Advertisement

މި ފަހަރު ލަމްސް ބޭކަރީ

15 Mar 2024 | 06:20
މި ރޭގެ ހުށަހެޅުންތެރިޔާ: ލަމްހާ ލަތީފު (މެދުގައި) ޝޯގެ އިޝްތިހާރެއްގައި

"ފަރަގު"ގެ ޚާއްޞަ މުރާސިލު

އައިސް ޓީވީގެ ޚިދުމަތް ފުޅާކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ބެލުންތެރީންނަށް ކަމުދާ ތަފާތު ޕްރޮގްރާމްތައް އުފެއްދުމަށް އެ މީޑިއާއިން މިހާރު ޚާއްސަ ސަމާލުކަމެއް ދެއެވެ. މި ގޮތުން މި ރަމަޟާންމަހާ ދިމާކޮށް ވެސް އެތައް ޕްރޮގްރާމްތަކެއް އިތުރުކޮށްފިއެވެ. "އަބަދަށް ފެހި" އަޑުތައް ގެނެސްދޭ ޚާއްޞަ ޝޯއެއް ވެސް، މި މަހު 12ވަނަ ދުވަހުގެ ރޭ ވަނީ ފަށައިފައެވެ.

ރަމަޟާން މަހާ ދިމާކޮށް އައިސް ޓީވީން މި ފަހަރު ދެން ދައްކާ ގޮތަށް ހަމަޖައްސައިފައި މި ވަނީ ވަރަށް ޚާއްޞަ ޕްރޮގްރާމެކެވެ. ޝޯއެކެވެ. އެއީ "ލަމްސް ބޭކަރީ"އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މީގެ ކުރީން "ލަމްސް ކިޗަން"ގެ ނަމުގައި ވެސް ވަނީ އައިސްޓީވީއިން ޚާއްޞަ ޝޯތަކެއް ގެނެސްދީފައެވެ. ނަމަވެސް މި ފަހަރުގެ ޝޯ ކުޑަކޮށް ތަފާތެވެ.

އާދޭހެވެ! އައިސް ޓީވީއިން މި ފަހަރު ގެނެސްދޭ "ލަމްސް ބޭކަރީ"އަކީ އޮންލައިނުކޮށް ފެންނަ، ތަންކޮޅެއް އުނދަގޫ (ކޮމްޕްލެކްސް) ކޭކު އަޅާން، ގޭގައި ކޭކު އެޅުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކުން، މަސައްކަތް ކުރާ ޝޯއެކެވެ.

މި ޝޯ ހުށަހަޅައިދޭނީ މަޝްހޫރު ފަންނާނު އަދި މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދައިފައިވާ ހުށަހެޅުންތެރިޔާ އަދި ލަވަކިއުންތެރިޔާ ލަމްހާ ލަތީފެވެ.

މި ޝޯގެ ކޮންމެ ޕްރޮގްރާމެއްގައި ވެސް ހުށަހެޅުންތެރިޔާ ކަނޑައަޅާ ޝިޢާރަކަށް، ވާދަވެރި ދެ ފަންނާނުން ކޭކެއް ޒީނަތްތެރިކުރާން ޖެހެއެވެ. މީގެ އިތުރަށް ކޮންމެ ޕްރޮގްރާމެއްގައި ވާދަވެރި ބައިވެރީންނަށް އިތުރު ގޭމުތަކާއި ވާދަތައް ފުރިހަމަކުރާން ޖެހޭނެއެވެ. ގޭމުންނާއި ވާދައިން މޮޅުވާ ވާދަވެރިޔާއަށް ހުށަހެޅުންތެރިޔާ (ނުވަތަ މެހުމާނުދާރު)ގެ އެހީތެރިކަމަށް އެދެވޭނެއެވެ. ނުވަތަ ކޮންމެ ވާދަވެރިއަކަށް ވެސް އޭނާގެ މަސައްކަތުން އިދިކޮޅު ވާދަވެރިޔާގެ ނަޒަރު އެއް ފަރާތްކުރާން (ނުވަތަ ޑިސްޓްރެކްޓްކުރާން) މަސައްކަތްކުރެވޭނެއެވެ.

މި ޝޯގެ ކޮންމެ ޕްރޮގްރާމެއްގައި ވެސް މޮޅުވާ މީހަކު ހޮވާނީ ކޭކު ޒީނަތްތެރިކޮށްފައިވާ ގޮތަށް  (ޑެކޮރޭޝަން) ބަލައިފައެވެ.

ކޮންމެ ހޮނިހިރުވިލޭރެއަކު (ހުކުރު ދުވަހުގެ ރޭ) 10 ޖަހާއިރު ދައްކާން ހަނަޖެހިފައިވާ މި ޝޯގެ ފުރަތަމަ ޕްރޮގްރާމު (ފުރަތަމަ އެޕިސޯޑް) މިރޭ 10:00 ގައި އައިސް ޓީވީއިން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ރޭގެ ޕްރޮގްރާމް ވަރަށް ޚާއްޞަވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

ގޭމު      ނ.     (1) މުނިފޫހިފިލުވުމުގެ ގޮތުން މީހަކު މަޝްޢޫލުވުމަށް ޓަކައި ހުންނަ ކުޅިވަރުތައް. (2) ކުޅިވަރުގެ ނަތީޖާއާ ހަމައަށް ދިޔުމަށް ޓަކައި ހިންގޭ ޙަރަކާތެއްގައި ހިމެނޭ ހުރިހާ ބައެއް. (3) ރާޒުވާއާއި މޮނޮޕޮލީ ފަދަ އަތްމަތީ ކުޅިވަރެއް ނުވަތަ ސުމޭކީ ކުޅިވަރެއް ކުޅުމަށް ޓަކައި ހަދައިފައި ހުންނަ ތަކެތި.

ފަންނާނު   ނ.    ހުނަރުވެރިޔާ

ވާދަ     ނ.     (1) ދެރަނުވާން ކަމަކާ ކުރިމަތިލާ ކުރިމަތިލުން. (2) އެކަކަށް ވުރެ އަނެކަކު ކުރިއަރާން އަޅާ ބާރު

ޒީނަތް    ނ.     (1) ތަނެއް ނުވަތަ އެއްޗެއް ފުރިހަމަކުރުމުންވާ ރީތި. (2) މީހަކު ނަލަވެ ގަހަނާ އަޅައި ރީތިވުމުން ވާ ފުރިހަމަ

Advertisement

ކޮމެންޓް
އަސްމާ
ވަރަށް އުފާވެއްޖެ މިކަހަލަ ހަބަރުތައްވެސް ފެންނާތީ. ތިޝޯ ވަރަށް ބަލާ ހިތްވެއްޖެ.
15 Mar 2024