ބައެއް ވެރީން ޖަލްސާއަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން (ފޮޓޯ: ދއޔ)<br>

މިއަދުގެ ބައްދަލުވުމުގައި އެ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމް ވަނީ ކޮންފަރެންސްގެ މައިގަނޑު އަމާޒުތަކާއި އިތުރު ތަފުޞީލުތަކާއި ކޮންފަރެންސާ ގުޅޭ ތަފުސީލީ ހުރިހައި މައުލޫމާތެއް ހިއްސާކުރައްވައިފައެވެ. މި ކޮންފަރެންސްގެ މައިގަނޑު ހަތަރު ގިންތިއަކާއި އޭގެ ދަށުން ސަބު ގިންތިތަކެއް ކަނޑައެޅިފައިވެއެވެ. އެއީ: އިޖްތިމާޢީ ޢިލްމާއި، އިންސާނީ ޢިލްމާއި، ތަޢުލީމާ ގުޅޭ އެކި ދާއިރާތައް؛ ޤުރުއާނުގެ ދިރާސާތަކާއި، ޝަރީޢަތާއި، ޤާނޫނާ ގުޅޭ އެކި ދާއިރާތަކުގެ ޢިލުމީ ލިޔުންތައް؛ ފަތުރުވެރިކަމާއި، ތިމާވެށްޓާއި، ފަންނިއްޔާތާ ގުޅޭ ދާއިރާތަކުގެ ދިރާސާތައް އަދި މެނޭޖްމަންޓް، ބިޒިނަސް، އިކޮނޮމިކްސް، އެކައުންޓިންގ، ފައިނޭންސް، އަދި ބޭންކިން ފަދަ ދާއިރާތަކާއި ގުޅޭ ދިރާސާތަކާއި ޢިލުމީ ލިޔުންތައް މި ދާއިރާތަކެވެ.

މި ފަހަރުގެ މި ކޮންފަރެންސްގައި ފަސް ބާވަތެއްގެ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވެއެވެ. އެއީ: ރިސާރޗް ޕޭޕަރ (ދިރާސާ ކަރުދާސް)؛ ޕްރެކްޓިސް ޕޭޕަރ (މަސައްކަތާ ގުޅޭ ކަރުދާސް)؛ ޕޯސްޓަރ: ރިވިއު ޕޭޕަރ (މުރާޖާ ކަރުދާސް) ؛ ވާރކްޝޮޕް (މަސައްކަތު ބައްދަލުވުން) މި ބާވަތްތަކެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ހުށަހެޅުންތެރީންގެ ގޮތުގައި ނުވަތަ ބައިވެރީންގެ ގޮތުގައި ވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.

ޔުނިވަރސިޓީން މައުލޫމާތު ދެއްވި ގޮތުގައި ކޮންފަރެންސްގެ ކަރުދާސްތައް ހުށަހެޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ މި އަހަރުގެ ކޮންފަރެންސްގެ ރަސްމީ ވެބްސައިޓް (www.icia.mv)ގައި ދެވިފައިވާ މަޢުލޫމާތުގެ ބޭނުންކޮށްގެން 2024 މޭ މަހު 15ގެ ކުރީން ބޭނުންވާ ވަކި ސްޓްރޭންޑާއި ކަރުދާހުގެ ބާވަތް ޚިޔާރުކޮށް 250 ބަހުގެ އެބްސްޓްރެކްޓެއް (ހުށަހެޅުމުގެ އޮއްޓަރު)  ހުށަހެޅުމެވެ. ހުށަހަޅާ އިރު، "އައި.ސީ.އައި.އޭ 2024" ވެބްސައިޓްގައި ވާ ލިންކަށް އެބްސްޓްރެކްޓް ހުށަހެޅުން މުހިންމުކަމަށް ވެސް އެ ޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ. މި ފަހަރުގެ ކޮންފަރެންސްގައި ވެސް އެކި ގިންތިތަކުން އެންމެ އުފެއްދުންތެރި ކަރުދާސް ހުށަހަޅާ ފަރާތްތަކަށް އިނާމުދޭ ގޮތަށް ހަމަޖެހިފައިވާކަމަށާއި މީގެ އިތުރަށް ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވޭ ބައެއް ދިރާސާވެރީން ވެސް މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ.

ޔުނިވަރސިޓީގެ ވައިސް ޗާންސެލަރާއި ޑެޕިޔުޓީ ވައިސް ޗާންސެލަރާއި އިސް ބައެއް ބޭފުޅުން (ފޮޓޯ: ދ.އ.ޔ)<br>

"ފަރަގު" އުންމީދުކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މި އަހަރުގެ މި ޢިލްމީ ދިރާސާ ކޮންފަރެންސަކީ ވެސް އަރުތަވެރި އުފެއްދުންތެރި ކޮންފަރެންސަކަށް ވާނޭކަމުގައެވެ. އަދި މި މަސައްކަތުން ޢިލްމު އުފެދި ޢިލްމީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމަށެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ދިވެހި ޤައުމީ ފަޚުރެކެވެ.

_________________

ބައެއް ލަފުޒުގެ މާނަ:

މަހާސިންތާ      ނ.     ބޮޑެތި މަޝްވަރާ

ދިރާސާ        ނ.     މަޢުލޫމާތު އެއްކުރުމަށް ޓަކައި ނިޒާމީ ގޮތެއްގައި ހޯދާ ހޯދުން.

ފަންނިއްޔާތު     ނ.     (1) ސައެންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖތަމައަކަށް ލިބިގެންވާ ހުނަރާއި ޢިލްމު. (2) ސައެންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން ޢަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް

Advertisement

ކޮމެންޓް