Advertisement

ތަހުނިޔާއެވެ! އީދުނަމާދު ފަށާ ގަޑި އަވަސްކުރުމަކީ ކުރާން ޖެހޭ ކަމެކެވެ.

11 Mar 2024 | 12:00
ހަނދު ފެނޭތޯ ސަޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރަނީ (ފައިލް ފޮޓޯ)

"ފަރަގު"ގެ ޚާއްޞަ މުރާސިލު

މި އަދަކީ (2024 މާރިޗު 11 އަންގާރަ ދުވަހަކީ) މި އަހަރުގެ (1445ވނަ އަހަރުގެ) ރަމަޟާންމަހު ފުރަތަމަ ދުވަހެވެ. މުލަރޯދަ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ތިޔަ ހުރިހައި ބޭފުޅުންނަށް ("ފަރަގު"ގެ އަހުލުވެރީންނަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް) ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

މި އަހަރު  ރޯދަ މަހުގެ ހަނދު ސާބިތުކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވެވި ބައްދަލުވުމުގައި ހަނދާ ބެހޭ ޤަރާރު ވަނީ އިޢުލާނުކުރައްވައިފައެވެ. ރޯދަ މަހުގެ ހަނދާ ބެހޭ ގަރާރުގައި ބަޔާންކުރައްވައިފައިވާ ގޮތުން، މާރިޗު 11 ވާ ހޯމަ ދުވަސް އެއީ މި އަހަރުގެ މުލަ ރޯދަ ދުވަސްކަމަށް ހަމަޖެއްސެވީ ޝައުބާން މަހުގެ 29 ދުވަސް ހަމަވެ، އެ މަހުގެ 30 ވިލޭ ރޭ އިސްލާމީ ގައުމުތަކަށް އިއްޔެގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުރިކަން ޝަރުއީ ހަމަތަކުން ސާބިތުވެފައި ވާތީ، ހަނދާ ބެހޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރާން ކަނޑައެޅިފައި އޮންނަ އުސޫލުގައިވާ ގޮތުގެ މަތީންނެވެ.

އިސްލާމީ ގިނަ ގައުމުތަކަކުންނާއި ދުރުއިރްމަތީގެ ގިނަ ގައުމުތަކުގައި ވެސް މިއަދު ރަމާޟާން މަސް ފެށުނުކަމުގައި ވިޔަސް އިރުމަތީ އޭޝިއާއާއި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ރަމަޟާން މަސް ފެށޭނީ މާދަމާ (އަންގާރަ ދުވަހު)ކަމަށް ވެސް ވަނީ އެ ގައުމުތަކުން ކަނޑައަޅައިފައެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ޓަކައި ރޭ ބޭއްވި ބައްދަލުވުމުގައި އީދުކުރާ ވަގުތު އަވަސްކުރުމާ ބެހޭބގޮތުން މަޝްވަރާފައްޓަވައިގެން ކުރިއަށް ގެންދެވިއެވެ. އަދި ވަޒީރު ފައްޓަވައިދެއްވި ބަހުސްގައި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން ޚިޔާލު ހުށަހެޅުއްވި ތަން ވެސް ފެނުނެވެ. ނަމަވެސް ވަގުތުން ދައްކަމުން ގެންދެވި ބައްދަލުވުމުގެ "ވަގުތުން ދެއްކުން" ހުއްޓަވައިލެއްވުމާއެކު އެ ބައްދަލުވުމުގައި ނިމުނު ގޮތެއް "ފަރަގު" ނޫހަކަށް ނޭނގެއެވެ.

އެ ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ޢީދު ނަމާދު އަވަސްކުރުމާ މެދު އެކި ޢިލްމެވެރީންނާ ކުރެވުނު މަޝްވަރާގައި، މަޝްވަރާކުރެވުނު ހުރިހާ ބޭފުޅުން ވެސް މަޝްވަރާ ދެއްވީ 7:00ގައި ޢީދު ނަމާދުކުރުން ރަނގަޅުކަމުގައެވެ. މީގެ ތެރޭގައި ރައީސް މައުމޫންގެ ނަންފުޅު ފާހަގަކޮށްލެއްވިއެވެ.

ހަނދު ސާބިތުކުރުމުގެ ޖަލްސާގައި، ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުޙަންމަދު ރަޝީދު އިބްރާހީމް (ކ) އާއި އިސްލާމި ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު (ވ)<br>

އަޅުގަނޑުމެން "ފަރަގު" ޓީމުން މި އުންމީދުކުރަނީ މި ގޮތަށް ނިންމަވައި، ވަރަށް އަވަހަށް އިޢުލާނުކުރައްވާނެކަމަށެވެ. އެހެނީ މިހާރު ޢީދު ނަމާދު ކުރާ ގަޑި ލަސްކަމުން "ބޮޑު ޖަމާޢާތުގައި" (ހުސް ބިމުގައި) ނަމާދުކުރާ މީހުންނަށް ހޫނު ގަދަވެ، ބައެއް މީހުން އެބަ އަނބުރައިވެސްގަނެއެވެ. ވީމާ، މި އަހަރުން ފެށިގެން 7:00ގައި ޢީދު ނަމާދުކުރާ ގޮތަށް ހަމަޖެއްސެވުމަކީ ވަރަށް ރަނގަޅު ހެޔޮ ބަދަލެއްކަމަށް ދެކެމެވެ. އަދި ކެރިވަޑައިގަތުމާއެކު މި ބަދަލު ގެނެސްދެއްވާން މަސައްކަތްކުރައްވާތީ ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މި ބަދަލު އަނަނާނެކަމަށް އުންމީދު ވެސް ކުރަމެވެ.

"ފަރަގު" ދެކޭ ގޮތުގައި ހުކުރު ކުރާ ގަޑިއަކީ ވެސް ބަދަލުކުރާން ވެއްޖެ ގަޑިއެކެވެ. މިހާރު އޮންނަނީ ހަމަޖެހޭ ގަޑިއެއް ނޫނެވެ. 12:25 ގައި މެންދުރު ނަމާދު ވަގުތު ވިޔަސް އަދި 11:55ގައި މެންދުރު ވަގުތު ވިޔަސް ޚަޠީބު މިމްބަރަށް އަރާ ގަޑިއަކީ 12:35އެވެ. އޭގެ ބަދަލުގައި މެންދުރު ނަމާދު ވަގުތު ވަންނަތާ 15 މިނިޓު ފަހުން ހުކުރު ކުރާ ގޮތަށް ހަމަޖެހުމަކީ ވެސް ރަނގަޅު ހެޔޮ ބަދަލަކަށް ވެދާނެއެވެ. މި ކަމާމެދު ވެސް ކަމާ ބެހޭ ބޭބޭފުޅުންގެ މެދުގައި މަޝްވަރާތައް ބާއްވަވައިގެން މި ކަމާމެދު ވެސް ހަރުދަނާ ގޮތެއް ނިންމަވާނެކަމަށް އުންމީދުކުރަމެވެ.

12:35ގައި ހުކުރު ކުރާ ގޮތަށް ރައީސް އިބްރާހީމް ނާޞިރު ނިންމަވައިފައި ވަނީ ރާއްޖޭގެ އޭރުގެ ޙާލަތަށް ބައްލަވައި މީހުންނަށް ފަސޭހައަކަށް ޓަކައެވެ. އޭރު ނަމާދު ވަގުތު ވެސް ގިނަ މީހުންނަކަށް ބެލޭނެ ގޮތެއް ނޯންނާނެއެވެ. ނަމަވެސް މިއަދު ކޮންމެ މީހެއްގެ އަތުގައި ސުމާޓު ފޯނެއް އޮވެ، ހުރިހައި އެޕްލިކޭޝަނެއް ފޯނައަށް އަޅައިގެން އުޅޭ އިރު، މި ކަމަށް ބަދަލު ގެނައުމުގެ ވަގުތު މިހާރު އަތުވެއްޖެކަމަށް ދެކެމެވެ.

ކޮންމެއަކަސް މިއަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް ވާތީ މިއަދު ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދުވާނެވެ. މާދަމާއިން ފެށިގެން ރޯދަ މަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާތީ އެ ދުވަސްވަރު ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ.

ހޮޓާ ރެސްޓޯރަންޓު ފަދަ ތަންތަން މި ރޯދަމަހު ހުޅުވައިފައި ހުންނާނީ ހަވީރު 17:30 އިން ފެށިގެން ދަންވަރު 3:00 އާއި ހަމައަށެވެ.

އާންމު މުދާ ވިއްކުމުގެ ވިޔާފާރިކުރާ ތަންތަން ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަފުތާގައި ފަތިހު 5:30 އިން މެންދަމު 1:30 އަށް ހުޅުވައިފައި ބެހެއްޓޭނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

_______________________________

Advertisement

ކޮމެންޓް