Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (11)

11 Mar 2024 | 12:53
ކުރީގެ ކަޢުބާ


އަޙްމަދު ފަޔާޟް ޙަސަން

(2024 މާރިޗް 4ގައި ޝާއިޢުކުރި ބައާ ގުޅޭ)

އިބުރާހީމްގެފާނުގެ ދުޢާ އިޖާބަކުރައްވައި ﷲ އެކަލޭގެފާނަށް ހެޔޮލަފާ ޞާލިޙު ދަރިކަލެއްގެ ގޮތުގައި އިސްމާޢީލްގެފާނު ދެއްވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅު ހުރީ 90 އަހަރާ ދިމާއަށެވެ. ބެލެވޭ ގޮތުގައި ދަރިކަލުން އިސްމާޢީލް އުފަންވެވަޑައިގަތީ މިހާރު ފަލަސްޠީނުގައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރު އިސްމާއީލްގެފާނާއިގެން ރައްކައުވެވަޑައިގަތުމާއެކު އަނެއްކާ ވެސް ބޮޑުވެގެންވާ އިމްތިހާނެއް ﷲ އެކަލޭގެފާނާ ކުރިމަތިކުރެއްވިއެވެ. މި ފަހަރު ﷲ އެކަލޭގެފާނަށް އިލްހާމުކުރެއްވީ އެއްވެސް ދިރުމެއްނެތް، ކާނާއެއް ނެތް، އަދި މީހަކު ވެސް ނެތް ހަނަފަސް ރަށެއް ކަމުގައިވާ މައްކާއަށް އެ ދެ މައިން ގޮވައިގެން ވަޑައިގަތުމަށެވެ. އަދި އެ ތަނަށް އެދެމައިކަނބަލުން ދޫކުރައްވައި އެނބުރި ވަޑައިގަތުމަށެވެ. ދެން އެކަލޭގެފާނު އެ ދެމައިކަނބަލުންނާއެކު މައްކާއަށް ދަތުރުފުޅުކުރެއްވިއެވެ. އޭރު އެ ދެމައިކަނބަލުންގެ އަތްޕުޅުގައި ދިރުއުޅޭން ބޭނުންވާ، ކިއެއްތަ ދިރިތިބޭނެ އެއްވެސް ފަދައެއް ވެސް ނެތެވެ. ދެ ދުވަހަށް ވާވަރުގެ ކާއެތިކޮޅަކާއި ފެން ފޮދެއް މެނުވީ އެކަލޭގެފާނު އެދެމައިންނަކަށް ނުދެއްވައެވެ.

އިބުރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި އިސްމާޢީލް ދޫކުރައްވައި ވަޑައިގަންނަވާން ފެއްޓެވުމުން ހާޖަރު އެކަލޭގެފާނަށް ގޮވައިލައްވައި އެދެމައިކަނަބަލުންގެ ކަންބޮޑުވެވަޑައިގަތުން ފާޅުކުރެއްވިއެވެ. އެދެމައިކަނބަލުން ދޫކުރައްވައި ވަޑައިގަންނަވާ ތަނެއް އެއްސެވިއެވެ. ހާޖަރުގެ އާދޭސްތައް އަޑުފުޅު ނާއްސަވައި އިބުރާހީމްގެފާނު ހިންގެވިއެވެ. އެ ހިސާބުން އެކަލޭގެފާނު އެ ކަން ކުރައްވަނީ ﷲގެ އަމުރުފުޅަށްކަން ހާޖަރަށް ވިސްނިވަޑައިގަތެވެ. އެ ހިނދު އެކަލޭގެފާނު އެ ކަން ކުރައްވަނީ ﷲގެ އަމުރުފުޅަށްތޯ ހާޖަރު އެއްސެވިއެވެ. ޖަވާބުގައި އާދޭހޭ ވިދާޅުވެ އިބުރާހީމްގެފާނު ވަޑައިގަތެވެ. ދެން ހާޖަރު ވިދާޅުވި ގޮތުގައި އެހެންކަމަށްވާ ނަމަ އެ ދެމައިކަނބަލުން ގެއްލިގެން ނުދާނެއެވެ. އަދި އެދެމައިކަނބަލުންނާއެކު ﷲ ވޮޑިގެންވާކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މި ކަމުން އިބުރާހީމްގެފާނު މި އަންގަވަނީ އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ ފަރާތަކީ ﷲ ކަމެވެ. އުމުރުފުޅުން 90 އަހަރުފުޅާ ދާދި ކައިރީގައިވަނިކޮށް ލިބިވަޑައިގަތް ފުރަތަމަ ދަރިކަލުން ގޮތް ނޭގޭ ތަނަކަށް ދޫކުރައްވައި ވަޑައިގަތުމަކީ ބޮޑު ކަމެކެވެ. އެކަމަކު އެކަލޭގެފާނު އެ ކަން ކުރެއްވީ ކިޔަމަންތެރިކަމާއި އިޚުލާސްތެރިކަމާ އެކުއެވެ. އެންމެ ކުޑަމިނުން އެކަމާމެދު އެކަލޭގެފާނު ﷲއަށް ސުވާލެއް ވެސް ނުދަންނަވައެވެ. ދުނިޔަވީ ހަޔާތުގެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެކަލޭގެފާނު ލޯބި ހުރީ އެކަލޭގެފާނުގެ ވެރި ރައްބު ﷲ އަށެވެ. ލަގްޜަރީ ދިރިއުޅުމާއި މަޖަލާއި އުފަލަށް ގެނބި ތިބި އަދުގެ މުސްލިމުން އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކަޔާމެދު ވިސްނުން ހުއްޓެވެ. އަޅުގަނޑުމެން އިސްކަންދޭންވީ ދުނިޔަވީ ކަންކަމަކަށް ނޫނެވެ. އެކަމަކު އަޅުގަނޑުމެން އިސްކަންދޭންވީ އުޚުރަވީ ކަންކަމަށެވެ. އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިން ލިބޭ ފިލާވަޅަކީ އުޚުރަވީ ހަޔާތުގެ މުހިންމުކަން މާބޮޑުކަމެވެ. އެހެނީ އެއީ ނިމުމެއްނުވާ ދާއިމީ ހަޔާތެވެ.

ދަރިކަލުން އިސްމާޢީލާއި އަނބިކަނބަލުން ހާޖަރާއި މައްކާ ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަތް ދަތުރުފުޅުމަތީ ދުޢާ ކުރެއްވިއެވެ. މި ފަހަރު އެ ކަލޭގެފާނު ހެއްދެވި ގޮތަކީ ހާޖަރަށް އެކަލޭގެފާނު ފެނިވަޑައިނުގަންނަވާ ހިސާބަށް ވަޑައިގެން ހުންނަވައި ދުޢާކުރެއްވުމެވެ. އެ ކަލޭގެފާނު މައްކާއަށް ކުރިމަތިލައްވައިގެން ހުންނަވައި ދެ އަތްޕުޅު މައްޗަށް އުފުއްލަވައި ދުޢާކުރެއްވިއެވެ. ސޫރަތު އިބުރާހީމްގެ 37 ވަނަ އާޔަތުގައި އެކަލޭގެފާނު ކުރެއްވި ދުޢާ ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައެވެ.

އިބުރާހީމްގެފާނު ވިދާޅުވިއެވެ. އަޅަމެންގެ ވެރި ރައްބު! ހަމަކަށަވަރުން، އަޅުގެ ދަރީންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ހުރުމަތްތެރިކުރައްވައިފައިވާ ﷲގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރި ރައްބު! އެ މީހުން ނަމާދު ގާއިމްކޮށް އުޅުމަށް ޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެމީހުންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެމީހުންނަށް ރިޒުގު ދެއްވާނދޭވެ! އެއީ އެމީހުން ޝުކުރުވެރިވުމަށް ޓަކައެވެ. ﷲ، އެކަލޭގެފާނުގެ މި ދުޢާ އިޖާބަކުރައްވައި ކަޢުބާ ކައިރީގައި ޒަމްޒަމް ފެން ވަޅު ލެއްވިއެވެ. ނަތީޖާއަކަށްވީ މައްކާގައި މީހުން ވަޒަންވެރިވުމެވެ.

އަހަރުތަކެއް ފަހުން އިބުރާހީމްގެފާނު މައްކާއަށް އެނބުރި ވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ހުންނެވީ ޅަ އުމުރުފުޅު ނުވަތަ ޓީން އޭޖްގައެވެ. އެކަލޭގެފާނު މައްކާއަށް ވަޑައިގެން ޚަބަރު ބެއްލިވި އިރު، އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރު އަވަހާރަވެއްޖެއެވެ. ދެން، ހުރި ހަމައެކަނި ދަރިކަލުން އިސްމާޢީލާއެކު އެކަލޭގެފާނު އަމާން ދުވަސްތަކެއް ހޭދަކުރައްވަމުން ގެންދެވިއެވެ. އަނެއްކާވެސް ﷲ، އެކަލޭގެފާނާ އިތުރު އިމްތިހާނެއް ކުރިމަތިކުރެއްވިއެވެ. މިފަހަރު އެކަލޭގެފާނަށް ފެނިވަޑައިގަތީ ހުވަފެންފުޅެކެވެ. ހުވަފެންފުޅުގައި އެކަލޭގެފާނު، ﷲ އަށް ޓަކައި ދަރިކަލުން އިސްމާޢީލް ގުރުބާންކުރައްވައެވެ.

ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނާ ގިނަގުނަ އިމްތިހާން ﷲ ކުރިމަތިކުރެއްވިކަން މިހާރު އަޅުގަނޑުމެންނަށް އެނގެއެވެ. ބަޤަރާ ސޫރަތުގެ 124 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ ﷲ، އިބުރާހީމްގެފާނު ބަސްތަކުން ނުވަތަ ލަފުޒުތަކުން އިމްތިޙާންކުރެއްވި ވާހަކައެވެ. އެއީ އިރުޝާދު ދެއްވައިގެން ނުވަތަ އަމުރުކުރައްވައިގެން އިމްތިޙާނުކުރެއްވުމެއްނޫނެވެ. މިކަމުން އަންގައިދެނީ އެކަލޭގެފާނުގެ ތޫނުފިލިކަމާއި ބުއްދިވެރިކަމެވެ. ބައެއް ފަހަރު ލަފުޒު އަމުރަކަށް ނުވަތަ އިރުޝާދަކަށްނުވެދެއެވެ. މިސާލަކަށް 'އަހަރެންނަށް ފެން ތަށްޓެއް ދީފާނަން ހެއްޔެވެ؟' މިއީ ކަމަކަށް އެދުމުގެ ގޮތުން ދޭ އިރުޝާދެކެވެ. އެކަމަކު މީހަކު ގާތު 'އަހަރެން މިހިރީ ކަރު ހިއްކައިގެންފައި' މިހެން ބުނުމުން އެބަސްތައް އިރުޝާދަކަށް ނުވެއެވެ. އެކަމަކު އަޑުއަހާ މީހާއަށް މިބަހުން ސާފު އަދި ސީދާ މެސެޖެއް ލިބެއެވެ. އެއީ ކަރު ހިއްކައިގެންފައިވާ މީހާއަށް ބޯފެން ބޭނުންވާނެކަމެވެ. އަހަރެން މިހިރީ ކަރުހިއްކައިގެންފައި އިރުޝާދަކަށް ނުވިޔަސް އެވާހަކަ އަޑުއަހާ މީހާގެ ތޫނުފިލިކަމާއި ވަފާތެރިކަމާއި އިހުސާންތެރިކަން ހުންނަވަރަކުން އެމީހާ އަނެކާއަށް ވަގުތުން އިޖާބަދޭނެއެވެ. މާނަޔަކީ ކަރުހިއްކައިގެންފައި ހުރި މީހާއަށް ބޯފެން ދިނުމެވެ.

ﷲ، އިބުރާހީމްގެފާނު އިމްތިޙާންކުރެއްވީ މިދެންނެވިގޮތަށް ހަމައެކަނި ބަސްތަކުންނެވެ. އެއްވެސް ހާލެއްގައި އިރުޝާދުދެއްވައިގެން ނުވަތަ އަމުރުކުރައްވައިގެނެއް ނޫނެވެ. ދަރިކަލުން އިސްމާޢީލްގެފާނު ޤުރްބާންކުރައްވަން ﷲ އިބުރާހީމްގެފާނަށް އަމުރެއްނުކުރައްވައެވެ. އަމުރުކުރެއްވުމުގެ ބަދަލުގައި ﷲ އެކަލޭގެފާނަށް ދެއްކެވީ ހުވަފެންފުޅެކެވެ. މިކަން އައްޞާއްފާތް ސޫރަތުގެ 102 ވަނަ އާޔަތުން އެނގެއެވެ. އެކަމަކު ވަގުތުން ކިޔަމަންތެރިކަމާއި އިޚުލާސްތެރިކަމާއެކު އެކަލޭގެފާނު، ދަރިކަލުން އިބުރާހީމްގެފާނު ޤުރްބާންކުރައްވާން ނިންމެވިއެވެ.

އިބުރާހީމްގެފާނު އެކަލޭގެފާނުގެ ދުނިޔަވީ ހަޔާތްޕުޅަކަށް ނުބައްލަވައި ދަރިކަލުން އިސްމާޢީލްގެފާނު ޤުރްބާންކުރައްވާން ނިންމަވައި އެ ވާހަކަ ދަރިކަލުން ގާތު ވިދާޅުވިއެވެ. އެ ހިނދު އެ ކަން ކުރެއްވުމަށް އިސްމާޢީލްގެފާނު ބަފައިކަލުންނަށް ދެންނެވިއެވެ. އެ ހިނދު އެ ދެބަފައިކަލުން ހިތާމައިގައި ތިއްބަވައިގެން ﷲގެ އަމުރުފުޅު ތަންފީޒުކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ. އެއް ކޮޅުން ދަރިކަލުންނަށް އަވަހާރަވުމުގެ ހިތާމައެވެ. އަނެއް ކޮޅުން ބަފައިކަލުންނަށް އަތްޕުޅުން ދަރިކަލުން ކަތިލެއްވުމުގެ ހިތާމައެވެ. ކޮންމެއަކަސް އިސްމާއީލްގެފާނު ކަތިލައްވާން އިބުރާހީމްގެފާނު ތައްޔާރުވެވަޑައިގެން އެކަލޭގެފާނު ގޮވައިގެން ޢަރަފާތު ފަރުބަދައަށް އެރުއްވިއެވެ. އަދި ދަރިކަލުންގެ ބޯވަތަށް ބާއްވަވައި ވަޅި ނެންގެވުމާއެކު ﷲ އެކަލޭގެފާނަށް ނިދާ އިއްވައި އެ ކަން ހުއްޓުވިއެވެ.

އިބުރާހީމްގެފާނު އިންސާނިއްޔަތަށް މި ދޫކުރެއްވި ތަރިކައަށްވުރެ ވަކީން އަގުބޮޑު ތަރިކައެއްނުވާނެކަން ކަށަވަރެވެ. އެކަލޭގެފާނު ދަހިވެތިކަމަށް މި ވިދާޅުވީ ކަނޑައެޅިގެން ނޫނެކޭއެވެ. އިންސާނާގެ ހަޔާތުގެ އެންމެބޮޑު ވިދުވަރުކަމުގައިވާ މުދަލާއި ދަރީންނަށް ވުރެ ބޮޑަށް ލޯބިވާންޖެހޭ ފަރާތަކީ ﷲ ކަމުގައެވެ. ﷲ އަށް ޓަކައި އިންސާނާގެ މުޅި ހަޔާތް ގުރުބާންކުރާންޖެހޭކަން އެކަލޭގެފާނުގެ މިއަމަލުފުޅުން ކަށަވަރުވެއެވެ. ﷲއަށް ޓަކައި އެއްވެސް ކަމެއް ކުރާން ފަސްޖެހިގެން ނުވާނެކަން ވެސް މި ކަމުން ޔަގީންވެއެވެ. ކޮންމެއަކަސް އިބުރާހީމްގެ ފާނުގެ އަމަލުފުޅު ﷲ ގަބޫލުކުރައްވައި އިސްމާޢީލްގެފާނުގެ ބަދަލުގައި ކަންބަޅިއެއް ކަތިލައްވާން ﷲ އެންގެވިއެވެ. މި ކަން އައްޞާއްފާތް ސޫރަތުގެ 107ވަނަ އާޔަތުން އެނގެއެވެ.

އިބުރާހީމްގެފާނު އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތް މިވަރުގަދަ އިމްތިހާނުން ސަތޭކައިން ސަތޭކަ ހޯއްދެވިއެވެ. ނަތީޖާއަކަށްވީ އެކަލޭގެފާނަށް އުންމަތުގެ އެވޯޑްދެއްވުމެވެ. ސުބުޙާނަﷲ! އަޅުގަނޑުމެންގެ ރޫޙީ ބަފައިކަލުން އިބުރާހީމްގެފާނަކީ ހަގީގަތުގައިވެސް ތޫނުފިލިކަމުގައި ލާމަސީލު ނަމޫނާއެކެވެ. ނަޙުލު ސޫރަތުގެ 120 ވަނަ އާޔަތުގައި ﷲ އަންގަވަނީ އިބުރާހީމްގެފާނަކީ ހުރިހާ ހެޔޮކަމެއް ހުރި އުންމަތެއްކަމުގައެވެ. އަދި މިދުނިޔެއާއި އާޚިރަތުގައި އެކަލޭގެފާނަށް ހުރިހާ ހެޔޮކަމެއް ހުރިކަމުގައިވެސް ﷲ އެންގެވިއެވެ. އިންސާނަކަށް ދުނިޔެމަތީގައި މިއަށްވުރެ ވަކީންބޮޑު އިނާމެއް ލިބޭނެތޯއެވެ؟ އެކަލޭގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ތަރިކައަކީ ހަގީގީ މާނައިގައި ﷲ އަށް އީމާންވުމާއި ކިޔަމަންތެރިވުމެވެ. ﷲ އަށް ޓަކައި މުޅި ހަޔާތްހޭދަކުރުމެވެ. އަދި ހުރިހާ ކަމެއްގައި ﷲ އަށް ޝުކުރުވެރިވުމެވެ. (ނަމޫނާ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް