Advertisement

މަޑުމަޑު ކުޅޭ އެއްޗެހީގެ ޒުވާން އެކުވެރިޔާ

20 Mar 2024 | 16:43
މަޑުމަޑު ކުޅޭކުޅޭ އެއްޗެއް

އަބާ މުޙަންމަދު

ތަފާތުކަންކަމާއި ޢަމަލުތަކަށާއި ތަކެއްޗަށް ލޯބިކުރާ މީހުން، ތަފާތު ވުމަކީ ވެސް ކިހައި ބޮޑު ރަޙުމަތެއްތޯއެވެ! އެންމެންނަށް އެކަކު ނުވަތަ އެކަތި ރީތިވާ ކަމުގައި ވީ ނަމަ، މުޅި ދުނިޔޭގައި އިންސާނުންނަށް ގާއިމުވެ ތިބުން ދަތިވީހެވެ.

އެ މީހަކު އުފުއްލާން ޖެހޭ މަސްއޫލިއްޔަތު ނުވަތަ އަދާކުރާންޖެހިފައިވާ ވަޒީފާ ނުވަތަ ވާޖިބު އަދާކުރުމުގެ އިތުރަށް އެ މީހަކު ކުރާ ހިތުން ޝައުޤުގުވެރިކަމާއެކު ކުރާ ކަމެއް ނުވަތަ ކަންތައްތަކެއް ހުރެއެވެ. އެއީ މުނިފޫހިފިލުވުމަށް ޓަކައި ކުރާ ކަމަކަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް މި ދެންނެވި ބާވަތުގެ އާދަތަކަށް މީހުން ކިޔައި އުޅެނީ ހޮބީކަމަށް އަޅުގަނޑު އަޑުއަހަމެވެ.

ހޮބީއެއްގެ ގޮތުން ވަރަށް ތަފާތު ކަންކަން ކުރާ މީހުން ވެސް އުޅެއެވެ. ބައެއް މީހުން ގަލަން އެއްކުރެއެވެ. އަނެއް ބަޔަކު ފޮތް އެއްކުރެއެވެ. އަދި އިސްޓޭމާއި މި ފަދަ އެހެން ތަކެތި ވެސް އެއްކުރެއެވެ. ތަފާތު ބާވަތްބާވަތުގެ ބޮލި އެއްކުރެއެވެ. ވަކިލާރި އެއްކުރެއެވެ. އެކި ގައުމުތަކުގެ ފައިސާގެ ނޫޓު އެއްކުރެއެވެ. އަދި ވަރަށް އިސް އަދި ޢިލްމީ ބޭފުޅަކު ހޮބީއަކަށް ކުރައްވާ ކަމަކީ މަތީންދާ ބޯޓުން ދަތުރުކުރައްވާ އިރު ލިބިވަޑައިގަންނަވާ "ބޯޓަށް އެރުމުގެ ފާސް" (ބޯޑީންގ ޕާސް) އެއްކުރެއްވުމެވެ.

އަޅުގަނޑުގެ ހޮބީއަކީ ފޮތް ކިޔުމާއި ހިތަށް އަންނަ އެއްޗެހި ލިޔުމެވެ. ދެން ގަލަމާއި ފޮތް އެއްކުރުމުވެ. ކުޑަވަރެއްގެ ކުތުބުޚާނާއެއް ހަދައިލެވޭހައި ފޮތާއި އެތައް ސަތޭކަ ގަލަމެއް އެއްކުރެވިފައި އެބަ ހުއްޓެވެ. 

ދާދިފަހުން އަޅުގަނޑާ ދިމާވީ ވަރަށް އާދަޔާ ޚިލާފު ހޮބީއެއް ގެންގުޅޭ ޒުވާނަކާއެވެ. އެ ޒުވާނާގެ ރަށާއި ނަމާއި އަތޮޅު އޭނާގެ އެދުމުގެ މަތީން ވަނީ ސިއްރުކުރެވިފައެވެ.

އެއީ މެދު ރާއްޖެތެރޭގެ ވަރަށް ކުޑަ އެހެނަސް ތަހުޒީބު ރަށެކެވެ. ޢުމުރުން 19 އަހަރުގެ ޒުވާނެކެވެ. އިސްކޫލު ނިންމުމަށް ފަހު، އަދި މަސައްކަތްކުރަނީ ފިހާރައެއްގައެވެ. މި ޒުވާނާއަށް އެންމެ ރީތި ކުލައަކީ ދަނބު (ޕާރޕްލް) ކުލައެވެ. އޭނާ އުފަންވި ރާހީގެ ނަމަކީ (ޒޮޑިއެކް ސައިންއަކީ) އެކުއޭރިއަސްއެވެ. ނަން ނުދެންނެވި ނަމަވެސް އޭނާގެ ނަމަކަށް ކިޔަނީ މާތްﷲއަށް ބިރުވުމުގެ މާނަ ދޭހަވާ ފަދަ ނަމެކެވެ.

މިއީ ވަރަށް އާދަޔާ ޚިލާފު ހޮބީއެއް ގެންގުޅޭ ޒުވާނެކެވެ. އޭނާ އެއްކުރަނީ އަދި ގެންގުޅެނީ ވެސް މަޑު ކުޅޭ އެއްޗިއްސެވެ. (ސޮފްޓް ޓޯއީޒްއެވެ.) އޭނާގެ ކޮޓަރި އޮންނަނީ މި ފަދަ ކުޅޭ ތަކެތީން ފުރިފައެވެ. އެނދުމަތީގައި ވެސް ބައިވަރު ކުޅޭ ތަކެއްޗެވެ. މަސްމަހާމެއްސާއި ދޫނިސޫފާ ސޫތްޕާއި ޖަނަވާރު ގޮތަށް ހަދައިފައި ހުންނަ ކުޅޭ ތަކެއްޗެވެ.

މި ޒުވާނާ ހަމައެކަނި މި ތަކެތި އެއްކުރަނީއަކީއެއް ނޫނެވެ. ނިދަނީ ވެސް އޭގެ އެއްޗަކާ ބައްދައިލައިގެން އޮވެއެވެ. މިއިން އެއްޗަކަށް ކުޑައިމީސްވާ ފަދަ ބަހެއް ސަމާސާއަކަށް ބުނެލިޔަސް އެ ނިމުނީއެވެ. އަށްޑިހަ ފަހަކަށް ރުޅިއަންނާނެއެވެ. އޭނާ ބުނާ ގޮތުން އޭނާގެ އެންމެ ގާތް އެކުވެރިއަކީ އެ ފަދަ ކުޅޭ ތަކެއްޗެވެ. ވީމާ ހޮބީއެއްގެ ގޮތުން ތަފާތު ތަކެތި އެއްކުރާ އަދި ތަފާތު ކަންކަން ކުރާ މީހުން އުޅެއެވެ. އެ ފަދަ ލިސްޓެއް ހަދައިލެވިއްޖެ ނަމަ ވަރަށް ޝައުގުވެރިވާނެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް އެހެން ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް