Advertisement

ޒުވާނުންގެ ޒުވާން ކުންފުންޏެއްގެ ކާމިޔާބު ހަތަރުވަނަ އަހަރީ ދުވަސް އުންމީދާއެކު ޗީބޯ ކެފޭގައި

19 Mar 2024 | 21:45
އަހަރީ ޙަފުލާގައި ޝަރަފުވެރި މެހުމާނު ބައްިވެރީންނާ މުޚާޠަބުކުރައްވަނީ (ފޮޓޯ: އެކްސްޕަރގްލޯބަލް)

"ފަރަގު"ގެ އިޤުތިޞާދީ މުރާސިލު

ގާބިލު ޒުވާނުންތަކެއް ކާމިޔާބާއެކު ހިންގާ މަޝްހޫރު ކުންފުންޏެއްކަމަށްވާ "އެކްސްޕަރގްލޯބަލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް"ގެ ހަތަރުވަނަ އަހަރީ ދުވަސް މި ދިޔަ ހޮނިހިރު ދުވަހު ފާހަގަކުރީ ވަރަށް ފޯރިއާއެކުގައެވެ. ކަށަވެތި، ތަޢުލީމީ ޒުވާނުންތަކެއް ހިންގަމުން ގެންދާ މި ވިޔަފާރި ކުންފުނީގެ އަހަރީ ދުވަސް މި ދިޔަ ހޮނިހިރު ދުވަހު ފާހަގަކުރިއިރު އެ ކުންފުނީން ވަނީ ފާހަގަކޮށްލެވޭ ފަދަ މޭލުގާތަކެއް ހާސިލުކޮށްފައެވެ. އެންމެ ބޮޑު ކާމިޔާބީއަކީ ކުންފުނީގެ ކަސްޓަމަރުންނަށް ޒަމާނީ އުފެއްދުންތެރި ޙައްލުތައް ހޯދައިދީފައިވުމެވެ. އަދި ކުންފުނީގެ ޚިދުމަތްތަކާ މެދު ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ތަޢުރީފު ލިބުމެވެ.

ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޓަކައި ބޭއްވި ޙަފުލާ އޮތީ މަޝްހޫރު ކެފޭއެއްކަމަށް ވާ ޗީބޯ ކެފޭގައި ޚާއްޞަ ރޯދަވީއްލުމަކާ އެކީގައެވެ. މި އިޙުތިފާލުގައި އަހަރީ ކޭކުފެޅުމާއި ކުންފުންޏަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ޚާއްޞަ ބޭފުޅުންނަށް އެ ކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ވެސް އެރުވުނެވެ. މީގެ އިތުރަށް ކުންފުނީގެ ޚާއްޞަ ވެބްސައިޓް އިފްތިތާޙުކުރުން ވެސް މި އިޙުތިފާލުގައި އޮތެވެ.

އަހަރީ ކޭކު ފަޅުއްވައިދެއްވަނީ (ފޮޓޯ: އެކްސްޕަރގްލޯބަލް)<br>

އާ ވެބްސައިޓް ފަރުމާކޮށްފައިވަނީ، ބޭނުންކުރާ މީހުންނާ ރައްޓެހި ގޮތަކަށް ކުންފުނީގެ މަޝްރޫޢުތަކާއި ކުންފުނީން ފޯރުކޮށްދޭ ފެންވަރު ރަނގަޅު (ކޮލިޓީ) ޚިދުމަތްތައް ފަސޭހައިން ބަލައިލެވޭނެ ފަދަ ގޮތަކަށެވެ.

މި އިޙުތިފާލު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު އަދި ކުރީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ އަދި މިހާރު ފަރަގު މީޑިއާގެ ސީއީއޯ އަދި މެނޭޖިންގ ޕާޓްނާރ އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. ޙަފުލާގައި ކޭކު ފަޅުއްވައިދެއްވައި ސެޓްފިކެޓްތައް ބައްސަވައިދެއްވައި އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ވެސް އޭނާއެވެ.

ހަނދާނީ ލިޔުން ބައްސަވައިދެއްވަނީ (ފޮޓޯ: އެކްސްޕަރގްލޯބަލް)<br>

މި ޙަފުލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ބައިވެރީންނާ މުޚާޠަބުކުރައްވައި ޝަރަފުވެރި މެހުމާނު ވާހަކަފުޅުދައްކަވަމުން ކުންފުނީގެ ކާމިޔާބީއާއި ކުންފުނީގެ ބައިވެރީންގެ އުފެއްދުންތެރި ޚިޔާލާއި ކަށަވެތިކަމަށް ޓަކައި ތަޢުރީފުކުރެއްވިއެވެ.

ޙަފުލާ ޝަރަފުވެރިކޮށްދެއްވިކަމަށް ޓަކައި ޝުކުރު ދެންނެވުމުގެ ގޮތުން ޝަރަފުވެރި މެހުމާނަށް ހަނދާނީ ވެދުމެއް ވެސް އެރުއްވިއެވެ. މި ޙަފުލާގައި ކުންފުނީގެ ޙިއްސާދާރުންނާއި ކުންފުނީގެ ޚާއްޞަ ކަސްޓަމަރުންނާއި ބައެއް ވިޔަފާރިވެރީންނާއި ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި އިޙުތިފާލު އޮތީ މި މަހު 16ވީ ހޮނިހިރު ދުވަހު އިރުއޮއްސުނު ވަގުތުގައި ޚާއްޞަ އިފްޠާރަކާ (ރޯދަވީއްލުމަކާ) އެކީގައެވެ.

___________________________________

ބައެއް ލަފުޒުގެ މާނަ.

މޭލުގާ    ނ.    ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ޙަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް.

ކަށަވެތި  ނއ.   (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި (2) ކަށަވަރު

ފަރުމާ   ނ.    (1) އެއްޗެހީގައި އަޅައިފައި ހުންނަ ކުރެހުން (2) ގޭގެ ފަދަ ތަންތަން އިމާރަތްކުރުމުގެ ކުރީން ކުރަހާ ނަމޫނާ (3) އެއްޗެއްގެ ނަމޫނާ (4) އެއްޗެއްގެ މާދިރީ

ނަމޫނާ   ނ.    (1) އެއް ވައްތަރު އެތި (2) އެއް ގޮތް އެތި (3) އެއް ގޮތް (4) އެއް ވައްތަރު

ޙަފުލާ    ނ.   (1) އުފާވެރި މުނާސަބަތެއްގައި ކުރާ ޖަލްސާ (2) އުފާވެރި މުނާސަބަތެއް ފާހަގަކުރުމަށް ޓަކައި މީހުންތަކެއް އެއް ތަނަކަށް އެއްވާ އެއްވުން. (3) އުފާވެރި މުނާސަބަތެއް ފާހަގަކުރާން މީހުންތަކެއް އެއްވެފައިވާ ތަން.

Advertisement

ކޮމެންޓް
ރަފީގު
ދަންނަ ކުންފުންޏެއް. އަޑު އަހަން. އަދި ކިރިޔާ މި އެނގުނީ ކިހާވަރެއްގެ ތަނެއްކަން. އޯޑަރު ކުރަންޏާ ގުޅޭނެ ނަންބަރެއް ޖަހާލިނަމަ ރަނގަޅުވީސް
19 Mar 2024