Advertisement

ތަޤުރީރުކުރުމާއި ޚުޠުބާދިނުން - މިއީ މުޅީން ތަފާތު ދެ ކަމެކެވެ.

14 Mar 2024 | 05:59
ޚަޠީބަކު މިސްކިތުގައި ޚުޠުބާ ދެއްވަނީ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތަޤުރީރުކުރުމަކީ "ތަޤުރީރު ދިނުން"ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. ނަމަވެސް ތަޤުރީރުދިނުމަކީ ކޮބައިކަމެއް ތަފުޞީލުކުރައްވައިފައެއް ނެތެވެ. އެކަމަކު އެއީ ޢާންމު ތަނެއްގައި ގިނަ ބަޔަކާ މުޚާޠަބުކޮށް ކަނޑައެޅިގައިވާ ވަކި މައުޟޫޢަކަށް ނުވަތަ ވަކި ކަމަކާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި (ފޯމަލްކޮށް) ވާހަކަދެއްކުންކަން އަޅުގަނޑުމެންނަށް އެނގެއެވެ.

ހުކުރު ޚުޠުބާއަކީ ތަފާތު އެއްޗެކެވެ. އެއީ މުސްލިމުންނަށް އިއްވާ ވަޢުޡާއި ނަސޭހަތެކެވެ. ވީމާ، ދީނީ ނަސޭހަތާއި ވަޢުޡުގެ ރާގާއި އުސްލޫބު ވެސް ތަފާތުވާން ޖެހޭނެކަން އަޅުގަނޑުމެން ގަބޫލުކުރާން ޖެހެއެވެ. ޖަލްސާތަކުގައި ތަޤުރީރުކުރާ ގޮތާއި ހުކުރުގައި ޚުޠުބާދެއްވާ ގޮތުގެ ތަފާތުތަކެއް ހުންނާން ޖެހެއެވެ. މި ކަން ހުރިހާ ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާކަން ވެސް އެނގެއެވެ.

ކުރީ ޒަމާނުގައި އަޅުގަނޑުމެން އަޑުއަހަނީ ޚުޠުބާ ކިޔާ ވާހަކައެވެ. ލިޔެފައި އޮތް އެއްޗެއް ކިޔައިލުމުގެ މާނައިގައެވެ. ނަމަވެސް އެއީ އެހެން އޮންނަ ކަމެއް ނޫންކަން މި ޒަމާނުގައި ޚަޠީބުން ވެސް ގަބޫލުކުރައްވައެވެ. ޚުޠުބާ ލިޔުއްވައިފައި ޚަޠީބުންނަށް ދެއްވަނީ ޚަޠީބުންގެ ފަސޭހަފުޅަށް ޓަކައެވެ. ރާއްޖޭގައި ހުރިހައި މިސްކިތެއްގައި އެއް މައުޟޫޢަކަށް ވަޢުޡު އިއްވުމުގެ ބޭނުމުގައެވެ. ވީމާ، ޚަޠީބުގެ އަތްޕުޅަށް ޚުޠުބާ ލިބިވަޑައިގަންނަވާ ހިސާބުން އެއީ އޭނާގެ އަމިއްލަފުޅު އެއްޗެއްކަމަށް ބައްލަވާން ޖެހެއެވެ.

މިހާރަކަށް އައިސް ޚުޠުބާދެއްވާ ގިނަ ޚަޠީބުންގެ ހުނަރުވެރިކަން ޚުޠުބާ އަޑުއަހާން އަޅުގަނޑުމެން ތިބޭ އިރު ފާހަގަކުރެވެއެވެ. މި ކަމަށް ޓަކައި ތަހުނިޔާދަންނަވަމެވެ. އުފަލާ އެކު، ތަޢުރީފުކުރަމެވެ. ވަރަށް އަސަރުގަދަކޮށް ޚުޠުބާދެއްވާ ޚަޠީބުންގެ އަޑުފުޅު އިވެއެވެ. މިހެން ނުވާން ވީ ސަބަބެއް ނެތެވެ. މިހާރު މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ޢިލްމީ ބޭފުޅުން ވެސް ވަރަށް ގިނައެވެ. ޚާއްޞަކޮށް ބޮޑެތި މިސްކިތްތަކުން މި ކަން ވަރަށް ބޮޑަށް ފާހަގަކުރެވޭތީ ވަރަށް އުފާވެއެވެ. އެހެންނަމަވެސް މި ކުޅަދާނަ ޚަޠީބުންގެ ޚުޠުބާ ހުށަހެޅުއްވުމުގައި މިހާރަށް ވުރެ ރަނގަޅުކޮށްލައްވާން ޖެހޭ ކަންތައްތަކެއް ވެސް އެބަ ހުށްޓެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޚުޠުބާ ލިޔުއްވައިފައި ހުންނާނީ ލިޔާ ޢިބާރާތުންނެވެ. ޚަޠީބުން ދެއްވާ ޚުޠުބާއަކީ ސީދާ މައުމޫމުންނާ މުޚާޠަބުކުރައްވައި ދެއްވާ ނަސޭހަކަތަކަށް ވާތީ ނުވަތަ އިއްވަވާ ވަޢުޡަކަށްވާތީ، އެ ޢިބާރާތްތައް ހުށަހަޅުއްވަނީ އަނގަބަހުގެ ޢިބާރާތުންނެވެ. ބައެއް ޚަޠީބުންނަށް މި ކަމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުންނަކަން އަޅުގަނޑުމެން އަޑުއަހާން ތިބޭ އިރު، ފާހަގަވާ ވާހަކަ އިޙުތިރާމާ އެކު، ދަންނަވައިލަމެވެ.

މިސާލަކަށް: ލޮބުވެތި މުސްލިމު އަޚުންނޭވެ! މި ފަދަ ޢިބާރާތްތައް "ލޮބުވެތި މުސްލިމު އަޚުން" މި ގޮތަށް އެބަ ވިދާޅުވެއެވެ. ނަމަވެސް ފާހަގަކޮށްލައްވާން ޖެހިވަޑައިގަންނަވާނެ ނުކުތާއަކީ ޚަޠީބުން ތަގުރީރެއް ދެއްވަނީކީ ނޫންކަމެވެ. އެހެންވީމާ، ޖަލަސާތަކުގައި ހާޒިރީންނާ މުޚާޠަބުކުރައްވާ ގޮތާ ޚިލާފަށް ޚުޠުބާގައި މުސްލިމުންނަށް ގޮވައިލައްވަނީއެވެ. އިލްތިމާސްކުރައްވަނީއެވެ. ވީމާ، ޖަލްސާތަކުގައި ހާޒިރީންނާ މުޚާޠަބުކުރައްވާ ގޮތާ ތަފުވާން ޖެހޭނެއެވެ. ލިޔެފައި އޮންނަ ޚުޠުބާގައި "ލޮބުވެތި މުސްލިމު އަޚުންނޭވެ!" މި ގޮތަށް އޮންނަނީ ވެސް އެހެންވެގެންނެވެ. އެ ޢިބާރާތް އަނގަބަހަށް ބަދަލުކޮށްލައްވާ ނަމަ، ވ. އުނިކޮށްލެއްވުމަށް ފަހު، "ލޮބުވެތި މުސްލިމު އަޚުންނޭ!" މި ގޮތަށް ގޮވައިލެއްވީމާ އެއީ އަނގަބަހުގެ ޢިބާރާތަށް ބަދަލުވީއެވެ. އޭރުން އޭގައި މާ އަސަރު ވެސް ގަދަވާނެއެވެ. "ލޮބުވެތި މުސްލިމު އަޚުން" މި ގޮތަށް ޖަލްސާތަކުގައި ހާޒިރީންނާ މުޚާޠަބުކުރައްވާ ގޮތަށް ވިދާޅުވީމާ ވަރަށް އައިބެވެ. އަޑުއަހާން އުނދަގޫވެއެވެ.

ބައެއް ޢިބާރާތްތައް އަނގަބަހުގެ ޢިބާރާތަށް ބަދަލުކުރައްވާން ވެގެން ބައެއް ބޭފުޅުން އިބާރާތުގެ ދަރަޖަ ވެސް އެބަ ބަދަލުކޮށްލައްވައެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ޚުޠުބާގައި ހުންނާނީ އާދައިގެ ދަރަޖައިންނެވެ. ވަކި ތަންކޮޅެއް މާތް ދަރަޖައަށް، ނުވަތަ އެންމެ މާތް ދަރަޖައަށް ބަދަލުކުރެއްވުމަކީ ޚުޠުބާއަށް ބަދަލު ގެންނެވުންކަމަށް ވާނެއެވެ. މިސާލަކަށް: "ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވާށެވެ!" މި ޢިބާރާތް އެ އޮތް ދަރަޖައިން އަނގަބަހުގެ ޢިބާރާތަށް ބަދަލުކޮށްލައްވާ ނަމަ، ވިދާޅުވާން ޖެހޭނީ "ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވޭ!" މިހެންނެވެ. އޭގެ ބަދަލުގައި ބައެއް ބޭފުޅުން މި ތަންކޮޅު ލިޔެފައި އޮންނަ ގޮތަށް އެބަ ވިދާޅުވެއެވެ. އަދި އަނެއްބައި ބޭފުޅުން "ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވެލައްވާ!" މި ގޮތަށް ދަރަޖަ އެބަ ބަދަލުކޮށްލައްވައެވެ. ޖުމުލައިގެ އެއްބައި މާތް ދަރަޖައަށް ބަދަލުކޮށްލެއްވެނީއެވެ. "ތިޔަބައިމީހުން" ހަމަ އާދައިގެ ދަރަޖައިގައި ބާއްވަވައިފައި ފަހު ތަންކޮޅު މާތް ދަރަޖައަށް ބަދަލުކޮށްލައްވަނީއެވެ. މިއީ ބަހުގެ އަދަބާ ޚިލާފުކަމެކެވެ. މާތް ދަރަޖައިން ޚުޠުބާ ދެއްވާ ނަމަ، މި ފަދަ އަމުރުގެ ޞީޣާއިން އޮންނަ ތަންކޮޅު އެކަނި ބަދަލުކުރެއްވުމުގެ ބަދަލުގައި މުޅި ޖުމުލަ ބަދަލުކޮށްލައްވާން ޖެހެއެވެ.

"ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވާށެވެ!" މި ޖުމުލަ (މި އަމުރު) މާތް ދަރަޖައަށް ބަދަލުކޮށްލައްވާ ނަމަ، އޮންނާނީ ތިޔަ ބޭކަލުން މާތް ﷲއަށް ތަޤުވާވެރިވެލައްވާށެވެ!" މިހެންނެވެ. އެންމެ މާތް ދަރަޖައަށް ބަދަލުކޮށްލައްވާ ނަމަ، އޮންނާނީ "ތިޔަ ބޭފުޅުން މާތް ﷲއަށް ތަޤުވާވެރިވެވަޑައިގަންނަވާށެވެ!" މިހެންނެވެ. މި ގޮތަށް އެންމެ ޖުމުލައެއްގެ އެއް ތަންކޮޅުން ދަރަޖަ ބަދަލުކޮށްލެއްވުމަކީ ބަހުގެ އަދަބާއި އުޞޫލުތަކާ ޚިލާފުކަމެކެވެ. ވީމާ، މި ކަންކަމަށް ރިޢާޔަތްކޮށްލައްވަނިކޮށް ގިނަ ޚަޠީބުންގެ ޚުޠުބާ ހުށަހެޅުއްވުން ހާދަހާ ފުރިހަމަވީހެވެ.

މި ހިސާބުން އަޅުގަނޑު މި ނަކަލުކޮށްލަނީ ލިޔުމުގެ ޢިބާރާތް، ދަރަޖަ ބަދަލުކުރުމެއް ނެތި، އަނގަބަހުގެ ޢިބާރާތަށް ބަދަލުކޮށްލާނެ ގޮތުގެ މިސާލުތަކެކެވެ. މި ޚިޔާލު ފަހި ގޮތަކަށް ދެކެވަޑައިގެންފި ނަމަ، ފައިދާއެއް ކޮށްފާނެކަމުގެ އުންމީދުގައެވެ.

ލިޔުމުގެ ޢިބާރާތް އަނގަބަހަށް ބަދަލުކުރާނޭ ގޮތުގެ ތާވަލެއް

މީގެ އިތުރަށް ފޮތަކުން ނަކަލުކުރި ލިޔުމެއް ނަމަ، ނުވަތަ ޤުރުއާނުގެ އާޔަތެއް ނުވަތަ ޙަދީޘެއްގެ މާނަ ނަމަ، ވިދާޅުވާންވާނީ ލިޔެފައި އޮތް ޢިބާރާތުންނެވެ. އެހެނީ އެއީ ޚަޠީބުގެ ބަހެއް ނޫނެވެ. މި ފަދަ ޢިބާރާތްތައް އަނގަބަހުގެ ޢިބާރާތަށް ބަދަލުކޮށްލައިފި ނަމަ، އަޑުއަހާން ތިބޭ މީހުންނަށް އޮޅޭ ގޮތް ވެދާނެއެވެ.

ދެން ފާހަގަކޮށްލާން ބޭނުން އަނެއް ނުކުތާއަކީ ޤުރުއާނުގެ އާޔަތްތަކުގެ މާނައާއި ޙަދީޘްތަކުގެ މާނަ، ވިދާޅުވާ އިރު ރާގަށް ބަދަލު ގެނައުން މުހިންމު ވާހަކައެވެ. އަދި އާޔަތާއި ޙާދީޘްގެ މާނަ ވިދާޅުވުމަށް ފަހު، ހުއްޓުމެއް ދެއްވައި (މަޑުކޮށްލައްވައި)، ރާގު ބަދަލުކޮށްލެއްވުން މުހިންމު ވާހަކަ ވެސް ދަންނަވައިލާން ބޭނުންވެއެވެ. އެއީ، ހަދީޘްގެ މާނަ އެ ނިމުނީކަމާއި ދެން އެ ވިދާޅުވަނީ ޚަޠީބުގެ ވަޢުޡުކަން އަޅުގަނޑުމެން މައުމޫމުންނަށް ދޭހަކޮށްގަންނާން ފަސޭހަވާނެތީއެވެ. އަދި ދުޢާގެ ޢިބާރަތްތަކުގައި ވެސް ދުޢާގެ އަސަރު، އެ ރާގު، ހުރުން މުހިންމެވެ.

އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ، ޚުޠުބާ އަޑުއަހާން އިންނަ މައުމޫމެއްގެ ޙައިސިއްޔަތުން އެ ޚުޠުބާއިން އަޅުގަނޑުމެންނަށް ފުރިހަމަ އަސަރުކުރާނެ ގޮތް ދަންނަވައިލާން ވެގެންނެވެ.

ޙަޤީޤަތުގައި ވެސް ވަރަށް ރީތިކޮށް ޚުޠުބާދެއްވާ ނުވަތަ ހުށަހަޅުއްވާ ބޭފުޅުންގެ އަޑު އިވި ހިތުގައި ތަޢުރީފު ވެސް އުފެދެއެވެ. އަދި އާދަޔާ ޚިލާފަށް ރީތިކޮށް ޚުޠުބާދެއްވާ ބޭފުޅުން ވެސް މިހާރު އެބަ އުޅުއްވައެވެ. އެ ފަދަ ބައެއް ބޭފުޅުންގެ ނަންފުޅު ދަންނަވައިލާން ވެސް ބޭނުންވެއެވެ. ނަމަވެސް އެ ކަމުން ނުކުންނާނޭ ރަނގަޅު އަސަރަށް ވުރެ ނުކުމެދާނޭ ނުރަނގަޅު އަސަރު ބޮޑުވެދާނެތީ ދަންނަވައިލާކަށް ނުކެރޭނެއެވެ. އެ ފަދަ ބޭފުޅަކާ ބައްދަލުވީ ދުވަހަކުން އެ ބޭފުޅެއްގެ އަރިހުގައި އެ ވާހަކަ ދަންނަވައިލާން ގަސްތު އޮވެއެވެ.

ކޮންމެއަކަސް ހުކުރަށް ގޮސް ޚުޠުބާ އަޑުއަހާން އިންނަ މައުމޫމެއްގެ ޙައިސިއްޔަތުން އަޅުގަނޑުގެ ހިތުގައި އުފެދުނު ބައެއް ޝުޢޫރުތަކާއި އަޅުގަނޑުގެ ކިބައިގައި ހާމަކޮށްލާން ހުރި ބައެއް ޚިޔާލުތައް މި ހުށަހަޅައިލީ ވަރަށް އިޚުލާޞްތެރިކަމާއެކުގައެވެ. އަޅުގަނޑަކީ ކާކުތޯ ވިސްނައިވަޑައިގަތުމުގެ ބަދަލުގައި އަޅުގަނޑު މި ދަންނަވައިލި ނުކުތާތަކާ މެދު ވިސްނައިވަޑައިތުން ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ.

_________________________________________

Advertisement

ކޮމެންޓް