Advertisement

ރޯދަމަހު ތަޖުރިބާކޮށްލުން މުހިންމު ޚާއްސަ ކެއުމެއް - މާޖިލާ

19 Mar 2024 | 00:46
މާޖިލާ ތައްޔާރުކޮށްފައި

ނާޒިމާ ސަމީރު

ރޯދަމަހަކީ ދިވެހިންގެ ސުފުރާ މަތިން ޚާއްޞަ ބާވަތްތައް ފެންނަ މަހެކެވެ. ރަހަމީރު ތަފާތު ބާވަތްތަކުން ސުފުރާމަތި ފަޅުފިލުވައިދޭ މަހެކެވެ. މި ގޮތަށް ތައްޔާރުކުރާ ކާނާގެ ބާވަތްތަކަށް ރާއްޖޭގެ ތަފާތު ހިސާބުތަކުގައި ތަފާތު ނަންތައް ކިޔައި އުޅެވެ. އަދި އެކި ރަށްރަށުގައި ހަދާ ކާނާގެ ބާވަތްތައް ވެސް ތަފާތުމެވެ. އެ ގޮތުން ޒަމާން ބަދަލުވެ، ކެއުން ބުއިމުގެ ވައްޓަފާޅިއަށް ބަދަލު އައި ނަމަ ވެސް ކާބަފައިންގެ ޒަމާނުއްސުރެ އަދާ ހަމައަށްވެސް މޭޒުމަތީން ފެންނަ ބައެއް ބާވަތްތައް ހަމަ އެ ރަހަތަކާ އެކު މިހާރު ވެސް ސުފުރާމަތީން ލިބޭން ހުރެއެވެ.  އެ ގޮތުން މުލީ މީހުން ރޯދަމަހަށް ޚާޞަކޮށް ތައްޔާރުކުރާ މާޖިލާ ފާހަގަ ކޮށްލެވެއެވެ. މާޖިލާއަކީ ރޯދަމަހަށް ޚާއްޞަ ބާވަތެއް ނަމަވެސް އެ ނޫން މަސްމަހުގައި ވެސް މުލީ މީހުން މާޖިލާ ހަދައި އުޅެއެވެ.

ގަބުޅީން ހަދާ މި މާޖިލާއަކީ ބަތްޕެނާ އެކު ބޯން ބޭނުންކުރާ ބާވަތެކެވެ.

އަޅުގަނޑު މި ލިޔެލަނީ ކާބަފައި ޒަމާނުއްސުރެ ރަހައަށް ބަދަލެއް ނާންނަ ފަދައަކުން، މުލީ މީހުން މާޖިލާ ތައްޔާރުކުރާ ގޮތެވެ.  މާޖިލާ ތައްޔާރުކުރާ ގޮތް އަޅުގަނޑަށް ކިޔައިދެއްވީ މިހާރު ވެސް މި ކެއުން ތައްޔާރުކުރުމަށް މަޝްހޫރު ބޭފުޅެއްކަމަށް ވާ މ. މުލީ ފްލައިންގހާޓް ޢަބުދުﷲ ސަޢީދެވެ.

މާޖިލާ ހެދުމަށް ޓަކައި ބޭނުންވާ ތަކެތި:

4 ގަބުޅި (ޅަ)

1 ގަނޑު ވަޅޯ މަސް

1 ފިޔާ (ބޮޑު)

1 ގިތެޔޮ މިރުސް

½ ސަމުސާ މުގުރި އަސޭމިރުސް

1 ހިކަނދިފަތް

1 ލުނބޯ

ރަހަލާ ވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

ގަބުޅިތައް ހެހުމަށް ފަހު، ބިނދެލައިފައި އޭގެ ފެން ބޮޑު ތައްޓަކަށް އަޅާށެވެ. އެއަށް ފަހު ފަސޭހަ ވަޅިއަކުން ގަބުޅިތައް ތުނިކޮށް އުކުރައިލާށެވެ. މި ގޮތަށް އުކުރާ އިރު އަޑީގައި ހުންނަ ނާށްޓާއި ގަބުޅިގަނޑާ ދޭތެރޭ އޮންނަ ބައި (އުނޑަލި) ނުލައި އުކުރޭތޯ ބަލާން ވާނެއެވެ. ދެން އުކުރި ގަބުޅިތައް ކުޑަކޮށް ޗަސްކޮށްލުމަށް ފިތައިލުމަށް ފަހު، ކުރީން ނެގި ގަބުޅި ފެނަށް އަޅައިލާށެވެ. އެއަށް ފަހު، ކުޑަ ލޮނުކޮޅެއް މައްޗަށް ބުރުވައިލައިފައި ބަހައްޓާށެވެ. ދެން ފިޔައާއި މިރުސް، ހިކަނދިފަތާއި މަސް ވެސް ކޮށައިފައި ލުނބޮޔާއި ލޮނު އަދި ހުތް ޖަހައިގެން މޮޑެލާށެވެ. މޮޑޭ އިރު އަސޭމިރުސްކޮޅު ވެސް އަޅާންވާނެއެވެ. ދެން މޮޑުނު މަސްގަނޑު ގަބުޅި އެއްޗަށް އަޅައިލައިފައި ސަމުސަލަކުން އެއްކޮށްލާށެވެ. ގަބުޅިއާ އެކު، ހުރިހައި އެއްޗެއް އަތުން މޮޑެލާނީ ކާން ވީމައެވެ.

އެޑިޓަރުގެ ނޯޓް
ނާޒިމާ ސަމީރަކީ ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްގެ އިތުރަށް ސަގާފީ ކަންކަމަށާއި ޚާއްޞަކޮށް ދިވެހިބަހަށް ލޯބިކުރައްވާ ލިޔުންތެރިއެކެވެ. އޭނާ މީގެ ކުރީން ވެސް ތަފާތު ވެބްސައިޓްތަކަށް ލިޔުއްވައިފައިވެއެވެ. އޭނާއަކީ ވާހަކަލިޔުންތެރިއެއްވެސްމެއެވެ.

Advertisement

ކޮމެންޓް