އިޖުތިމާޢީ ތަޢުލީމު - މަގުސަދާ އެއް ގޮތަށް ސަމާލުކަން ދޭންޖެހިފައިވާ މުހިންމު ދާއިރާއެއް
އިބްނި ޢަބްދުއްރަޙީމް
ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932)އިން ދިވެހި ރައްޔިތުން ކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ ފުރިހަމަ މިނިވަންކަން ދިވެހި ރައްޔިތުންނަށް އެ ޤާނޫނުއަސާއިން ލިބިދީފައިވެއެވެ.
ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މި ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެކެވެ." 15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާ ގޮތުގެ މަތީން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ."
ވީމާ، އުނގެނުމުގެ މިނިވަންކަން ހޭލުންތެރިވުމުގެ މިނިވަންކަން އާންމުކޮށް ދިވެހި ރައްޔިތުންނަށް ލިބުނުތާ 90 އަހަރުވީއެވެ.
އިޖުތިމާއީ ތައުލީމުގެ ނަޒަރުން ވިސްނައިލުން މިހާރު ވަރަށް މުނާސަބު ކަމަށް ފެނެއެވެ. މި ނަޒަރުން ވިސްނައިލާ އިރު، އުފަލަށް ވުރެ ހިތާމަ މާ ބޮޑެވެ.
ދިވެހި ގޮތާއި ފޮތާއި ދިވެހި ވެހި ތަރުބިއްޔަތާއި ރިވެތި އަޚުލާޤާއި ހެޔޮ ސުލޫކު ނެތި، ތައުލީމު ދެވުނަސް، މަސްތުވާތަކެތީގެ ވަބާ......، ވައްކަމާއި ފޭރުން.......، ގޭންގު މާރާމާރީ......، ހަރުދަނާ އުޅުމެއް ނެތުން........، ވިޔާދާ މަސައްކަތެއް ނުކުރުން......،
މި ފަދަ އިޖުތިމާޢީ މައްސަލަތަކުން ބަނދެވިފައިވާ ޒުވާނުންތަކެއް، ޒުވާން ޖީލެއް، މި ފަދަ ތަޢުލީމީ ޒަމާނުގައި، ފަންނިއްޔާތާއި ސައެންސްގެ މި ރަން ޒަމާނުގައި،.......... މި އިސްލާމީ ދިވެހި މުޖުތަމައުގައެވެ. މިއަދު ބައެއް ޒުވާނުންނަކަށް ޤައުމިއްޔަތުގެ އަގު ވަޒަންކުރާކަށް ނޭނގެއެވެ. އަމިއްލަ ނަފުސުގެ ޙުރުމަތެއް ޢަމުދުން ނުދަނެތެވެ.
އިޖުތިމާޢީ މަރުކަޒު - 2019 (ފައިލް ފޮޓޯ)<br>
އާދޭހެވެ! ތިރީހަކަށް އަހަރުވީ ގައުމީ މައްސަލަތަކެވެ. އެކަށޭނަ ހައްލެއް ނުލިބިއެވެ. މި ކަންކަން މިހެން ހުރުމާއެކު މަދުރަސީ އުމުރު ނިމި، މުޖުތަމައަށް ނުކުންނަ ޅަ ޒުވާނުންނާއި ޒުވާނުންގެ އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި އެ ޒުވާނުންނަށް އިޖުތިމާއީ ތައުލީމު ދިނުން މުހިންމެވެ. މިއަދު މާ ބޮޑަށް ވެސް މުހިންމުވެއްޖެއެވެ. މި ފަދަ ތަޢުލީމުދޭ މަރުކަޒުތައް، އިޖުތިމާޢީ ތައުލީމު ދޭ މަރުކަޒުތައް ގާއިމުވުން ވަރަށް މުހިންމެވެ. ދިވެހި ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ޓަކައެވެ.
މީގެ 31 އަހަރު ކުރީން، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ ނަމުގައި ދައުލަތުގެ ވިދާރާއެއް ހުޅުވުނެވެ. ދިވެހިރާއްޖޭގައި އިޖުތިމާޢީ ތަޢުލީމު ކުރިއެރުވުމަށާއި މުޖުތަމަޢުގައި ހެޔޮ ރަނގަޅު ސިފަތައް އަށަގެންނެވުމަށާއި އިޖުތިމާއީ ރޫޙު އާލާކޮށް ދިރުވައި، އެ ކަމަށް ހޭލުންތެރިކުރުވުމަށް ޓަކައި މަސަައްކަތްކުރާ ދިވެހިރާއްޖޭގެ އިޖުތިމާއީ އެންމެ ބޮޑު މަރުކަޒުގެ ގޮތުގައެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ބިނާކުރެވުނު، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ހުޅުވުނީ 1992ގައެވެ. މި މަރުކަޒު ހިންގާން ފެށުނީ ދައުލަތުގެ ވިދާރާއެއްގެ ގޮތުގައެވެ.
އެ ވިދާރާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، މުޖުތަމައުގައި ރިވެތި ސުލޫކު އާލާކުރުމަށް ޓަކައި އިޖުތިމާއީ މުޞްލިޙުން (ސޯޝަލް ވޯކަރުން)ގެ ދަރުސްތައް (ލެކްޗަރުތައް) ބޭއްވުމާއި؛
މުޖުތަމަޢުގެ ކުރިއެރުމަށް ޓަކައި ތަފާތު ޙަރަކާތްތައް ހިންގުން ފަދަ މަގުސަދުތަކެއް ކަނޑައެޅި އެ މަސްއޫލިއްޔަތުތައް އެ މަރުކަޒާ ޙަވާލުކުރެވުނެވެ. އާދޭހެވެ! އެ މަރުކަޒާ ނުވަތަ ވިދާރާއާ ޙަވާލުކުރެވުނު މައިގަނޑު މަސްއޫލިއްޔަތުތައް އެ މަރުކަޒަށް އެކަށީގެންވާ ގޮތެއްގައި އަދާކުރެވިފައެއް ނެތެވެ. އެ ފަދަ ޙަރަކާތްތަކެއް ހިންގިފައެއް ނުވެއެވެ. އެއްވެސް މަގުސަދެއް ހާސިލެއް ނުކުރެވުނެވެ. އެ މަރުކަޒުގެ އިމާރާތާއި ވަސީލަތްތައް އިޖުތިމާއީ ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދު ހާސިލުވުން ފިޔަވައެވެ.
ވީމާ، އެކަށޭނަ ގޮތުގައި "ނުހިންގި ފޭލުވެގެން" އުވައިލާން ޖެހުނު ވިދާރާއެއްކަމުގައި މި މަރުކަޒުގެ ނަން ތާރީޚުގައި ވަނީ ލިޔެވިފައެވެ. އާދޭހެވެ! ޖަޕާނު ރައްޔިތުންގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ދިވެހީންނަށް ހިލޭ އިމާރާތްކޮށްދެއްވި މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ވަނީ އުވައިލެވިފައެވެ. އެ މަޒުކަޒު ޢިމާރާތްކުރި މަގުސަދު ޙާޞިލު ނުކުރެވިއެވެ. އަދި މިއީ "ރާއްޖެއަށް ލިބޭ ބޭރުގެ ހިލޭ އެހީ އެކަށޭނަ ގޮތުގައި ބޭނުން ނުކުރެވުމުގެ މިސާލެއް"ކަމުގައި ވެސްވެއެވެ. ނަމަވެސް މި ފުރިހަމަ ބިނާ އަދި ވެސް އެބަ ހުއްޓެވެ. ހަމައެކަނި ކުޅިވަރުގެ އެކުވެންޏެއްގެ ގޮތުގައެވެ. ތަޢުލީމުގެ ވަހެއް ވެސް އެތާކު ނެތެވެ.
ރާޖޭގެ އިޖުތިމާޢީ ތަޢުލީމަށް އެންމެ ބޮޑު ޚިދުމަތެއް އަދާކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިންގި ނުރަސްމީ ތަޢުލީމުދޭ މަރުކަޒުންކަމަށް ދެންނެވިދާނެއެވެ. އެއީ އިޖުތިމާޢީ ތަޢުލީމުގެ ރަން ޒަމާނެވެ. އިޖުތިމާޢީ ތަޢުލީމު ފުޅާކުރުމުގެ ވިސްނުމުގައި ރާއްޖޭގެ އަތޮޅުތަކުގައި ތަޢުލީމީ މަރުކަޒުތައް ބިނާކުރެވުނު އިރު، ޢިމާރާތްތައް ބިނާކުރެވުނީ މައިގަނޑު ތިން ބިނާއެއްގެ ގޮތުގައެވެ. މެދުގައި ހުންނަ ޢިމާރާތުގެ އެއްބައި ޚައްޞަކުރީ އިޖުތިމާޢީ ތަޢުލީމަށް ޓަކައެވެ. ބައެއް މަރުކަޒުތަކުން ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގި ވެސްމެއެވެ. ނަމަވެސް ބޮޑު ނަގުލަށް ގޮސް އެކަން ހުލިވީއެވެ. މިއަދު ނުރަސްމީ ތަޢުލީމުދޭ މައި މަރުކަޒެއްވެސް ދައުލަތަކު ނެތެވެ. ދިވެހިރާއްޖޭގެ ތަޢުލީމުދޭ މަރުކަޒާއި ނުރަސްމީ ތަޢުލީމުދޭ މަރުކަޒު އެއްކޮށްލެވިގެން "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނެއް ވުޖޫދަށް އައުމާއެކު އިޖުތިމާޢީ ތަޢުލީމަށް ދޭ ސަމާލުކަން ހީނަރުވެއްޖެއެވެ. "ޖަމާޢާތުގެ ޚަބަރުގެ ނަމުގައި އޮންލައިންކޮށް ނެރޭ "މަޖައްލާއެއް"ގައި އާންމު ބައެއް ލިޔުންތައް ޝާއިޢުކޮށްލުން ފިޔަވައި އިޖުތިމާޢީ ތަޢުލީމަށް ޓަކައި އަދާކުރާ ޚިދުމަތެއް ޢަންމުންނަކަށް ހަމަ ގައިމުވެސް މިހާރަކު ނުފެނެއެވެ.
ވީމާ، 31 އަހަރު ފަހުން ނަމަވެސް މިއަދު މި ވަނީ އިޖުތިމާޢީ ތަޢުލީމުދޭ މަރުކަޒެއް ރަނގަޅަށް އިންތިޒާމުވެގެން ހިންގުމުގެ މުހިންމުކަން ދިވެހި ގައުމަށް ވަރަށް ބޮޑުވެފައެވެ. އިޖުތިމާޢީ ތަޢުލީމުގެ ބޭނުންތެރިކަން އިތުރުވެފައެވެ. ވީމާ، ދިވެހިރާއްޖެ ގައުމީ ޔުނިވަރުސިޓީގެ ފުރާޅުގެ ދަށުގައި ނަމަވެސް ނުވަތަ އެހެން ކުޑައެއްގެ ދަށުގައި ނަމަވެސް ދިވެހިރާއްޖޭގައި އިޖުތިމާޢީ ތަޢުލީމު ފުޅާކޮށް، މުޖުތަމަޢަށް ނުކުންނަ ޒުވާނުންނަކީ، ގައުމަށް ބޭނުންވާ ފަދަ ދަރީންތަކަކަށް ހެދުމުގެ ޕުރޮގުރާމްތަކެއް ހިންގާން ދިވެހި ގައުމުގެ ޙާލުގެ ދުލުން މިއަދު އެދި އެބަ ގޮވައެވެ. މުޖުތަމަޢުގެ ލާބައާއި މަންފާއަށް ޓަކައެވެ. ދިވެހި ޤައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. ދިވެހި އުންމަތުގެ މަޞްލަޙަތާއި އަމާންކަމަށް ޓަކައެވެ.