Advertisement

ހައްގު (5)

17 Mar 2024 | 16:51
ހައްގު

އަސްމާ އަބޫބަކުރު

(2024 މާރިޗު 10 ގައި ޝާއިޢުކުރި ބައާ ގުޅޭ)

"ތިޔަ ބަލައިލާ ގޮތުން ވެސް މި ހިތަށް ހާދަ ގޮތެއްވެޔޭ." ޔޫލީ އެއްވެސް އެއްޗެއް ނުބުނެ ލަދުން ހުރެ އޮފީހަށް ވަންނާން ދިޔައެވެ.

ފުރަތަމަ ދުވަހު އޮފީހަށް ދިއުމާއެކު އޮތީ ޔޫލީއަށް މަރުޙަބާކިޔުމެވެ. ވެރިޔާ ދިށްކޮއްލި ރީތި މާ ބޮނޑީގައި ޔޫލީ ހިފިއެވެ. ދެ ސަފަށް އެތުރިގެން ތިބި އޮފީހުގެ މުވައްޒަފުން ފެނިފައި ހިތަށް އުފާވެރިކަން ގެނުވިއެވެ. އެކަމަކު އެންމެންގެ ނަޒަރުން ސަލާމަތްވުމަށް ޓަކައި ޔޫލީއަށް ކުރެވޭނެ ކަމެއް ނެތެވެ. ފާޑަކަށް ރަކި ހިނިތުންވުމަކާއެކު އެންމެންނާ ދިމާއަށް ބަލައިލިއެވެ.

އެއަށްފަހު ޔޫލީ މަސައްކަތްކުރާން ޖެހޭ ސެކްޝަނަށް ގެންގޮސް ޔޫލީގެ މޭޒު ދެއްކުމުގައި ސުޕަވައިޒަރު އެހީތެރިވެދިނެވެ.  އަދި އެކި ސެކްޝަންތައް ދައްކަމުން ސުޕަވައިޒަރ އޮފީހުގެ ކަންކަން ކިޔައިދެމުން ގެންދިޔައެވެ. އޮފީހަށް ސަލާންބުނާނެ ގޮތާއި އޮފީހުގައި ޔޫލީ ކުރާން ޖެހޭ މަސައްކަތާއި، އެ އޮފީހުގައި ކަންކަން ހިނގަމުން ދާ ގޮތް ވެސް ކިޔައިދިނެވެ.

ޙަސަދައިގެ ލޯތަކާއި، އެކުވެރި ހިނިތުންވުންތައް ޔޫލީއަށް ވަނީ އަމާޒުވެފައެވެ. ޔޫލީގެ މަޤާމަށް އޮފީހުގެ ބައެއް މުވައްޒަފުން ކުރިމަތިލީ ނަމަވެސް، އެ މީހުން ނުހޮވި، ޔޫލީ ހޮވިފައިވުމުން އެ މުވައްޒަފުން ތިބީ އެ ކަމާ ހިތްހަމަ ނުޖެހިފައެވެ. އަލަށް ވަޒީފާއަށް ނިކުންނަ ކުއްޖެއްގެ ތަޖުރިބާ ނެތް ވާހަކަ ވެސް ތުންތަޅުވަމުން ގެންދިޔަ މުވައްޒަފުން ދައްކަމުން ގެންދިޔައެވެ.

އަނެއް ބަޔަކު ޔޫލީ ފަދަ ތަޢުލީމީ ޒުވާން ކުއްޖަކު އައުމުން ކަންކަން އަވަހަށް ދަސްކޮށް ޤާބިލުކަން ދައްކާނެކަމުގެ އުންމީދީ ވާހަކަތައް ވެސް ދެއްކިއެވެ. އެއާ އެކު، ހަމްދަރުދީގެ ލޯތަކެއް ވެސް އެ ތަނުގައިވެއެވެ. ކާރު އެކްސިޑެންޓްގައި ޢާއިލާ އެކީގައި ނިޔާވި ވާހަކަ ވެސް ބައެއް މުވައްޒަފުން ދެއްކިއެވެ.

 އޮފީހުގެ ކަންކަން ދަސްކުރާން ހޭދަވީ މަދު ދުވަސްކޮޅެކެވެ. ޔޫލީއަކީ ކަންކަން ވަރަށް އަވަހަށް ދަސްކުރާ ކުއްޖެކެވެ. ސެކްޝަނުން ކުރާންދޭ މަސައްކަތްތައް ނިންމާލެއް އަވަހެވެ. އެހެން މުވައްޒަފުން އުޅޭހެން ވަގުތު ބޭކާރުކުރުމާއި، އެހެން މީހުންނާ ވާހަކަދެއްކުމުގައި ޔޫލީ ވަގުތު ހޭދައެއް ނުކުރެއެވެ.

ހެނދުނު ހޭލެވުމާއެކު ޒަހީރާގެ ހިތުގައި މިއަދުގެ ތާވަލު ކުރަހައިލީ އެނދުގައި އޮވެގެންނެވެ.

"އަހަރެންނަށް މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގުނު ނަމަވެސް އަހަރެންނަށް އެނގޭ އަހަރެން ހޭލާއިރު މާޔޫސްކަމުގެ އިހުސާސެއް ނުކުރެވޭނެކަން. ކުރާން ރާވާ މަސައްކަތްތައް އޭގެ ހަލުވި މިނުގައި ކުރިއަށް ގެންދާން އަހަރެންގެ ފަހަތުގައި ނަދީމު ހުންނާނެ."

ޒަހީރާ ހެނދުނުހެނދުނާ ގޭގައި ކުރަންހުރި މަސައްކަތްތަކުގެ ލިސްޓު މައިދައިތައަށް ކިޔައިދިނުމަށް ފަހު ބޭރަށް ނިކުމެއްޖެއެވެ.

"މާމާ. ގެނޭ އަހަރެން އަތަށް ހުނިގާނާން. މާމަގެ ފައިގައި ރިއްސާއިރު ކިހާ އުނދަގޫވާނެ ހުނިގޮނޑިމަތީ ތިރީގައި އިށީންނާން." ނީނާއަށް މާމައުޅޭ ޙާލު ފެނުމުން ދެރަވެގެން ކިތަންމެ ފަހަރަކު އެ މަސައްކަތް ކޮށްދޭނެއެވެ. ނީނާއާއި މާމަ، ގޭގެ ހުރިހާ މަސައްކަތްތަކެއް ނިންމައިލިއެވެ. އޭރުވެސް ޒަހީރާއެއް ގެއަކަށް ނާދެއެވެ.

ނީނާ ކިޔަވައި ނިމުނު ފަހުން މާމައަށް އެހީވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އަދި މާމައާއި ކާފައާ ވާހަކަދެއްކުމުގައި ވަގުތު ހޭދަކުރެއެވެ. މަސައްކަތްކުރާން އުޅުމުގެ ތެރޭގައި މާމަގެ ޅަ ދުވަސްވަރާ ގުޅޭ ގޮތުން ނީނާ ސުވާލުކުރެއެވެ. މާމަގެ ޅަދުވަހުގެ ވާހަކަތަކާ ނީނާ ވަރަށް ގަޔާވެއެވެ.

"މާމާ. މާމަގެ ހަނދާނުން ނުފިލާ ވަރުގެ އެއްވެސް ހާދިސާއެއް މިރަށުގައި ހިނގިތަ؟" ނީނާގެ ސުވާލުން މާމަގެ ޒުވާން ދުވަސްވަރަށް އެނބުރި ދިޔައެވެ.

" އާނ! ދަރިފުޅާ! މި ރަށުގައި ޒުވާން އަންހެން ކުއްޖަކާ ހެދި ހިނގި އަލިފާނުގެ ހާދިސާއެއް އެއީ. އޭރު އެ ކަން ހިނގާން މެދުވެރިވީ އެ ކުއްޖާގެ ރީތިކަން ފެނި މީހަކު ދިވާނާވެގެންނޭ ކިޔާ. މި ރަށުން އެންމެ ރީތިކަމަށް ކިޔާ ކުއްޖާއަކީ ޖަންބުގޭ ފާތުމަ. އެ ފާތުމަ ފަހަތުން ވަރަށް ގިނަ ފިރިހެނުން ދުވާނެ. އެކަމަކު އޭނާ އެއްވެސް މީހަކާ އިންނާކަށް އެއްބަހެއް ނުވި."

"ދެން ކޮބާ މައްސަލައަކީ. އެ މީހަކު ބޭނުން މީހަކާ އިނުމުގެ ޙައްޤު އެ މީހަކަށް އޮންނަން ވާނެއްނު!"

