Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (13)

25 Mar 2024 | 04:41
ޤަދީމީ ކަޢުބާ

އަޙްމަދު ފަޔާޟް ޙަސަން

(2024 މާރިޗު 18ގައި ޝާއިޢުކުރި ބައާ ގުޅޭ)

އިބުރާހީމްގެފާނަކީ ދުޢާކުރެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ. ހަގީގަތުގައި އިބުރާހީމްގެފާނު ދުޢާ މި ކުރެއްވީ މައްކާގެ އަހުލުވެރިީންގެ ތަނަވަސްކަމާއި ތިޔާގިކަމަށެވެ. މިތަނުގައި ފާހަގަކޮށްލަންޖެހޭ އެއް ބަހަކީ އެކަލޭގެފާނު ބޭނުންކުރެއްވި މޭވާ މި ލަފުޒަށެވެ. މޭވާގެ ދެ މާނައެއް ވެއެވެ. މޭވާގެ ފުރަތަމަ މާނަޔަކީ ގަހަކުން ލިބޭ ކާނާއެވެ. މޭވާގެ ދެވަނަ މާނަޔަކީ ބަޔަކު ކުރާ މަސައްކަތުން ލިބޭ ފޮނި ނުވަތަ ހެޔޮ ރަނގަޅު ނަތީޖާއެވެ. އެހެންކަމުން އެކަލޭގެފާނު މި ދުޢާކުރައްވަނީ އެކަލޭގެފާނުގެ ދަރިފަސްކޮޅަށް މޭވާގެ މީރު ކާނާ ލިބިދެއްވުމަށާއި ތަނަވަސްކަން ހޯދާން އެ މީހުން ކުރާ ބުރަ މަސައްކަތުން މޭވާ ލިބުމަށެވެ. ފިކުރީ ގޮތުން ބަލާ އިރު މިއީ އަޖާއިބުކުރުވަނިވި މޮޅު އިބާރާތެކެވެ. މިއީ އެކަލޭގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ތަރިކައެވެ.

ސަލާމަތާއި ތިޔާގިކަމުގެ މަފުހޫމަށް ވިސްނާލަން ހިނގާށެވެ. އިންސާނީ މުޖުތަމަޢުގެ ހަޔާތަށް ފިކުރު ހިންގާއިރު އެމީހުންނަށް ބޭނުންވާ އެންމެ އަސާސީ ކަމަކީ ސަލާމަތާއި ރައްކާތެރިކަމެވެ. އެމީހުންގެ ގެދޮރުގެ އަމާންކަމެވެ. އެމީހުންގެ މަގުތަކުގެ ހަމަޖެހުމެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދޭ ފިހާރަތަކުގެ ސަލާމަތެވެ. އެމީހުން އަޅުކަންކުރުމަށް ހުންނަ ބިނާ ތަކުގެ ރައްކާތެރިކަމެވެ. އިންސާނުން ޖަމާޢަތަކަށްވަނީ އެމީހުންގެ މެދުގައި އޮންނަ ސަލާމަތާއި ރައްކާތެރިކަމުގެ ސަބަބުންނެވެ. މިހާރުވެސް ދުނިޔޭގެ ކަންހިނގާގޮތަކީ އަވަށެއްގެ އަމާންކަން ބޮޑުވުމާއެކު އެތަނެއްގެ ގެދޮރުގެ އަގު މަތިވެ ވިޔަފާރި ކުރިއެރުމެވެ. އަނެއްކޮޅުން އަވަށެއްގައި ރައްކާތެރިކަން ކުޑަވާވަރަކަށް އެތަނެއްގެ ގެދޮރުގެ އަގު ވެއްޓި އެތަނުގެ ވިޔަފާރި ދަށަށް ދެއެވެ. އެހެންވެ ރައްކާތެރި މުޖުތަމަޢުތަކުގައި އިގުތިސާދީ ހަރަކާތްތައް އިތުރުވެ މީހުންގެ ތަނަވަސްކަން ބޮޑުވެ އެތަނެއް ކުރިއަރާދެއެވެ.

ރައްކާތެރިކަމާއި ތަނަވަސްކަމަކީ ގުޅިލާމެހިފައިވާ ދެކަމެކެވެ. ތަނަކަށް އިގުތިސާދީ ކުރިއެރުން ގެނެވޭނީ އެތަނެއްގައި ހަމަޖެހުމާއި އަމާންކަން އޮވެގެންނެވެ. އަނެއްކޮޅުން ތަނަވަސްކަން ބޮޑުވުމުން ސަލާމަތީކަންކަން ވަރުގަދަކުރަން ބޭނުންވާ ފައިސާއާއި ވަސީލަތްތައް ތަނަވަސްވެއެވެ. މުޖުތަމަޢުއެއް ކާމިޔާބާއެކީ ދެމިއޮތުމަށްޓަކައި އެބަޔަކަށް ތަނަވަސްކަން މުހިންމުވެއެވެ. ތަނަވަސްކަމަށް މަގުފަހިކުރާ އަސާސަކީ ސަލާމަތެވެ. އެހެންވެ މިދެކަން މިއޮތީ ވަކިނުވެވޭވަރަށް ގުޅިފައެވެ. އެހެންކަމުން އިބުރާހީމްގެފާނު ކުރެއްވި މިދުޢާއަކީ އަޖާއިބެއްފަދަ މޮޅު ދުޢާއެކެވެ. އެކަލޭގެފާނު ތޫނުފިލިކަމުގެ ނަމޫނާއަކަށްވަނީ އެހެންވެގެންނެވެ. 3500 އަހަރު ފަހުން މިހާރުވެސް ޒަމާނީ އިންސާނާ މިހިނގަނީ އެކަލޭގެފާނު ކޮށްޓެވި މަގުންނެވެ. ﷲ އެކަލޭގެފާނުގެ ދުޢާތައް ގަބޫލުކުރައްވައި އެ ދުޢާތައް އިޖާބަކުރެއްވިއެވެ.

މައްކާގެ ތަނަވަސްކަމަށް އެދިވެޑައިގެން އިބުރާހީމްގެފާނު ކުރެއްވި ދުޢާ ﷲ އިޖާބަކުރެއްވިއެވެ. މިކަމުގެ ހެއްކަކަށް ޤުރައިޝް ސޫރަތް ފުދެއެވެ. ރަސޫލުﷲ ﷺ ގެ މުނިކާފައިކަލުން ޙާޝިމްގެ ދުވަސްވަރު މައްކާއަށް ވަރަށްބޮޑު ތަދުމަޑުކަމެއް އައެވެ. މިތަދުމަޑުކަމުގައި މައްކާގެ އަހުލުވެރިން ބަނޑަށްޖެހުނެވެ. މިދުވަސްވަރު ޙާޝިމް ވިޔަފާރިކުރެއްވުމަށްޓަކައި ސިލްކް ރޯޑެއް ގާއިމްކުރެއްވިއެވެ. އެކަލޭގެފާނު ގާއިމްކުރެއްވި ވިޔަފާރީގެ ހައިވޭއިން މައްކާއަށް ދިރުން ލިބި ތިޔާގިކަން ލިބުނެވެ. މިދެންނެވި ސިލްކް ރޯޑު އުތުރުން މިހާރުގެ ތުރުކީއާ ހަމައަށް އޮތެވެ. އަދި މި ވިޔަފާރީގެ މަގު ދެކުނުން ޔަމަނާ ހިސާބަށް އޮތެވެ. ހޫނު މޫސުމުގައި ވިޔަފާރި ގާފިލާތައް ޝާމް ކަރައަށް ދަތުރުކުރިއެވެ. އަދި ފިނި މޫސުމުގައި ވިޔަފާރި ގާފިލާތައް ޔަމަނަށް ދަތުރުކުރިއެވެ. މިއަދު ދުނިޔޭގައި އެންމެން އެއް އަޑަކުން ވާހަކަދައްކާ ގައުމީ ސަލާމަތާއި އިގުތިސާދަކީ އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައެވެ. ގައުމަކަށް ފުރަތަމަ ބޭނުންވަނީ ސަލާމަތެވެ. އެއަށްފަހު އެގައުމަކަށް ބޭނުންވާނީ ތިޔާގިކަމާއި ތަނަވަސްކަމެވެ.

އިބުރާހީމްގެފާނާއި އީމާންވާ މީހުން އަޅުކަންކުރުމަށް ﷲ ގެ ގެކޮޅު ކަޢުބާ އަލުން ބިނާކުރެއްވުމުގެ ޝަރަފު ﷲ އެކަލޭގެފާނަށް ދެއްވިއެވެ. މިކަމުގައި އެކަލޭގެފާނު ދަރިކަލުން އިސްމާޢީލް ފުރިހަމައަށް ބައިވެރިކުރެއްވިއެވެ. ދެން އިބުރާހީމްގެފާނާއި ދަރިކަލުން އިސްމާޢީލްގެފާނު ގެފުޅުގެ ބިންގާ އުފުއްލެވިއެވެ. މާނަޔަކީ ގެފުޅުގެ ބިންގަލުގެ މަތީގައި އަލުން އެދެބޭކަލުން ގެފުޅު ބިނާކުރެއްވުމެވެ. ގެފުޅު ބިނާކުރައްވައި ނިމުމުން ބުއްދިވެރިކަމުގައި އަރާހުންނެވި އިބުރާހީމްގެފާނު ކަންކުރެއްވީ މީހަކު ހިތަށްވެސް ނާރާފަދަ ގޮތަކަށެވެ. ސަވާބާއި ދަރުމައިގެ މިމަތިވެރި އަމަލަށްފަހު އެކަމަށް ފަޚުރުވެރިވެވަޑައިގަތުމުގެ ބަދަލުގައި އެކަލޭގެފާނާއި ދަރިކަލުން ﷲ އަށް ދުޢާ ދެންނެވިއެވެ. އަޅަމެންގެ ވެރި ރައްބު! އަޅަމެންގެ ކިބައިން މިކަން ގަބޫލުކުރައްވައިފާނދޭވެ! މިއިން ދައްކައިދެނީ އެކަލޭގެފާނުގެ ހިތްތިރިކަމާއި ޝުކުރުވެރިވުމުގެ ސިފައެވެ. އަދި އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ހަމައެކަނި ﷲ ގެ ރުހިވޮޑިގަތުން ހޯއްދަވަންކަމެވެ. އެކަލޭގެފާނަށް މުހިންމުވީ ކައުބާ ބިނާކުރެއްވުމެއްނޫނެވެ. އެކަމަކު ކަޢުބާ ބިނާކުރެއްވުމުގެ އަމަލަކީ ﷲ ގަބޫލުކުރައްވާ އަމަލަކަށްވުމެވެ. މިއީ އިބުރާހީމްގެފާނު ދޫކުރެއްވި ވަރުގަދަ ތަރިކައެވެ.

އިބުރާހީމްގެފާނުގެ ދެބަފައިކަލުން ދުޢާ ނިންމަވަނީ ﷲ އަކީ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަމުގައި ފާހަގަކުރައްވަމުންނެވެ. އިބުރާހީމްގެފާނަކީ އަދި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނަކީވެސް އަރަބީންނެއްނޫނެވެ. އިބުރާހީމްގެފާނު، އެކަލޭގެފާނުގެ ދަރިކަލުން މައްކާއަށް ދޫކޮށްލެއްވުމުން އެކަލޭގެފާނު އެތަނުގައި ވަޒަންވެރިވެޑައިގަތީއެވެ. އިސްމާޢީލް މިނަންފުޅަކީ އިބުރާހީމެކޭ އެއްގޮތަށް ހިބުރޫ ނަންފުޅެކެވެ. ޔަހޫދީން އިސްމާޢީލަށް ކިޔަނީ އިޝްމައީލްއެވެ. އިޝްމަ މިބަހުގެ މާނަޔަކީ އަޑުއެހުމެވެ. އީލްގެ މާނަޔަކީ ކަލާނގެއެވެ. އެހެންކަމުން އިސްމާޢީލް މިބަހުގެ މާނަޔަކީ ﷲ އަޑުއައްސަވައެވެ. ޔަހޫދީ ބައެއް ފާދިރީން ބަޔާންކުރާގޮތުގައި އިބުރާހީމްގެފާނަށް އިސްމާޢީލްގެފާނު ލިބިވަޑައިގެންނެވިއިރު އެކަލޭގެފާނު ހުންނެވީ މުސްކުޅި އުމުރުގައެވެ. އެހާ މުސްކުޅި އުމުރުފުޅެއްގައި ﷲ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި އެކަލޭގެފާނަށް ދަރިކަލެއް ދެއްވުމުން އެކަމުގެ އުފަލާއި ފޯރީގައި އެކަލޭގެފާނު ދަރިކަލުންނަށް ދެއްވި ނަމަކީ ﷲ އަޑުއައްސަވައެވެ. މިއާޔަތުގައި އިބުރާހީމް ވިދާޅުވިކަމަށް ﷲ މިބަޔާންކުރައްވަނީ އެކަލާނގެއަކީ އައްސަވާވޮޑިގެންވާ އިލާހުއެވެ. ސުބުޙާނަﷲ! ﷲ އިޖަބާއާއި އިސްމާޢީލް މިބަހުގެ މާނަޔާހުރި ގުޅުމުގެ ބޮޑުކަމާއެވެ.

ވިސްނާލަމާ ހިނގާށެވެ. ކަޢުބާގެ ވަށައިގެން ކުރާ ކޮންމެ ރުކޫޢަކާއި ސުޖޫދަކާއި ޠަވާފަކުން ގިނަގުނަ ސަވާބާއި ދަރުމަލިބެއެވެ. އެހެންކަމަށްވާއިރު ކަޢުބާ ބިނާކުރެއްވި ދެބަފައިކަލުންނަށް ހުންނާނެ ސަވާބުގެ ބޮޑުކަން ހިތްޕުޅަށް ގެންނަވާށެވެ. އެކަމަކު ކަޢުބާ ބިނާކުރެއްވުމަށްފަހު އެ ދެބޭކަލުންނަށް މުހިންމުވީ އެދެބޭކަލުންގެ ޢަމަލު ﷲ ގެ ޙަޟުރަތުގައި ގަބޫލުވެވިގެންވާ އަމަލަކަށްވުމެވެ. މިއީ އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ސާފު އަދި އަގުހުރި ތަރިކައެވެ. ނަބީކަން ޚަތިމްކުރެއްވި ސާހިބާ މުހައްމަދުއް ރަސޫލު ﷲ ﷺ ކަންކުރެއްވީވެސް އެކަލޭގެފާނުގެ ބަފައިކަލުން ކަންކުރެއްވި ފަދައިންނެވެ. ދެއްކުންތެރިކަމާއި އިޝްތިހާރުވުމަކީ އިބުރާހީމްގެފާނުގެ ތަރިކައިގައި ހިމެނޭ ކަމެއް ނޫނެވެ.

މުސްލިމުންގެ އަދުގެ ހާލަތަށް ބަލާއިރު އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިން ފިލާވަޅު ލިބިގަންނަ މީހުން މަދެވެ. މިސާލަކަށް ތަނަވަސްކަމުގެ އަހުލުވެރިން މިސްކިތް އަޅައެވެ. އެކަމަކު އެމީހުން ހޭބޯނާރާ އުޅެނީ އެ މިސްކިތުން ކޮންމެވެސް މީހެއްގެ ޒިކުރާ އާ ނުކުރެވިގެންނެވެ. އެމީހުން މަގުސަދަކަށްވަނީ ﷲ ގެ ރުއްސެވުމާއި ފުއްސެވުމެއްނޫނެވެ. އެކަމަކު ﷲ ފިޔަވައި ކޮންމެވެސް އެހެން ބައެއްގެ ފަރާތުން ރީތިނަން ހޯދުމެވެ. ތިމާ މީހަކަށް ތަޢާރަފްވާއިރުވެސް ހާމަކުރާނީ ތިމާގެ މަގާމާއި ކޮށްފައިވާ ކަންތަކެވެ. މިސާލަކަށް ކީރިތި ޤުރްއާން އުނގަންނައިދޭ މަޢުހަދަކަށް ބަލަމާތޯއެވެ. އެތަނުގެ އެންމެ އިސް މީހާއާއި ބައްދަލުވުމުން އެމީހާ ތަޢާރަފްވާނީ މިގޮތަށެވެ. މިޤުރްއާން މަޢުހަދުގެ މުއައްސިސަކީ އަޅުގަނޑެވެ. އަދި މިތަނުގެ ޕްރިންސިޕަލަކީވެސް އަޅުގަނޑެވެ. މިޒާތުގެ ފޭކު ކަންކަމަކީ އިބްރާހީމްގެފާނުގެ ތަރިކައިގައި ހިމެނޭ ކަންކަމެއްނޫނެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް