Advertisement

ކޮލަމް "ހަމަ" (2): "ކަރަންޓައިނުލާ ރޯދަ ވީއްލާތާ ފަސް ދުވަސް"

22 Mar 2024 | 16:52
ދިވެހިބަހުން ލިޔެފައިވާ ލިޔުންކޮޅެއް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މަތީގައި އެ އޮތީ ޢިލްމީ ޤާބިލު ޒުވާނުންނާއި ތަޖުރިބާކާރުން ހިންގާ ވަރަށް "ބޮޑު" ނޫހެއްގައި އިއްޔެ އޮތް ސުރުޚީއަކުން ނެގި ބައެކެވެ. ސަބަބެއް އޮވެގެންނެވެ. މިއަދުގެ ޖީލުގެ ދިވެހިބަހާއި އަޅުގަނޑުމެންގެ ޖީލުގެ ދިވެހިބަހާ ހުރި "ފަރަގު" ބޮޑުކަން އިޙުސާސްކުރެވޭތީއެވެ. ނަމަވެސް އަދިވެސް އަޅުގަނޑުގެ ދިވެހި މުދައްރިސް ދުޔިޔޭގައި އެބަ ދިރިއުޅުއްވައެވެ. އެހެންވީ އިރު ބަހަށް މިހައި ބޮޑު ބަދަލެއް އަންނާން ހޭދަވާހައި މުއްދަތު ހޭދަވެއްޖެބާވައެވެ.

މި ވާހަކަ އަޅުގަނޑު މި ލިޔެލަނީ ހަމަ ވަރަށް ބޮޑަށް ކަންބޮޑުވެގެންނެވެ. އަޅުގަނޑަކީ ބަހުގެ ހަމަތަކާ ބެހޭ ގޮތުން ދިވެހިބަހުން ލިޔުނު ގިނަ މީހުންގެ ތެރޭގައި ހިމެނޭނެ މީހެކެވެ. އަދި ޚާއްޞަކޮށް އައިބައިފިއްޔާ ބެހޭ ގޮތުން އަޅުގަނޑު ވަރަށް ގިނައިން އެކި ނޫސް މަޖައްލާތަކުގައި ލިޔެފައި ވެސް ހުންނާނެއެވެ. އަދި އަޅުގަނޑުގެ މުދައްރިސް (ޢަބްދުﷲ ޞާދިޤު، (ނ.ޢ.ޢ.ވ))ގެ ނަސޭހަތްޕުޅެއްގެ ސަބަބުން "އައިބައިފިލީގެ ހަމަ" މި ނަމުގައި ފޮތެއް ވެސް ޝާއިޢުކުރީމެވެ. އޭރު އެ ވަރަށް އައިބައިފިއްޔާ ބެހޭ ގޮތުން ލިޔުނީ ގިނަ މީހުން އައިބައިފިލި ލިޔާންވާ ތަންތާނގައި އާބާފިލި ލިޔެ އުޅޭތީ އެ ކަމުގެ ސަބަބުން މާނައަށް އަންނަ ބަދަލާ ގުޅޭ ގޮތުން މީހުންނަށް އޮޅުންފިލުވައިދޭން ބޭނުން ވެގެންނެވެ. މީހުން ތަމްރީނުކުރާ ކިތަންމެ ކޯހެއްގައި ވެސް އަދި މަތީތައުލީމުގެ ކޯސްތަކުގައި ވެސް މި ވާހަކަދައްކައިފީމެވެ. ކިޔައިދީފީމެވެ. ކިޔަވައިދެވިއްޖެއެވެ.

މިހާރަކަށް އައިސް މުޅީން އެހެން މައްސަލައެއް ފެންމަތިވެއްޖެއެވެ. މިހާރު ބައެއް ނޫސްވެރީންނާއި ލިޔުންތެރީން އާބާފިއްޔާއި އައިބައިފިލި އޮޅުވައިލުން މުޅީން އެހެން މަރުޙަލާއަކަށް ގެންގޮސްފިއެވެ. އައިބައިފިލި އޮންނާން ޖެހޭ ކޮންމެ ތަނެއްގައި އާބާފިއްޔެއް ލިޔުމުގެ އިތުރަށް، އާބާފިލި އޮންނާން ވާ ކޮންމެ ތަނެއްގައި އައިބައިފިލި ވެސް ޖަހާން ފަށައިފިއެވެ. ސުރުޚީގައި އެ ވަނީ އޭގެ ރީތި މިސާލެކެވެ. "ކަރަންޓައިނުލާ ރޯދަ ވީއްލާތާ ފަސް ދުވަސް" މިއީއެވެ. މި ޖުމުލައިގައި ފުރަތަމަ އެ އޮތީ "ކަރަންޓު" މި ލަފުޒެވެ. މި ލަފުޒުގެ ފަހަތަށް ނިސްބަތުގެ "އާ" ގުޅުވައިލީމާ "ކަރަންޓު"ގެ ޓަވިޔަނީގެ ފިލި އުނިކުރުމަށް ފަހު "އާ"ގެ އަލިފު އުނިކޮށްލައި އަލިފުގައި އޮތް އާބާފިލި ޓަވިޔަންޏަށް ގެންދަނީއެވެ. އޭރުން "ކަރަންޓު" މި ލަފުޒާއި "އާ" މި ލަފުޒު މެހިގެން އެއް ލަފުޒެއްގެ ގޮތުގައި ވާނެއެވެ. އޭރުން އޮންނާން ޖެހޭނީ "ކަރަންޓާ" މިހެންނެވެ. "ކަރަންޓައި"އެއް ނޫނެވެ. ދެން އޮތީ "ނުލާ"އެވެ. އެއީ "ލުން" މި މަސްދަރަށް ނަފީގެ ނޫނު އިތުރުކުރުމަށް ފަހު، ކަމެއްގެ ޙާލަތުގައި އޮންނާން ޖެހޭ ލަފުޒެކެވެ. އެ ލަފުޒުގައި އޮންނާން ޖެހޭނީ އައިބައިފިއްޔެވެ. އޭރުން އޮންނާނީ "ނުލައި" މިހެންނެވެ. އޭރުން "ރޯދަވީއްލުމު"ގެ ޢަމަލަށް އިތުރު ބަޔާނެއް ގެނެސްދެނީއެވެ. އެއީ ކަންއިތުރެއްގެ ދައުރެވެ. އެ މީހުން ރޯދަވީއްލީ ކަރަންޓާ ނުލައެވެ. އެ ޙާލަތުގައި އެ ލާމުގައި އޮންނާން ޖެހޭނީ އައިބައިފިއްޔެވެ.

ކަމެއްގެ ކުރީގައި އޮންނަ އަކުރުގެ ފަހު އަކުރުގައި އާބާފިލި ޖެހުނީމާ އެ ލަފުޒުަން އަދާކޮށްދެނީ ނަމެއްގެ ދައުރެވެ. އޭރުން އެ ދޭހަވަނީ "ކަރަންޓާނުލާ" ކިޔާ އެއްޗެއް ރޯދަވީއްލާކަމުގެ މާނައެވެ. ހަމަ އެ ފަދައިން ނަމެއްގެ ކުރީގައި އޮންނަ ކަމުގެ ފަހު އަކުރުގައި އާބާފިލި ޖަހައިފި ނަމަ، އެ ކަން ބަދަލުވާނީ އެ ނަމުގެ ނަންއިތުރަކަށެވެ. މިސާލަކަށް "މުޚާޠަބުކުރައްވާ ރައީސް ދެއްވި ތަޤުރީރުތައް" މި ގޮތަށް ލިޔުނީމާ އެ "މުޚާޠަބުކުރައްވާ" އަދާކުރަނީ ރައީސް މި ނަމުގެ ސިފަ ބަޔާންކޮށްދޭ ނަންއިތުރަކަށެވެ. އޭރުން އެ ވަނީ "މުޚާޠަބުކުރާއްވާ ރައީސް"އަކަށެވެ. އެ ލަފުޒު، ކަމެއްގެ ގޮތުގައި އޮންނާނީ "މުޚާޠަބުކުރާއްވާ"ގެ ފަހު އަކުރު (ވ)ގައި އައިބައިފިލި ޖެހީމައެވެ. "މުޚާޠަބުކުރާއްވައި ރައީސް ދެއްވި ތަގުރީރުތައް" މިހެންނެވެ. ސަބަބަކީ މުޚާޠަބުކުރެއްވުމާއި ތަޤުރީރުދެއްވުމަކީ ރައީސް ކުރެއްވި ދެ ޢަމަލުކަމަށް ވާތީއެވެ. އައިބައިފިލި ޖެހުމުގެ އެއް ހަމައަކީ ކަންކުރި ފަރާތް އެއް ގޮތްވުމާއެކު އެއް ކަން، އަނެއް ކަމާ ގުޅުވަމުން ގެންދިޔުމެވެ. މި ވާހަކަ މި ލިޔެލީ ވެސް ބޮޑު ކޮމެޓީއަކުން ލިޔުނު ފިސާރި ބިޔަ، ބޯ ފޮތެއްގައި ޖަހައިފައި އޮތް ނަމަކަށް އިޝާރާތްކޮށްފައެވެ.

މަތީގައި މި ދެންނެވުނީ ދިވެހިބަހުގައި މިހާރު އެކަށައެޅިފައިވާ ގަވާއިދަށް ބަލާއިރު، އައިބައިފިއްޔާއި އާބާފިލީގެ ހަމަތަކަށް ރިޢާޔަތްކުރާ އިރު، މަތީގައި ބަޔާންކުރެވުނު ޢިބާރާތް އޮންނާން ވާނެ ގޮތެވެ. އާދޭހެވެ! އަދި މިހާތަނަށް ފެންނާން ހުރި ގަވާއިދުތަކަށް ބަލާ އިރު، އެ ޢިބާރާތް އޮންނާން ޖެހޭ ރަނގަޅު ގޮތަކީ، "ކަރަންޓާ ނުލައި ރޯދަ ވީއްލާތާ ފަސް ދުވަސް" މިއީއެވެ. ނަމަވެސް މި އުޞޫލާ ޚިލާފަށް، އާބާފިލި އައިބައިފިއްޔަށް، އަދި އައިބައިފިލި އާބާފިއްޔަށް ބަދަލުކޮށްގެން ނޫސްތަކުގައި ލިޔަމުން ގެންދާތީ މި ކަމާ ހަމަ ހިތަށް އުނދަގޫވެގެން މި ހާސަރުތައް ލިޔެލެވުނީއެވެ. އާ ގަވާއިދެއް އެކަށައެޅިފައި ވާ ނަމަ، އެ ގަވާއިދެއް އަޅުގަނޑުމެންނަށް ވެސް ފެންނާނެ ގޮތެއް ޢާންމުކުރެއްވުން މުހިންމެވެ. އޭރުން އެ ގަވާއިދަކަށް އަޅުގަނޑު ހަމަ ގައިމު ވެސް ތަބާވާނަމެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސަށް އަޅުގަނޑުގެ ޒަމީރަށް ގަބޫލު ނުކުރެވުނު ކަމުގައި ވިޔަސް ކަމާ ބެހޭ ފަރާތަކުން އެކަށައަޅައިފައި ގަވާއިދެއް އޮވެއްޖެ ނަމަ، އެ ގަވާއިދަކަށް އިޙުތިރާމްކުރާނަމެވެ. ދިވެހިބަހުގައި އެކަށައެޅިފައިވާ ގަވާއިދަށް ހުރިހައި އެންމެން ތަބާވުމަކީ ފަހި، އަރުތަވެރި މުވާޞަލާތަކަށް ޓަކައި، ވަރަށް މުހިންމު ކަމަކަށް ވާތީއެވެ.

Advertisement

ކޮމެންޓް