Advertisement

އެނގޭހެއްޔެވެ؟ ފިނިހޫނުމިން މިއަދު 45އަށް ވުރެ މައްޗަށް އަރާނެއެވެ. ފާހަގަކުރާ ދުވަސްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ދޭން އެބަ ޖެހެއެވެ.

23 Mar 2024 | 13:23
މޫސުމާ ބެހޭ ގައުމީ އިދާރާގެ މެސެޖެއް: އާންމުން ހޭލުންތެރިކުރައްވާން އެ އިދާރާއިން މިހާރު ވެސް މަސައްކަތްތަކެއް ފައްޓައިގެން ކުރިއަށް އެބަ ގެންދެއެވެ.

މޫސުމާ ބެހޭ ޚާއްޞަ މުރާސިލު

މިހާރު ފާހަގަކުރާން ޖެހޭ، އިޙުތިފާލުކުރާން ޖެހޭ މުނާސަބަތުތައް ވިޔަކޮށްލުމަކީ މާ ސާދާ ގޮތަކަށް ކުރެވޭކަށް އޮތް ކަމެއް ނޫނެވެ. ދުވަސްތައް ގިނައީއެވެ. އަހަރުގެ ބައެއް ދުަސްދުވަހު މަތިމައްޗަށް ތިން ދުވަހާ ވެސް އެބަ ދިމާވެއެވެ. މި ދުވަސްތަކުގެ މުހިންމުކަމުގެ ވާހަކަ އާންމުންނާ ހަމައަށް ތިލަވާން އެބަ ޖެހެއެވެ. މި ފަދަ ކޮންމެ މުނާސަބަތެއް ފާހަގަކުރާ ކޮންމެ ދުވަހަކު އެއީ ކޮން ދުވަހެއްކަން އެނގޭނޭ ގޮތަށް ގިނަ ބަޔަކަށް ފެންނަ ތަނެއްގައި (މިސާލަކަށް: ވައިގެ ބަނދަރުގެ އަރާ ގިމަތައިގައި ނުވަތަ ސިނަމާލޭ ބުރިޖުގެ ކޮންމެވެސް އެއް ކޮޅެއްގައި ނުވަތަ ބަނދަރުމަތީގައި ނުވަތަ ޖުމްހޫރީ މައިދާން ފަދަ ތަނެއްގައި) ބެނާރެއް ދެމުން މުހިންމު ކަމަކަށް ވެދާނެއެވެ. އަހަރު ނުޖެހިއްޔާ ހަމަ އެ ފޮތިކަނޑު ތަކުރާރުކޮށް ކޮންމެ އަހަރަކު ވެސް ދެމިދާނެތާއެވެ.

މި ކަން، މަޢުލޫމާތާއި ފަންނުތަކާ ބެހޭ ވުޒާރާއިން، ނުވަތަ ދިވެހިބަހާ ބެހޭ ވުޒާރާއިން، ނުވަތަ ގައުމީ ސަލާމަތާ ބެހޭ ވުޒާރާއިން ވެސް ކުރެއްވިދާނެއެވެ. ނުވަތަ ސިފައިންނާއި ފުލުހުންނަށް ވެސް ކުރެވިދާނެއެވެ. މިއީ މާ ބޮޑު ޚަރަދެއް ނުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގުނަސް އިއްޔެ ރޭ ފާހަގަކުރި ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް އެއީ މި މަހުގެ 21ވަނަ ދުވަހާ ގުޅޭ މުނާސަބަތެކެވެ. އާދޭހެވެ. މާރިޗު 21 ވަނަ ދުވަހަކީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހެވެ. އަދި އެ ދުވާހާ އެހެން މުނާސަބަތެއް ވެސް ދިމާވާކަމަށް ވެއެވެ. އެހެންކަމުން އެ ދުވަހުގެ ރޭ, އެ ދުވަހުގެ މުނާސަބަތުގައި، ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓަކައި، އިޖުތިމާޢީ މަރުކަޒުގެ ހަރުގެ މާލަމުގައި އިޙުތިފާލެއް ބޭއްވިއެވެ. ހުކުރު ދުވަހަކީ، މާރިޗު 22ވަނަ ދުވަހަކީ، ދުނިޔޭގެ ފެނުގެ ދުވަހެވެ. ކޮންމެ މަޚުލޫޤެއް އުފައްދަވައިފައި ވަނީ ފެނުންކަމަށް ވިޔަސް އަދި ދިރިހުރުމަށް ޓަކައި ކޮންމެ މަޚުލޫޤަކަށް ފެން ބޭނުންވިޔަސް ފެނުގެ ދުވަސް ފާހަގަކުރަނީ ކީއްކުރާންކަމާއި އެ ދުވަހަކީ ކޮބައިކަން ވެސް އެނގެނީ މަދު މީހަކަށެވެ. ދުވަސް ފާހަގަކޮށްލެވެނީ ވެސް ވަރަށް ދޯދިޔާކޮށް، ހަމަ ނަމަކަށެވެ.

އަނެއްކޮޅުން މި އަދަކީ ދުނިޔޭގެ މޫސުމާ ބެހޭ ދުވަހެވެ. މޫސުމަކީ މުޅި އިންސާނިއްޔަތުގެ ވުޖޫދު އޭގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ވިއްސާރައެވެ. ވަޔެވެ. ވާރޭއެވެ. ކަނޑު ގަދަވުމެވެ. ރާޅުތަކުގެ އުސްމިނެވެ. ވައިގެ މިސްރާބެވެ. އޮއިގެ ބާރުކަމެވެ. ސުނޯއެވެ. ހޫނެވެ. ފިންޏެވެ. ކިސަޑު ފޭބުމެވެ. ބިންގަނޑު ކަނޑައިގެން ދިޔުމެވެ. ބީންހެލުމެވެ. ޠޫފާނެވެ. ނަގޫރޯޅިއެވެ. ހިރަފުސްރޯޅިއެވެ. ގަނޑުފެންތައް ވިރުމެވެ. ކަނޑުގެ ލޮނުގަނޑު އުސްވުމެވެ. ރަށް ގިރުމެވެ. މިހެން ގޮސް މި ހުރިހައި ކަމެއް މޫސުމާ ގުޅިފައި ވާތީ، އަޅުގަނޑުމެންގެ ދިރިތިބުމާ މޫސުމާ ވަތްކެއް ނުކުރެވޭނެއެވެ. އެހެންކަމުން މޫސުން ނިމުތުކުރުމާ ބެހޭ ގައުމީ އޮފީހެއް ވެސް ހުރެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއެވެ. މި އިދާރާއިން ވަނީ މޫސުމާ ބެހޭ މަޢުލޫމާތުތަކެއް ވެސް އާންމުކުރައްވައިފައެވެ.

މިއީ މުޅި ރާޖެއަށް ވެސް ހޫނު ގަދަ ދުވަސްވަރެއްކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރައްވައެވެ. މިއަދު 11 ޖެހި އިރު މާލެއަށް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިޙުސާސްކުރެވުނު ހޫނުމިނަކީ 44.4 ޑިގުރީ ސެލްސިއަހެވެ. މި ގަޑިގައި ހއ. އަތޮޅު ސަރަހައްދަށް އިޙުސާސްކުރެވުނީ 41 ޑިގުރީ ސެލްސިއަހުގެ ހޫނުމިނެވެ. އަނެއްކޮޅުން ލ. އަތޮޅު ހިސާބުގަނޑަށް ހޫނުކަން ތަންކޮޅެއް ކުޑަ ނަމަވެސް އެ އަތޮޅަށް ވެސް 37.6 ޑިގުރީ ސެލްސިއަހަށް ހޫނުމިން ހުއްޓެވެ. އެންމެ ދެކުނުން އައްޑު ސަރަހައްދަށް މިއަދު ފިނިހޫނުމިން އިޙުސާސްކުރެވުނުކަމަށް ރެކޯޑުތަކުން ދައްކަނީ 40.1 ޑިގުރީ ސެލްސިއަހެވެ. މި ދެންނެވީ މިއަދު މެންދުރުކުރީ ދާދި ދެންމެއަކު، 11:00ގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރެވެ. އެހެންވީ އިރު، ކޮންމެ ދުވަހަކު އެންމެ ހޫނު ގަދަ ވާ ގަޑިކަމަށްވާ މެންދުރުން އަނބުރައި 2:00ގައި 45 ޑިގުރީ ސެލްސިއަހަށް ވުރެ މައްޗަށް ހޫނުކަން އިހުސާސްކުރެވޭނެއެވެ. ވީމާ ގައިގައި ލޯޝަން އުނގުޅާށާއި ހަންގަނޑު ވީހައި ބޮޑަކަށް ނިވައިވާނެ ހެދުން އަޅައިގެން ނޫނީ ބޭރަށް ނުނިކުންނާން ސަމާލުކަން ދިނުން އެދެމެވެ.

މޫސުމީ ރެކޯޑްތަކަށް ބަލާއިރު މި ދިޔަ 2023 ވަނަ އަހަރަު  ރާއްޖެއަށް އެންމެ ވައިގަދަވެފައި ވަނީ ޖުލައި މަހު ފަސްވަނަ ދުވަހު މާލޭ ސަރަހައްދަށެވެ. ހުޅުލެއަށެވެ. އެއީ އެ ދުވަހު 55 މޭލު ބާރުމިނުގައެވެ. އެންމެ ބޯކޮށް ވާރޭ ވެހުނީ ވެސް މާލޭ ސަރަހައްދަށެވެ. ޑިސެންބަރު މަހު 31 ވަނަ ދުވަހުއެވެ. އެއީ 179.7 މިލިމީޓަރުގެ ވާރޭއެވެ. އެންމެ ހޫނުގަދަވެފައި ވަނީ މޭ މަހު 26 ވަނަ ދުވަހު ހދ. ހަނިމާދުވަށެވެ. އެއީ 34.6 ޑިގުރީ ސެލްސިއަހަށެވެ.

މިއަހަރުގެ ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން މީޑީއާއާއި މީސް މީޑިއާގައި މައުލޫމާތު ފެތުރުމުގެ ޚާއްޞަ ޙަރަކާތްތަކެއް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހިންގެވިއެވެ.

އަޅުގަނޑު ކުރީން ވެސް ދަންނަވައިލި ފަދައިން މި ފަދަ މުހިންމު ދުވަސްތައް އައިސް ގޮސް ވާއިރު މި އަދަކީ މިވެނި ކަމަކަށް ޓަކައި ފާހަގަކުރާ ދުވަހެއްކަން އެނގޭނެ ގޮތަށާއި އެ ކަމަުގެ މުހިންމުކަމަށް ދަލީލު ލިބޭ މެސެޖުތަކެއް ލިބޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖައްސާން އެބަ ޖެހެއެވެ. މިއީ އެއްވެސް ޚަރަދަކާ ނުލައި މި ޒަމާނުގައި ކުރެވޭން ހުންނަ ކަންކަމެވެ. އިސްކޮށް ތިއްބަވާ ބޭފުޅުންގެ ވިސްނުންފުޅާއި ނިޔަތާއި ޢަޒުމާއި ކަށަވެތިކަމަށް ކުޑަކުޑަ ފަހިކަމެއް ގެންނަވައިފި ނަމަ މިއީ ވަރަށް ފަސޭހަ ކަމެކެވެ. ހަމަ ގައިމު ވެސް އަޅުގަނޑުގެ ބާރު ފޯރާ މީހަކު އެފަދަ މަގާމެއްގައި ހުރި ނަމަ، މި ކަން ކުރުވީމުހެވެ. ވަކި އެއް މިނަކަށް ތައްޔާރުކޮށްފައިވާ ބޭނާރުތަކެއް ތައްޔާރުކުރާން ފުރަތަމަ ދާ ޚަރަދެއް ފިޔަވައި އެއްވެސް ޚަރަދެއް ކުރާން ނުޖެހި ވިހި ތިރީސް ސާޅީސް ފަންސާސް އަހަރަށް މި ކަން ދަންމައިލެވޭނެއެވެ. ކޮންމެ މި ފަދަ ދުވަހެއްގައި އެ ދުވަހަކާ ބެހޭ ނަމާއި މަހާއި ދުވަސް (އަހަރު ނުލިޔެ) ލިޔެފައިވާ ބެނާރެއް އާންމުންނަށް ގިނައިން ފެންނަ ތަނެއްގައި ދަމައިލެވިއްޖެ ނަމަ، އެންމެ ކުޑަމިނުން މިއީ ކޮން ދުވަހެއްކަން އެނގުނީސްތާއެވެ. މިސާލަކަށް: މިއަދަކީ ދުނިޔޭގެ މޫސުމާ ބެހޭ ދުވަސްކަމަށް ވާތީ، "ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް" މިހެން ލިޔެފައިވާ ބެނާރެއް އާންމުން ގިނައިން އެއްވާ ތަނެއްގައި ނުވަތަ ކުރީން އަޅުގަނޑު އިސްވެ ދަންނަވައިލި ފަދަ ތަނެއްގައި ދަމައިލެވިއްޖެ ނަމަ، ހަމަ ގައިމު ވެސް މިއަދަކީ މޫސުމާ ބެހޭ ދުވަސްކަން ގިނަ ބަޔަކަށް އެނގުނީސްތާއެވެ.  ނަމަވެސް....... މިހެން ހާލީތެރޭގައި އޮވެ ފީކުލުޅެއް ހަޅޭއްލެވިއަކަސް އައްޔެއް ނުވިލޭނެތާއެވެ. އަލިވިލޭނީ ރީތި ނަލަ އަޑުފުޅުން ހާލެއް ގޮވައިލީމާތާއެވެ!

ބައެއް ލަފުޒުގެ މާނަ:

ވުޖޫދު   ނ.    (1) އުފެދޭ އުފެދުން. (2) ދުނިޔެ.

ނިމުތު   ނ.    (1) ވާން ހުންނަ ކަން. (2) ކުރާ ލަފާ ނުވަތަ އަންދާޒާ. (3) ކުލަ. (4) ނީމުތު.

ކަށަވެތި  ނއ.  (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި. (2) ކަށަވަރު

ނިޔަތް   ނ.  ގަސްތު

އަޒުމު   ނ.  ކަމެއް ކުރުމަށް ޤަޞްދުކޮށް މާ ވަރުގަދައަށް ހިތުގައި ކަނޑައަޅާ ކަނޑައެޅުން.

މޫސުން  ނ.  (1) ކަމެއްގެ ދުވަސްވަރު.  އިސްތިއުމާލު: {ހ}ވިއްސާރަމޫސުން {ށ} ހުޅަނގު މޫސުން. {ނ} އިރުވައި މޫސުން  (2) ވަގުތު. (3) ފޯވަހި

Advertisement

ކޮމެންޓް