Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (12)

18 Mar 2024 | 10:55
ގަދީމީ ކައުބާ

އަޙްމަދު ފަޔާޟް ޙަސަން

(2024 މާރިޗު 11ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

ބަޤަރާ ސޫރަތުގެ 124އިން ފެށިގެން 134ވަނަ އާޔަތުގެ ނިޔަލަށް ﷲ، އިބުރާހީމްގެފާނުގެ ވާހަކަ ބަޔާންކުރައްވައެވެ. މި ވާހަކައިގައި ﷲއާ އެކަލޭގެފާނާ ދެމެދު ބަދަލުކުރެވުނު މުވާސަލާތަކުން ބައެއްގެ ވާހަކަ ﷲ ހިމަނުއްވައެވެ. އިބުރާހީމްގެފާނާ ﷲ މަތިކުރެއްވި ހުރިހާ އިމްތިޙާނަކުން އެކަލޭގެފާނު ސައްތައިން ސައްތަ ހޯއްދެވިއެވެ. ނަތީޖާއަކަށްވީ ﷲ އެކަލޭގެފާނަށް އެންމެ މަތީ އެވޯޑް ދެއްވުމެވެ. އެގޮތުން ﷲ އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނު މީސްތަކުންނަށް ލީޑަރެއްގެ ގޮތުގައި ނުވަތަ އިމާމެއްގެ ގޮތުގައި ލެއްވި ވާހަކައެވެ. އެކަލޭގެފާނުގެ ކުރިން ﷲ ނަބިއްޔުން ފޮނުއްވީ ގައުމުތަކަށެވެ. އެބޭކަލުން ގޮވައިލެއްވީ ﷲއަށް އީމާންވުމަށާއި ތެދުމަގުގައި ސާބިތުވުމަށެވެ. އެކަމަކު އިބުރާހީމްގެފާނަށް ލިބިވަޑައިގަތް އެވޯޑުގައި ﷲ މި އަންގަވަނީ އެކަލޭގެފާނު މުޅި އިންސާނިއްޔަތަށް ލީޑަރަކަށް ހެއްދެވި ވާހަކައެވެ.

އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިގައި ހިމެނޭ އެންމެ މުހިންމު އެއް އަސާސަކީ މަސްއޫލިއްޔަތު އަދާކުރެއްވުމާއި މަސްއޫލިއްޔަތު ނެންގެވުމެވެ. އެކަލޭގެފާނަށް ﷲ، ނިޢުމަތެއް ނުވަތަ އިނާމެއް ދެއްވާއިރަށް އެކަމުގެ ބަދަލުގައި އެކަލޭގެފާނުގެ މަސްއޫލިއްޔަތު ބޮޑުކުރެއްވިއެވެ. އެކަލޭގެފާނު އިނާމު ދެކެވަޑައިގަތީ ޝަރަފެއްގޮތަކަށް ނޫނެވެ. އެކަލޭގެފާނަށް ދަރަޖައާއި މަގާމުވީ ޒިއްމާއަކަށެވެ. އެ ގޮތުން ﷲއަށް ޓަކައި އިތުރަށް ކަންކަން ކުރެއްވިއެވެ. މިއިން ލިބޭ ވަރުގަދަ މެސެޖަކީ މަގާމާއެކު ޝުކުރުވެރިވުން އިތުރުކޮށް މަސްއޫލިއްޔަތުބޮޑުކުރަންޖެހޭކަމެވެ. އެކަލޭގެފާނުގެ ސުންނަތަކީ ޝުކުރުވެރިވެ ޒިއްމާ އުފުއްލެވުމެވެ. ލިބިވަޑައިގަތް މަގާމާއެކު ސެލެބުރޭޓްކުރެއްވުމަކީ އެކަލޭގެފާނު ކުރެއްވި ކަމެއްނޫނެވެ.

ﷲ، އިބުރާހީމްގެފާނަށް ދެއްވި ލީޑަރުކަމުގެ ޚާއްސަ އެވޯޑާމެދު ފަޚުރުވެރިވަޑައިގެންނެވުމުގެ ބަދަލުގައި އެކަލޭގެފާނު އެކަން ނެންގެވީ އެކަލޭގެފާނާ ހަވާލުކުރެވުނު ބޮޑު މަސްއޫލިއްޔަތަކަށެވެ. މަސްއޫލިއްޔަތު އުފުއްލެވުމުގައި ނަމޫނާ ދެއްކެވި އިބުރާހީމްގެފާނުގެ ފުރަތަމަ ބޭނުންފުޅަކަށްވީ އެކަލޭގެފާނުގެ މުޅި ދަރިފަސްކޮޅު ހެޔޮލަފާ ސާލިހު މީހުންނަށް ވުމަށެވެ. އެކަލޭގެފާނު ވަގުތުން ﷲއަށް ދެންނެވީ އެކަލޭގެފާނުގެ ދަރިފަސްކޮޅުންވެސް ލީޑަރުންލެއްވުމަށެވެ. އެކަލޭގެފާނުގެ އެދުންފުޅަކަށްވީ އެކަލޭގެފާނެކޭ އެއްފަދައިން އެކަލޭގެފާނުގެ ދަރިފަސްކޮޅުވެސް ތެދުމަގުގައި ސާބިތުވެތިބުމެވެ. އަދި އެފަދަ ލީޑަރުންނަކީ މަސްއޫލިއްޔަތު އުފުލާ އަދި ޝުކުރުވެރިވާ ބަޔަކު ކަމުގައިވުމެވެ. މިއީ މުޅި އިންސާނިއްޔަތަށް އެކަލޭގެފާނުގެ ކިބައިގައި އޮތް ވަރުގަދަ ލޯބި ދައްކައިދޭ ޖަވާބެކެވެ.

ދެން ﷲ އެކަލޭގެފާނަށް ވަގުތުން ޖަވާބުދެއްވައި ވަޙިކުރެއްވިއެވެ. އަނިޔާވެރިންނަކަށް ތިމަން ﷲގެ ޢަހުދެއް ނުލިބޭނެއެވެ. ﷲ އެކަލޭގެފާނަށް މިއެންގެވީ އެކަލޭގެފާނުގެ ދަރިފަސްކޮޅުން އީމާންވާ މީހުންނަށް ލީޑަރުންނަށްވުމުގެ ފުރުސަތު އޮތްކަމަށެވެ. އެކަމަކު އެކަލޭގެފާނުގެ ދަރިފަސްކޮޅުން އަންނަ މީހުންގެތެރެއިން ކާފިރުވެ އަނިޔާވެރިވާ މީހުންނަށް އެ މަގާމުގެ ގެރެންޓީނުދެއްވޭނެ ވާހަކައެވެ. ﷲގެ މިޖަވާބުން އެކަލޭގެފާނުގެ ވިސްނުން އިތުރަށް ފުޅާކުރެއްވިއެވެ. އަދި ﷲގެ މި ޖަވާބަކީ އެކަލޭގެފާނަށް ލިބިވަޑައިގަތް މުހިންމު ފިލާވަޅަކަށް ހެއްދެވިއެވެ.

ދެން އެކަލޭގެފާނު ވިސްނުންތެރިކަމާއެކު އަނެއްކާވެސް ﷲއަށް ދުޢާ ދެންނެވިއެވެ. ކުރީން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ޖަވާބުގެ އަލީގައި މިފަހަރުގެ ދުޢާ އެކަލޭގެފާނު އިސްލާހުކުރައްވައި ބަދަލުކުރެއްވިއެވެ. މި ޒަމާނުގެ ޤައުމިއްޔަތުގެ އެންމެ ފުރަތަމަ ބިންގަލަކީ އަމާންކަމާއި ރައްކާތެރިކަމެވެ. މިނިވަންކަމާއެކު ޤައުމެއް ދެމި އޮތުމަށް ބޭނުންވާ ފުރަތަމަ ބަހާއަކީ ސަލާމަތާއި އަމާންކަމެވެ. އިބުރާހީމް ސޫރަތުގެ 35ވަނަ އާޔަތުން އެކަލޭގެފާނުގެ އަޖާއިބުކުރުވަނި ދުޢާ ﷲ އަޅުގަނޑުމެންނަށް ދައްކަވައެވެ. އެކަލޭގެފާނު ﷲ އަށް ދެންނެވިއެވެ. އަޅުގެ ވެރި ރައްބު! މިރަށަކީ އަމާންވެގެންވާ ރަށެއްކަމުގައި ލައްވާންދޭވެ! އަދި އަޅާއާއި އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާންދޭވެ! މި ދުޢާއިން އެކަލޭގެފާނުގެ ތޫނުފިލިކަން އިންސާނިއްޔަތަށް ދައްކައެވެ. އެކަލޭގެފާނު ﷲ އަށް ދެންނެވީ އެކަލޭގެފާނުގެ ދަރިން ޝިރުކުން މިންޖުކުރައްވައިގެން މައްކާއަށް އަމާންކަން ދެއްވުމަށެވެ.

އިބުރާހީމްގެފާނު ގަސްދުގައި ދަރިފަސްކޮޅުގެ ވާހަކަ މިފަހަރު ނުދައްކަވައެވެ. މިފަހަރު އެކަލޭގެފާނު ދެންނެވީ އެންމެ ކުޑަމިނުން އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިން ޝިރުކުން ދުރުކުރެއްވުމަށެވެ. ކުރީން ﷲ އެންގެވީ އެކަލޭގެފާނުގެ މުޅި ދަރިފަސްކޮޅަށް ގެރެންޓީ ނުދެއްވޭނެ ވާހަކައެވެ. މާނަޔަކީ އެކަލޭގެފާނުގެ ދަރިފަސްކޮޅުން އަންނަ ކާފަރުންނަށް ދަރުމައާއި ސަވާބު ނުލިބޭނެ ވާހަކައެވެ. އެހެންވެ މިފަހަރު އެކަލޭގެފާނު މިހެއްދެވި ގޮތަކީ އެކަލޭގެފާނަށް ޔަގީންވާ މިންވަރަށް ދުޢާކުރެއްވުމެވެ. އެއީ ކުޑަމިނުން ދަރިން ރައްކާތެރިކުރެއްވުމެވެ.

ސުބްޙާނަﷲ! ވިސްނަވާށެވެ. ހަގީގީ އަމާންކަމާއި ރައްކާތެރިކަން ގުޅިފައިވަނީ އިންސާނާގެ އީމާންކަމާއެވެ. އެހެންކަމުން މައްކާގެ އަމާންކަމަށް އެކަލޭގެފާނު ދުޢާކުރެއްވިއިރު މިއެދިވަޑައިގަތީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިންނަކީ ﷲއަށް އީމާންވާ ބަޔަކު ކަމުގައި ލެއްވުމަށެވެ. ހިތަށް ދާއިމީ ހަމަޖެހުމާއި އަމާންކަން ލިބެނީ ﷲއަށް އީމާންވެގެންނެވެ. މި ސަބަބަށްޓަކައި މައްކާ އަމާން ރަށެއްގެގޮތުގައި ލެއްވުމަށް އެކަލޭގެފާނު ދުޢާކުރެއްވި އިރު އިސްކަން ދެއްވީ އެ ތަނުގެ އަހުލުވެރިންނަކީ އީމާންވާ ބަޔަކުކަމުގައި ވުމަށެވެ. އެކަލޭގެފާނުގެ މި ދުޢާއިން ސާބިތުވަނީ އިބުރާހީމްގެފާނަކީ ވިސްނުމުގެ ގޮތުން ލާމަސީލު ބޭކަލެއް ކަމަށެވެ. މިއީ އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ތަރިކައެވެ.

ހަގީގަތުގައި ރަށެއް އަމާންވެ ރައްކާތެރިވާނީ އެ ތަނުގެ ގިނަ މީހުންނަކީ ﷲއަށް އީމާންވާ ބަޔަކަށްވެގެންނެވެ. ބުއްދިވެރި އިބުރާހީމްގެފާނަށް އެކަން ވިސްނިވަޑައިގަތެވެ. މާޒީވެދިޔަ އުއްމަތްތައް ﷲ، ހަލާކުކުރެއްވީ އެ މީހުންގެ ގިނަ މީހުން ކާފިރުކަމުގައި ތިބެގެންނެވެ. ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް އަންގައިދޭ ފިލާވަޅަކީ ރަށެއްގެ އަމާންކަމާއި ރައްކާތެރިކަން އެ ތަނެއްގެ ރޫޙީ ހާލަތާ ގުޅި ލާމެހޭކަމެވެ. އަދުގެ ދުނިޔެއަށް ނަޒަރު ހިންގާ އިރު ކޮންމެ ދިމާއަކުން ފެންނަނީ ފަސާދައެވެ. މި ކަމުގެ ސަބަބަކީ ރޫޙީ ގޮތުން އިންސާނީ ދަރިފަސްކޮޅު ދަށަށް ދިއުމެވެ. އެކަލޭގެފާނުގެ ތަރިކައިން އަންގައިދެނީ ފަސާދަ ހުއްޓުވޭނީ އީމާންކަމުންކަމެވެ.

މައްކާއަކީ އަމާން ރަށެއްގެ ގޮތުގައި ލެއްވުމަށް އިބުރާހީމްގެފާނު ކުރެއްވި ދުޢާ ﷲ އިޖާބަކުރެއްވިއެވެ. މި ކަން އަޅުގަނޑުމެންނަށް ކަށަވަރުވާ އެއް ދަލީލަކީ ފީލް ސޫރަތެވެ. އޭރު އެ ހިސާބުގައި އުޅުއްވި އެންމެ ވަރުގަދަ ރަސްކަލަކީ އަބުރަހާއެވެ. އޭނާގެ ހަސަދަވެރިކަމާއި ރުޅިވެރިކަން މައްކާއާއި ކަޢުބާއަށް އަމާޒުވިއެވެ. އެއީ މައްކާގެ ވަށައިގެންވާ ސަހަރުތަކުން އަޅުކަންކުރުމަށް ޓަކައި މައްކާގައި ހުރި ﷲގެ ގެފުޅަށް މީހުން ދަތުރުކުރާތީއެވެ. މި ކަން ހުއްޓުވައި އެންމެން އަޅުކަންކުރަން ދަތުރުކުރާ ތަނަކީ ޔަމަނުގައި އޭނާ ބިނާކުރާ ފައްޅިކަމުގައި ހަދާން އޭނާ ނިންމިއެވެ. އެ ގޮތުން އޭނާ ޔަމަނުގައި ދުނިޔޭގައި އެ ވަގުތު ބިނާކުރެވުނު އެންމެ ބޮޑު ފައްޅި އާރާސްތުކުރިއެވެ. އަދި އެ ތަނަށް އެންމެން އަޅުކަންކުރުމަށް ގެންދިއުމަށް ޓަކައި އޭނާ ބޭނުންވީ ގެފުޅު ތަޅައިލާށެވެ. އެތުގެ ބޮޑު ލަޝްކަރާއެކު، އޭނާ މައްކާއަށް އެރުމުން ﷲ އޭނާ އާއި އޭނާގެ ލަޝްކަރު ބަލިކުރެއްވިއެވެ.

އަދުގެ ދުނިޔޭގައި ގައުމިއްޔަތުގެ ދެވަނަ ބިންގަލަކީ ތަނަވަސްކަމެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ، އިގުތިސާދެވެ. ދެން އަނެއްކާ ވެސް އަމާންކަމާއި ތަނަވަސްކަމަށް އެދިވަޑައިގެން އެކަލޭގެފާނު ﷲއަށް ދުޢާދެންނެވިއެވެ. އެ ކަން ބަޤަރާ ސޫރަތުގެ 126ވަނަ އާޔަތުން އެނގެއެވެ. އެކަލޭގެފާނު ދެންނެވިއެވެ. "އަޅުގެ ވެރި ރަސްކަލާކޯއެވެ! މި ރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ އަހުލުވެރިންކުރެ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް މޭވާތަކުން ރިޒުޤު ދެއްވައިފާނދޭވެ! މި ދުޢާއަށް ﷲ ވަގުތުން ޖަވާބުދެއްވައި ވަޙީކުރެއްވިއެވެ. ކާފިރުވެއްޖެ މީހާއަށް ދުނިޔޭގައި ކުޑަ ހިނދުކޮޅެއްގެ އުފަލާއި އަރާމު، ތިމަން ﷲ ދެއްވާހުށީމެވެ. ދެން ނަރަކައިގެ އަޒާބުގެތެރެއަށް އެ މީހަކު ފޮނުއްވައިލައްވާހުށީމެވެ."

މިފަހަރު އިބުރާހީމްގެފާނު އެދިވަޑައިގަތީ އީމާންވާ މީހުންނަށް އެކަނި ރިޒުޤުދެއްވުމަށެވެ. އެކަމަކު ﷲ އެންގެވީ އީމާންނުވާ މީހުންނަށް ވެސް ރިޒުޤުދެއްވާނެ ވާހަކައެވެ. މިއިން ލިބޭ އެއް ފިލާވަޅަކީ ﷲގެ އަޅުތަކުންގެ މައްޗަށް ﷲއަކީ ރަޙްމާންވަންތަ އިލާހުކަމެވެ. އަދި ﷲގެ ލޯބީގެ ކުރިމަތީގައި ކޮންމެ އިންސާނަކު ވެސް ޝާމިލުވާކަމެވެ. އަދި މިއިން ލިބޭ މެސެޖަކީ ރަސޫލު ބޭކަލަކަށް ވެސް ﷲގެ ރިޒުގު ނުހުއްޓުވޭނެކަމެވެ. މިއީ ތޫނުފިލިކަމުގައި އަރައިހުންނެވި އިބުރާހީމްގެފާނަށް ލިބިވަޑައިގަތް އިތުރު ފިލާވަޅެކެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް