Advertisement

ޣައްޒާގެ ރައްޔިތުން ކަނޑަށް ޣަރަޤުވަނީ! ގޮތް ހުސްވެ ކާބޯތަކެތީގެ ފަހަތުން ދުވަނީ! ދުނިޔެ ޣާފިލުވެފައި!!!

28 Mar 2024 | 16:08
މޫދަށް ވެރޭ ތަކެތި ނަގައިގެން އެއްގަމަށް ގެންދަނީ

ބައިނަލްއަޤުވާމީ މުރާސިލު

ކާނޭ އެތިކޮޅެއް ހޯދުމަށް ޓަކައި ކަނޑުމައްޗަށް ނުކުމެ ފަލަށްޠީނު މީހުން ޤުރުބާންވަނީއެވެ. މި ގޮތުން މުހަންމަދު މަސްއޫދު ކިޔާ މީހަކު ވަނީ ޣައްޒާގެ އައްސޭރިފަށުގައިވާ ކަނޑަށް އެރި އޭނާއާއި އޭނާގެ ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި އަމިއްލަ ނަފުޒުގެ ދިފާޢުގައި ހަނގުރާމަކޮށް ކާމިޔާބު ހޯދައިފައެވެ. އެއީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭން ޔަހޫދީން ހުރަސްއަޅައިފައިވާތީ މިހާރު ވައިކުޑައިން ޣައްޒާއަށް ވައްޓާ ކާ ތަކެތީގެ ޕެކޭޖުތައް ގިނަ ފަހަރަށް ވެއްޓި ޖެހެނީ ކަނޑުގައި ކަމަށް ވާތީ އެ ތަކެތި ހޯދާން ކަނޑަށް އެރިގެން ފަތައިފައެވެ. ނަމަވެސް މަސްއޫދާއެކު ކަނޑަށް އެރުނު އަނެއް 12 މީހުންނަށް ސަލާމަތުން އެނބުރި ގޮނޑުދޮށަކަށް ނާދެވުނެވެ. އެ މީހުން ކަނޑަށް ޣަރަޤުވީއެވެ.

ގާތްގަނޑަކަށް ހައެއްކަ މަސްދުވަސް ވަންދެން އިސްރާއީލުގެ ޙަމަލާތަކުގެ އަމާޒު ފަތްގަނޑެއްގެ ގޮތުގައި ދެމި ތިބި، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި މުޅި ބިނާރު ސުންނާފަތިކޮށްލުމަށް ފަހު، އެ ރައްޔިތުންނަށް ކާބޯތަކެތީގެ އެއްވެސް އެއްޗެއް ލިބުނަ ނުދީ ހިފަހައްޓައިގެން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އެ މީހުންނަށް އެއްވެސް މީހަކު ނުވަތަ ޖަމާޢަތަކުން ހަމަ އެއްވެސް އެހީއެއް ފޯރުކޮށްދިނުމަށް ޔަހޫދީން ހުރަސްއަޅައެވެ. މި ނުބައިވެގެންވީ ޢުދުވާނާ ދެކޮޅަށް، އދ.އަށް ކުރެވުނު ކަމެއް ނެތެވެ. މުޅި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 26 އިންސައްތަކަމަށްވާ 1.9 ބިލިއަން މުސްލިމުން މިހާރު މިކަން ހަނދާން ހުރިހެނެއް ވެސް ހިޔެއް ނުވެއެވެ.  

ފަލަސްޠީނުގެ ރައްޔިތުން މި ރޯދަމަގު ތިބީ ބަނޑުހައިހޫނުކަމުގެ އެންމެ ނުރައްކާތެރި ޙާލަތުގައެވެ. ގިނަ ކުޑަކުދީން ތިބީ ހިކި އަނަރޫފަވެ ކާޑުބަލިޖެހިފައެވެ. މި ޙާލަތުގައި އެ މީހެއްގެ ގައިގައި ކިރިޔާ ވެސް ހަކަތައެއް ހުރި މީހެއް ނަމަ، މަތީން ވައްޓައިލެވޭ ކާއެއްޗެއްގެ މަދު މިންވަރެއް ވެސް ލިބޭތޯ އެތައް ދުރުމިނަކަށް ހިނގައި، ފަތައި ހަދާން މިއަދު އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

އުމުރުން 35 އަހަރުގެ މަސްއޫދު "ދަ ނޭޝަނަލް" ދުވަހު ނޫހަށް ކިޔައިދިން ގޮތުގައި "އެހީގެ ފަހަތުން އަހަރެން ފަތައިފައި ދިޔައިރު އަހަރެންގެ ލޮލުގެ ކުރިމަތީގައި އެ މަރުތައް ދުށީމެވެ."

"އަހަރެންގެ ލޮލުގެ ކުރިމަތީގައި ކަނޑުގައި ޒުވާނުންތައް ގެނބިގެން މަރުވި ތަން އަހަރެން ދުށީމެވެ." މުޙަންމަދު މަސްޢޫދު ކިޔައިދިނެވެ. "އަހަންނަކަށް އެ މީހުންނާ އެހީތެރިއެއް ނުވެވުނެވެ."

"އެ މީހުން އަޑިއަށް ދަނީއެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކަށް ފަތާކަށް ނޭނގެއެވެ."

ޖަމާލިޔާ ރެފިޔުޖީ ފޭލިގޭގައި ދިރިއުޅޭ ހަތަރު ކުދީންގެ ބައްޕަ، އަލިފުދާލުގެ ރިޕޯޓަކާ ޙަވާލާދީ ބުނާ ގޮތުގައި މި މޭމަސް ނިމޭއިރު މި ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ނުގެނެވިއްޖެ ނަމަ، ނުވަތަ ކާބޯތަކެތީގެ އެހީއެއް ނުލިބިއްޖެ ނަމަ، ބަނޑުހައިހޫނުކަމުގެ އެންމެ ނުރައްކާތެރި ޙާލަތާ ޣައްޒާގެ ރައްޔިތުން ކުރިމަތިލާން ޖެހޭނެއެވެ.ވައި

ވައިކުޑައިގައި ޣައްޒާއަށް އެހީގެތަކެތި ވަރަނީ. (ދަ ގާޑިއަން)<br>

ވޭތުވެ ދިޔަ ހައެއްކަ މަސްދުވަހު ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ތަޙައްމަލުކުރަމުން ގެންދަނީ މުޞީބާތުގެ ޙާލަތެކެވެ. އެމެރިކާގެ ތާއީދާއި އެހީއާއެކު އިސްރާއީލުގެ ސިފައިން ޣައްޒާއަށް މެދުނުކެނޑި ބޮންއަޅައި ބިނާރުތައް ހަލާކުކުރަނީއެވެ. އަދި އެއްގަމު ސިފައިން އެއްގަމު މަގުން ބަރު ހަތިޔާރާއެކު ފަލަސްޠީނުގެ ރަށްތަކަށް އަރައި، ޢިމާރާތްތައް ތަޅައި ސުންނާފަތިކޮށް ގަތުލުއާންމު ހިންގަނީއެވެ. ފަލަސްޠީނުގެ އުތުރުގައި ދިރިއުޅުނު ގިނަ މީހުން މިހާރު ވަނީ ދެކުންނަށް ބަދަލުވެފައެވެ. މި މީހުންގެ ގާތްގަނޑަކަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަކީ ހުރިހައި އެހީއަކުން މަޙުރޫމުކޮށްފައިވާ މީހުންނެވެ.

ޣައްޒާގެ ޙާލަތު ވަންހަނާ ކުރާން އިސްރާއީލުން މަސައްކަތް ކުރިޔަސް އަދި ބައިނަލްއަގުވަމީ އެކި ގުނަންތަކުން ކާބޯތަކެތީގެ އެހީ ޣައްޒާއަށް އެތެރެކުރާން ހުރަސްއަޅައިފައި ވިޔަސް، ވީ ގޮތަކުން އެ މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ މަސައްކަތްކުރާ ޖަމުއިއްޔާތައް ވަރަށް ގިނައެވެ. ދިވެހީން ވެސް މީގެ ތެރޭގައި ހިމެނެއެވެ. މި ގޮތުން މި މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ ވައިކުޑައިގައި، އެހީގެ ތަކެތި ޣައްޒާއަށް މަތީން ވެރުމެވެ. މީގެ ތެރެއިން ބައެއް ތަކެތި ބިމަށް ނުވެއްޓި ކަނޑަށް ވެސް ވެއްޓޭ ގޮތް ދިމާވެއެވެ.

ޣައްޒާގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު މި ފަދަ ކާތަކެތި ނަގާން ކަނޑަށް އެރުނު މީހުންގެ ތެރެއިން މިހާތަނަށް 12 މީހުން ޣަރަޤުވެގެން ޝަހީދުވެއްޖެއެވެ. ޢުމުރުން 20 އަހަރުގެ މަޙުމޫދު އިބްރާހީމަކީ މީގެ ތެރެއިން އެކެކެވެ. އޭނާއަކީ މުޅި ޢާއިލާއަށް ކާނާ އަތުލައިގަތުމުގެ ހުނަރުވެރިޔާއެވެ. އޭނާގެ މައިންބަފައިންނާއި އުޚުތުންނަށް ކާތަކެތި ހޯދައިދެނީ އޭނާއެވެ. އޭނާއަކީ ޢާއިލާގެ ބަސް ގަބޫލުކޮށް ޝަކުވާތައް އަޑުއަހައިގެން އަބަދު ވެސް އޯގާވެރިކަމާއެކު އެހެން މީހުންނަށް ހެޔޮފޯރުކޮށްދިނުމުގައި ނަމޫނާއެކެވެ.

"މަތީން ވައްޓާ ކާތަކެތީގެ ފަހަތުން އޭނާ ދުވެގެން ހޯދައިގެން ގެޔަށް ގެންނާނެ. އެއީ ކުޅަދާނަ ދަރިއެއް." މަޙުމޫދުގެ ބައްޕަ އިބްރާހީމް ކިޔައިދިނެވެ. "އޭނާ ކަނޑުވެ ޝަހީދުވީ ދުވަހު އަޅުގަނޑު އެ ކުއްޖާފުޅު ގާތުބުނީން މޫދަށް ނުދާށޭ، މޫދަށް އެރިގެން ކާތަކެތި ހޯދާން ނޫޅޭށޭ. ސަބަބަކީ އޭނާއަކީ ފަތާން ނޭނގޭ ކުއްޖަކަށް ވާތީ."

"ޒުވާން ކުއްޖަކު ބުނި، މަޙުމޫދު ކަނޑަށް އެރުނީ އެ ދުވަހު، އެއްގަމަށް ވެރި އެއްވެސް ޕާރުސަލެއް މަޙުމޫދުގެ އަތުގައި ޖެހޭ ގޮތް ނުވީމަޔޭ."

މަޙުމޫދު ގެއްލުނު ވާހަކަ މީހަކު ބުނުމުގެ ކުރީން މި ކަމުގެ އެއްވެސް މަޢުލޫމާތެއް މަޙުމޫދުގެ ޢާއިލާގެ އެކަކަށް ވެސް ނޭނެގެއެވެ. ޖެހިގެން އައި ދުވަހު އޭނާއާއި އަދި އެތައް އެހެން ޒުވާނުންގެ ފުރާނަ ނެތް ހަށިތައް ޣައްޒާގެ ގޮނޑުދޮށަށް ލެއްގިއެވެ.

މުޅި ދުނިޔެއަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ފަލަސްޠީނީންނަށް މުޅި ދުނިޔެ ވަމުން މި ގެންދާ ބޭ އިންސާފަކީ ހުއްޓެންޖެހޭ ކަމެކެވެ."

މަޢުލޫމާތު:

https://www.thenationalnews.com/mena/palestine-israel/2024/03/28/gaza-aid-air-drop-sea-palestinians/

Advertisement

ކޮމެންޓް