Advertisement

ތާރީޚީ ހަގީގަތާއި ސަގާފީ ނަންތައް އޮޅުވައިލުމަކީ ގައުމީ ޖަރީމާއެއް!؟

18 Mar 2024 | 13:00
ހައްދޫ ކަނޑުން ބައެއް ފެންނަ ގޮތަށް ކޮޅުމަޑުލު (ތ. އަތޮޅު)ގެ ޗާޓު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ރާއްޖޭގެ މީޑިއާއަކުން މި ރޯދަ މަހު ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިއަކާ ކުރިމަތިކުރެއްވި ސުވާލުތަކަށް ވަރަށް ސާބިތުކަމާއެކު ޖަވާބުދެއްވި ބައިވެރިއެކެވެ. ހުރިހާ ސުވާލަކަށް ވެސް އޭނާ ދެއްވި ޖަވާބު ރަނގަޅުކަމަށް އަޅުގަނޑަށް ފާހަގަކުރެވުނެވެ. ނަމަވެސް އެއް ސުވާލުގެ ޖަވާބު ގޯސްކަމަށް ޕްރޮގްރާމް ހުށަހެޅުއްވި ބޭފުޅުން ނިންމަވައި އޭނާގެ މާކުސް އުނިކުރެއްވިއެވެ. އެ ބައިވެރިޔާ، ހުށަހެޅުންތެރީންނަށް އިޙުތިރަމްކުރުމުގެ ގޮތުން ޝަކުވާއެއް ނުކުރައްވައެވެ. ނަމަވެސް އޭނާ ދެއްވި ޖަވާބު ރަނގަޅުކަމަށް އޭނާއަށް އެނގިވަޑައިގަނެއެވެ.

އެ ސުވާލަކީ "ކޮޅުމަޑުލާއި ހައްދުންމައްޗާ ދޭތެރޭގައި އޮންނަ ކަނޑަށް ކިޔަނީ ކޮން ނަމެއް؟" މިއެވެ. ބައިވެރިޔާ ޖެހިލުމެއް ނެތި ޖަވާބުދެއްވީ "ހައްދޫ ކަނޑު"ކަމުގައެވެ. ނަމަވެސް ޕްރޮގްރާމް ހުށަހެޅުއްވި ހުށަހެޅުންތެރީން ލިޔުއްވައިފައި އޮތް ޖަވާބާ ދިމާނުވާތީ، ވިދާޅުވީ އެ ޖަވާބު ނުބައިކަމަށާއި ރަނގަޅު ޖަވާބަކީ "ވޭމަންޑޫކަނޑު"ކަމަށެވެ.

ހައްދޫކަނޑަކީ، އަޅުގަނޑުމެންނަށް އާ ކަނޑެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ، ރިޔާނެގިރޯނި ފަހަރުގައި އަދި ފަހުން އިންޖީނުލީދޯނި ފަހަރުގައި މާލެ ދަތުރުފަތުރުކޮށް އުޅުނު އިރު، ހުރަސްކުރާން ޖެހޭ އެންމެ ގަދަ، އަދި ބޮޑު ދެ ކަނޑުން ކުރެ އެއް ކަނޑެވެ. ރާއްޖޭގެ އެންމެ ބޮޑު ކަނޑު އޮންނަނީ ހައްދުންމައްޗާއި ހުވަދުއަތޮޅާ ދޭތެރޭގައިކަމަށް ވިޔަސް، އަދި އަޅުގަނޑުމެންގެ ރަށާ ކިތަންމެ ކައިރީގައި އޮތަސް، އެ ކަނޑަށް ނުކުމެ ހަދާކަށް އަޅުގަނޑަކަށް ނުޖެހެއެވެ. ނަމަވެސް މަސްވެރީން އެންމެ ގިނައިން ނުކުންނާނީ ހުވަދޫކަނޑަށެވެ. ބައެއް ފަހަރު ހައްދޫކަނޑަށެވެ. ވީމާ ހައްދޫކަނޑަކީ އަޅުގަނޑުމެންގެ ހިތުގައި އަބަދު ވެސް ބިންވަޅު ނެގިފައިވާ ކަނޑެކެވެ. މި ދެ އަތޮޅު ދޭތެރޭގައި އޮންނަ ކަނޑަށް ކިޔަނީ "ހައްދޫކަނޑު"ކަން ކުރީގެ ލިޔުންތަކުން ވެސް ސާބިތުވެއެވެ. ކުރީން ވޭމަންޑޫކަނޑުން ނުކުންނާނީ ހައްދޫކަނޑަށެވެ. ދިޔަމިގިއްޔާއި ގުރައިދުވާ ދޭތެރޭ އޮންނަ ކަނޑުއޮޅިއަށް ކިޔަނީ ގުރައިދޫކަނޑެވެ. ގުރައިދޫކަނޑުން ވެސް ނުކުންނާނީ ހައްދޫކަނޑަށެވެ. ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި، "ކަނޑުން ފިރުކެމުން ވައިން އުދެހެމުން" މި ފޮތް ވިދާޅުވިޔަސް މި ކަން ސާބިތުވާނެއެވެ. (ޞަފުޙާ:18، "މަލަސް" – 80). އަދި ކުރީގެ ހުރިހާ ލިޔުންތަކަކުން ވެސް ސާބިތުވާނީ ހަމަ މި ދެންނެވި ހަގީގަތެވެ.

ހައްދޫކަނޑުން ބައެއް ފެންނަ ގޮތަށް ހައްދުންމަތި (ލ. އަތޮޅު)ގެ ޗާޓު<br>

ނަމަވެސް އަޅުގަނޑު މި ކަމާ ބެހޭ ގޮތުން އޮޅުންފިލުވާން ކުރި މަސައްކަތުން އެނގުނީ ވަރަށް ފަހުން އެ ކަނޑުގެ ނަމަކީ "ވޭމަންޑޫކަނޑު"ކަމަށް ވިކިޕީޑިއާގައި އޮންނަކަމެވެ. ވިކިޕީޑިއާއަކީ އިތުބާރުކުރެވޭ މަސްދަރެއް ވެސް ނޫނެވެ. ސަބަބަކީ އެއީ ބޭނުން މީހަކަށް ލިޔުން ޝާއިޢުކުރެވޭ ވެބްސައިޓަކަށް ވާތީއެވެ. ނަމަވެސް އަލްއުސްތާޒު މުޙަންމަދު އިބްރާހީމް ލުޠުފީ (ރަޙިމަހުﷲ) ލިޔުއްވި "ޖޯގުރަފީގެ ވަނަވަރު" މި ފޮތަށް ޙަވާލާދީފައި އޮތެވެ. އެހެންކަމުން އެ ފޮތް ބަލައިލީމެވެ. ނަމަވެސް އަޅުގަނޑު އެ ފޮތް ބަލައިލި އިރު، އެ ފޮތުގެ 189ވަނަ ޞަފުޙާގެ ފުރަތަމަ ޕެރެގުރާފުގައި ވެސް އޮތީ "އަތޮޅުގެ ހުޅަނގު އުތުރުގައި އޮތީ، ހައްދޫކަނޑެވެ." މިހެންނެވެ. ނަމަވެސް ފަހަތުގައި "ވޭމަންޑޫކަނޑު" މި ގޮތަށް ބުރެކެޓެއްގެ ތެރޭގައި އޮތެވެ. އޭގެ މާނައަކީ އެ ނަން ވެސް ކިޔާކަމަށް ފޮތުގެ މުޞައްނިފު ގަބޫލުފުޅުކުރެއްވިކަމެވެ. ނަމަވެސް މިއީ ކީއްވެގެން ކާކު ބުނެގެން ބުރެކެޓުގައި ލިޔުއްވި އެއްޗެއްކަމެއް ނޭނގެއެވެ. އަދި ކުރީގެ ތާރީޚީ އެއްވެސް ލިޔުމެއްގައި ހައްދޫކަނޑަށް ވޭމަންޑޫކަނޑެކޭ ކިޔައިފައެއް އަދި ލިޔައިފައެއް (ލިޔެފައެއް) ވެސް ނެތެވެ. ނަމަވެސް މި ޒަމާނުގެ އޮންލައިނު ބައެއް ޗާޓާއި ސައިޓުގައި ވެސް ހައްދޫކަނޑަށް ވޭމަންޑޫކަނޑޭ ލިޔެފައިވާކަމަށް އިވުނެވެ. އެއީ ހަމަ އެކަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ވިކިޕީޑިއާއަކީ ވެސް އެ މީހަކު ބޭނުން އެއްޗެއް ލިޔެވޭ ސައިޓަކަށް ވާތީ އެއީ ބަޔަކު އެ ބަޔެއްގެ މަސްލަހަތަށް ޓަކައި ކޮށްފައި އޮތް ކަމެއްކަމަށް ވެދާނެއެވެ.

މިއީ ވަރަށް ދެރަވަރުކަމެކެވެ. ރާއްޖޭގެ ގަދީމީ ނަތްތައް އޮޅުވައިލެވެނީއެވެ. ހައްދޫކަނޑަށް "ވޭމަންޑޫކަނޑޭ" ކިޔަންޏާ، ހުވަދޫކަނޑަށް "ހިތަދޫކަނޑޭ" ވެސް ނުކިޔާންވީ ސަބަބެއް ނެތެވެ. އެހެނީ ހައްދުންމައްޗަށް ވަދެގެން ހުވަދޫކަނޑަށް ނުކުމެވޭނީ ހިތަދޫކަނޑުން އެކަނިކަމަށް ވާތީއެވެ. ނަމަވެސް ކޮޅުމަޑުލަށް ވަދެގެން ހައްދޫކަނޑަށް، ގުރައިދޫ ކަނޑުން ވެސް ނުކުމެވޭނެއެވެ. އަދި ވޭމަންޑޫ ކަނޑުން ވެސް ނުކުމެވޭނެއެވެ.

މި ބަދަލު މި ގެނައި ސަބަބުތަކަށް ވިސްނާ އިރު، މަސްވެރިކަމާ ބެހޭ ވުޒާރާގެ އިސް މަގާމުތަކުގައި ވޭމަންޑޫއަށް ނިސްބަތްވާ ބޭފުޅުން ގިނަ ޒަމާންތަކެއް ވަންދެން އުޅުއްވިކަން ހަނދާނަށް އައުމުން މި ބަދަލު އައި ސަބަބާ މި ކަމާ ގުޅުވައިލެވެއެވެ. އެއީ އެހެންވީ ކަމަކަށް ނުވެވެސްދާނެއެވެ. ނަމަވެސް ކަނޑުއޮޅިއަކަށް ކިޔާ ނަމެއް ބޮޑު މާކަނޑަކަށް ކިޔައި ކުރީގެ ތާރީޚު އޮޅުވައިލުމަކީ ތާރީޚަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްކަމުގައި ނޫނީ އަޅުގަނޑަކަށް ނުވިސްނެއެވެ. މި ޒަމާނުގެ އޮންލައިނު މަންސަތަކުގައި ބޭނުން ނަމެއް ޖަހައިލުމުގެ ފުރުސަތު ފަސޭހަކަމާއެކު ލިބިފައި އޮތަސް މި ފަދަ ކަންކަން ކުރާން ދޫކޮށްލެވިގެނެއް ނުވާނެއެވެ. އެންމެ އިހު ޒަމާނުއްސުރެ ކިޔަމުން އައި ހައްދޫ ކަނޑުގެ ނަން، ރަސްމީ ގޮތުން ބަދަލުކުރީ ކޮން ތާރީޚެއްގައި ކީއްވެގެންކަން ބަޔާންކުރެވޭން ޖެހޭނެއެވެ.

ކުރީން ދެންނެވި ޕްރޮގްރާމް ހިނގަމުން ދިޔަ ވަގުތު މި ދެންނެވި ޖަވާބު ރަނގަޅު ނޫންކަމަށް ހުށަހެޅުންތެރީން ނިންމެވުމުން އަޅުގަނޑު އެ ބޭފުޅުންނަށް މެސެޖެއް ފޮނުވީމެވެ. އެ ޖަވާބު ރަނގަޅުކަމަށާއި ޒަމާނުއްސުރެ، ކޮޅުމަޑުލާއި ހައްދުންމައްޗާ ދޭތެރޭގައި އޮންނަ ކަނޑަށް ކިޔަނީ ހައްދޫކަނޑުކަމަށް ދެންނެވީމެވެ. އަދި ވޭމަންޑޫކަނޑޭ ކިޔަނީ ވޭމަންޑޫ ކައިރީން ހައްދޫކަނޑަށް ނުކުންނަ ކަނޑުއޮޅިއަށް ކަމަށް ވެސް ދެންނެވީމެވެ. ވަގުތުން ޖަވާބުދެއްވިއެވެ. "ތިޔަ މަޢުލޫމާތު ނޯޓުކޮށްލައިފިން"ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޖަވާބާ މެދު ނިންމެވި ނިންމެވުން ބަދަލެއް ނުކުރެއްވިއެވެ. އެހެންވީމާ، އެއީ އެ ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާ ގޮތްކަމަށާއި ނޯޓުކޮށްލައްވައިފީން ކަމަށް ވިދާޅުވީ އަޅުގަނޑަށް އިޙުތިރާމްކުރުމުގެ ގޮތުންކަމަށް ވިސްނުނެވެ.

