ހައްގު (6)
އަސްމާ އަބޫބަކުރު
(2024 މާރިޗު 17ގައި ޝާއިޢުކުރި ބައާ ގުޅޭ)
"ތިވަރުން މި ފަހަރަށް ވާނެ."
ގޮތް ނޭނގޭ މީހާގެ ނިތަށް ރޫއަރުވާލިއެވެ. އެނޫން ގޮތެއް ނެތޭ ބުނާ ކަހަލައެވެ.
"ލިބުނު ފައިސާ ކޮޅު މަދުކަމުން ބުނެވޭނީ ވެސް ބައެއް ވާހަކަ. ތިޔަ ޢާއިލާ ކާރު އެކްސިޑެންޓްކުރުމުގައި އަހަރެން ބައިވެރިވީން. އަހަރެން އެ ކަން ކުރީ ފައިސާ ބޭނުމުގައި. އެ ކަމުގެ އަޑިގައި ހުރި ނަދީމު. އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރާން ދަތިވިއަސް މީ ޙަޤީޤަތް"
ޔޫލީގެ ކުރިމަތީގައި އެހުރީ މަންމައާއި ބައްޕަގެ ޤާތިލުކަން އެނގުމުން ޔޫލީގެ ލޮލުން ކަރުނަ އަންނާން ފަށައިފިއެވެ. ބާރަށް ހަޅޭއްލަވަން ބޭނުންވި ވަގުތެއް ކަމަކު ހަޅޭއްލަވާކަށް ނުކެރުނެވެ. އެމީހާގެ މޫނު ނޮޅާލަފާނަމޭ ޔޫލީގެ ހިތަށް އެރިއެވެ. އެކަމަކު ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ އަތުގައި ތޫނު ވަޅިއެއް ނެތް ނަމަ އެމީހާގެ ގަޔަށް ބޮލަށް އަރަން ޔޫލީ ހުރީ ތައްޔާރަށެވެ.
"ކީއްވެ، އަހަރެންގެ ޢާއިލާ މަރާލަން ޖެހުނީ؟" ބިރުންހުރެ ޔޫލީ އަށް ބުނެވުނީ ހަމައެކަނި އެ ޖުމްލައެވެ. ނަފުރަތުގެ ބެލުމަކުން އެމީހާއާ ދިމާއަށް ޔޫލީ ބަލއިލުމަށްފަހު، ހިމޭންކަން އިޚްތިޔާރުކުރީ އެމީހާ ކޮށްފާނެ ކަމަކަށްޓަކައެވެ.
"ފައިސާ ބޭނުންވެގެން. ނަދީމު އެކަން ކުރީ ޔޫލީ މަންމަ ނަދީމަށް ނުލިބުމުން ތިޔަ ޢާއިލާ އުފަލުގެ އުޅުނަ ނުދޭން." އެމީހާ ދިއުމުން ވެސް ޔޫލީ އެތައް އިރަކު އިނީ ވިސްނުމަށް ގެއްލިފައެވެ. ދޮންބެ އެފަދަ ކަމެއް ކުރަން ހިތަށް އެރުވީތީ ވެސް ޔޫލީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އެމީހާ ދެއްކި ވާހަކައާ ބައްޕަގެ ޑައިރީގައި ލިޔެފައި ވާހަކަތަކާ އެބަ ދިމާވެއެވެ. އެމީހާ އެ ދެއްކީ ތެދުވާހަކަކަން ޔޫލީއަށް ޝައްކަކާ ނުލައި ޤަބޫލުކުރެވޭ ވަރު ވެއްޖެއެވެ. ޢާއިލާގެ އެންމެ ދޮށްޓަށް ހުރި ބޭބެ ޖެހިގެން ހުރި ކޮއްކޮ މަރައިލީއެވެ. ނަދީމުގެ ހިތުގައި ރަޙުމުގެ ކަންފުޅެއް ވެސް ނެތްކަތް ޔޫލީގެ ހިތަށް އެރިއަސް އެ ވާހަކަތައް ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟
ހުކުރު ދުވަހުގެ ހެނދުނު ވަގުތެވެ. އަރާމު ތަންމަތި ދޫކޮށްނުލާން ވެގެން ހޭލުވެނަސް ގަދަކަމުން ލޯމަރައިގެން ތިބޭ ކަހަލަ ދުވަހެކެވެ. ހެނދުނުގެ އެ ހިތްގައިމުކަން އިތުރުވަނީ ވާރޭ ވެހިގަތުމުންނެވެ. ކޮންމެ މީހަކަށް ވެސް ވާރޭ ޢުޒުރަކަށް ހަދާފައި ރަޖާދަށަށް ވަދެ އޮވެވޭނެތީއެވެ. އެކަމަކު ޔޫލީ ތަފާތެވެ. ވާރޭ ވެހޭނަމަ ކޮންމެހެން ވެސް ވާރޭ ވެހޭ މަންޒަރު ބަލަން ޖެހެއެވެ. ގޭގެ ބެލްކަނީގައި އިނދެ ކޮފީ ބޮމުން ގެންދިޔައީ ވާރޭގެ ހިތްގައިމު މަންޒަރު ބަލަމުންނެވެ.
" ވާރޭ ހުއްޓާލީމަ ހިނގާބަލަ ދައްތައާ އެކު ގެއަކަށް ދާން. ގަމަރުގެ އަޑަށް ޔޫލީ ފަސް އެނބުރި ބަލައިލާފައި ބޮލުން އެއްބަސްވިއެވެ.
ރޭގައި ހިނގާދިޔަ ޙާދިޘާގެ ވާހަކަ އަލީމަށް ކިޔައިދޭން ޔޫލީ ބޭނުމެއް ނުވެއެވެ. ޔޫލީއަށް ކިތަންމެ ކުޑަކަމެއް ވިއަސް އެކަންތައް ބޮޑުކޮށްލައިގެން އަލީމް އުޅޭނެކަން އެނގެއެވެ. އެ ވާހަކަ ގޭގައި އުޅޭ ދައްތަ އާއި ހިއްސާ ކޮށްލުމަށް ޔޫލީ ނިންމިއެވެ. ދައްތައަށް ރަށުގެ ކަންކަން ރަނގަޅަށް އެނގޭނެކަން ޔޫލީއަށް ޤަބޫލު ކުރެވޭތީއެވެ.
" މިހާ ހެނދުނާ އެއްވެސް ގެއަކު މީހުން ހޭލާނެތަ؟" ޔޫލީ ދައްތައާ ދިމާއަށް އެނބުރިލިއެވެ.
" ދައްތަ އަށް ރަށުން ފޮނުވި ހަދިޔާކޮޅެއްގެ ވާހަކަ ބުނެފަ އޮތީމަ. އެ ބަލާ ދާންކަމަށް." ޔޫލީ ހުސް ކޮފީތަށްޓެއް ހިފައިގެން އިންތަން ފެނި ގަމަރު ބޭނުންވީ ވީހާ އަވަހަކަށް ރަށުން ފޮނުވި ހަދިޔާ ގެންނާށެވެ. އެ ހަދިޔާ ފޮށިގަނޑުގައި ކޮފީއާ އެކު ކާނެ އެއްޗެހި ހުންނާނެތީއެވެ. ވާރޭ ހުއްޓަން ވީއިރަށް ޔޫލީ ހުރީ ތައްޔާރު ވެގެންނެވެ. އޭރު ގާތްގަނޑަކަށް ހެނދުނު ނުވައެއް ޖަހަނީއެވެ.
" ހިނގާ ކުދި ގޯޅިތަކުންދާން. އޭރުން ހިނގަން ފަސޭހަވާނެ." ޔޫލީއަށް ފަސޭހަ މަގުތަކުން ހިނގަމުން ދިޔައީ ދައްތަ ބުނި އެޑްރެސް ހޯދާށެވެ.
ދައްތަ ދެއްކި އެޑްރެސް ހޯދަން ޔޫލީ އަށް ފަސޭހަވީ ގޫގުލް މެޕް ޖެއްސުމުންނެވެ. ޢާއްމުކޮށް ވެސް ގެއިން ބޭރަށް ނިކުމެވޭނަމަ ޔޫލީއަށް މަގުތަކާއި ގޭގެ އެޑްރެސް އެނގޭހާ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް މާލޭގައި ހިނގަން އަދިވެސް ޔޫލީއަކަށް ދަހެއްނުވެއެވެ.
ދޮރުގައި ޓަކިޖަހާލުމުން އެގޭގެ ދޮރުހުޅުވިއެވެ. އޭރު އަނެއްކާ ވެސް ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ.
" ތެމިދާނެ. އަވަހަށް އެތެރެއަށް ވަދޭ." ދޮރުހުޅުވާލީ އެގޭގައި އުޅޭ ރަށުކުއްޖެކެވެ. ޔޫލީ ފުރަތަމަ ވެސް އަޅައިގަތީ މޭޒުމަތީ ހުރި ފޮޓޯ ލޯގަނޑަށެވެ. ދެން ކުއްލިއަކަށް ހަނދާންވީ ރޭގެ ޙާދިސާއެވެ. އެއީ ހަމަ އޭނައެވެ. އެ މޫނު ވަނީ ރަނގަޅަށް ޔޫލީއަށް ފެނިފައެވެ.
" އެބަ އަންނަން ހަދިޔާ ކޮތަޅު ހިފައިގެން" އެހެން ބުނެފައި އެ ކުއްޖާ ދިޔައީ އެތެރެއަށެވެ.
" ދައްތާ. އެއީ ރޭގަ އަހަރެން އަތުން ބިރުދައްކައިގެން ފައިސާ އަތުލި މީހަކީ." ޔޫލީ ކަންބޮޑުވެ ހާސްވެފައި ހުރި ވަރުން ގަމަރު ވެސް ކަންބޮޑުވިއެވެ.
"ހިނގާ ދާން އަވަހަށް. މިގޭގަ ހުއްޓާ އޭނައަށް ފެނިއްޖެ ނަމަ އަހަރެން މަރާލާނެ." ޔޫލީ އެގެއިން ހިނގައިގަންނަން ނިކުތެވެ. އޭރު ގަމަރު ހުރީ އެ އަންހެން ކުއްޖާ އަވަހަށް އާދޭތޯ ބަލަބަލައެވެ.
" ހާދަ އަވަހަކަށް ތިދަނީ. ކޮފީއެއް ވެސް ބޮއިގެންނުން އާދެވުނު ފަހަރު ދާންވާނީ."
" އެހެން ފަހަރަކުން ކޮފީއެއް ބޯން އަންނާނަން. މިފަހަރު ލަސްވާތީ މިދަނީ. ގަމަރު އަވަސް އަވަހަށް ފައިވާނަށް އަރައިގެން މަގުމައްޗަށް ނިކުތެވެ. އޭރު ޔޫލީ ހުރީ ލަސްވެފައެވެ.
ޔޫލީ ދެއްކީ ސުނާނާގެ ދޮށީދަރިފުޅު ޝާނީގެ ފިރިމީހާގެ ފޮޓޯއެކެވެ. ގަމަރު ހުރީ ބުނާނެ އެއްޗެއް ނޭނގިފައި އެފަދަ ކަމެއް ކުރަން އޭނައަށް ކެރުނީތީއެވެ.
ގެއަށް ދެވުމާއެކު ގަމަރު ޔޫލީ ގެނެސް ކައިރީގައި ބައިންދައިގެން އެ ޢާއިލާގެ އެންމެންގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ސުނާނާ އަކީ ޔޫލީގެ ތިއްތަކަން ޔޫލީއަށް އެނގެއެވެ.
" އެކަމަކު ޝާނީ އެއް ދުވަހަކު ވެސް ފެނިފައި ނުވާކަމަށް ޔޫލީ ބުންޏެވެ.
ސުނާނާ ވެސް ވަރަށް ބޮޑަށް ސަލީމްއާ ޢަޒިޒާ އާ ޙަސަދަވާނެ. އެއީ ސުނާ ބޭނުންވީ އެމީހުންގެ ދަރީން މޮޅަށް ކިޔަވަން. އެކަމަކު ތި ޢާއިލާގައި ޔޫލީމެން ކިޔެވިހާ މޮޅަކަށް އެހެން ކުދިންނަކަށް ނުކިޔެވޭ. އެކަމާ ސުނަނާ ކުރީގައި ފަންޑިތަ ވެސް ހަދާ."
"ކޮންމެ މީހެއްގެ ދަރިއެއް ވެސް މޮޅުވާނީ ކިޔަވަން ވަގުތު ހޭދަކޮށްގެން. ފޮތްތައް ގަތަސް ކިޔެވޭނެ ކަމެއް ނުދެނަހުރީން."
"ސުނާނާ ކުރިން ވަރަށް ގިނައިން ކިޔާނެ ޝާނީ ގާތު ވެސް ކިޔަވާން. އެކަމަކު އަބަދު ފޯނާ ކުޅުން އެ ޝާނީގެ ކަމަކީ. އަދި ސުނާނާއަށް ނޭނގި އެތައް ކުދީންނަކާ ރައްޓެހިވި." ތިއްތަގެ ޙާލުވެސް ބަލައިނުލެވޭކަން ޔޫލީ ހަނދާންވިއެވެ. ޔޫލީ ކަންބޮޑުވެގެން އުޅުނަސް ސުނާނާ ޔޫލީއަށް ނަފަރްތު ކުރާ ކަމެއް ޔޫލީއަކަށް ނޭނގެއެވެ.
"މިހާރު ސުނާނާ ވީ ރަށުގައި. ޔޫލީގެ ތިއްތަ ދެކޭގޮތުގައި އެކްސިޑެންޓް ހިނގީ ޔޫލީގެ ސަބަބުންނޯ."
"ކުރިން އަހަރެން ވެސް ހީކުރިން ކާރު ފުރޮޅައިލީ ކަމަށް. ތިއްތަ ހޮސްޕިޓަލަށް އައުމުން ވެސް ތިއްތަ ގާތު ކިޔުނު އަހަރެންގެ ސަބަބުންނޭ ކާރުދުއްވަން ދިޔައީ. އެކަމަކު ރޭގައި އެމީހަކު ކިޔައިދިން ގޮތުން އެކްސިޑެންޓް ހިންގީ ޢާއިލާގެ މީހަކު"
މާމަގެ ޙާލު ބަލާލަން ރަށަށްދާއިރު މާމަގާތު އަހައިގެން ދޮންބެ އެދުވަސްވަރު ރަށުން ބޭރަށްދިޔަތޯ ސުވާލު ކުރަން އެންމެފަހުން ޔޫލީ ނިންމިއެވެ. މީގެ ކުރީން އެގޭގައި އުޅޭ ދައްތަ ގާތު ވެސް ޔޫލީ އެއްވެސް ވާހަކައެއް ނުދައްކައެވެ. މާދަމާ އެވާހަކަ ދައްކަން ނިންމައި ޔޫލީ ނިދަން އޮށޯވެއްޖެއެވެ. އެހެންނަމަވެސް މިރޭ ޔޫލީގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ބިރުގަނެފައި ހުރިވަރުންނެވެ. އެތައް އިރަކު ވިސްނަން އޮވެވުނުފަހުން ނިދިޖެހޭގޮތް ވިޔަސް، ސިއްސައިގެން ގޮސް ހޭލެވެއެވެ. އެންމެފަހުން ފަތިސް ނަމާދު ބަންގި ގޮވާއަޑު އިވެން ފެށިއިރު ނިދިއަންނަ ގޮތް ވެއްޖެއެވެ. ހިތްވަރުކޮށްލާފައި ތެދުވެ ފަތިސް ނަމާދުކޮށްގެން އެނދުގައި ޖައްސާލުމުން ނިދުނުގޮތް ވެސް ނޭގުނނެވެ. ހޭލެވުނީ ފޯނުގެ އެލާމްގެ އަޑަށެވެ. އެވަގުތު ދޮރުގައި ޓަކިޖަހާ އަޑުއިވުނެވެ.
"ޔޫލީ. ގަޑިޖެހެނީ. އަވަހަށް ތެދުވޭ." ދައްތަ ގޮވާ ގޮތުން ޔޫލީއަށް މަންމަގެ ހަނދާންތައް އާދެއެވެ.
"ހޭލައިފިން." ދައްތަ ދޮރުކައިރީން ދުރަށްދާނީ ވެސް ޔޫލީ ހޭލިކަން ޔަގީންވީމައެވެ.
ޔޫލީ އޮފީހަށް ދާން ތައްޔާރުވަމުން ދިޔައީ އެހެން ދުވަސް ދުވަހަށްވުރެ އަތްމަތި އަވަސްކުރަމުންނެވެ. ފަތިހު ނިދުނީމައި ހޭލެވުނުލެއް ލަސްވީއެވެ. އެލާމް ކުރީ ހަތެއް ޖަހާއިރަށެވެ. އެހާއިރު ތެދުވެގެން އޮފީހަށް ދާން އެއީ ފަސޭހަކަމެއް ނޫނެވެ. އެ އޮފީހަކީ ޕްރައިވެޓް އޮފީހެއް ކަމަށް ވިއަސް ހެނދު އަށެއްޖަހާއިރު އޮފީސް ހުޅުވާން ޖެހެއެވެ. ބަންދު ކުރަނީ ހަވީރު ހަތަރެއް ޖަހާއިރެވެ.
އޮފީހަށް ދިއުމާއެކު އެހެން ހުރިހާ ކަމެއް މަތީން ހަނދާން ނެތި މަސައްކަތާއިގެން ޔޫލީ މަޝްޣޫލު ވެއްޖެއެވެ. ލިބިފައި ހުރި އޯޑަރުތަށް މުދާ ނެރުމާއި އެކިއެކި އޮފީސްތަކަށް މުދާ ފޯރުކޮށްދިނުމަށް އިސްކަން ދޭން ޖެއެވެ. އޭގެ އިތުރުން ތަންތަނަށް ހުށަހަޅަން ޖެހޭ ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ މަސައްކަތް ވެސް އެއީ މިއަދަށް ތާވަލު ކުރެވިފައިހުރި މަސައްކަތްތަކެވެ.
ރޭގަނޑުގެ ވަގުތެވެ. އިޝާނަމާދުކޮށް ނިމުނުތަނާ ދައްތަ ގޮވާ އަޑުއިވުނެވެ. ރޭގަނޑު ކާގަޑީގައި އެންމެން މޭޒު ކައިރީން ފެންނަ ހަމައެކަނި ގަޑިއެވެ. ބޭބެގެ މަސައްކަތް ހުންނަ ގޮތުން ބައެއް ރޭރޭ ގަޑިއަށް ނާދެވުނަސް ދައްތަ އެގަޑިއަށް އެންމެން ހަމަވުމަށް ހަނދާން ކޮށްދެއެވެ. ކައި ނިމިގެން ބޭބެއާ ނައުހާ ދިއުމުން ޔޫލީ ބޭނުންވީ ދައްތައާ ވާހަކަ ދައްކާލާށެވެ. ރޭގައި ހިނގި ޙާދިޘާ ކިޔައިދިނުމުން ދައްތަގެ ދެލޯ ބޮޑުވިއެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ ސުބުޙާނަﷲ އޭ ބުނެލިއެވެ.
"ތިވަރުގެ ކަމެއް ހިނގިއިރު ކީއްވެ ދައްތައަށް ނުގޮވީ. ރޭގައި ދައްތައަށް ނިދުނީ ޔޫލީ އާދޭތޯ އެތައް އިރެއްގައި މަޑުކޮށްގެން އޮއްވައި."
" ހަޅޭއްލަވާނީ ވެސް ކިހިނެއް؟ އެމީހަކު ހުރީ އަހަރެންގެ އަނގަމަތީގައި އަތްއަޅާފައި. ވަޅީގެ ތޫނުކަން ދެއްކުމުން އެވަގުތު ބިރުންގޮސް އެންމެ ރަނގަޅު ގޮތަކީ މަޑުން ހުރުންކަން ވިސްނުނު."
" މީހާގެ ސިފަ އެއްވެސް ވަރަކަށް އެނގޭތަ؟"
" ހިކި ދިގުކޮށް ހުރި މީހެއް. ދެންފަހަރަކުން ފެނިއްޖިއްޔާ އެނގޭނެ"
" ރޭގަނޑު އޮފީހަށް ދާއިރު ބޭބެއަށް ގުޅާލާ. އޭރުން ބޭބެ ދާނެ ޔޫލީ ބަލާ. މިހާރަކީ އެއްވެސް މީހަކަށް ރައްކާތެރި ޒަމާނެއް ނޫން . ޚާއްޞަކޮށް އަންހެން ކުދީން އެކަނި ތަންތަނަށް ދިއުން ނުވާނެ ރަނގަޅެއް."
"އަލީމަށް ގުޅީމޭ. އޭނާ ފޯން ނުނަގާތީ އެކަނި އައީ."
" ދައްތާ. އަހަރެމެންގެ ދޮންބެއާ ގުޅޭގޮތުން އެމީހަކު ވާހަކަ ދެއްކި. ދޮންބެ ބުނެގެން ހިންގި އެކްސިޑެންޓެއް ކަމަށް އޭނާ ބުނި."
" ދޮންބެ ތިކަހަލަ ކަމެއް ނުކުރާނެއެކޭ އަދި ކުރާނެއެކޭ ވެސް ބުނާކަށް ނޭނގޭނެ. މީހެއްގެ ގޮތެއް ނޭނގޭނެ. އެކަމަކު ދޮންބެ އަކީ ޔޫލީގެ މާމަ އާއި ކާފަގެ ދަރިއެއް ނޫންކަން އެނގޭ."
ދައްތަގެ ވާހަކަ އިން ޔޫލީއަށް ލިބުނީ އިތުރު ޙައިރާންކަމެކެވެ. މާމަ އާއި ކާފަ އެހާ ލޯބިން ގެންގުޅުނީ އެމީހުންގެ ދޮށީދަރި ނޫންކަން އެނގުނީ އަދި ކިރިޔާއެވެ. ދައްތަގެ ވާހަކަތަކުން މާމަ އާއި ކާފަގެ ހުންނަނީ ދެކުދީންނެވެ. އެއީ ޔޫލީގެ ބައްޕަ އާއި ސުނާނާ އެވެ. އެމީހުން ނަދީމު ގެނައީ ކައިރި ރަށަކަށް ދަރު ހޮވަން ދިޔަ ދުވަހު ވަލުތެރޭގައި ކުއްޖަކު ރޯއަޑު އިވިގެން ހޯދިއިރު މީހަކު އެއްލާލާފައި އޮއްވާ ފެނިގެންނެވެ. އެދުވަހުން ފެށިގެން އަމިއްލަ ދަރިއެއް ގޮތަށް ބަލަމުން ގެންދިޔައީއެވެ. އެއްވެސް ދަރިއަކަށް ތަފާތު ކުރުމެއްނެތިއެވެ. ޚާއްޞަކޮށް ނަދީމަކީ އެމީހުންގެ އަސުލު ދަރިއެއް ނޫންކަން ނަދީމަށް ނުވެސް އެނގޭނެ ކަމަށް ދައްތަގެ ވާހަކަތަކުން ޔޫލީއަށް އެނގިގެން ދިޔައެވެ.
ޔޫލީގެ ފޯން ރިންގުވުމާއެކު އަލީމް ގުޅާތީ ކޮޓަރިއަށް ވަނުމަށް ފަހު ފޯން ނެގިއެވެ.
"ޔޫލީގެ ޚަބަރެއް މިއަދު ނުވޭ. ކޮންތާކު ތިއުޅެނީ. ކިތައް ފަހަރު ގުޅިއްޖެ މިހާރު" (ނުނިމޭ)