Advertisement

ބައިނަލްއަގުވާމީ ޅެންވެރިކަމުގެ ދުވަހުގެ ޙަފުލާއިން ފާހަގަކުރެވުނު މުހިންމު ބައެއް ކަންތައްތައް

22 Mar 2024 | 17:31
ރޭގެ ޙަފުލާގައި ޑރ. އަޝްރަފު ވާހަކަފުޅުދައްކަވަނީ

"ފަރަގު"ގެ އަދަބީ މުރާސިލު

އެނގިވަޑައިގަންނަވާނޭ ފަދައިން ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރާން އ.ދ.އިން ނިންމީ 1999ވަނަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރަން ފެށީ ޅެންވެރިކަމުގެ ތެރެއިން ބަހަވީ ޢިލްމުތައް ސިންދަފާތުކުރުމަށާއި ނެތެމުންދާ ބަސްތަކުގެ އަޑު މުޖުތަމަޢުގައި އިއްވައި އެ އަޑު ގަދަކުރުމުގެ ނިޔަތުގައެވެ. ދިވެހިރާއްޖޭގައި ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ރަސްމީކޮށް ފާހަގަކުރާން ފެށީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

މިއަހަރުގެ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ދިވެހިރާއްޖޭގައި ރަސްމީކޮށް ރޭ ފާހަގަކުރީ ދިވެހިބަހުގެ އެކެޑެމީއާއި ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ސަފާރާ ގުޅިގެންނެވެ. މި ކަމަށް ޓަކައި ޚާއްޞަ ހަފުލާއެއް އިޖުތިމާޢީ ތަޢުލީމުދޭ މަރުކަޒުގެ (ސޯޝަލް ސެންޓަރުގެ) ހަރުގެ މާލަމުގައި ރޭ ބޭއްވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް މުޙައްމަދު ފައްޔާޒު ގިލާނީއެވެ. މީގެ އިތުރަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި އެ ވިދާރާގެ ވެރީންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. އަދި ޕާކިސްތާނު ސަފާރާގެ އިސް ވެރީން ވެސް މި ޙަފުލާގައި ބައިވެރިވަޑައިގަތެވެ. މީގެ އިތުރަށް ޅެންވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ވަރަށްގިނަ ޅެންވެރީންނާއި ޅެންވެރިކަމަށް ލޯބިކުރައްވާ ގިނަ ޢަދަދެއްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރޭގެ ޙަފުލާގައި ޕާކިސްތާނުގެ ސަފީރު ވާހަކަފުޅުދައްކަވަނީ.<br>

މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ ސަފީރު ފައްޔާޒު ގިލާނީ ވިދާޅުވީ ޅެންވެރިކަމަކީ ދުވަހުގެ ދިރިއުޅުމުގައި ވަރަށް ބޮޑު އަސަރެއްކުރާ އެއްޗެއް ކަމަށާއި އެއީ އަޅުގަނޑުމެންގެ އިހުސާސްތަކާއި ފިކުރާއި ޝުއޫރުތަކުގެ އިތުރަށް  ތަސައްވުރާ ވެސް ގުޅިފައިވާ އެއްޗެއްކަމަށެވެ. އެހެންކަމުން، ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ޖަޒުބާތީ ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެ ޖަޒުބާތުތައް ފާޅުކުރާނީ ވަރަށް މަޑުމައިތިރި އަދި އެހާމެ މާނަ ފުން ގޮތަކަށް"ކަމަށާއި "އަޅުގަނޑު ދަންނަވާނީ އެއީ ފިނިފެންމަލަށް ވުރެ ރަނގަޅު ގޮތެއްކަމަށް،" ފައްޔާޒު ގިލާނީ ފާހަގަކުރެއްވިއެވެ.

"އަހަރެމެން ޕާކިސްތާނުގައި މީގެ ކުރީން އުޅުއްވި މަޝްހޫރު ޅެންވެރިއެއްކަމަށްވާ އައްލާމާ މުޙައްމަދު އިޤްބާލް އޭނާގެ ޅެންވެރިކަމާއި ފަލްސަފާ މެދުވެރިކޮށް އެތައް މިލިއަން މުސްލިމުންނަށް ޒަމާނުގެ ހަގީގަތާއި މަޖުބޫރު ތަޤުދީރު އަމިއްލައަށް ހޭލައްވައިލާން އިލްހާމު ކޮށްދެއްވިއެވެ. ގިލާނީގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.

ޅެންވެރީންގެ އިޙުތިފާލުގައި ބައިވެރިވެވަޑައިގަތް ޢިއްޒަތްތެރި ބައެއް ބޭފުޅުން<br>

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައިސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް ވަނީ ޅެންވެރިކަމުން އުފާ ހޯދޭނެ ދުވަހެއް ދެކެވަޑައިގަންނަވާން ބޭނުންފުޅުވާކަމަށާއި އަދަބުން އުފާ ހޯއްދަވާން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ. "އަޅުގަނޑުމެންގެ ތެރޭގައި މަދު އެއްޗެއް މިއީ އަދަބުން އުފާ ލިބިގަތުން. އަޅުގަނޑުމެންނަށް އަދަބުން، އަދަބު [ޢުޤޫބާތް] މި ލިބިގަނެވެނީ،" އަޝްރަފް ވިދާޅުވިއެވެ. އެހެންކަމުން އަދަބުން އަދަބުލިބުމުގެ ބަދަލުގައި އެކަމާ މެދު ވިސްނައި އަދަބުން އުފާވެރިކަން ހޯދާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ޅެންވެރިންގެ ތެރޭގައި މަޝްހޫރު ބައެއް ޅެންވެރިންގެ ޅެންތަކާއި އެކިކަހަލަ މަދަހަތައް ހުށަހަޅައިދީފައެވެ. ޅެންވެރިޔާ ފަރެސް ޢާމިރުގެ ރީތި ޅެމަކާއި ޑރ. ޙުސްނީ ޢަޤީލު މިޔުޒިކާއެކު ހުށަހަޅުއްވައިދެއްވި މަދަޙައެއް ވެސް އަޑު އިވުނެވެ. އަދި ޕާކިސްތާނުގެ ރައްޔިތަކު ވެސް ރިތި މަދަޙައެއް ހުށަހަޅައިދިނެވެ.

ރޭގެ ޙަފުލާގައި ރޯނުގޭ ޙަސަންމަނިކު ސިންގަޅަ ލަވައެއް ހުށަހަޅުއްވަނީ<br>

ރޭގެ ޙަފުލާއަކީ ވަރަށް އުފާވެރި ޙަފުލާއެކެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއް އޮތެވެ. އަޅުގަނޑުމެން އަބަދުވެސް ޝަކުވާ ކުރަނީ ދިވެހިބަހަށް އިސްކަން ނުދޭތީއެވެ. ނަމަވެސް ރޭގައި ދިވެހިބަހަށް އިސްކަންދެވުނީ މާ ބޮޑަށެވެ. ދިވެހިބަހަށް އިސްކަން ދެވުނުލެއް ބޮޑުކަމުން ބައިނަލްއަގުވާމީ މުނާސަބަތެއް ފާގަހަކުރާން ބޭއްވި މި ޙަފުލާ، އަދި ދިވެހިބަސް ނުދަންނަ ބޭރުގެ ޢިއްޒަތްތެރީން ބައިވެރިވެވަޑައިގަތް މި ޙަފުލާގެ "ބެނާރު"ގައި އުރުދޫބަހުން ނުވަތަ އިނގިރޭސިބަހުން ވެސް ދިވެހިބަހުން އޮތް ލިޔުމުގެ ތިރީގައި ލިޔެފައި އޮތްނަމަ، އެ މުނާސަބަތު އެއީ ބައިނަލްއަގުވާމީ މުނާސަބަތެއްކަމުގެ އިޙުސާސް ތަންކޮޅެއް ބޮޑަށް ކުރެވުނީހެވެ. މި ކަމާ ދެން ފަހަރަކުން ވިސްނައިވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ. ނަމަވެސް ޙަފުލާ ހުށަހަޅުއްވައިދެއްވުމުގައި ދިވެހިބަހުގެ އިތުރަށް ބައިނަލްއަގުވާމީ ބަހެއް ބޭނުންކުރެއްވިކަން އެއީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއްކަން ވެސް ފާހަގަކުރެވެއެވެ. މި ފަދަ ޙަފުލާއެއް ބޭރުގެ ސަފާރާއަކާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީއިން ބޭއްވެވިކަމަށް ޓަކައި ދިވެހި ސަރުކާރަށް، އަދި ވަކީން ޚާއްޞަކޮށް ދިވެހިބަހުގެ އެކެޑަމީއަށް ޝުކުރު ދަންނަވަމެވެ.

ރޭގެ ޙަފުލާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބައެއް ވެރީން ވެސް ބައިވެރިވެވަޑައިގަތެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު މާލޭގައި ނޫޅުއްވާތީ އެ މަނިކުފާނަށް ބައިވެރިވެޑައިގެންނެވޭ ގޮތެއް ނުވިއެވެ.

Advertisement

ކޮމެންޓް