ކޮންމެ ނަމެއް ކިޔަސް އެއީ އަޅުގަނޑަކަށް މައްސަލައެއް ނޫނެވެ. ނަމަވެސް ތާރީޚީ ލިޔުންތަކުގައި "ހައްދޫ ކަނޑު" ފާޅުކަން ބޮޑު ގޮތެއްގައި ލިޔެވިފައި ވަނިކޮށް އެ ނަން ވުޖޫދުން ފޮހެލުމަކީ ތާރީޚު އޮޅުވައިލުންކަމަށް ނުވާނެބާވައެވެ! ހައްދޫކަނޑަށް "ވޭމަންޑޫ ކަނޑޭ" ކިޔާނަމަ، ހަގީގަތުގައި "ގުރައިދޫކަނޑޭ" ކިޔުން މާ އައުލާއެވެ. ސަބަބަކީ ހައްދޫކަނޑަށް ނުކުންނަ ގިނަ އުޅަނދު ފަހަރު ނުކުންނާނީ "ވޭމަންޑޫކަނޑު"އޮޅިއަށް ވުރެ ގިނައިން "ގުރައިދޫ ކަނޑު"އޮޅީން ކަމަށް ވާތީއެވެ. އަދި ހުވަދޫ ކަނޑަށް ހިތަދޫ ކަނޑޭ ކިޔުން މާ އައުލާއެވެ. ސަބަބަކީ ހައްދުންމައްޗަށް ވަންނަ އުޅަނދުފަހަރު ހުވަދޫކަނޑަށް ނުކުންނަ ހަމައެކަނި ކަނޑުއޮޅިއަކީ "ހިތަދޫކަނޑު" ކަމަށް ވާތީއެވެ. މި ހަގީގަތް މިހެން އޮއްވައި ހައްދޫކަނޑަށް ވޭމަންޑޫކަނޑޭ ކިޔައި ކޮންމެ ބަޔަކު ނަންދީގެން އެ ނަން މަޝްހޫރުކުރާން އުޅުނަސް އެއީ ވަރަށް ބޮޑު އޮޅުވައިލުމެއްކަމުގައި ނޫނީ ނުވާނެއެވެ. މި ފަދަ ތާރީޚީ ހަގީގަތާއި ސަގާފީ ނަންތައް އޮޅުވައިލުމަކީ ގައުމީ ގޮތުން ވަރަށް ބޮޑު ޖަރީމާއެއްކަމަށް ނޫނީ ވާނެތޯއެވެ!؟

މިހިރީ ބަޔަކަށް ބޮޑެތި ކަންކަންކަމަށް ނުވިޔަސް، ދިވެހި ތާރީޚާއި ތާއްޖޭގެ ޖުޣުރާފީ ހަގީގަތްތައްތައް އޮޅުމަކީ، ދިވެހި ތާރީޚާއި ސަގާފަތާ މެދު ވިސްނާ މީހުންނަށް އާދައިގެ ކަންކަމެއް ނޫނެވެ. އެއީ އެ ކަންކަމާމެދު ރަސްމީ ފަރާތްތަކުން ވެސް ވިސްނައި ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. އަދިވެސް ކޮޅުމަޑުލު ގިނަ މީހުންނާއި ހައްދުންމަތީ ގިނަ މީހުން، އެ ކަނޑަށް، ކޮޅުމަޑުލާއި ހައްދުންމައްޗާ ދެމެދު އޮންނަ މާކަނޑަށް، ކިޔަނީ ހަމަ "ހައްދޫކަނޑެވެ." ބަޔަކު ކޮންމެ އެއްޗެއް ލިޔެގެން އުޅުނުކަމަށް ވިޔަސް ވެސްމެއެވެ.

________________________________________

Advertisement

ކޮމެންޓް
މުޒަމިލާ
މި ކަހަލަ ލިޔުމެއް ލިޔާނެ މީހަކު ވާނެނަމައޭ ހިތައި ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެ. ޝުކުރިއްޔާ! ހަމަ 100ގެ ލިޔުމެއް. މި ގޮތަށް ލ. އަތޮޅު އޮންނަ ގުރާދޫއަށް ކަށި ގުރައިދުއޭ ވެސް މާލޭ މީހުން އެބަ ކިޔާ.
19 Mar 2024
ފަރަހަ
ރަނގަޅު ގޮތަކީ ހައްދޫ ކަނޑު.
22 Mar 2024