Advertisement

ވަގުތުންވަގުތަށް "ހަނގުރާމަ" ހުއްޓައިލާން ގޮވައިލާ ގަރާރެއް އެމެރިކާ އިސްވެ އޮވެ މި ހުށަހެޅީ ކީއްވެބާ؟

21 Mar 2024 | 12:58
ބްލިންކަން ސައޫދީ މީޑިއާއަށް މަޢުލޫމާތު ދެނީ.

"ފަރަގު"ގެ ބައިނަލައަގުވާމީ މުރާސިލު

ފަލަސްތީނު ރައްޔިތުންގެ ވާހަކަ މިއަދު ދެއްކުން މަދުވެފައި ވިޔަސް، އަދި އެ މީހުންނަށް ނަޞްރުދެއްވުން އެދި ނަމާދުގައި ކިޔާ ޤުނޫތު ނާޒިލާ ހުއްޓައިލައިފައި ވިޔަސް، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ޙާލު ދަނީ ހަމަ ގޯހުން ގޯހަށެވެ. މި ރަމަޟާން މަސް ފެށުނު ފަހުން (މާރިޗު 11ން މާރިޗު 20އާ ދެމެދު) 800 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. އަދި ޣައްޒާގެ ގިނަ ރައްޔިތުން ހައިހޫނުކަމުގައި ޖައްސައިގެން ބަނޑަށް މަރަނީއެވެ.

މިޙާލަތުގައި ވެސް އެމެރިކާގެ ރުހުން ހޯދާން ވެގެން، އެ މީހުންގެ މި އަނިޔާތަކަށް ލޯމަރައިލައިގެން ތިބި ވެރީން ނޫނީ ދުނިޔޭގެ ގައުމަކުން ހޯދާން ވެސް މިއަދު އުނދަގުލެވެ. ވެރިކަން ޙިމާޔަތްކޮށްދޭން ޝަރުޠުކޮށް އިސްރާއީލަށް ވާގިވެރިވެސް ވަނީއެވެ. މިއަދު ދުނިޔެ މި ވަނީ މުޅި އިންސާނިއްޔަތު ލަދުގަންނާން ޖެހޭ ފަދަ މިންވަރަކަށް ބޭއިންސާފާއި އަނިޔާވެރިކަން ޢާންމު ވެފައެވެ. ކޮރަޕްޝަނާއި ފަސާދައަކީ ފެޝަނަކަށް ވެފައެވެ. މި ދުނިތޭގެ ދިރިއުޅުމަށް ފަހު ދާއިމީ ޙަޔާތަކާ ކުރިމަތިލާން ޖެހޭނެކަމެއް މުސްލިމު ގިނަ ގައުމުތަކުގެ "އިސް ބޭފުޅުން" މިހާރު ހަނދުމަފުޅު ނެތިއްޖެ ކަހަލައެވެ.

ޣައްޒާގެ ޙާލަތު<br>

މި ފަހަރު އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް ޙަމާލާދޭން ފެށި ފަހުން، ފަލަސްޠީނުގެ މަޢުޞޫމު ރައްޔިތުންގެ ތެރެއިން އެއްތިރީސް ހާސް ނުވަ ސަތޭކަ ތޭވީސް (31923) މީހުން އެއްވެސް ޙައްޤުން ކަމަކާ ނުލައި ޝަހީދުކޮށް 74096 މީހުން ބޮޑެތި އަނިޔާތަކާއެކު ޒަޚަކަމްކޮށްލައިފައިވާއިރު، އަދި މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށްލުމަށް ފަހު، މި ދަނޑިވަޅުގައި އެއްކަލަ މުނާފިގު އެމެރިކާއިން، އެމެރިކާއާއި އިސްރާއީލުގެ ދިފާޢުގައި އޮންނަ އދ.ގެ އެ ބުނާ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ. އެ ގަރާރުގައި އޮތީ އަސިރުން މިނިވަންކުރުމާ ގުޅުވައި ވަގުތުން "ހަނގުރާމަ" ހުއްޓައިލާށޯލައެވެ.

ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ޙާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ދުނިޔޭގެ ބާރުގަދަ ލަޝްކަރުތަކަކުން އަނިޔާވެރިވެ ޙަމާލާދިނުމަކީ ބަޔަކު "ހަނގުރާމަ"އޭ ކިޔަސް އެއީ ހަމައެކަނި އަނިޔާވެރި ޢުދުވާނެއްކަމަށް ނޫނީ ނުވާނެއެވެ.

މުޅި ދުނިޔޭގައި އެންމެ ގިނަ ހަނގުރާމަ ހިންގައި ދުނިޔެ ފަސާދަކުރާން އުޅޭ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ބުނެފައިވަނީ އެ ގަރާރުގައި ގޮވައިލައިފައިވާނީ "ހަނގުރާމަ" ވަގުތުން ހުއްޓައިލާށެވެ. ނަމަވެސް އެއާ ގުޅިގެން އަސީރުން ދޫކޮށްލުން ޝަރުޠުކޮށްފައިވެއެވެ. މި ކަމާ ގުޅިގެން، ސުޢޫދީ ޢަރަބިއްޔާގެ މީޑިއާއެއްކަމަށްވާ "އަލްއަޙަދު"ގެ ފަރާތުން ބްލިންކަނާ ސުވާލުކުރުމުން އޭނާ ބުނެފައިވެއެވެ. "އާނއެކެވެ. ހަމަގައިމު ވެސް އަހަރެމެން ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފީމެވެ. އޭގައި ގޮވައިލައިފައިވާނީ ވަގުތުން ހަނގުރާމަ ހުއްޓައިލާށެވެ. އެއާ ގުޅިގެން ހުރިހާ އަސީރުން މިނިަންކުރާންޖެހޭނެއެވެ. އަހަރެން ވަރަށް ބޮޑަށް އުންމީދުކުރަނީ މެންބަރު ގައުމުތަކުން މި ގަރާރަށް ތާއީދުކުރާނޭކަމަށެވެ."

ޣައްޒާގެ ޙާލަތު ދައްކައިދޭ ފޮޓޯއެއް.<br>

މި ހިސާބުގައި ފާހަގަކޮށްލާން ޖެހޭކަމަކީ ފަސް މަސްދުވަހަށް ދިގު ދެމިގެން މިދާ ހަމަނުޖެހުން (އެ މީހުންގެ ނަޒަރުން "ހަނގުރާމަ") ހުއްޓައިލާން ހުށަހެޅި ތިން ގަރާރަކާ ދެކޮޅަށް އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށްފައެވެ. ކޮންމެ ފަހަރަކު ވެސް ވީޓޯކުރަނީ ތާކުންތާކު ނުޖެހޭ އެއްޗެކޭ ކިޔައި ބަހަނާއެއް ދައްކައިފައެވެ.

އަދ.ގައި އިސްރާއީސް ޙިމާޔަތްކުރުމުގެ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އެމެރިކާގެ ސަގާފަތެކެވެ. ނަމަވެސް ދެ ގަރާރެއް ވީޓޯ ނުކޮށް ވަކިކޮޅަކަށް ވޯޓުނުދީ ވެއެވެ.

މި ފަހަރު އެމެރިކާއިން އިސްވެ މި ފަދަ ގަރާރެއް ހުށަހެޅުމުގެ ބޭނުމާމެދު ސަުވާލު އުފެދެއެވެ. ފަހަރުގައި އިސްރއީލުގެ އިގުތިސާދު އިނދަނޖެހުމާއެކު އެ މީހުންނަށް މި ޢުދުވާނުތައް މި ވަގުތައް ހުއްޓާއިލާން މަޖުބޫރުވީކަމަށް ވެދާނެއެވެ. އެހެންކަމުން އަމިއްލައަށް ހުއްޓައިލީމާ އެއީ ލަދުވެތިކަމެއްކަމަށް ބަލައި އެ ކަމުން ސަލާމަތްވާނެ ބަހަނާއެއް ހޯދަނީކަމަށް ވެދާނެއެވެ.

________________________________

Advertisement

ކޮމެންޓް