Advertisement

ކޮންމެ މީހަކު ކުރިއަސް ރަނގަޅުކަމެއް ގޯސް ކަމަކަށް ނުވާނެއެވެ.

16 Mar 2024 | 23:35
ޑްރޯނެއް

"ފަރަގު"ގެ ޚާއްޞަ މުރާސިލު

ގައުމަކަށް ބޭނުންވާނެ އެންމެ މުހިންމު އެއް ޚިދުމަތަކީ އެ ޤައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމެވެ. އެހެނީ އެ ބަޔެއްގެ އިގުތިސާދީ މިނިވަންކަމާއި ދީނާއި ސަގާފަތާއި އަމިއްލަވަންތަކަން ދެމެހެއްޓޭނީ އެ ގައުމަކަށް އެ ގައުމެއްގެ މިނިވަންކަން ދެމެހެއްޓިގެންވެ.

މި ކަމަށް ޓަކައި އަދުގެ ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމީ ފެންނާން އޮތް ހަގީގަތެކެވެ.

ސިފައިންގެ ވައިގެ ދިފާޢީ ޚިދުމަތް އަލުން ފެށުމަށް ޓަކައި، ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ރޭ (ހުކުރުދުވަހުގެރޭ) ބޭއްވި ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު  ވިދާޅުވީ، "އަސްކަރިއްޔާގެ ތެރޭގައި ވައިގެ ތާރީޚެއް އޮތަސް ގިނަ ދުވަހު އެ ޚިދުމަތް ފޯރުކޮށްދީފައި ވަނީގެ ބޭރުގެ ކޮންމެވެސް އަސްކަރިއްޔާއަކަށް ބަރޯސާވެގެން" ކަމަށެވެ. ނަމަވެސް ރޭގައި މި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ވައިގެ ދިފާޢަށް ޒިންމާވާ ކޮމްބެޓް އެންޑް މެނޫވަރ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް "އެއަރ ކޯރ" އުފެއްދައިފައެވެ. މިއީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާން ޖެހޭ "އޭރިއަލް ސާރވެއިލަންސް އޮޕަރޭޝަންތައް" ހިންގުމަށް ޓަކައި ދިވެހި ސިފައިންނަށް މިހާތަނަށް ލިބުނު އެންމެ ޒަމާނީ ޤާބިލުކަންކަމާ މެދަކު ޝައްކެއް ނެތެވެ.

މި ޚިދުމަތާ ގުޅިގެން، ތަފާތު ޚިޔާލުތައް މީސްމީޑިއާގައި ބައެއް މީހުން ފާޅުކުރަމުން ގެނެދެއެވެ. އަޅުގަނޑު އެންމެ ހައިރާންވަނީ، ތިމާ ރުޅި އަންނަ މީހަކު ވިޔަސް ރަނގަޅު ކަމެއް ކުރި ނަމަ ވެސް އެއީ ރަނގަޅު ކަމެއް ނޫންކަމަށް ވަކާލާތުކުރާތީއެވެ. ތިމާ އެ ކަން ފާހަގަކުރާން ބޭނުން ނުވާ ނަމަ، އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓަސް މާ ރަނގަޅުވާނެއެވެ.

ބައެއް މީހުން މި ޚިދުމަތް ތަޢާރަފުކުރާން ދިޔަ އަގުން އެތައް ހޮސްޕިޓަލެއް އެޅޭނެ ވާހަކަ ވެސް ލިޔެފައި ހުއްޓެވެ. ނަމަވެސް މި ޚިދުމަތުގައި ބޭނުންކުރާ ގިނަ ޑްރޯންތަކަކީ ތުރްކިޔޭއިން (ތުރުކީވިލާތުން) ހިލޭ ސާބަހަށް ދީފައިވާ ހަދިޔާއެއްކަމަށް ވެސް އެނގިފައިވެއެވެ.

ޑްރޯން ހިނަގައި ބަލަހައްޓާން ތަމްރީނު ލިބިފައި ތިބި، ސިފައިންގެ ބައެއް ބޭކަލުން ރޭގެ ރަސްމިއްޔާތުގައި<br>

ހޮސްޕިޓަލް ގިނަކުރުމަކީ، ރައްޔިތުންގެ ޞިއްޙީ ޚިދުމަތަށް އޮތް ރައްކާތެރި ކަމެއް ނޫނެވެ. އާ ހޮސްޕިޓަލްތަކެއް އެޅުމަށް ވުރެ، ހުރި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް ފުރިހަމަ ޚިދުމަތެއް ދެވޭނެ ތަންތަނަށް އެ ތަންތަން ހެދުމުގެ ބޭނުންތެރިކަން މާ ބޮޑުކަން އެ ގޮތަށް ޚިޔާލު ފާލުކުރާ މީހުންނަކަށް ނުވިސްނެއެވެ. އަދި ރައްޔިތުން ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނޭ ގޮތުގެ އިރުޝާދުދީ އެ ފަދަ އާދަތަކެއް އަށގެންނެވުމުގެ މުހިންމުކަން މާ ބޮޑުކަން ވެސް އެ ފަދަ މީހުންނަކަށް ނުވިސްނެއެވެ.

އަދި ގައުމީ ދިފާޢުގައި ވައިގެ ފައުޖެއް އެކުލަވައިލުމަކީ، އެހެން ހުރިހާ ކަމަކަށް ވުރެ، މުހިންމު ކަމެއްކަމަށް ވެސް އެ ފަދަ މީހުންނަކަށް ވިސްނައިގަންނާކަށް ނޭނގެއެވެ. ޞިއްޙީ ޚިދުމަތް ވެސް އަދި އެ ނޫން ކޮންމެ އިޖުތިމާޢީ ޚިދުމަތެއް ވެސް ފޯރުކޮށްދެވޭނީ ގައުމު ޙިމާޔަތްކޮށްގެންނެވެ. އަމިއްލަވަންތަކަމާއި މިނިވަންކަމާއި އިސްތިގުލާލު ދިފާޢުކޮށްގެންނެވެ. ވީމާ، ޚަރަދުކޮށްގެން ވައިގެ ބާރެއް އުފެއްދިކަމަށް ވިޔަސް އެ "ބާރު"ގެ މުހިންމުކަން ކުޑައެއް ނޫނެވެ. ދިވެހި ގައުމުގެ ޝަރަފާއި އިއްޒަތް ބަލައިނުގަންނަ ހިލޭ ބަޔެއްގެ މަތިންދާ ބޯޓަކަށް ވުރެ ދިވެހިންގެ އަމިއްލަ ޑްރޯންއެއް މާ ބޮޑަށް ވެސް ރަނގަޅެވެ.

"ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން "ދިވެހިންގެ އިގުތިސާދީ ލޭ ނާރާއި، ކަނޑުފަޅުތަކުން ނަފާ ހޯދައިގެން ދިރިއުޅެމުން ދާ ހިތްމަތްތެރި ދިވެހި ދަރީންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެންޑީއެފްގެ އެއަރ ކޯރ (ވައިގެ ދިފާޢީ ބާރު)ގެ ޚިދުމަތާއެކު" ވަރަށް ބޮޑަށް ކަށަވަރުވާނެކަމަށް ރޭ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. "ރެއާއި ދުވާލު ހުއްޓުމެއް ނެތި ރާއްޖެ ބެލެހެއްޓުމުގެ ގާބިލްކަން ސިފައިންނަށް ލިބުމަކީ ކާބަފައިން، އެބައިމީހުންގެ ލެއާއި ފުރާނައިން މި ގައުމަށް ޓަކައި ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ހައްގުގައި ވެސް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށް ވެސް ޗީފު ފާހަގަކުރެއްވިއެވެ.

ދިވެހީންގެ ފަޚުރުކަމުގައިވާ ތާނައިން ނަން ލިޔެފައިވާ ޑްރޯނެއް، ރައީސުލްޖުމްހޫރިއްޔާ އާއި ދިފާޢީ ކަންތައްތްކާ ބެހޭ ވަޒީރު ބައްލަވައިލައްވަނީ<br>

"މިއީ މިނިވަންކަމުގެ ރަމްޒުކަމުގައިވާ ރަތާއި ފެއްސާއި ހުދުގެ އައުދާނަ މިނިވަން ދިދައަށް ވިހުރިލާން ލިބޭ ހިތްވަރަކާއި ބާރެއް"ކަމަށާއި "މިއީ ދިވެހިންނަށް، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެކަމާއި އެ ގާބިލްކަން ދިވެހިންނާއި ދިވެހީންގެ އަސްކަރިއްޔާގެ ކިބައިގައި އެބަ ހުރިކަން އެނގި، ހާމަވާނެ ކަމެއް"ގެ ގޮތުގައި ވެސް ޗީފު އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މި ބޭޏުންކުރާން ފެށި ޑްރޯންތަކަކީ ތުރްކިޔޭގައި އުފައްދައިފައިވާ އުފެއްދުމެކެވެ. އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު، އުފައްދައިފައިވާ މި ޑްރޯނަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު ފަންސަވީސް ހާސް ފޫޓުަށް ވުރެ މަތީން އުދުހުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ބަރުދަނުގެ އޮޓަމެޓިކް މި އުޅަނދުގައި މުވާސަލާތީ ޚިދުމަތްތަކުގެ ރާސްތާ 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. މި ޑްރޯނަކީ 70އާއި 120 ކިލޯމީޓާރުގެ ބާރުމިނުގައި ދުއްވުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. އުފާކުރުން ޙައްޤު ތާރީޚީ ޚިދުމަތެކެވެ.

އަނެއްކޮޅުން ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި، އެއަރ އެމްބިއުލެންސާއި ސީޕްލޭން އެމްބިއުލާސްގެ ޚިދުމަތް ވެސް ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ތަޢާރަފުކޮށްފައެވެ. މިއީ ވެސް ބޭރުގެ އަސްކަރީ ބާރުތަކުން މިންޖުވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއްކަން ޔަގީނެވެ.

ގައުމުގެ މިނިވަންކަމަށް ޓަކައި، ބޭރުގެ އަސްކަރީ ބާރުތައް ރާއްޖެއިން ބޭރުކޮށް އިންސާނުންނާ ނުލައި އުދުހެވޭނޭ ޑްރޯން ގެންނަވައި ކަނޑާއި ވައިގެ ސަރަހައްދު އަމިއްލަ ދިވެހި ސިފައިން ބަލަހައްޓަވާން ފެއްޓެވުމަކީ ފާޑު ކިޔާން ޖެހޭ ކަމެއް ނޫނެވެ. އަދި ހަދިޔާގެ ނަމުގައި މި ރާއްޖޭގައި ދެ ހެލިކޮޕްޓަރެއް ބާއްވައިގެން ހިތަށް އެރި ފަހަރަކު ވަކި ސަފާރާއެއްގެ ހުއްދަ ހޯދައިގެން ބަލި މީހުން އުފުއްލުމަށް ވުރެ، ދިވެހީންގެ އިޚުތިޔާރުގައި އެ ޚިދުމަތްދޭނެ ނިޒާމެއް ގާއިމުކުރުމަކީ ޝުކުރުވެރިވާން ޖެހޭނެ ކަމެކެވެ. އެއީ ކޮންމެ ސަރުކާރަކުން ކުރިއަސް ވަރަށް މުހިންމު ތާރީޚީ ކަމެކެވެ. ގައުމަށް މުހިންމު ޚިދުމަތެކެވެ. ތިމާ ނުރުހޭ މީހަކުކަމަށް ވިޔަސް އަދި ތިމާ ނިސްބަތްވާ ޕާޓީގެ ވެރިކަމެއް ނެތަސް ރަނގަޅު ކަމެއް ނަމަ، ރަނގަޅޭ ބުނާނެ ހިތްވަރު ހުންނާން ޖެހޭނެއެވެ. މި ހިތްވަރު ނެތް ނަމަ، އެންމެ ކުޑަމިނުން ހާސަރުތައް ނުދަމައި ހިމޭނުން ތިބުމުގެ ގާބިލުކަން އެ ކެރުންތެރިކަން ހުންނާން އެބަ ޖެހެއެވެ.

އަދި އެ ޑްރޯންގައި ތާނައިން ނަން ޖެހުމަކީ ގައުމިއްޔަތުގެ ރޫޙު ހުރި އެންމެންގެ ހިތްކަށް އުފާވެރިކަމެއް ގެނެސްދިން ކަމަކަށް ވިޔަސް އެ ކަމާ ވެސް މީސް މީޑިއާގައި ހަޖޫ ކީ ބަޔަކު އުޅުނެވެ. ނަމަވެސް ގައުމީ ރޫހުގެ ކަންފުޅެއް އެ މީހެއްގެ ހަށިގަނޑުގައި ހުރި މީހަކު ވެސް އެ ކަމަކާ ހަޖުލެއް ނުކިޔާނެއެވެ.

މި ވާހަކަ، މިހެން ލިޔުނީމާ މިއީ ސަރުކާރު ޕްރޮމޯޓުކުރާން ސަރުކާރުން ކުރާ ކަމެކޭ ފަހަރެއްގައި ތިޔަ ބޭފުޅުން ހިތްޕުޅަށް އަރައިދާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ! އަޅުގަނޑާއި އަޅުގަނޑުގެ އެއްބަނޑު މީހުންނާއި އަނބި ދަރީންގެ ހަމަ އެކަކަށް ވެސް އެއްވެސް ސަރުކާރެއްގައި ސިޔާސީ މަގާމެއް ލިބިފައެއް އަދި ސަރުކާރުން ޒާތީ މަންފާއެއް ލިބިފައެއް ނޯންނާނެއެވެ. ނަމަވެސް ހަގީގަތް ހާމަކުރުމަކަށް އަޅުގަނޑުމެން ޖެހިލުމެއް ނުވާނެއެވެ. ގޯސް ކަމެއް ވިއްޔާ ގޯހޭ ބުނާ ފަދައިން ރަނގަޅު ކަމެއް ވިއްޔާ ރަނގަޅޭ ވެސް ބުނާން އަޅުގަނޑުމެންގެ ހިތްވަރު ހުންނާނެއެވެ. "ފަރަގު"ގެ އެއް ތަފާތަކީ އެއީއެވެ. އެމްއެންޑީއެފްގެ އެއަރކޯރގެ ޚިދުމަތަށް ހަމަ ސާބަހެވެ. ޝުކުރާއި ތަޢުރީފެވެ. ރައީސް ޑރ.  މުޙަންމަދު މުޢިއްޒުގެ މި ސިޔާސަތަށް ހަމަ ތަޢުރީފު ޙައްޤެވެ. މިއާ އިދިކޮޅަށް ވާހަކަދައްކާނީ، ދިވެހި މިނިވަންކަމަށްވުރެ، ބޭރު ބަޔެއްގެ އުނގަށް ވެއްޓިގެން އެ ބަޔެއްގެ މުއްޕަތުން ކައިގެން އުޅޭން ރަނގަޅުކަމުގައި ދެކޭ ޚާއިނުންނެވެ.

_______________________________________

Advertisement

ކޮމެންޓް