Advertisement

ދީނުގެ އަގު ގެއްލުމާއި ދީނުގެ އަގު ހިފެހެއްޓުން

13 Mar 2024 | 12:02
ރަބާއި އެބްރަހަމް ޖޯޝުއާ ހެސްޝެލްގެ އިބާރާތެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއަރަޙީމް

ތިރީގައި އެ ވަނީ ވޭތިވެދިޔަ ގަރުނުގެ ޔަހޫދީ އިލްމުވެރި ފަލަސްފާވެރިއެއްކަމުގައި ވާ ރަބާއި އެބްރަހަމް ޖޯޝުއާ ހެސްޝެލް އަދުގެ ދީނީ ހާލަތާ މެދު، ބުނެފައި އޮތް ވާހަކައެއްގެ ދިވެހިކޮށްލުމަކާއި އެއާ ގުޅުވައިލައިގެން ލިޔެލައިފައި އޮތް ވާހަކަކޮޅެކެވެ.

"އަދުގެ ޒަމާނީ ނުވަތަ އަސްރާނީ މުޖުތަމައުގައި ދީނުގެ ބޭނުންތެރިކަން ކުޑަވެގެންދަނީ ދުނިޔަވީ ސައިންސުގެ އިލްމުތަކާއި އަދި ދީނާ އިދިކޮޅު ފަލްސަފާތަކުގެ ސަބަބުންކަމަށް ދައުވާކޮށް ވާހަކަދެއްކުމަކީ މިހާރުގެ އާދައެކެވެ. ނަމަވެސް، މި ކަން މެދުވެރިވާން ދިމާވީ މުޖުތަމައުގެ ކުރިމައްޗަށް ދީން ހުށަހެޅޭ ގޮތުންކަމަށް ބުނުން ހަގީގަތާ މާ ކައިރިއެވެ. މުޖުތަމައުގައި ދީނުގެ އަގު ދަށަށް ދިޔައީ، ދީނަކީ ބޭކާރު އެއްޗައްކަން އަދުގެ ދުނިޔަވީ ސައިންސުގެ އިލްމުތަކާއި ދީނާ އިދިކޮޅު ފަލްސަފާތަކަށް ސާބިތުކޮށްދެވިގެންނެއް ނޫނެވެ. ނަމަވެސް، އެ ކަން މެދުވެރިވާން ދިމާވީ ދީނަކީ އޭގެ ބޭނުމެއް ނެތް، އަލިކަމެއް އެއިން ނުލިބޭ، މީހުން މައިތިރިކޮށް ހިފަހައްޓައި އޭގައި އެއްވެސް ދިރުމެއް ނެތް އެއްޗެއް ގޮތަށް މީސްތަކުންގެ ކުރި މައްޗަށް ހުށަހަޅައިލެވޭ އެއްޗަކަށް ވެފައި އޮތުމުންނެވެ. ދީނަކީ ހިތުގައި ރޯކޮށްލެވޭ ވަރުގަދަ ގަބޫލުކުރުމެއްގެ ބަދަލުގައި، ދުލުން ކިޔައިލެވޭ ކަލިމަތަކަކަށް ވުމުންނާއި، އަޅުކަމަކީ މީހާގެ އަޚުލާގަށް ހެޔޮ ބަދަލުތައް ގެނެސް، އަނެކުންނާ ހެޔޮ ގޮތުގައި މުއާމަލާތްކުރާން ބާރު ލިބިދޭ ކަމަކަށް ވުމުގެ ބަދަލުގައި ހުސް އެކަނި ބޭރު ފުށުން އަދާކޮށްލެވޭ ހަރަކާތްތަކަކަށް ވުމުންނާއި، ދީނަކީ އެކަކު އަނެކަކަށް ލޯބިކުރުން މެދުވެރިކުރާ ކަމެއްގެ ބަދަލުގައި އާދަކާދައިގެ މަތީން ތަބާވާ ތަބާވުމަކަށް ވުމުންނާއި މިއަދުގެ ދުނިޔޭގެ ހާލަތު އޮތް ގޮތާ މެދު ވިސްނައި އަޅައިނުލައި، މާޒީގެ މޮޅުކަމުގެ ވާހަކަ ދައްކައި، ދީނަކީ އެއިން ދިރުން ލިބޭ ފެން އާރަކަށް ވުމުގެ ބަދަލުގައި ވާރުތައިން ލިބިފައި އޮތް ތަރިކަ މުދަލަކަށް ވުމުންނާއި، ދީނުގެ އަޑަކީ އޯގާތެރިކަމާއި ލޯބީގެ އަޑަކަށް ވުމުގެ ބަދަލުގައި އެހެން މީހުންގެ މައްޗަށް އަމުރުތައްކުރާ ބާރުވެރި އަޑަކަށް ވުމުން، ދީނުގެ ހަގީގީ ރިސާލަތު ގެއްލި، ދީނަކީ މާނައެއް ނެތް ބޭކާރު އެއްޗަކަށް ވެއެވެ."

އާދޭހެވެ! ރަބައި ހެސްޝެލް ބުނެފައިވާ ފަދައިން، އަދުގެ ތަޖުރީބީ އިލްމާއި ދީނާ އިދިކޮޅު ފަލްސަފާތަކަކަށް ދީނަކީ ބާތިލު އެއްޗެއްކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ. ދީނުގެ އަގު، މީސްތަކުންގެ ކުރިމަތީގައި، ކުޑަވެގެންދަނީކީ މި ދެންނެވި ކަންކަން ކުރެވިފައި އޮވެގެންނެއް ނޫނެވެ. ނަމަވެސް، ދީނުގެ އަގު މީސްތަކުންގެ ކުރިމަތީގައި ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މީސްތަކުންގެ ކުރިމައްޗަށް ދީން ހުށަހަޅައިލެވޭ ގޮތެވެ. ދީނަކީ ހަމައެކަނި ބޭރު ފުށުގެ ކަންތައްތަކެއް ކުރުމަށް ބާރުއަޅާ ކަމެއްގެ ގޮތުގައި ދީން ހުށަހަޅައިލެވުމެވެ. މީހާގެ ދީންވެރިކަން ބިނާވަނީ ހަމައެކަނި ވަކި ގޮތަކަށް ހެދުން އެޅުމާއި ބޭރު ފުށުގެ ވަކި ކަހަލަ ދީނީ ޝިއާރުތަކެއް އަދާކުރުމުގެ މައްޗަށްކަަމަށް ބުނުމެވެ. މީގެ މާނައަކީ ބޭރު ފުށުގެ ދީނީ ޝިއާރުތަކަކީ ލާޒިމުނޫން ކަމެކޭ ބުނުމެއް ނޫނެވެ. ނަމަވެސް، ދީނުގެ ޖައުހަރަކީ އެއީ ކަމަށް ހަދައިލުމެވެ. ބޭރު ފުށުގެ އަމަލުތަކަކީ އެ އަމަލުތައް މެދުވެރިކޮށް ތިމާގެ އެތެރެ ފުށް އިސްލާހުކުރުމަށް ޓަކައި އޮންނަ ވަސީލަތެކެވެ.

މީގެ އިތުރަށް، ފަރުދީ އިސްލާހުގެ އިތުރަށް، މުޖުތަމައުގައި ހަމަހަމަކާއި އަދުލުވެރިކަން ގާއިމުކުރާން ވެސް، ހަރު އަޑުން ދީން ގޮވައިލައެވެ. މުޖުތަމައުގެ އެންމެނަށް ވެސް، އެމީހުންގެ އަސާސީ ބޭނުންތައް ފުއްދޭ ގޮތް ހަދައިދީ، މުޖުތަމަޢުން ފަގީރުކަން ނައްތައިލާން ދީން ބާރުއަޅައި ގޮވައިލައެވެ. ކޮންމެ ހުކުރު ދުވަހަކު މި ކަން އެންމެނަށް ވެސް ހަނދާންކޮށްދެއެވެ. إِنَّ اللَّهَ يَأْمُرُ بِالْعَدْلِ ... (މާތްﷲ [ކަލޭމެންނަށް] އަމުރުކުރައްވަނީ އަދުލުވެރިކަން ގާއިމުކުރުމަށެވެ ...) މިއާޔަތް ކިޔައެވެ. މާނައަކީ ދީނުގެ މުޖުތަމައީ ހުރިހައި، ތައުލީމާތުތަކެއްގެ، އުނގަންނައިދިނުންތަކެއްގެ، މަގުސަދަކީ މިއެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވާ މުޖުތަމައެއް އުފެއްދުމަށެވެ.

މިހާރު އަޅުގަނޑުމެން މި ވޭތުކުރަމުން ގެންދަނީ ރޯދަ މަހުގެ ބަރަކާތްތެރި ދުވަސްތަކެވެ. މިއީ ދީނުގެ ޖައުހަރަކީ، ރިސާލަތަކީ ކޮބައިކަން ދެނެގަންނާން ލިބޭ ވަރަށް ވެސް ރަނގަޅު ފުރުސަތެކެވެ. މި މައްސަރުގެ ކުރީގެ ދުވަސްތަކާއި މި މައްސަރުގެ ދުވަސްތަކާއި އަދި މި މައްސަރާ ވިދިގެން އަންނަ ދުވަސްތަކުގެ މޮޅު އިތުރުކަމުގެ ހުސް ވާހަކަދެއްކުމުގެ ބަދަލުގައި މަތީގައި ދެންމެ މި ދެންނެވި ދީނުގެ ޖައުހަރީ ރިސާލަތު، އަސްލު އަސާސީ ވާހަކަ ދެއްކުން މުހިންމެވެ. މުޖުތަމައިން ފަގީރުކަން ނައްތައިލާނީ ކިހިނެއްކަމާއި، މުޖުތަމައުގެ އެންމެނަށް ވެސް، ހަމަޖެހިގެން ދިރިއުޅެވޭނޭ ގޮތެއް ހޯދައިދިނުމުގެ ވާހަކަ ދެއްކުން މުހިންމެވެ. އެކަކު އަނެކަކަށް އަޅައިލައި އެކަކު އަނެކަކަށް އޯގާތެރިކޮށްހިތުމުގެ ވާހަކަދެއްކުން މުހިންމެވެ. އަދި، ދެންމެ ދެންނެވި ފަގީރުކަން ނައްތައިލުމުގެ ލަނޑުދަނޑި ހާސިލުކުރާނޭ މަގެއް ކޮށައިދިނުމުގެ ވާހަކަ ދެއްކުން މުހިންމެވެ. މި ފަދައިން ކަންތައް ކުރުމުގެ ވާހަކަތައް ދައްކާން ފަށައި، އަޅުގަނޑުމެންގެ ދީނީ ޚިތާބު ބަދަލުކޮށްލެވިއްޖެ ނަމަ، މީސްތަކުންގެ ކުރިމަތީގައި ދީނުގެ އަގު އުފުލި، ދީނުގެ ބޭނުންތެރިކަން ފެނި ހާމަވާނެއެވެ.

_______________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް