Advertisement

ތަރައްގީގެ މަގުގައި އެފުރިކާއިން ފިލާވަޅެއް - ރުވަންޑާގެ ވާހަކަ

27 Mar 2024 | 11:50
ރުވަންޑާގެ ވެރިރަށް ކިގާލީ - 10 ވަރަކަށް އަހަރުން ކުރިއަރައިގެން އައި، ފުދުންތެރި، އަމާން ނަމޫނާ ވެރިރަށެއް.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މީގެ ހަތާވީހަކަށް އަހަރު ފަހަތަށް ޖެހިލަމާހެއްޔެވެ! އާދެ! 1994ވަނަ އަހަރާ ހަމައަށެވެ. އެ އަހަރުގައި ދުނިޔޭގެ ލޮލުގައި އަޅައިގަތް އެންމެ ވަރުގަދަ ޚަބަރަކީ ރުވަންޑާގައި ހިންގުނު ގަތުލުއާންމުގެ ވާހަކައެވެ. ރުވަންޑާގެ މައި ގަބީލާކަމުގައިވާ ހޫޓޫއިން އެ ގައުމުގެ އަގައްލިއްޔަތުގެ ގަބީލާކަމުގައި ހިމެނޭ ޓުޓްސީންގެ ހަ ލައްކައެއް ހައި މީހުން މެރި ވާހަކައެވެ. އޭގެ ތެރޭގައި ޓުޓްސީންނަށް ހަމްދަރުދީވާ ކަމުގައި ބެލެވުނު ހޫޓޫއިންގެ މީހުން ވެސް ހިމެނެއެވެ. ފަހުން، ޓުޓްސީންގެ ހަނގުރާމަވެރި މީހުން، ހޫޓޫއިންގެ ތިރީހަކަށް ހާސް މީހުން މެރިއެވެ. އާދެ! 1994ގައި ރުވަންޑާ އޮތި ބައިބައިވެ ލެއިން ތަތްތެޅިފައެވެ.

ދެން، މިއަދު، ރުވަންޑާއަށް ކަޅިއެއް އެއްލައިބަލާށެވެ! އެ އަނިޔާވެރި ގަތުލުއާންމުގެ 27 އަހަރު ފަހެވެ. މިއަދު، ރުވަންޑާއަކީ އެފުރިކާގެ އެންމެ ކުރިއަރައިފައިވާ އެއް ގައުމެވެ. އެ ގައުމު އޮތީ ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއަށް ވަނުމުގެ ދޮރުދޮށުގައެވެ. އެފުރިކާގެ އެންމެ ރައްކާތެރިކަން ބޮޑު ގައުމަކީ ރުވަންޑާއެވެ. ރުވަންޑާ ހިމެނެނީ ފަސާދަ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައެވެ. ގައުމުގެ ހުރިހައި ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ލިބޭނޭ މަގު އޮތީ ފަހިވެފައެވެ. އިޖުތިމާއި ޚިދުމަތްތައް ލިބޭ ގޮތް ވެސް އޮތީ ހަމަޖެހިފައެވެ. ތައުލީމާއި ސިއްހަތުގެ ޚިދުމަތެވެ. އާދޭހެވެ! ތިންވަނަ ދުނިޔޭގެ ގައުމުތައް ތަރައްގީވުމުގެ މަގުގައި ދަތުރުކުރަމުން ހަތްދިހަ ނޫނީ އަށްޑިހަ އަހަރު ދަތުރުކޮށް، އެ ގައުމަތަކަށް އެމީހުންގެ މަންޒިލާ ހަމައަށް ވާސިލުނުވެވުނު ދަރުތު، ރުވަންޑާ ނިންމައިލީ އެންމެ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައެވެ.

މި ބޮޑު ބަދަލު، (ގައުމު ބައިބައިވެ، އެއް ބަޔަކު އަނެއް ބަޔަކާ ތަޅައި މަރާމާރީއާއި ގަތުލުއާންމު ހިންގުމަށް ފަހު ކުޑަ މުއްދަތެއްގެ ތެރޭގައި އެހާ ބޮޑު ބަދަލެއް) ގައުމަށް އައީ ކިހިނެއްހެއްޔެވެ؟ އެ ކަމުގެ ސިއްރަކީ އެ ގައުމުގެ ރައީސްކަމަށް 2000ވަނަ އަހަރު ވަޑައިގަތް ޕޯލް ކަގާމޭއެވެ. އޭނާއަކީ ފަހަރެއްގައި ވެސް ޑިމޮކުރަސީގެ ބާނީއެކޭ ނުބުނެވޭނެއެވެ. ނަމަވެސް، އޭނާގެ ވެރިކަމުގައި ރުވަންޑާ މުޅީން ބަދަލުކޮށްލެއްވިއެވެ. ބައިބައިވެ، ހަލާކުވެ ފުނޑުފުނޑުވެފައި އޮތް ތަނެއް، މުޅިން އަލުން ބިނާކޮށް ކޮޅަށް ނެންގެވިއެވެ. ތިންވަނަ ދުނިޔޭގެ ފަގީރު ގައުމަކުން، ރުވަންޑާ އެއްވަނަ ދުނިޔޭގެ ސަފުތަކުގެ ކައިރިއަށް ރުވަންޑާ ގެނެސްދެއްވިއެވެ.

ރުވަންޑާގެ ރައީސްކަމާ 2000ވަނަ އަހަރު ޕޯލް ކަގާމޭ ހަވާލުވެވަޑައި ގަތުމަށް ފަހު، އޭނާ ސިންގަޕޫރަށް ދަތުރެއްކުރެއްވިއެވެ. (އެ ދަރުތުގައި ރާއްޖޭގައި ވެސް މަޑުކޮށްލެއްވިއެވެ.) އޭނާގެ ބޭނުންފުޅުވީ ތަރައްގީގެ މަގުގައި ސިންގަޕޫރު ކުރި ދަތުރުގެ ތަޖުރިބާއިން ފިލާވަޅު ލިބިވަޑައިގަނެ، ރުވަންޑާގައި ވެސް އެ މަސައްކަތް ފައްޓަވާށެވެ.

ރުވާންޑާގެ ރައީސް ކަގާމޭ: އެންމެ ފަގީރު ގައުމެއްގެ ގޮތުގައި އޮތް ކުޑަކުޑަ ރުވާންޑާ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަރައްގީކޮށް ކުރިއެރުވީ ސިންގަޕޫރު ނަމޫނާއަކަށް ބައްލަވައިގެން ތެދުވެރި އިޚުލާޞްތެރި މަސައްކަތްޕުޅާއި ވަރުގަދަ ޢަޒުމާއި ކަށަވެތިކަމުގެ ސަބަބުންނެވެ.<br>

ރުވަންޑާ ތަރައްގީކުރުމުގައި ރައީސް ކަގާމޭގެ ސިޔާސަތު މައިގަނޑު ދެތިން ކަމަކާ ގުޅެއެވެ. ނުރަނގަޅު ކަންތައްތައް ނައްތާލުމާއި ރަނގަޅު ހަރުދަނާ ބިންގަލެއްގެ މަތީ ގައުމު ބިނާކުރުމެވެ. ރުވަންޑާގެ ހަލާކުވުމުގެ އަސްލަކަށް ވެފައި އޮތީ، ކެންސަރެއް ފަދައިން، ގައުމުގެ ހަށިގަނޑުގައި އަށަގަނެ، ފެތުރިފައި އޮތް ފަސާދައެވެ. ގަބަލީ ވެރިކަމެވެ. އާދެ! ވަކި ގަބީލާއަކަށް މީހާ ނިސްބަތް ވުމުން އެ މީހަކަށް އިސްކަންދީގެން ވެރިކަން ހިންގުމުގެ ސިޔާސަތެވެ. އޭނާގެ ފުރަތަމަ އަމާޒަކަށްވީ މި ކަން ނައްތައިލެއްވުމެވެ. ދެވަނަ އަމާޒަކަށްވީ ތައުލީމާއި ތަރުބިއްޔަތަށް އިސްކަންދީ މުޅިން އާ ޖީލެއް ބިނާކުރުމުގެ މަސައްކަތެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި ރިޝްވަތުހިފުން ފަދަ ކަންކަމީ ނުރަނގަޅު، އަޚުލާގީ ގޮތުން ދަށުދަރަޖައިގެ، ކަންކަންކަމުގައި މީސްތަކުންގެ ހިތްތަކަށް ވެއްދިއެވެ. ޚާއްސަ ގޮތެއްގައި މަދަރުސީ މަންހަޖުތަކުގެ ތެރެއިން ކިޔަވާ ކުދިންގެ ހިތްތަކަށެވެ. މި ކަމުގެ ނަތީޖާ މިއަދު ރުވަންޑާއިން ފެނިގެން ދެއެވެ. މިސާލަކަށް، އެ ތަނުގެ އާންމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް ބޭނުންކުރުމުގައި ފާރަވެރީން ނެތި، ކާޑުގެ ޒަރީޢާއިން، އަމިއްލައަށް ޓިކެޓުކަނޑައި ދަތުރުކުރުމެވެ.

މީގެ އިތުރަށް، ތަނުގެ މުއްސަނދިކަން އެންމެންނަށް ލިބޭ ގޮތް ހެއްދެވުމެވެ. ވަޒީފާތައް އުފައްދަވައި އެންމެނަށް ވަޒީފާ ލިބުމުގެ ފުރުސަތު ހުޅުވައިލައްވައިގެންނެވެ. ތައުލީމާއި ސިއްހީ ޚިދުމަތްތައް ފަދަ، ޚިދުމަތްތައް އެންމެނަށް ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދެއްވައިގެންނެވެ. މި ހުރިހާ ކަމެއް ކުރުން ވެސް، ރައީސް ކަގާމޭ ގަބޫލުފުޅުކުރައްވާ ގޮތުގައި، ފެށިގެން އަންނާން ޖެހޭނީ އެތެރެއިންނެވެ. ތަނުގެ މީހުންގެ ކިބައިންނެވެ. އޭނާ ދެކެވަޑައިގަތް ގޮތުގައި، ބޭރު މީހުންނަށް އިއުތިމާދުކޮށް، ބޭރު މީހުންގެ އަތްމައްޗަށް ތަރައްގީގެ މަސައްކަތް ދޫކޮށްލެވިގެން އެ ކަމެއް ނުކުރެވޭނެއެވެ. އެ ކަން ކުރާން ޖެހޭނީ، ތަނުގެ މީހުން އެކުގައި މަސައްކަތްކޮށްގެން، އަމިއްލައަށެވެ.

މި ތާނގައި ހަނދާންކޮށްލާން ޖެހޭ މުހިންމު އެއް ވާހަކަ އަދި އެބަ އޮތެވެ. ރުވާންޑާއަކި އެފުރިކާގެ ނިސްބަތުން ވަރަށް ކުޑަ ގައުމެވެ. މާ ގިނަ ގުދުރަތީ ޚައިރާތުތަކެއް އޮތް ތަނެއް ނޫނެވެ. އެ ތަނުގެ މައިގަނޑު އެއް ވިޔަފާރިއަކީ ފަތުރުވެރިކަމެވެ.

ރުވަންޑާއިން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ އެ ފިލާވަޅު ސީދާ ރައީސް ކަގާމޭ ވިދާޅުވެފައި އޮވެއެވެ. "ތިމަންމެންނަށް މި ކަން ކުރެވޭ އިރު، އެހެން މީހުންނަށް ވެސް މި ކަން ނުކުރެވޭންވީ ކީއްވެހެއްޔެވެ؟" އާދެ! ރުވަންޑާއަށް ތަރައްގީގެ މަސައްކަތް ކާމިޔާބު ގޮތުގައި ކުޑަ މުއްދަތެއްގެ ތެރޭގައި ކުރެވޭއިރު އެހެން މީހުންނަށް ވެސް މި ކަން ހަމަ ކުޑަ މުއްދަތެއްގެ ތެރޭގައި ކުރުމުގެ އެކަށޭނަކަން އެބަ އޮތެވެ. އެ ކަން ކުރާން އޮތް މަގުގައި ހިނގައިގެންނެވެ. ތަނުން ފަސާދަ ފޮހެލައި ނެތިކޮށްލައިގެންނެވެ. ތައުލީމާއި ތަރުބިއްޔަތުގެ ތެރެއިން އަމިއްލަ ނަފްސަށް އިތުބާރުކުރާ، ކަންނެތް ކަމެއް ނެތް، ޒިންމާދާރު މުވާތިނުންތަކެއް އުފައްދައިގެންނެވެ. ތަރައްގީގެ މަސައްކަތަކީ، ބޭރު މީހުންގެ އެހީ ލިބިގަތް ކަމުގައި ވިޔަސް، އެ މަސައްކަތް އެ މީހުންގެ އަތް މައްޗަށް ދޫކޮށްނުލައި، އެ މަސައްކަތް އަމިއްލައަށް ކޮށްގެންނެވެ.

އެ މަސައްކަތްކުރާން، އެންމެ ފުރަތަމަ ބޭނުންވަނީ ދުރުވިސްނޭ ހަރުދަނާ ލީޑަރެކެވެ. ގައުމަށް އިޚުލާސްތެރި، ގައުމުގެ މަސްލަހަތަށް އިސްކަންދީގެން ކަންކުރާން އެނގޭ، ވިސްނުންތެރި ލީޑަރެކެވެ. ފަސާދައިގެ ކެންސަރު ގައުމުން ފޮހެލައި، ގައުމަކީ މުޅި ރައްޔިތުންގެ ތަނެއްކަމުގައި ދެކި، ވެރިކަމަކީ ވެރިޔާއާ ހަވާލުކުރެވޭ އަމާނަތެއްކަމުގައި ހިތުގެ އަޑީން ގަބޫލުކޮށް، އެ ކަން، އޭނާގެ އަމަލުން ދައްކުވާ ޒައީމެކެވެ. ވެރިކަމަކީ ތިމާގެ އަމިއްލަ މީހުންނަށް ޓަކައި، ތިމާގެ ގަބީލާގެ މީހުންނަށް ޓަކައި، ތިމާގެ ސިޔާސީ ކުލައިގެ ފައިދާއަށް ޓަކައި، ކުރާ ކަމަކަށް ނުހަދާ ޒައީމެކެވެ. ވެރިކަމުގެ އާރާއި ބާރު، އަދި އިއްޒަތާއި ގަދަރު، ގުޅިފައި އޮންނަނީ ބޭރުގެ ގައުމުތަކާއި އަދި ބޭރުގެ ބާރުތަކާ ނޫންކަމާއި އެ ކަން ގުޅިފައި އޮންނަނީ ތަނުގެ ރައްޔިތުންނާކަން ގަބޫލުކޮށް އެ ގަބޫލުކުރުމުގެ މައްޗަށް ތަނުގެ ސިޔާސަތުތައް ރާވައި ހިންގާން އެނގޭ ޒައީމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ވެސް މި ފަދަ ޒައީމަކު އުފެދޭން ވެއްޖެއެވެ. ތަރައްގީގެ މަގުގައި ހެޔޮ ފިޔަވަޅުތަކެއް އަޅައި، ތަރައްގީގެ މަންޒިލަށް، އާދެ! ހުރިހާ މުވާތިނުންނަށް ހެޔޮ، ކަރާމާތްތެރި ދިރިއުޅުމެއް ލިބޭ މަންޒިލަކަށް، ވާސިލުވުމަށް ޓަކައެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

ޢަޒުމް       ނ.    ކަމެއް ކުރުމަށް ގަސްތުކޮށް މާ ވަރުގަދައަށް ހިތުގައި ކަނޑައަޅާ ކަނޑައެޅުން.

ކަށަވެތިކަން   ނ.     (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާ އެކު، ކަމެއް ކުރުމުގެ ސިފަ. (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ކަމެއް ކުރާނެކަމަށް ވާ ވަޢުދު.

ހަރުދަނާ     ނއ.    (1) ރަނގަޅު އުސޫލެއްގައި ސާބިތުވެ ހުންނަ. (2) އުޅުމުގެ ގަވާއިދުތައް ރަނގަޅު.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
މަރީ
ފ. އަތޮޅުގެ މަޝަރޫޢު ހުއްޓުވީ ތިޔަ ތަރައްގީ މި ގައުމަށް އަތުވެދާނެތީ ބޮޑުބޭބެ ފައިސާ ދީގެންނެވެ. ރައީސް ޔާމީން ގެންދެވީ 10 އަހަރު ދުވަހުން ހަމަ ތިޔަ މޮޑެލްގައި ގައުމު ތަރައްގީކުރައްވާން އަމާޒު ހިއްޕަވައިގެންނެވެ.
27 Mar 2024
އިބްނި މުހަންމަދު
އައިހެވަންއާއި ފ. މަޝްރޫޢަކީ ތިޔަ މޮޑެލަށް އަމާޒު ހިއްޕަވައިގެން ފަށާން އަމާޒުކުރި ދެ މަޝްރޫޢެކެވެ. ނަމަވެސް މި ގައުމުތަރައްގީވާން ނޭނދޭ ބޭރުގެ ބާރަކުން ދިން ރިޝްވަތަށް ހެއްލި އެ ކަންކަން ހުއްޓުވީއެވެ.
28 Mar 2024