"ދެން ވީ ގޮތަކީ ޒުވާނުންގެ ތެރޭގައި އުޅޭ ހިތްވަރު ގަދަ ފަހުލަވާނެކޯ އެ މުޙައްމަދު ފުޅަކީ.  ފާތުމަ ގޭގައި ތިންދޯނި އޭރު ހުރޭ. ކޮންމެ ހުކުރު ދުވަހަކު ދޯނިތައް އެހެލާނެ. ހުކުރު ދުވަހެއްގެ ރޭ  މާމައަށް ވެސް ހޭލެވުނީ މީހުން އަލިފާނޯ ގޮވާ އަޑަށް. އޭރު އަލިފާންގަނޑު ބޮޑުކަމުން ފުލޯކު ވާހަކަތަކުގައި ކިޔާ ކަހަލަ ރަންނަމާރި އެއް ފެންނަ ކަހަލަ. ވަރަށް ބިޔަ ބޮޑު އަލިފާންގަނޑެއްގެ ގޮތަށް ފެންނަނީ. އެ ޒަމާނުގައި ހަރުގެތައް ހުންނަނީ ފަނުން ހަދާފައި. އަލިފާން ގުޅަގުޅަ މި ހިސާބަށް ވެސް އާދޭ. މުޅި ރަށު ކުދި ބޮޑު އެންމެން ހޭލައި ރޮއި ހަޅޭއްލަވާން ފެށި. މާމަގެ ޢުމުރުން އޭރު ސޯޅަ ވަރަކަށް އަހަރު ވާނީ." އެ ރޭގެ ބިރުވެރިކަން މާމަގެ ހިތަށް ވެރިވެގަތެވެ.

"ފަސޭހައިން އަލިފާން ނިއްވައިލެވުނުތަ؟"

"ފަނުން ހަރުގެ ހަދައިފައި ލަކުޑި ދޯނިފަހަރު ހުންނަ އިރު، އަލިފާން ރޯކޮށްލީ އެ ރޭގެ ގާތްގަނޑަކަށް ބާރަ ޖެހިއިރު. ފަތިސް ނަމާދު ބަންގިއަށް ފާތުމަގޭ ތިންދޯނި އަނދައި ހުލިވި. ފާތުމަގެ ބައްޕަ އެ ކަމާ ވިސްނައިވިސްނައި މޮޔަވެގެން ގެންދިޔައީ ގުރައިދޫއަށް." މާމަ ކިޔައިދިން ޙާދިސާއިން ނީނާ ވެސް ކަންބޮޑުވިއެވެ.

"އެ ޒަމާނުގައި ވެސް މީހުން ލޯތްބަށް ޓަކައި ކުރާކަންތައްތަކުގެ ސަބަބުން ލިބޭ ގެއްލުން ކިހާ ބޮޑު" އަހަރެން ހީކުރަނީ މިހާރުއޭ މީހުން ގޯސް ވެގެން މިއުޅެނީ."

" ދަރިފުޅާ. ކޮންމެ ޒަމާނެއްގައި ވެސް ގޯސް މީހުންނާ، ރަނގަޅު މީހުން އުޅޭނެ. މާމަގެ ސަލީމަކީ ހާދަ ރަނގަޅު ދަރިއެކޭ. މާމަ ދެކެ ހާދަ ލޯބިވޭ އޭނަ." މާމަގެ ވާހަކަ އަބަދު ވެސް ނިމޭނީ ސަލީމްގެ ވާހަކައިންނެވެ. އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު މާމައަށް ރޮވޭ ތަން ނީނާ ދެކެއެވެ. ނީނާއަށް ނުފެންނަ ގޮތަށް މާމަގެ ލޯ ފޮހެލިކަމުގައި ވިއަސް ނީނާއަށް އެ މަންޒަރު ފެނެއެވެ.

މާމަގެ ކަންބޮޑުވުންތަކަށް ނީނާގެ ހިތުގައި ހަމްދަރުދީ އުފެދެއެވެ. ނަމަވެސް ނީނާ ކަހަލަ ކުއްޖަކަށް ކުރެވޭނެ ކަމެއް ނެތެވެ. މަންމައާއި ބައްޕަގެ ކަންތައް ހުންނަ ގޮތުގެ ވާހަކަ ކިޔައިދޭނީ ވަކި ކާކަށްހެއްޔެވެ؟

އޮފީހުގެ މާޙައުލަށް ޔޫލީ ހޭނިއްޖެއެވެ. ސެކްޝަނުގެ މަސައްކަތްތައް ނިންމުމުގައި ޔޫލީގެ އެހީތެރިކަން ހުރިހާ މުވައްޒަފުންނަށް ލިބެއެވެ. ޔޫލީއަކީ ކޮންޕިއުޓަރުން ޓައިޕުކުރުމަށް ކުޅަދާނަ މުވައްޒަފެކެވެ.

"ޔޫލީ. ކިހިނެއް ދަސްކުރީ ތިހާ އަވަހަށް ޓައިޕުކުރާން. ތިހިރަ ހަލުވިކަމެއްތާ ދޯ." ފާލިހާއަކީ އަބަދުވެސް ސަކަރާތްޖެހުމުގައި އުޅޭ މުވައްޒަފެކެވެ.

"އަންނަ މަހު އޮންނާނެ އޮފީހުގެ އަހަރީ ޙަފުލާ. އެންމެ ގިނަ މަސައްކަތް އަންނާނީ އަހަރެމެންނަށް. ޔޫލީ ހުރީމާ ފަސޭހަވާނެއްނު." ސާރާ ވެސް ފާލިހާއަށް ތާއީދުކުރިއެވެ. ޔޫލީއަށް ހިތްހަމަނުޖެހިގެން އުޅެނީ ނާޝިދެވެ. އެހެން ކުދީން ނާޝިދާ ސަކަރާތް ޖަހައި މަޖާކޮށް ހަދާހެން ޔޫލީ އެ ގޮތަށް ނޫޅޭތީ ނާޝިދު ހުންނަނީ ރުޅިއައިސްފައެވެ. ވައްކަޅިން ބެލުމާއި ވައްބަހުން ޖެހިއަސް ޔޫލީ އަޅައެއް ނުލައެވެ. ނާޝިދު ކިތަންމެ ގޮތަކަށް ޔޫލީއާ ވާހަކަދެއްކޭތޯ އުޅެއެވެ. އެކަމަކު ޔޫލީ ކޮންމެހެން ބުނާންޖެހޭ ވާހަކައެއް ނޫނީ ނުބުނެއެވެ.

ޔޫލީގެ މަސައްކަތްތައް ހުންނަ ގޮތުން އަލީމު ގުޅާ ކޮންމެ ފަހަރަކު ފޯނު ނެގޭ ގޮތެއް ނުވެއެވެ. އެ ކަމާ އަލީމުގެ ޝަކުވާ ގިނަވާން ފަށައިފިއެވެ. ޔޫލީގެ މަސައްކަތް ހުންނަ ގޮތް އަލީމަށް ކިޔައި ދިނަސް ފޯން ނުނެގިއްޖެ ނަމަ، ހިތްހަމަ ނުޖެހިގެން އެތައް ވާހަކައެއް ދައްކައެވެ.

"ޔޫލީ! ގޭގެ ދޮރުމަތީ މިހުރީ." ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކައިފައި އެ ކަން ހަނދާން ނެތޭލެއް ވެސް އަވަސްކަމުން ޔޫލީއަކަށް އަލީމްގެ ގޮތެއް ނޭނގެއެވެ.

ޔޫލީ ބޭރަށް ނިކުތުމުން އަލީމު ދިއްކޮށްލީ ހަތަރު މަލުގެ މާބޮނޑިއެކެވެ. ކޮންމެ މަހަކު އެއްފަހަރު ދެމުން އަންނަ މާބޮނޑިއަށް މަލެއް އިތުރުވާނީ މަހެއްގެ ފަސްވަނަ ދުވަހެވެ. މާބޮނޑި ފެނުމުން ޔޫލީއަށް ކުއްލިއަކަށް ހަނދާން ވެއްޖެއެވެ. އަލީމާ ވާހަކަ ދައްކަން ފެށިފަހުން ހަތަރު މަސްވީއެވެ.

"މީގެ ދެތިން މަސްފަހުން މި މާބޮނޑި މަށަށް ނުވެސް އުފުއްލޭނެ." ޔޫލީ ވާހަކަ ދައްކަން ފެށުމުން އަލީމަށް ހިތްހަމަޖެހުން ލިބެއެވެ. ޔޫލީ ފޯން ނުނަގައިފި ނަމަ ހިތްނުތަނަވަސްވާ ގޮތް ވެފައި ހުންނާން ޖެހެއެވެ. އަލީމަށް ވާ ގޮތްގޮތުގެ ވާހަކަ ޔޫލީ ގާތު ބުނާ ކޮންމެ ފަހަރަކު ޔޫލީއަކަށް އެކަން ގަބޫލެއް ނުކުރެވެއެވެ. އިތުބާރުކުރުން މުހިންމުކަމުގެ ވާހަކަ ޔޫލީ އެތައްފަހަރަކު އަލީމު ގާތުގައި ބުނެފިއެވެ.

ޔޫލީއާއި އަލީމްގު ގުޅުން ކުރިއަށް ދިޔަނަމަވެސް އެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ. ޝައްކުގެ ނަޒަރުން ކަންކަން ބަލާ ނަމަ، އިތުބާރު ގެއްލިދެއެވެ. އަލީމަށް ވެސް ވަނީ އެހެންނެވެ. ޔޫލީއާ މެދު ޝައްކުކުރެވެނީ މާބޮޑަށެވެ. އެއް ފަހަރު ފޯނު ނުނެގުނަސް އެ ހިތަށް ޝައްކު ބަލި ޖެހެއެވެ. ދެން ކުރާން ފެށެނީ ޒުވާބެވެ. ކަން ވީ ގޮތް ކިޔައިދޭ އިރު، ރުޅި އާދެވިފައި އޮންނަނީ ތާކުންތާކު ނުޖެހޭ ކަންކަމުގައެވެ.

އޮފީހުގެ އަހަރީ ދުވަހުގެ ހަފުލާއަށް ތައްޔާރުވުމުގައި ޔޫލީމެން އޮފީސް ހުރިހާ މުވައްޒަފުން ބުރަކޮށް އުޅުނު ދުވަސްކޮޅެވެ. ހެނދުނު އޮފީހަށް ދާ ގޮތަށް، ގެއަށް އާދެވޭނީ ރޭގަނޑު ނުވައެއް ދިހައެއް ޖަހާއިރުއެވެ. ނިދުމުގެ ކުރީން އަލީމަށް ގުޅިއަސް ހުންނަނީ ހިތްހަމަ ނުޖެހިފައެވެ.

"ތިޔަ އޮފީހުގައި ޔޫލީ ކުރާން ޖެހެނީ ކޮންކަމެއްތަ؟ މުޅި ދުވަހު އޮފީހުގައި އުޅޭ އިރު އަހަރެން މަތީން ޔޫލީ ހަނދާންވެސް ނުވޭދޯ!" އާދައިގެ މަތީން އަލީމްގެ ޝަކުވާ ފެށިއެވެ. ގެއަށް އަންނައިރަށް އަލީމްގެ ޝަކުވާއެވެ. އޮފީހަށް ދާއިރަށް ނާޝިދުގެ ގޯނާއެވެ. ހަމަޖެހިލައިގެން އަންހެން ކުއްޖަކަށް ނޭވާލެވޭކަށް ނޯވެއެވެ. 

"އަލީމް މަތީން ހަނދާން ނުވަނީކީ ނޫނޭ. އޮފީހުގެ މަސައްކަތް މި ދުވަސްކޮޅު ހަމަ ބުރައީ. ފަހުން ރަނގަޅުވާނެ."

ބައެއް ފަހަރު ގުޅައިގެން އެތައް އިރެއްވާއިރު ޔޫލީއާއި އަލީމް އެއް ގަލަކަށް ނޭރި ތިބޭން ޖެހެއެވެ.

"ލޯތްބަކީ ވެސް ހާދަ ފާޑެއްގެ އެއްޗެކޭ. މަގޭ ހިތުގައި ޝައްކު އުފެދެނީ ޔޫލީ ގެއްލިދާނެތީ. ޔޫލީގެ ސާދާކަމާއި ވާހަކަ ދެއްކުމުގައި ތިޔަ ހުންނަ އޮމާންކަމުން ކިތައް މީހުންގެ ހިތް ކަތިލާނެ. ރީތި ކިތައް ފިރިހެން ކުދީންކުދީން ޔޫލީގެ ފަހަތުން ދުވަނީ!" އަލީމް ހިތުގެ ވާހަކަތައް ހާމަކުރަމުން ދިޔައެވެ.

"ކޮންމެ މީހަކު ފަހަތުން ދުވިކަމުގައިވިއަސް އަހަރެން މިހުރީ އަލީމަށް ޓަކައި. އަހަރެންގެ ހިތުގައި އަލީމުގެ ނަން ނޫނީ ނެތް." ޔޫލީ އެތައްފަހަރަކު އެ ޖުމްލަ ވަނީ ތަކުރާރު ކޮށްފައެވެ.

އަހަރީ ހަފުލާ ނިންމާލާފައި ޔޫލީއަށް ގެއަށް އަންނަން ޖެހުނީ އެކަނި ހިނގާފައެވެ. އަލީމަށް ގުޅުމުން ފޯނެއް ނުނަގައެވެ. ކަންބޮޑުވެ ހުރެ، އެކަނި ގެއަށް އަންނާން ހިނގައިގަތެވެ. ފަހަތުން މީހަކު އަންނަ ކަމެއް ޔޫލީއަކަށް ނޭނގެއެވެ. ބައެއްފަހަރު މީހަކު ހުރެދާނޭ ހިތައި، ފަހަތް ބަލައިލާ އިރު މީހަކު ފެންނާކަށް ނުހުރެއެވެ.

ޔޫލީ ގެއަށް ވަންނަނިކޮށް މީހަކު އައިސް ފަހަތުން އަނގަމަތީ އަތްއަޅައިފިއެވެ. ޔޫލީ ދިޔައީ ސިއްސައިގެންނެވެ.

"ހަޅޭއްލަވަން މަސައްކަތް ނުކުރާތި. މަސައްކަތް ކޮށްފިއްޔާ މި ވަޅީގެ ތޫނުކަން ދައްކާލާނަން" އެމީހާގެ އެއްއަތުން ޔޫލީގެ އަނގަމަތީގައި ހިފަހައްޓައިގެން ހުރެ އަނެއް އަތުން ވަޅި ދައްކަމުން ގޭތެރެއަށް ވަންނަން އެންގިއެވެ. އެމީހާއާ އެކު މަޑުމަޑުން ގޮސް ޔޫލީ ކޮޓަރިއަށް ވަނެވެ.  ޔޫލީ ހިފަހައްޓައިގެން ހުރި މީހާ ޔޫލީ ދޫކޮށްލައިފިއެވެ.

"މަޑުން ހުންނާތި! އެއްވެސް އެއްޗެއް ބުނެފި ނަމަ، މި ވަޅީގެ ތޫނުކަން ދައްކައިލާނަން." ޔޫލީ ހުރީ ބިރުން ހަދާނެގޮތް ހުސްވެފައެވެ. ކާކުކަން ނޭނގޭ މީހާ ހުރީ ލޯ އެކަނި ފެންނަ ވަރަށް ބޮލާއި މޫނާއި އަނގަމަތި ނިވައިވާ ގޮތަށް ފޮތިގަނޑެއް އޮޅައިގެންނެވެ.

"އަހަރެން ބޭނުންވަނީ ފައިސާ. އެއާ ނުލާ އެކަކަށް ވެސް ނޫޅެވޭނެ. އަހަރެން މިހިރީ ޙާލުގައި ޖެހިފައި. ޔޫލީ އަކަށް އަހަރެން މީ ކާކުކަން ނޭނގުނަސް މަށަށް ޔޫލީގެ ހުރިހާ މަޢުލޫމާތެއް އެނގޭ. ފައިސާ ދީފިއްޔާ ޔޫލީއަށް ނޭނގޭ ބޭނުންތެރި އާ ޚަބަރެއް ދޭނަން"

"މީހަކު ބުނާއިރަށް އެއްކުރި ފައިސާކޮޅު ދޭންޖެހިފައި މިއޮތީ. އޭނާއަށް ދެވޭނީ ކޮން ޚަބަރެއް." ޔޫލީ ހިތަށް އަރަމުން ދިޔައެވެ. އެކަމަކު އެ ނޫން ގޮތެއް ނެތުމުން އަންނަމަހު ގޭކުލި ދައްކަން ހުރި ފައިސާގެ އެއްބައި ކޭޝްކޮށް ހުރުމުން އެ ނަގަން އަލަމާރި ހުޅުވާލިއެވެ. ނަސީބަކުން އެވަގުތު އޮތީ ތިންހާސް ރުފިޔާއެވެ.

"މިވަގުތު އަހަރެން އަތުގައި އޮތީ ތިންހާސް ރުފިޔާ އެކަނި" ޔޫލީ ހުރިން ބިރުން ތުރުތުރު އަޅާ ހާލުގައެވެ. މޫނުމަތިން ބިރުގަންނަކަން ނުދައްކާ ވޭތޯ ބަލަމުން ޔޫލީ ވާހަކަ ދެއްކިއެވެ.

"ތިޔަ ވަރުން މިފަހަރަށް ވާނެ."

 ގޮތް ނޭނގޭ މީހާގެ ނިތަށް ރޫއަރުވައިލިއެވެ. އެ ނޫން ގޮތެއް ނެތޭ ބުނާ ކަހަލައެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް