Advertisement

ލާއިލާހިއްޔަތުގެ އޮއިވަރުގެ މައްޗަށް ކަޅިއެއް

28 Sep 2023 | 09:32
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އެންމެ ފުރަތަމަ ލާއިލާހިއްޔަތުގެ މާނައިގެ މައްޗަށް ބަލައިލާން ޖެހެއެވެ. ލާއިލާހިއްޔަތޭ ބުނެ އިޝާރަތްކުރަނީ އިލާހަކު ނުވާކަމަށް ދައުވާކުރާ ގަބޫލުކުރުމުގެ މައްޗަށެވެ. އެ ލަފުޒު އުފެދިފައިވަނީ ލާ (ނެތުން)އާއި އިލާހު (ކަލަކު)، މި ދެ ލަފުޒުންނެވެ. މިއިން ދޭހަވަނީ ކަލަކު ވޮޑިގެންނުވުން މި މާނައެވެ. އާންމު ގޮތެއްގައި މި މާނަ ފޯރުކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި ބޭނުންކުރެވޭ އެއް ލަފުޒަކީ ލާދީނީ މި ލަފުޒެވެ. ލާދީނީ، މި ލަފުޒު، އުފެދިފައި އޮތީ ވެސް ދެ ލަފުޒަކުންނެވެ. ލާ މި ލަފުޒާއި ދީނީ މި ލަފުޒުންނެވެ. "ލާ"ގެ މާނައަކީ، މަތީގައި ބަޔާންކޮށްފައިވާ ފަދައިން "ނޫން" ނުވަތަ "ނެތް" މިއެވެ. އާދޭހެވެ! "ލާ"އަކީ ކަމެއް ނަފީކުރާ އަކުރެކެވެ. ދިވެހިބަހުގައި ވެސް ބޭނުންކުރެވެމުން އަންނަ އަކުރެކެވެ. ޝަހާދަތުގެ ފުރަތަމަ ބައި 'ލާ އިލާހަ - އިލާހަކު ނުވެއެވެ. (އިއްލަﷲ، ﷲމެނުވީ) މިއީ ހުރިހާ އެންމެންވެސް ދަންނަ ކަލިމައެކެވެ. އަދި މީގެ އިތުރަށް، 'އަންގާރަ ލާ ޚައިރު' މިއީ ވެސް ދިވެހިން ކިޔައި އުޅޭ އިބާރާތެކެވެ. އަންގާރަ ދުވަހަކީ ސުންޕާ ދުވަހެކޭ ބުނެ އެ ދުވަހުގައި އެއްވެސް ހެވެއް ނެތޭ ބުނާން ބޭނުންކޮށް އުޅޭ އިބާރާތެކެވެ.

ދެން ދީނާއި "ލާ" ގުޅުވައިލީމާ ސީދާ ލަފުޒީ މާނަކަމަށް ދޭހަވަނީ 'ދީނެއް ނެތް' މިއެވެ. ނަމަވެސް، ލާދީނީ ބޭނުންކޮށްފައި އޮންނަ ތަން ފެންނަނީ ކޮންމެ ހެން މި މާނައިގައެއް ނޫނެވެ. މީގެ އިތުރަށް ބައެއް އެހެން މާނަތައް ދޭހަކޮށް ދިނުމަށް ވެސް ލާދީނީ ބޭނުންކުރެވިފައި އޮންނަ ތަން ފެނެއެވެ. މީގެ ތެރޭގައި ދީނާ ދުރު، ދީނާ އިދިކޮޅު، މި މާނަތައް ވެސް ހިމެނެއެވެ. ދޭތެރެ ދޭތެރެއިން، 'ފޭސްބުކް'ގެ ލާދީނީ ސަފުހާތަކެއްގެ ވާހަކަ އަޑުއިވެއެވެ.

ލާއިލާހިއްޔަތުގެ މާނަ ފޯރުކޮށްދިނުމަށް ޓަކައި ބައެއް ފަހަރު އިލްހާދު މި ލަފުޒު ވެސް ބޭނުންކުރެވިފައި ހުންނަ ތަން ފެނެއެވެ. ކޮންމެއަކަސް، މި ލިޔުމުގައި ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ އަގީދާއަށް، 'އެތީޒަމް'ގެ އަގީދާއަށް، 'ލާއިލާހިއްޔަތު' މި ލަފުޒު ބޭނުންކުރާން ގަސްތުކުރަމެވެ.

ލާއިލާހިއްޔަތުގެ އޮއިވަރަކީ އާ ކަމެއް ނޫނެވެ. ކުރީން ވެސް އޮތް ކަމެވެ. އަދި މިހާރު ވެސް އެ ކަން އެބަ އޮތެވެ. އަދި ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތްތާގައި ވެސް އެ ކަން އޮންނާނެއެވެ. ނަމަވެސް އެ ކަމުގައި ކުރިއާއި މިހާރާއި ތަފާތެއް އެބަ އޮތެވެ.

އިހުގައި ވެސް ލާއިލާހިއްޔަތުގެ އަގީދާގެ މީހުން ރާއްޖޭގަ ވެސް އުޅުނެވެ. ނަމަވެސް، އެ މީހުންގެ ލާއިލާހިއްޔަތުކަން އޮތީ އެ މީހުންގެ އަމިއްލަ ކަމެއްގެ ގޮތުގައެވެ. މުޖުތަމައުގެ ތެރެއަށް އެ ކަން ނެރެ އާންމުކޮށް، ފަތުރާކަށް އެ މީހުން ނޫޅެއެވެ. އެ މީހުންގެ ގާތް ރައްޓެހީންނަށް އެ ކަން އެނގެއެވެ. ނަމަވެސް މިހާރު މި ކަން އޮތީ ތަފާތުކޮށެވެ. މީހުންގެ ލާއިލާހިއްޔަތުކަން، ކަލަކުވޮޑިގެންވުމާއި އަދި ދީން ގަބޫލުނުކުރާކަން، ބައެއް މީހުން އަމިއްލަ ކަމެއްގެ ގޮތުގައި ބާއްވާކަށް ބޭނުމެއް ނުވެއެވެ. އެ މީހުން ބޭނުންވަނީ އެ ކަން އާންމުކުރާށެވެ. އެ ކަން ފަތުރާށެވެ. އަދި، އިލާހިއްޔަތުގެ، ކަލަކުވޮޑިގެންވާކަމާއި ދީން ގަބޫލުކުރުމުގެ އަގީދާއާ ދިމާކޮށް، 'ހަނގުރާމަ'ކުރާށެވެ. މިއީ މި މައްސަލައިގައި އެހާރާއި މިހާރު އޮތް އެއް ތަފާތެވެ.

އެހާރާއި މިހާރާ އަޅައިބަލާ އިރު، މި ކަމުގައި އަދި އެހެން ތަފާތެއް ވެސް ފާހަގަކުރެވެއެވެ. ޚާއްސަކޮށް ރާއްޖޭގެ މި ކަން އޮތް ގޮތުގެ މައްޗަށް ބަލާއިރު އެވެ. (ރާއްޖޭގައި މި ކަން އޮތް ގޮތުގެ މައްޗަށޭ ލިޔެފައިވަނީ މި މައްސަލައާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް ލާއިލާހިއްޔަތުގެ ސައިޓުތަކުގެ ލިޔުންތަކުގެ މައްޗަށް ބަލައިފައެވެ.) އިހުގައި ރާއްޖޭގައި އުޅުނު ލާއިލާހިއްޔަތުގެ މީހުން، އެ މީހުންގެ ލާއިލާހިއްޔަތަކީ އަޚުލާގީ ގޮތުން އެ މީހުން ދަށު ދަރަޖައަކަށް ވައްޓައިލާ ކަމަކަށް ނުދެކެއެވެ. އަދި އިލާހިއްޔަތުގެ މީހުންނާ ތަހައްދީކޮށް، ގޮންޖަހައި، (ކަލާނގެ ވޮޑިގެންވުން ފަދަ ދީނީ ޖައުހަރީ ޝިއާރުތަކުގެ ހުރުމަތް ގެއްލޭ ގޮތަށް ވާހަކަދައްކައެއް ނޫޅެއެވެ. ތިމާގެ އަމިއްލަ ދަރީންނާއި މައިންބަފައިންނަށް މުޚާތަބުކޮށް، އަދި އާންމުކޮށް ވާހަކަދައްކައި ލިޔެއުޅުމުގައި އެކަކު އަނެކަކާ މުޚާތަބުކުރާން ބޭނުންނުކުރާ ފަދަ، ހަޑި ހުތުރު ބޭއަދަބީ (އާންމު ބަހުރުވައިން އަޅުގަނޑުމެން އަވަގުރާނައޭ ކިޔާ ފަދަ) އިބާރަތްތައް، އިލާހުވަންތަ ފަރާތަށް ނިސްބަތްކޮށް، ވާހަކަދައްކައެއް ނޫޅެއެވެ. ނަމަވެސް މިހާރު އެ ކަން ފެންނަނީ ތަފާތުކޮށެވެ. އިހުނާ ޚިލާފަށެވެ. ދީނީ އަސްލު އުސޫލުތަކަށް ކުޑައިމީސް ބަސް ބުނެ، ހަޖޫކިޔައި އުޅުމުގެ އިތުރަށް ހަޑި ހުތުރު، 'ރޯ އަވަގުރާނައޭ' ބުނެވޭ ބަސްތައް ދީނުގެ މުގައްދަސު ފަރާތްތަކަށް ނިސްބަތްކޮށް ބުނެއުޅެއެވެ.

ފަހުން މި ނަންގަތް ތަފާތުގެ މައްޗަށް ބަލައިލުމުން ދޭހަވާ މުހިންްމުކަމެއް އެބަ އޮތެވެ. އެއީ އާންމު ގޮތެއްގައި ދިވެހީންގެ ތެރޭގައި ފެންނަ ލާއިލާހިއްޔަތުގެ އޮއިވަރު ބިނާވަނީ އިލްމީ އަސާސެއްގެ މައްޗަށް ނޫންކަމެވެ. ފަލްސަފީ ނޫނީ ސައިންސުގެ ހެކިތަކެއްގެ މައްޗަށް ނޫންކަމެވެ. ބަހުސެއްކުރުމުގައި، މަތީގައި ނަންގަތް ފަދަ އަޚުލާގީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓުން، އަންގުވައިދެނީ މައްސަލަތަކުގެ މައްޗަށް ނަޒަރުހިންގުމުގައި އެ ފަދަ ލާއިލާހިއްޔަތު މީހުންގެ އެތެރެ ހޮއިކަމެވެ. މައްސަލައިގެ މައްޗަށް އިލްމީ ގޮތުން ބަލައިލެވޭނެ ފަދަ އެކަށޭނަކަމެއް އެ މީހުންގެ ކިބައިގައި ނެތްކަމެވެ. އެފަދަ ގާބިލުކަމެއް ހުރި ނަމަ، އަވަގުރާނަ ގޮވައި، އަޚުލާގީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓޭކަށް ނުޖެހޭނެއެވެ. ހެތްކާއި ގަރީނާ ބޭނުންކޮށްގެން އެ މީހުން ދެކޭ ގޮތް ހުށަހަޅައިލެވޭނެއެވެ.

މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު، އެ ދައްކާ ވާހަކަތައް އިލްމީ އަސާސެއްގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި ޒުވާބުކުރުމާއި އަރައިރުންވުން ޚިޔާރުކުރާ ބަޔާކާއި ބަހުސްކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެމެވެ. އަދި އެ ފަދަ މީހުންނަށް ރައްދުދީ އެ މީހުން ކުރާ ކަމެއް ހުއްޓުވުމުގެ ބޭނުމެއް އޮތް ކަމަކަށް ވެސް ނުދެކެމެވެ. ތަނުގެ ގާނޫނުތަކާ ޚިލާފުވާ ނަމަ، އެ ކަން ހުއްޓުވާން ޖެހޭނީ ގާނޫނުތައް ހިންގާ ފަރާތުންނެވެ. ސަބަބަކީ މައްސަލަތައް ބަހުސުކުރުމުގައި ޒުވާބުކޮށް އަރައިރުން ވެގެން އެއްވެސް ކުރިއެއް ނުލިބޭނެތީއެވެ. އެ ފަދަ މީހުންގެ ބޭނުމަކަށް ވެފައި އޮންނަނީ ސަމާލުކަން ހޯދުމެވެ. މީހުން ރުޅިއެރުވުމެވެ. އެހެންވެ، މި ކަމަށް އޮތް ހައްލަކީ އެ ކަމާ އަޅައިނުލުމެވެ. އެ ކަމަށް ސަމާލުކަން ނުދިނުމެވެ. އެ ކަމާ ވިދިގެން ތިމާގެ ހިލްމުވެރިކަން - ތިމާއަށް ލިބިފައިވާ ރިވެތި އަޚުލާގު - ހިފެހެއްޓުމެވެ. އަދި މީގެ އިތުރަށް ލާދީނިއްޔަތުގެ މައްސަލަ ރަނގަޅަށް، އަމިއްލައަށް ބަހުސުކޮށް ދިރާސާކުރުމެވެ. މިހާތަނަށް މި މައްސަލައާ ބެހޭ ގޮތުން ލިޔެވިފައިވާ މައިގަނޑު ލިޔުންތަކަށް ބަލައިލާ އިރު، ދީނަކީ ބާތިލު އެއްޗެއްކަން، ކަލަކުވޮޑިގެންވުން ފަދަ ދީނީ އަގީދާގެ އަސާސުތަކަކީ އިލްމީ ގޮތުން ސާބިތުކުރެވިފައިވާ ކަންކަމެއް ނޫނެވެ. އަދި އިލްމީގޮތުން - ސައިންސުގެ އަލީގައި - އެއީ ސާބިތުކުރެވޭނޭ ވެސް ކަންކަމެއް ނޫނެވެ. (މީގެ ކޮންމެ ވެސް ވަރެއްގެ ތަފުސީލެއް ބައެއް އެހެން ލިޔުންތަކުގައި ގެނެސްދެވިފައިވާނެއެވެ.)

ލާއިލާހިއްޔަތުގެ ފިކުރުގެ ދެ ބާވަތެއްގެ މީހުން އުޅެއެވެ. ކުރިން ވެސް އިޝާރަތްކުރި ފަދައިން މީގެ ތެރެއިން އެއް ބާވަތަކީ ހުސް ހަޅޭކު ބަޔެކެވެ. އެއްވެސް ފިކުރީ އަސާސެއް ނެތް، ތިމާ ހިތުހުރި ގޮތަކަށް އުޅޭން ބޭނުންވުމުން، ދީނީ އަދި އަޚުލާގީ އަގުތަކާއި އިންތަކުން މިނިވަންވެގަނެ، ތިމާގެ ހަވާނަފުސުގެ އަޅަކަށްވާން ބޭނުންވާ ބަޔެކެވެ. މީގެ ބައެއް މިސާލު ކުރީން ދަންނަވައިލެވިއްޖެއެވެ. ފާސްބުކް، ޓުވިޓަރ އަދި އިންސްޓަގްރޭމް ފަދަ ޚަބަރު ފެތުރުމުގެ އިޖުތިމާއި ތަފާތު ވަސީލަތްތައް ބޭނުންކޮށް ދީނީ ކަންކަމަށް ހަޑި ހުތުރު އެއްޗެހި ކިޔައި ހެދުމުގެ ވާހަކައެވެ. މިއީ ފިކުރީ ނޫނީ އިލްމީކަމަކަށް ނުވެއެވެ. މިއިން ދައްކުވައިދެނީ އެ ފަދަ ކަންކަންކުރާ ބަޔެއްގެ އަޚުލާގީ ފެންވަރެވެ. އަދި ހަމަ އެހެންމެ، ބަޔެއްގެ ކުރިމަތީގައި ރޯ ބަރަހަނާވެ، ދީނީ ގޮތުން ބަޔަކު އަޅާ ހެދުމަށް ފާޑުކިޔުމަކީ ވެސް ފިކުރީކަމެއް ނޫނެވެ. އަދި މިއީ ވެސް އެ ކަމަށް އިލްމީ ރައްދެއް ދޭންޖެހޭ ފަދަ ދީނަށް ގޮންޖަހައިލެވޭ ކަމަކަށް ވެސް ނުވެއެވެ. އެއިން ދައްކުވައި ދެނީ އެ ކަން ކުރާ ބަޔެއްގެ ހުރި އިންސާނިއްޔަތުކަމާއި (އިންސާނުންނާއި ޖަނަވާރުން ވަކިކޮށްދޭ ސިފަތައް) ކަރާމަތަކާއި (ތިމާގެ އަމިއްލަ އަގުތަކާއި އަދި އެ ކަމާ ގުޅިފައިވާ ޝަރަފާއި ގަދަރު،) އަޚުލާގެވެ. މި ފަދައިން ކަންތައް ކުރާ މީހުންގެ ލާއިލާހިއްޔަތުގެ ގޮތް އެއީ އެ ކަމާ ކުޑަކޮށް ވެސް އަޅައިލާންޖެހޭ ކަމެއް ނޫނެވެ. އެއީ އެ ފަދަ މީހުންނަކީ ފިކުރީ ގޮތުން ހޮއި، ހުސް، ބަޔަކަށް ވާތީއެވެ. ކަންކަމުގައި ކުރިއެރުން ލިބުން އޮންނަނީ ވިސްނުމާއި ފިކުރުގެ މައްޗަށް ބިނާކޮށެވެ. ހަޅޭއްލެވުމާއި ބޭއަޚުލާގީ އަމަލުތަކުގެ މައްޗަށް ބިނާކޮށެއް ނޫނެވެ.

ލާއިލާހިއްޔަތުގެ ފިކުރުގެ ދެވަނަ ބައަކީ ފިކުރީ އަސާސެއްގެ މައްޗަށް އެ މީހުންގެ ވާހަކަތައް ބިނާވެފައި އޮންނަ މީހުންނެވެ. މި ފިކުރީ އަސާސު ގުޅެނީ މައިގަނޑު ގޮތެއްގައި ގޮތެއްގައި ދެ ކަމަކާއެވެ. ފުރަތަމަ ކަމަކީ ދީނީ ފިކުރުގެ އަސާސުކަމުގައިވާ ކަލަކުވޮޑިގެންވުން މި އިއުތިގާދަކީ ބާތިލު އިއުތިގާދެއްކަން ސާބިތުކޮށް ދިނުމާއެވެ. ކަލަކު ވޮޑިގެންވުން ގަބޫލުކުރުން، ބިނާވެފައި އޮތް އެއް އަސާސަކީ އެ ގަބޫލުކުރުމަކީ ކައުނާއި ކާއިނާތުތައް ވުޖޫދަށް އައުމުގެ ސަބަބު ބަޔާންކޮށްދިނުން ލާޒިމުކުރާ ކަމެއް ކަމަށް ވުމެވެ.

ލާއިލާހިއްޔަތުގެ ފިކުރީ އަސާސު ބިނާވަނީ މި ދީނީ އަސާސު ނެތިކޮށްލުމުގެ މައްޗަށެވެ. މި ގޮތުން ތަތައްވުރުގެ ނަޒަރިއްޔާ (ތިއޮރީ އޮފު އެވޮލޫޝަން) ހުށަހަޅައިލެވެއެވެ. އަދި ކާއިނާތުތައް ވުޖޫދަށް އައީ ސާދާ (ސިމްޕަލް) ދިރުމެއް ލިބިފައި އޮތް ކާއިނެއް، ދިރި ހުރި އެއްޗެއް، މުއައްގަދު (އޮޅުންބޮޅުން ބޮޑު، ކޮމްޕްލެކްސް) ކާއިނާތުތަކަކަށް ފުރޮޅި ބަދަލުވެގެންނެވެ. މި ކަން ހިނގައި ދިޔައީ އެތައް މިލޔަން މިލިޔަން އަހަރުތަކެއްގެ ދިގު މުއްދަތެއްގެ ތެރޭގައި ކަމަށް މި ނަޒަރިއްޔާ ބަޔާންކުރެއެވެ.

ލާއިލާހިއްޔަތުގެ މި މައިގަނޑު ނުކުތާއާ ބެހޭ ގޮތުން ގިނަ އިލްމީ ލިޔުންތައް ލިޔެވިފައި ވެއެވެ. ޑާރވިންގެ އޮރިޖިންއިން ފެށިގެން އައިސް، މި ގޮތުން އެންމެ ފަހުން އެންމެ މަޝްހޫރުވެގެން ދިޔަ ޑޯކިންސްގެ ގޯޑް ޑިލޫޝަން ފަދަ ލިޔުންތަކެވެ. މިއީ މިއަދު ދީނަށް ލޯބިކުރާ މީހުން ކޮންމެހެން ވެސް ބަލައިލާން ޖެހޭނޭ ލިޔުންތަކެކެވެ. ލާއިލާހިއްޔަތުގެ އަގީދާގެ ފިކުރީ އަސާސުގެ ބުރަދަން ވަޒަންކޮށްލުމުގެ ގޮތުންނެވެ. އަދި އެއިން އެއްވެސް ލިޔުމެއްގައި ދީނީ އަސާސީ އިއުތިގާދުތައް ބާތިލުކުރާނޭ ފަދަ އިލްމީ ވާހަކައެއް ނެތްކަން ވެސް ދެނެގަތުމަށް ޓަކައެވެ. މި ގޮތުން ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ.

އެވޮލޫޝަންގެ ވާހަކަދައްކާއިރު އަމާޒުކުރެވެނީ ހަޔާތް، ދިރިހުންނަ ހުރުން، މި ކަމުގެ އަސްލު ބަޔާންކުރުމެއް ނޫނެވެ. އެ ނަޒަރިއްޔާ ބަލައިލަނީ ސާދާ އެއްޗަކުން ފެށިގެން އެހެން އެއްޗެހި އުފެދި އަތުވެދާނޭ ގޮތުގެ މައްޗަށެވެ. މިސާލަކަށް އެމީބާއިން (ސާދާ: މާނައަކީ އެންމެ ސެލްއެއްގެ މައްޗަށް ބިނާވާ ކާއިނަކުން) ފެށިގެން، އޭގެ ސެލް، އެތައްއެތައް ގުނައަށް ބަދަލުވެ، އެއިން އެކިއެކި ކާއިނުތައް އުފެދި، ބައިބައި ވެގެން އައިސް، އިންސާނާ (މުއައްގަދު: އެބަހީ އެތައް މިލިޔަން ސެލްއަކުން އުފެދި، އެތައް ނިޒާމެއް އެ ކާއިނުގައި ލެއްވިގެންވާ ކާއިނު) ވުޖޫދަށް އައި ގޮތެވެ. ކުރު ގޮތަކަށް ބުނާ ނަމަ، އެ ކަން ބަޔާން ކޮށްދެވޭތޯ ބަލަނީ ކާއިނާތުތައް ތަފާތު އެކި ބައިތަކަކަށް ނަޢުވުތަކަކަށް (ސްޕީސިއޭޝން، ސްޕީސީސްތަކަކަށް) ބެހިގެން ދިޔަ ގޮތެވެ. ނަމަވެސް އެންމެ ފުރަތަމަ އެމީބާ ވުޖޫދަށް އައިގޮތް، އެވޮލޫޝަންގެ ނަޒަރިއްޔާ ބަޔާނެއް ނުކޮށްދެއެވެ. އެވޮލޫޝަން ހުށަހަޅައިލަނީ ކާއިނާތުތައް އުފެދި ދިޔުމުގެ ތަފުސީރެކެވެ. އޮޅުންފިލުވައިދިނުމެކެވެ. އެ އޮޅުންފިލުވައިދިނުމަކީ ވެސް އޭގައި އިލްމީ މައްސަލަތައް ނެތް އޮޅުންފިލުވައިދިނުމެއް ނޫނެވެ. އެ އޮޅުން ފިލުވައިދޭން އޭގެ މައްޗަށް ބިނާވާ 'ފޮސިލް ރެކޯޑު' ފެންނާކަށް އަދިވެސް ނެތެވެ. އެވޮލޫޝަންގެ އޮޅުން ފިލުވައިދިނުން ބިނާވެފައި އޮތީ މި ރެކޯޑަކީ ފުރިހަމަވެފައި އޮތް އެއްޗެއްކަމަށް ބަލައިގެންނެވެ. މީގެ އިތުރަށް، އެންމެ ފުރަތަމަ ހަޔާތް ވުޖޫދަށް އައި ގޮތެއް އެވޮލޫޝަންގެ ނަޒަރިއްޔާ ބުނެއެއް ނުދެއެވެ. މާނައަކީ ކާއިނާތުތައް އުފެދޭން ދިޔުމުގެ މަސައްކަތް ފެށި، އެ ކަން އެ ގޮތަށް ހިނގާން މެދުވެރިވުމަށް އެންމެ ފުރަތަމަ ވުޖޫދުގައި ވާންޖެހޭ ދިރުން ލިބިގެންވީ ކާއިނު އުފެދުނީ ކިހިނެއްކަމުގެ ސުއާލުގެ ޖަވާބެއް އެ ނަޒަރިއްޔާއަކުން ނުލިބެއެވެ. އާދޭހެވެ! އެވޮލޫޝަން، އޭގެ ހުރިހާ ތަފުސީލަކާ އެކު، އެއީ ހަގީގަތެއްކަން ސާބިތުކޮށްދެވުނު ކަމުގައި ވިޔަސް (މި ކަން މި ގޮތަށް ސާބިތުކޮށްދިނުން ވާނީ ވަރަށް ވެސް ދަތި އުނދަގޫ ކަމަކަށް)، މި ކަން ކަލަކުވޮޑިގެންވުން ނަފީއެއް ނުކުރެއެވެ. ކާއިނާތުތަކުގެ މެދުގައި އޮތް އެއް ގޮތްކަން، އެ ހުރިހާ އެއްޗެއް އުފެދިގެން އައީ އެއް ބާރެއްގެ، އެއް ސިކުނޑިއެއްގެ ވިސްނުމާއި ރޭވުމުގެ ދަށުންކަން ވެސް، އިލާހީ ބާރާއި ރޭވުމުގެ ދަށުންކަން ވެސް، ހެކިދޭކަމުގައި އެވޮލޫޝަން އޭގެ މައްޗަށް ބިނާވާ މައުލޫމާތުތައް މާނަކުރެވިދާނެއެވެ. އަދި އެވޮލޫޝަންގެ އަމަލިއްޔާއަކީ ކާއިނާތުތައް އުފެދޭން މެދުވެރިވި އިލާހީ ވަސީލަތްކަމުގައި ވެސް މާނަކުރެވިދާނެއެވެ. ކޮންމެއަކަސް ފާހަގަކޮށްލާން ބޭނުންވަނީ ދީނީ އަސާސީ އިއުތިގާދުތައް ބާތިލުކޮށްލާނޭ ފަދަ ވަރުގަދަ ހުއްޖަތެއް (އާގިޔުމެންޓެއް)، ލާއިލާހިއްޔަތުގެ ފިކުރީ ވާހަކަތަކުން ނުދެއްކޭކަމެވެ. ލާއިލާހިއްޔަތުގެ ފިކުރީ ވާހަކަތައް ކަލަކު ވޮޑިގެންވުން އެއީ ބާތިލެއް ކަމެއްކަމަކަށް ނުބުނެދެވޭކަމެވެ.

މީގެ އިތުރަށް، ހަޔާތުގެ މާނައަކީ ކޮބައިކަން ދެނެގަތުމާއި ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި މި ކަމުގެ މާނައެއް އޮތުން، ކަލަކު ވޮޑިގެންވުން ލާޒިމުކުރެއެވެ. ކަލަކު ވޮޑިގެން ނުވާ ނަމަ، އަދި، ތިމާގެ އަމަލުތަކާ މެދު، ތިމާ މަސްއޫލުވާން ޖެހޭ ދުވަހެއް ނެތް ނަމަ، ތެދުބުނުމާއި ދޮގުހެދުމުގެ ތަފާތެއް ނެތެވެ. އަމާނަތްތެރިވުމާއި ޚިޔާނަތްތެރިވުމުގެ ވެސް ތަފާތެއް ނެތެވެ. ވައްކަންކުރުމާއި މީހުން މެރުމާއި، އެކަންކަން ނުކުރުމާ ދެމެދުގެ ވެސް އެއްވެސް ތަފާތެއް ނެތެވެ. އެހެނީ އިލާހަކު ވޮޑިގެން ނުވާ ނަމަ، އަދި، އާޚިރަތް ދުވަހެއް ނެތް ނަމަ، އިންސާނާ އެ ފަރާތެއްގެ ހަޒުރަތުގައި މަސްއޫލުވާން ޖެހޭނޭ ފަރާތެއް، ދުވަހެއް، ނެތެވެ. އެ މީހަކު ހިތުހުރި ގޮތަކަށް އުޅޭންވީއެވެ. މިއީ ހަމަ ބުއްދި ގަބޫލޫކުރާ ގޮތެއް ނޫނެވެ. އަދި މިއީ ބުއްދި ގަބޫލުކުރާ، ހަމަ ގޮތެއްކަން ލާއިލާހިއްޔަތުގެ ފިކުރުގެ ވާހަކަތަކުގައި ދެއްކިފައިއެއް ނެތެވެ. އަދި އަނެއް ކޮޅުން، މި ފަދަ ފަލްސަފީ މައްސަލަތަކަކީ ސައިންސުގެ ދާއިރާއިން ބޭރުގައިވާ މައްސަލަތަކެކެވެ. ސައިންސުގެ ދާއިރާއަކީ ތަބީއީ ދުނިޔެއެވެ (ފިޒިކަލް ވާރލްޑްއެވެ). މައުނަވީ، މާވަރާއުއާ ބެހޭ (މެޓަފިޒިކްސްއާ ބެހޭ) ކަންކަމެއް ނޫނެވެ.

އާދޭހެވެ! މިއީ ވަރަށް ދިގު ވާހަކަތަކެއްގެ ކުރު ޚުލާސާއެކެވެ. މައްސަލައާ ބެހޭ ގޮތުން ދެ ފަރާތުގެ ލާއިލާހިއްޔަތުގެ ފިކުރާއި އަދި އިލާހިއްޔަތުގެ - ފިކުރުގެ ލިޔުންތައް - ގިނައެވެ. (ކުރިން ވެސް ދެންނެވި ހެން މި މައްސަލައާ ބެހޭ ދެ ތިން ލިޔުމެއް، ކުރީން ހުށަހަޅައިލެވިފައިވާނެއެވެ.) އެހެންވެ، މި ކަމަށް ޝައުގުވެރިވާ މީހުން، މި ފަދަ ލިޔުންތައް ބަލައި، ކިޔުން މުހިންމެވެ. ނަމަވެސް، އެއްވެސް ފިކުރީ އަސާސެއް ނެތް، ހަމައެކަނި ހަޑި ހުރުތު ބަސްތައް ކިޔައި، މީހުންގެ ކުރިމަތީގައި ރޯ ބަރަހަނާވާ ބަޔަކާ ދޭތެރޭ ކަންބޮޑުވާކަށް ނުޖެހެއެވެ. އަދި އެ ކަމާ އަޅައިލައި އެ ކަމަށް ރައްދުދިނުމަކީ ވެސް ލާޒިމުކަމެއް ނޫނެވެ. ބޭނުމެއް އޮތްކަމެއް ވެސް ނޫނެވެ. ދީނަށް، ދީނީ އިއުތިގާދުތަކަށް، އެއްވެސް ހީނަރުކަމެއް ނޫނީ ކުޑަ ވެސް ބަލިކަށިކަމެއް، ނިކަމެތިކަމެއް، ނޫނީ ދެރަކަމެއް ވެސް އެފަދަ ކަންކަމުން ނުލިބޭނެތީއެވެ.

_______________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް