Advertisement

ތަސްވީރެއް ކިޔައިދޭ ވާހަކަ: ފެންނަނީ ސިޔާސީ ނިޒާމު ފާސިދުވެ، ފޭލިވެފައިވާ ތަނެކެވެ.

26 Mar 2024 | 12:18
ތަރުކާރީ ވިއްކާ ކުއްޖެއް: މިފަދަ މަންޒަރުތައް އެ މުޖުތަމާއަކުން ފެންނަ ކޮންމެ މުޖުތަމާއަކީ ވެސް، އެތަނުގެ ސިޔާސީ ނިޒާމު ފާސިދުވެ، ފޭލިވެފައިވާ ތަނެކެވެ.

ޑރ. ޢަބްދުލްޤަފޫރު ޢަބްދުއްރަޙީމް

ތިޔަ ފެނިވަޑައިގަންނަވާ ތަސްވިރު ކިޔައިދެނީ ކޮން ވާހަކައެއްތޯއެވެ؟ މި ތުއްތު ކުއްޖާ ކޮންމެ ފަދަ ގައުމަކަށް ނިސްބަތް ވިޔަސް، އަދި އެއީ ކުރިއަރައި ތަރައްގީވެފައިވާ ގައުމެއްކަމުގެ ދައުވާ ކުރިޔަސް، އެ ގައުމެއްގައި ހިންގައިލެވޭ ސިޔާސީ ނިޒާމަކީ ފާސިދުވެ، ފޭލިވެފައިވާ ސިޔާސީ ނިޒާމެއްކަމެވެ!

މި ފަދަ މަންޒަރުތައް އެ މުޖުތަމަޢަކުން ފެންނަ ކޮންމެ މުޖުތަމަޢަކީ ވެސް، އެ ތަނުގެ ސިޔާސީ ނިޒާމު ފާސިދުވެ، ފޭލިވެފައިވާ ތަނެކެވެ. އަދި އެ މުޖުތަމައަކީ އެ މުޖުތަމައުގައި އިންތިހާއަށް މަވެތިކަމާއި އިންފިރާދިއްޔަތު އަށަގަނެ، އެކަކު އަނެކަކަށް އޯގާތެރިވެ އަޅައިލުން ގެއްލި ގޮސްފައިވާ މުޖުތަމަޢެކެވެ.

ޖާހިލީ ޒަމާނުގައި ވެސް މައްކާގައި އޮތީ މި ފަދަ މުޖުތަމަޢެކެވެ. ކީރިތި ގުރުއާނުގެ ބައެއް ސޫރަތްތަކުގައި މި ކަން ފާހަގަކޮށް މި ކަމާ ދެކޮޅު ހަދައިފައި ވެއެވެ. މިސާލަކަށް އަލްމާއޫނު ސޫރަތާއި އައްތަކާޘުރު ސޫރަތުގައެވެ. މި ސޫރަތްތަކުގައި މަވަތިކަމާއި އިންފިރާދިއްޔަތުގެ ގޮތާ މެދު، ފާޑުކިޔިފައި ވެއެވެ. އެކަކު އަނެކަކަށް އަޅައިނުލައި ހުރިހާ ހެވެއް، ވަކި ބަޔެއްގެ އަތްމައްޗަށް އަައުން އޮންނަ އޮތުމާ ވެސް ދެކޮޅު ހެދިފައި ވެއެވެ. މި ކަން އިތުރަށް ސާފުކޮށްލައިދިނުމުގެ ގޮތުން، އައްތަކާޘުރު ސޫރަތުގެ މާނައާއި އޭގެ މައްޗަށް އެއްޗެއް ލިޔެލާނަމެވެ.

ތަކާޘުރު ސޫރަތުގެ މައްޗަށް އަވަސް ކަޅިއެއް

ތަކާޘުރު ސޫރަތަކީ މައްކީ ސޫރަތެކެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރުއެކަލޭގެފާނުންގެ އިސްލާމީ ދައުވަތުގެ މައްކީ މަރުހަލާގެ ކުރީކޮޅު ބާވައިލެއްވުނު ސޫރަތެކެވެ. ކީރިތި ގުރުއާނުގެ މައްކީ މަރުހަލާގައި ތޭރަ ވަރަކަށް އަހަރު ހިމެނެއެވެ. މި ތޭރަ އަހަރުގެ ތެރެއިން ފުރަތަމަ ހަތަރު އަހަރު ބެލެވެނީ އެއީ މައްކީ މަރުހަލާގެ ކުރީ ކޮޅުކަމަށެވެ. މި ކަމުން، ތަކާޘުރު ސޫރަތް ބާވައިލެއްވުނު ދުވަސްވަރު އަންދާޒާކޮށްލެވެއެވެ.

މި ނަންގަތް، މައްކީ މަރުހަލާގެ ކުރީ ދުވަސްކޮޅަކީ އިސްލާމީ ދައުވަތުގެ މަސައްކަތާ ދެކޮޅުހަދައި، މުސްލިމުންނާ މެދު އަނިޔާވެރި އަމަލުތައް މައްކާގެ ގުރައިންޝުންގެ ބޮޑުން، އަދި ނުފަށާ އޮތް ދުވަސްވަރެކެވެ. ނަމަވެސް، އެ ދުވަސްވަރު، ބާވައިލެއްވުނު ބައެއް ސޫރަތްތަކުގައި، މައްކާގެ ޖާހިލިއްޔަތު ނިޒާމަށް ފާޑުކިޔައި ތަންގީދުކުރެވިފައި ވެއެވެ. ޖާހިލިއްޔަތުގެ ނިޒާމޭ ބުނެ މި އިޝާރަތްކުރަނީ، ދިރިއުޅުމުގެ ކަންކަމުގައި އެއްވެސް ރިވެތި އަޚުލާގީ ހަމައަކަށް ބެލުމެއް ނެތި، ހިތު ހުރި ގޮތަކަށް ކަންތައްތައް ކުރެވެމުން ދިޔަ ނިޒާމަށެވެ. ކޮންމެ މީހެއްގެ ހަޔާތުގެ މަގުސަދަކަށް ވެފައި އޮތީ އަމިއްލަ ފައިދާއެވެ. ކޮންމެ މީހެއްގެ މަސައްކަތަކީ މުދަލާއި ފައިސާ ޖަމާކޮށް، ވީހައި ވެސް ގިނައިން ހޯދުމެވެ. މުޖުތަމައުގެ އެހެން އަފުރާދުންގެ މަސްލަހަތަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. އަޚުލާގީ އިމެއްގެ ތެރޭގައި ތިބެ އެ ކަން ކުރުމުގެ ބޭނުމެއް އޮތްކަމަށް ނުދެކިއެވެ. ތަކާޘުރު ސޫރަތުގައި ޖާހިލިއްޔަތުގެ މި ސިފައަށް ފާޑުކިޔިފައިވެއެވެ.

މި ފާޑުކިޔުން، ސޫރަތުގެ ނަމުން ފެނި، ސާފުވެއެވެ. ތަކާޘުރުގެ މާނައަކީ ކޮބައިތޯއެވެ؟ ގިނަކުރުމެވެ. މުދަލާއި ފައިސާ އެއްކޮށް، ޖަމާކޮށް، ގިނަކުރުމެވެ. ދުނިޔަވީ ހަޔާތަށް ޒީނަތްތެރިކަން ގެނެސްދޭ ސާމާނު އެއްކޮށް ޖަމާކޮށް ގިނަކުރުމެވެ. ބާރާއި ނުފޫޒު، ޖާހާއި ބޮޑުކަން ވެސް، އިތުރަށް ލިބިގަތުމެވެ. އަދި، މި ކަންކަމުން ތިމާއަށް މޮޅުކަން ލިބިފައިވާކަން ދައްކައި އެ ކަމާ މެދު، ފަޚުރުވެރިވެ، ބޮޑާ ވެސް ވުމެވެ.

މި ފަދައިން މުދަލާއި ފައިސާ، ތަކެއްޗާއި ސާމާނު، ބާރާއި ނުފޫޒު، ޖާހާއި ބޮޑުކަން އިތުރުކުރުމުގެ މަގުސަދަކީ ބޭނުމަކީ ކޮބައިތޯއެވެ؟ ދުނިޔަވީ އުފަލުގެ ގޮތުގައި ބެލެވޭ ކަންތައްތައް، ޖިސްމާނީ އުފާތައް - މީރު ކެއުމާއި ބުއިން، ޖިންސީ ލައްޒަތުތައް - މި އުފާތަކަށް ވާސިލުވެވެން އޮންނަ ވަސީލަތަކަށް މި ދެންނެވި މުދަލާއި ފައިސާ، ބާރައި ނުފޫޒު ފަދަ ކަންކަން ވުމުންނެވެ. އެހެންވެ، މި ކަމަށް ފާޑުކިޔައި ތަކާޘުރުގެ މި ދިރިއުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ތަކާޘުރު ސޫރަތުގައި ބަޔާން ކުރެވިފައި ވެއެވެ. އިތުރަށް ކުރިއަށް ދިޔުމުގެ ކުރީން، ދެން، ތަކާޘުރު ސޫރަތުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ!

بسم الله الرحمن الرحيم  ރަހުމަތްވަންތަ، ރަހުމަތްލައްވާ މާތްރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން ފަށްޓަމެވެ.

ألهاكم التكاثر  ކަލޭމެން ޣާފިލުކޮށްލައިފައި ވަނީ (މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ) ގިނަކުރާން އުޅުމެވެ.

حتى زرتم المقابر ކަލޭމެން ގަބުރުތަކަށް ޒިޔާރަތްކުރާން ޖެހޭންދެންނެވެ. (އެއީ ރަނގަޅު މޮޅު ގޮތްކަމަށް ދެކިގެން، ކަށްވަޅަށް ދާން ޖެހޭންދެންނެވެ.)

كلا سوف تعلمون ނޫނެކެވެ. (ހަގީގަތުގައި ކަން ހުރި ގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް އެއަށް ޓަކައި ފަޚުރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރުކުރުމުގެ ނަތީޖާ) ލަހެއްނުވެ ކަލޭމެންނަށް އެނގޭނެއެވެ.

ثم كلا سوف تعلمون އަދި ވެސް ނޫނެކެވެ. (ހަގީގަތުގައި ކަން ހުރި ގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް، އެއަށް ޓަކައި ފަޚުރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރު ކުރުމުގެ ނަތީޖާ) ލަހެއް ނުވެ ކަލޭމެންނަށް އެނގޭނެއެވެ.

كلا لو تعلمون علم اليقين (ޚިޔާރުކޮށްގެން އުޅެންވީ "ތަކާޘުރު"ގެ، މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންކަން، އެކަކު އަނެކަކަށްވުރެ ގިނަކުރުމުގެ، ދިރިއުޅުމެއް) ނޫނެވެ. ޔަގީންކުރެވޭ، (އެއާ މެދު، އެއްވެސް ޝައްކެއް ނުކުރެވޭ)، އެނގުން ކަލޭމެންނަށް އެނގޭ ނަމަ، (އެ ގޮތަކަށް ނޫޅުނީހެވެ).

لترون الجحيم ޔަގީނެވެ. ކަލޭމެންނަށް ނަރަކަ ފެންނާނެއެވެ.

ثم لترونها عين اليقين އަދި ހަމަ ޔަގީނެވެ. ޝައްކު ނުކުރެވޭ ގޮތަށް، ޔަގީންކަމުގެ ލޮލުން، ކަލޭމެންނަށް އެ ނަރަކަ ފެންނާނެއެވެ.

ثم لتسئلن يومئذ عن النعيم ދެން، އެ ދުވަހުން (ދުނިޔޭގައި ކަލޭމެންނަށް ދެއްވި) ނިއުމަތްތަކާ މެދު ސުވާލުކުރެވޭނެއެވެ.

ދެން، މި ސޫރަތުގެ ޖުމްލަ މާނައިގެ މައްޗަށް ނަޒަރެއް ހިންގައިލަމާތޯއެވެ! މުދަލާއި ފައިސާ، ބާރާއި ނުފޫޒު އަދި ދުނިޔަވީ ހަޔާތުގެ ޒީނަތްތެރި ކަންތަކާއި އެއްޗެހިކަމަށް، ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވައިފައިވާ ކަންކަމާއި އެއްޗެހި، ހޯދައި އެއްކޮށް، ގިނަކޮށް، ޖަމަޢަކޮށް، އެ ތަކެއްޗާއި ކަންކަމުގެ ގިނަކަމަށް ޓަކައި، މީސްތަކުންގެ މައްޗަށް، ނުވަތަ އެއް ބަޔަކު އަނެއް ބަޔެއްގެ މައްޗަށާއި އެކަކު އަނެކެއްގެ މައްޗަށް ފަޚްރުވެރިވެ އުޅުން، ދުނިޔަވީ ހަޔާތާ ވަކިވެ މަރުވެ ދިޔުމަށް ފަހު، ކުރިމަތިވާނެ ކަންތައްތަކާ އާޚިރަތް ދުވަހު ކުރިމަތިވާން ހުރި ކަންތައްތަކުން، ކަލޭމެން ވަނީ، މުޅީން ޣާފިލުކޮށްލައިފައެވެ. އަދި މިޣާފިލުކަމުގައި ކަލޭމެން މަރުވެގެން ޤަބުރުތަކަށް ދާން ޖެހެންދެން، ކަލޭމެން ތިބެއެވެ. މި ގޮތަށް ކަލޭމެން ދިރިއުޅެމުން ދަނީ، މި ގޮތަށް، ތަކާޘުރުގެ ދިރިއުޅުމުގައި ދުނިޔަވީ ހަޔާތް ވޭތުކޮށްލުމުގެ ނަތީޖާ ނޭނގޭތީއެވެ. މަރުވުމަށް ފަހު، ކުރިމަތިވާން ހުރި ކަންތައްތައް، ހިތުގައި އެއްވެސް ޝައްކުކަމަކާ ނުލައި، ޔަގީންކަމާއެކު، ގަބޫލުނުކުރެވޭތީއެވެ. ނުވަތަ އެ ކަން ހަނދާނުގައި ނުބެހެއްޓޭތީއެވެ. އެ ކަމުގެ ހޯޝް، ހޭވެރިކަން، (ކޮންޝަސްނަސް) ހިތުގައި ނޯންނާތީއެވެ. ދުނިޔޭގައި ލިބޭ ހިއްސީ ބައެއް އުފާތައް، ލޮލަށް ފެންނަ ރީތި މަންޒަރުތަކާއި، ކަންފަތަށް އިވޭ ހިތްގައިމު އަޑުތަކާއި، ދުލުން އިހުސާސުކުރެވޭ މީރު ރަހަތަކާއި، ޖިންސީ ލައްޒަތުގެ އަރާމުތައް ހޯދައި ލިބިގަތުމަކީ، ދުނިޔޭގެ ހަޔާތުގައި އޮތް އެންމެ މޮޅު ކަންތައްކަމަށް ދެކި، މި ކަންކަން ހޯދުމުގައި މަޝްޣޫލުވެ އަވަދި ނެތި އުޅޭން ހަދައިގެންނެވެ. މި އުފާތައް ލިބިގަތުމަށް ޓަކައި، މުދަލާއި ފައިސާ، ބާރާއި ނުފޫޒު ހޯދައި، ވީހާ ގިނައިން އެއްކޮށް އުޅުމަކީ، ހަޔާތުގެ ހަމައެކަނި މަގުސަދުކަމަށް ހެދިފައި ވާތީއެވެ. ނަމަވެސް، ހަގީގަތުގައި ކަން ހުރީ ކަލޭމެން ތިޔަ ދެކޭ ގޮތަކަށް ނޫނެވެ. އަދި، ލަސްތަކެއް ނުވެ، ކަލޭމެންނަށް، އެ ކަން އެނގޭނެއެވެ. އަދި ހަގީގަތުގައި ކަން ހުރީ ކަލޭމެން ތިޔަ ހީކުރާ ގޮތަށް ނޫންކަން، ކަލޭމެންނަށް، ޔަގީންކުރެވޭ ގޮތަށް، އެނގޭ ނަމަ، ތިޔަ ގޮތަކަށް ނޫޅުނީހެވެ. ޔަގީނެވެ. ކަލޭމެންނަށް ފެންނާނެއެވެ. އަދި ޔަގީންކުރެވޭ ގޮތެއްގައި، ލޮލަށް އެ ނަރަކަ ފެންނާނެއެވެ. އަދި މި ކަންތައްތައް ފެންނަ ދުވަހު، ﷲ ސުބްޙާނަހޫ ވަތަޢާލާ، ދުނިޔޭގައި ކަލޭމެންނަށް ދެއްވި، ނިޢުމަތްތަކުގެ ބޭނުން ހިފި ގޮތާ މެދު ސުވާލުކުރެވޭނެއެވެ.

ސޫރަތުގެ މެސެޖަކީ، ރިސާލަތަކީ، ބުނެދޭ ވާހަކައަކީ ކޮބައިތޯއެވެ! ފަހަރެއްގައި ވެސް، މަސައްކަތްކޮށް މުދާ ހޯދައި، ފައިސާވެރިވާކަށް އިންކާރެއްނުކުރެއެވެ. އެއީ ހަމަ ކުރުން އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް، ސޫރަތުގައި އިންކާރުކުރެވިފައި ވަނީ މުދަލާއި ފައިސާ ހޯދުމަކީ ހަމައެކަނި ދުނިޔަވީ ހަޔާތުގެ މަގުސަދުކަމަށް ހަދައިލުމާ މެދުގައެވެ. މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތް ކުރާން ޖެހޭނީ ދުނިޔެއަކީ ހަމައެކަނި އުޅޭން އޮތް ތަން ކަމުގައި ނުދެކި، އުޚުރަވީ ހަޔާތެއް ވެސް އޮތްކަން ހަނދާންކުރަމުންނެވެ. އަދި، އެ ކަން ކުރާން ޖެހެނީ އަޚުލާގީ އިމެއްގެ ތެރޭގައެވެ. ވައްކަމާއި ފޭރުން، އޮޅުވައިލުމާއި ލަނޑުދީގެން މުދަލާއި ފައިސާ ހޯދުމަކީ މި ބުނާ އަޚުލާގީ އިމުން ބޭރުގައިވާ ކަންކަމެވެ. އެހެންވެ، އެ ފަދަ ކަންކަމީ އެއް ގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. މީގެ އިތުރަށް، ތިމާގެ މުދަލާއި ފައިސާގައި ފަގީރުންނާއި ނިކަމެތިންނަށް ވެސް ހައްގެއްވާކަން ވެސް ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އާދެ! ތަކާޘުރު ސޫރަތުގެ މައިގަނޑު ރިސާލަތަކީ މިއީއެވެ.

އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުމަކީ މަތީން އެ ފެނިވަޑައިގަންނަވާ ތަސްވީރުން ފެންނަ މަންޒަރުތައް ނުފެންނާނޭ ފަދަ ސިޔާސީ ނިޒާމެއް ބިނާކުރުމެވެ. އިންފިރާދިއްޔަތާއި މަވެތިކަމަށް، އަދި ތަކާޘުރާއި ގައުމުގެ ހުރިހާ ހެވެއް، މަދު ބަޔެއްގެ އަތް މައްޗަށް އެއްވެ ގިނަވާނޭ ގޮތުގެ މަގުފަހިކޮށްދޭ މިހާރު މި އޮތް ނިޒާމާ ދުރަށް ގޮސް، ގައުމުގެ ޚައިރާތަކީ އެންމެން ވެސް ހިއްސާވާ، އެއިން އެންމެނަށް ވެސް ފައިދާ ކުރާނޭ ނިޒާމެއް ގާއިމުކުރުމެވެ. މި ފަދަ ކަމެއް ކުރެވޭނީ މި ކަމާ މެދު ވިސްނައި ފިކުރުކޮށް، މި ކަމަކީ ކުރެވޭނޭ ކަމެއްކަމުގައި ދެކި، ހެޔޮ ބަދަލުތަކެއް ގެނެވިގެންނެވެ. ކަންކަން ނުކުރެވޭ، ކަންކަން ކުރާން އަމުދުން ނުވެސް އެނގޭ، އަދި ތިމާމެންގެ ވެރިކަން ދެމެހެއްޓުމުގެ ގޮތުން ތިމާމެންގެ އަމިއްލައަށް ވެރިކަމަށް ގެނައި ތިމާމެންގެ ޕާޓީއާއި ގައުމު ވެސް ގުރުބާންކޮށްލާން ފަަސްނުޖެހޭ ސިޔާސީ ވެރިންނާއި އެމީހުންގެ ހޮޅި ފިކުރާ ދުރަށް ދިއުން މި ދެންނެވި މަސައްކަތުގެ ފެށުން ކަމުގައިވާނެއެވެ.

_______________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް