Advertisement

އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރި ޖަލްސާ ބަލާން އިން އިރު ފާހަގަކުރެވުނު ބައެއްކަންކަން: ވިސްނޭ ކަންމިނުގެ ތަފާތުގެ ބޮޑުކަމާއެވެ!

10 Mar 2024 | 01:00
ޖަލްސާގެ ކުރީބަރި: (ކަނާތުން ވާތަށް) އޮނަރަބްލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ)، ޑރ. އަޝރަފް ޢަބްދުއްރަޙީމް، އޮންރަބްލް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް، އަލްފާޟިލް ޙަސަން ޝަކިރު މުޙަންމަދު، (ފޮޓޯ:އެސްއެސްޓީވީ)

"ފަރަގު"ގެ އަދަބީ މުރާސިލު

ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން 2023 ވަނަ އަހަރުގައްޔާއި 2024ވަނަ އަހަރުގައި ބޭއްވި އަދަބީ ބައެއް މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ދަރިވަރުންނަށައި މީހުންނަށް އިނާމާއި ތައްޓާއި ހަނދާނީ ލިޔުން ހަވާލުކުރެއްވި ޖަލްސާ އިއްޔެރޭ (ހޮނިހިރު ވިލޭ ރޭ) ޓީވީއިން ބަލާން އިން އިރު، އަޅުގަނޑަށް ފާހަގަކުރެވުނީ އެހެން މީހުންނަށް އަޅައި ނުގެންފާނެ ކަންކަމެވެ.

އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ދަރީންގެ ކުރިއެރުމާއި އުފަލަށް ޓަކައި މައިންބަފައިން އުފުއްލާ ބުރައާއި އެބައިމީހުން ވާ ޤުރުބާނީއެވެ. މި ކަމުގެ އަގު ވަޒަންކުރަނީ ކާކުބާވައޭ ހިތަށް އަރައެވެ. އަތޮޅުތަކުގެ ރަށްރަށުގެ އިސްކޫލުތަކުގެ ދަރިވަރުން ގޮވައިގެން އަމިއްލަ ޚަރަދުގައި މާލެއަށް އައިސް އެ ފަދަ މުބާރާތްތަކުގައި ދަރީން ބައިވެރިކޮށްގެން އެ އުޅެނީ އެ ދަރީންގެ ކުރިއެރުމާއި ކާމިޔާބީއަށް ޓަކައިކަން ކަށަވަރެވެ. އަދި މާލޭގައި ދިރިއުޅޭ ޢާއިލާތަކުން ވެސް އެއްވެސް ޝަކުވާއެއް ނެތި ހުޅުމާލޭގައި ބާއްވާ ޖަލްސާއަކަށް މާލޭގައި ދިރިއުޅޭ ކުދީން، އަދި މާލޭގައި ބާއްވާ މުބާރާތަށް ދަރީން ގޮވައިގެން މާލެއަށް ގަޑީންގަޑިއަށް ގެންގޮސް، ކުދީން ތައްޔާރުކޮށްދީ ބޮޑު އަގު ދީގެން ކޯޗުން ހޯދައިގެން އެ ކުދީންނަށް ތަމްރީނުދީގެން އެ ވާ ޤުރުބާނީގެ އަގު ވަޒަންކުރެވޭ ވަރަށް ވުރެ މާ މަތިވެރިއެވެ. ދަރީން ނިމޭނެ ވަގުތަށް ބަލައި އައިސް ނިމޭނެ ވަގުތަކަށް އިންތިޒާރުކޮށްކޮށް އެ ތިބެނީ ޝަކުވާއެއް ނެތި ލޯބީންނެވެ. މިއީ ލޮލުން ކަރުނަ ހިލުވައިލާ ފަދަ މަތިވެރި ޤުރުބާނީއެކެވެ. ދިގު ވާހަކަތަކެކެވެ.

އިނާމު ލިބުނު ކުދީންކޮޅަކާ އެކު، މިނިސްޓަރ އާދަމް ނަޞީރާއި، ޑރ. އަޝްރަފު ޢަބްދުއްރަޙީމް<br>

ދެން އަޅުގަނޑަށް ފާހަގަކުރެވުނީ އިއްޔެ ރޭ ނަތީޖާ ފާޅުކުރި އަދަބީ މުބާރާތްތަކުގެ ތެރެއިން އެންމެ މުބާރާތެއްގެ އެންމެ ގިންތިއަކުން ފިޔަވައި ހުރިހައި މުބާރާތެއްގެ ހުރިހާ ގިންތިއަކުން އެއްވަނަ ހޯދީ އަންހެންކުދީންކަމެވެ. ޖަލސާގައި ވާހަކަފުޅު ދެއްކެވި އެއްވެސް ބޭފުޅަކަށް ފާހަގަކުރެއްވުނުކަމެއް ނޭނގެއެވެ. މި ކަން ޚިޔާލަށް އައުމުން މަތީ ތަޢުލީމުދޭ މުއައްސަސާތަކުގައި ކިޔަވާ ދަރިވަރުންގެ 78 އިންސައްތައަކީ އަންހެންކުދީންކަމާއި ދައުލަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަރަށް މަތީ އިންސައްތައަކީ އަންހެނުންކަން ޚިޔާލަށް ގެނެވުނެވެ. އަނެއްކޮޅުން ލޯކަލް ކައުންސިލަތަކުގެ ވަކި ނިސްބަތެއް އަންހެނުންނަށް ޤާނޫނީ ގޮތުން ޚާއްޞަކޮށްފައި ވުމުން، ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް އަންހެނުން ފުރުމުގެ ފުރުޞަތު އޮތްކަމާއި ނަމަވެސް ފިރިހެނުންނަށް އެ ފުރުޞަތު ނެތްކަން ހަނދާނަށް އައެވެ. އަނެއްކާ މިހާރު ރައްޔިތުންގެ މަޖިލިސް ވެސް އެ ގޮތަށް ބަދަލުކުރާން މަސައްކަތްކުރާ އިރު، މުޅި މަޖިލީހުގެ ހުރިހައި ގޮނޑިއެއް އަންހެނުންނަށް ކާމިޔާބުކުރެވުމުގެ ފުރުސަތު އޭރުން ލިބޭނެކަމަށާއި އެ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނެވިއްޖެ ނަމަ ފިރިހެނުންނަށް އެ ފުރުސަތު ނޯންނާނެކަމަށާއި އޭރުން ޤާނޫނުއަސާސީގައި ބުނާ މިންތީގެ ހަމަހަމަކަމަށް ވާނީ ކިހިނެއްތޯ ސުވާލު އުފެދުނެވެ. ވަޒީފާގެ މުސާރައިގައި މިންތީގެ ތަފާތެއް ނެތްކަމާއި ނަމަވެސް ޗުއްޓީއާއި ޢިނާޔަތްތަކުގައި އާދަޔާ ޚިލާފަށް ތަފާތުކަން ވެސް ހިތަށް ގެނެވުނެވެ. ވީމާ މިންތީގެ ހަމަހަމަކަމޭ މި ކިޔާ އެއްޗެއްގެ މާނަ އަޅުގަނޑަށް ނޭނގޭކަމުގެ އިޙުސާސްކުރެވި އެ އިޞްޠިލާހުގެ މާނަ ދަސްކޮށްލާން އަޒުމްކަނޑައެޅުނެވެ.

ޖަލްސާގެ ތެރެއިން....................... (އިނާމު ލިބުނު ދަރިވަރުންކޮޅެއް) (ފޮޓޯ: އެސްއެސްޓީވީ)<br>

ދެން ފާހަގަކުރެވުނު އަނެއް ކަމަކީ ޝަރަފުވެރި މެހުމާނު އަލްފާޟިލް ޙަސަން ޝާކިރު މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި ވިދާލުވި ވާހަކަފުޅަކަށެވެ.

ސަރުކާރު އޮފީސްތަކުގައި ބަހުގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ސެކްރެޓަރީން ނުވަތަ އޮފިސަރުން ބައިތިއްބާން ޖެހޭ ޙާލަތަށް މިއަދު ކަންކަން ހިނގައްޖެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ އެ ވާހަފުޅަށް ނައްސިކޮށް އަދި އިދިކޮށް ބައެއް ނޫސްތަކުގައި ކޮމެންޓުކޮށްފައި ހުއްޓަސް އޭނާ އެ ވިދާޅުވީ ވަރަށް މުހިންމު ވާހަކަފުޅެކެވެ. ކުރީން ސަރުކާރުގެ އޮފީސްތަކުގައި އިނގިރޭސި ސެކްރެޓަރީން ތިއްބަވަނީ އިނގިރޭސިބަހުން ލިޔާން ޖެހޭ ރަސްމީ ލިޔުންތައް (ސިޓީބިޓީ) ގިނަ މުވައްޒަފުންނަށް ރަނގަޅަށް ލިޔާން އޭރު ނޭނގޭތީއެވެ.  މިއަދު ރަނގަޅަށް ކުށެއް ނެތި ދިވެހިބަހުން އެ ފަދަ ސިޓީއެއް ލިޔާން އެނގޭ މީހުން ވަރަށް މަދެވެ. މި ކަން އެނގެނީ ދައުލަތުގެ އެންމެ މަތީ މުއައްސަސާތަކުން ލިޔުއްވާ އެ ފަދަ ލިޔުންތައް ވެސް ކުށުން ސަލާމަތްވެފައި ނުހުންނާތީއެވެ. ކުށެއް ނެތި ސާފު ދިވެހިބަހުން ވާހަކަދައްކަވާ ބޭފުޅަކު ޓީވީއާއި ރޭޑިއޯއިން ވެސް ހާލަކުން ފަހަރަކު ނޫނީ އަޑު ނީވޭތީއެވެ.

ޙަސަންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހިބަހުގެ ކަންކަން ރަނގަޅުކުރުމަށް ޓަކައި، ހުރިހާ ގިންތިއެއްގެ ހުރިހާ ބޭފުޅުން ވެސް އެއް އަމާޒަކަށް މަސައްކަތްކުރައްވާން ޖެހިވަޑައިގަންނަވާކަމަށެވެ. ދެން އޭނާ ސަމާސާ ރާގެއްގައި ފާގަކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގައި ގާނޫނަކީ "ވަރަ ބިނދިފަ އޮތް" ގާނޫނަކަށް ވެގެން ބަހެއް ކުރިއެއް ނޭރުވޭނެކަމަށެވެ. ޙަސަން އެ ވިދާޅުވީ ވަރަށް މާނަ ފުން ވާހަކަފުޅެކެވެ. ސިޔާސަތު ތަންފީޒު ކުރައްވާ ބޭފުޅުންގެ ވިސްނުންފުޅަށް ދޫކޮށްލެއްވި ގައުމީ ބޮޑު މައްސަލައެކެވެ. މިއީ ވަރަށް ގިނަ ވާހަކައެވެ. ވިސްނައިވަޑައިގަންނަވާން ލާޒިމު ފަރާތަތަކުން ވިސްނައިވަޑައިގަންނަވާނޭ ނަމަ ހާދަހާ ރަނގަޅެވެ.

ދެން އަޅުގަނޑަށް ސަމާލުކަން ދެވުނީ ޖަލްސާ ފެށުމުގެ ގޮތުން ޤުރުއާން ކިޔެވި ދަރިވަރުގެ ހުނަރުވެރިކަމަށެވެ. ރާއްޖޭގެ މަޝްހޫރު ޤާރީންގެ ތެރޭގައި ވެސް އެ ގޮތަށް ދިގު ރާގަށް ޤުރުއާން ވިދާޅުވެވޭނެ ކިތައް ބޭފުޅުން ތިއްބަވާނެ ބާވައޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ފަދަ ކުދީންނަށް މުޅި މުޖުތަމަޢުން ހިތްވަރުދީ ކުރިއަރުވާން އެންމެންގެ ލޯތްބާއި އެހީތެރިކަން ބޭނުންވާނެކަމަށް ވެސް އަޅުގަނޑަށް ވިސްނުނެވެ.

ޖަލްސާ ފެށުމުގެ ގޮތުން ޤުރުއާން ކިޔެވި ދަރިވަރު (ފޮޓޯ: އެކެޑަމީ)<br>

ދެން އަޅުގަނޑުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ޝުކުރުއަދާކުރެއްވުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅަށެވެ. ދިވެހިބަހަށް އިސްކަން ދެވޭ މިންވަރު ވަޒަންކޮށްލެއްވުމަށް ޓަކައި ޖަލްސާގެ ހާޒިރީންނަށް އޭނާ މަޢުލޫމާތުދެއްވަމުން  ވިދާޅުވި ގޮތުގައި ދިވެހިބަހުގެ ޑިގްރީ ހަދައިގެން ވިއްސަކަށް ބެޗު ނިކުމެފައިވާކަމަށެވެ. މި ކަން ފާހަގަކުރައްވައި، ވިދާޅުވީ އެކަމަު މިއިން ކޯހަކުން ދަސްވެނިވެފައިވާ ދަސްވެންޏަކަށް ޓީޗަރެއްގެ ވަޒީފާއަށް ވުރެ މަތީ ވަޒީފާއެއް ލިބުމަކީ ދަތިކަމެއްކަމަށެވެ. ދިވެހިބަހުގެ ޑިގްރީ ހައްދަވާ ދަސްވެނީން ސަރުކާރުން ބަލައިނުގަތުމުގެ ނަތީޖާ ވެސް އޭނާ ސާފުކޮށްދެއްވިއެވެ. ޑރ. އަޝްރަފު ވިދާޅުވީ "އޭގެ ނަތީޖާއަކީ ސަރުކާރުގެ އޮފީސްތައް ބޮއްސުން ލައިގެން" ދިއުންކަމަށާއި "ސަރުކާރުގެ އިދާރީ ލިޔެކިޔުންތަކުގެ ތެރޭގައި ސުކުންތައް" އޮޅި، "ދަރަޖަތައް އޮޅުނީ"ކަމަށެވެ. ހަމަ އެ ފަދައިން "މުޚާތަބު ކުރެވޭ ފަރާތްތައް އޮޅުނީ"ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، "އެ [ދިވެހިބަހުގެ] ޑިގްރީއަކީ އަގުކުރެވޭން ޖެހޭ އެއްޗަކަށް ވާން ޖެހޭނެ"ކަމަށާއި "[އެހެން ނޫނީ] ބޭނުމެއް ނެތް ގޮތުގައި ތިން އަހަރު ދުއްވައިލުމުގެ ބޭނުމެއް ނެތް"ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޙަސަން ޝާކިރު މުޙަންމަދާއި ޑރ. އަޝްރަފު ޢަބުދުއްރަޙީމްގެ އެ ކަންބޮޑުވެވަޑައިގަތުންތަކާއި ފާޅުކުރެއްވި އިޚުލާސްތެރި ހަގީގީ ވާހަކަފުޅުތަކަށް، ގައުމިއްޔަތަށް ކުލުނު ހުރި ދިވެހިބަހަށް ލޯބިކުރާ އެންމެން ތާއީދުކޮށް އެ ބޭފުޅުންނަށް ތަހުނިޔާ ދެންނެވިކަން އެނގޭ އިރު، މީގެ އަނެއްކޮޅަށް ވެސް ކޮމެންޓުތައް އެބަހުއްޓެވެ. ހަށިކޮޅުގައި ގައުމިއްޔަތުގެ ވިންދު ނުޖަހާ ބޭފުޅުން މިއަދު އިސް ސަފުގައި ވެސް އުޅުއްވާ ތަން ފެންނާތީ މިއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

ދެން ފާހަގަކުރެވުނީ މިނިސްޓަރު ދެއްކެވި ވާހަކަފުޅެވެ. މިނިސްޓަރ ވިދާޅުވީ ޝާކިރު ވިދާޅުވި ކަންކަން ރަނގަޅުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެހެންކަމަށް ވާ ނަމަ އުފަލުގެ ކޮޅެއް ވެސް ނެތެވެ. ވަޒީރަށާއި މުޅި ސަރުކާރުގެ ސިޔާސަތަށް ވެސް ނުހަނު އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ. އަދި އަވަސް ނަތީޖާއަކަށް އުންމީދު ވެސް ކުރަމެވެ. ތިޔަ މަސައްކަތްޕުޅުގައި ބަރަކާތްލައްވާށިއެވެ!

ކަން ހުރީ މިހެންކަމަށް ވިޔަސް ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު ތަންފީޒުކުރުމަށް ޓަކައި އެއްވެސް ޚަރަދެއް ނުކުރައްވައި ކުރެއްވިދާނެ އެތައް ބައިވަރު ކަމެއް އިހުމާލުކޮށްލެވިފައިވާކަން، މާލޭ މަގުތަކުން ހިނގައިލުމުން ދޭހަވާ ވާހަކަ ދަންނަވައިލާން ބޭނުންވެއެވެ. ދައުލަތުގެ އިދާރާތަކަށާއި ވިދާރާތަކަށް ނަން ދެއްވާ ގޮތުން ހާމަވާ ވާހަކަ ބަޔާންކޮށްލާ ހިތް ވެއެވެ.

މި ޝުޢޫރުތަކާއެކު އަޅުގަނޑުގެ ހަނދާނަށް އައީ ރައީސް ޑރ. މުޙަންމަދު މުޢިއްޒު ރައީސްކަމަށް އިންތިޚާބުވެވަޑައިގެން ހުވައިކުރެއްވުމުގެ ކުރީން ރާއްޖޭގެ ޢިލްމީ ދާއިރާގައި ޚިދުމަތްކުރައްވާ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވި ކުރެއްވުމެއްގައި ބޭފުޅަކު އެރުވި ޚިޔާލަކަށް ދެއްވި ޖަވާބެވެ. "ދިވެހިރައްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު" ސައްތައިން ސައްތަ ތަންފީޒުކުރައްވާނެކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެ ގާނޫނު އަދި ވެސް ފުރިހަމައަކަށް ތަންފީޒެއް ނުކުރެވެއެވެ. ދައުލަތުގެ މުއައްސަސާތަކަށް ނަންދެއްވަނީ އިނގިރޭސިބަހުންނެވެ. ދެއްވުމަށް ފަހު އެ ނަންތަކުގެ ތަރުޖަމާ ފަހުން އިޢުލާނުކުރައްވައިފައި އެބަހުއްޓެވެ. ނަމަވެސް ދިވެހިބަހުން ނަންދެއްވާން އިސްކަންދެއްވާ ނަމަ، ތަނަތަނަށް ކިޔާންޖެހޭނީ ދިވެހި ނަންނަމެވެ. އެހެން ބަސްބަހަށް ތަރުޖަމާކުރައްވާން ޖެހޭނީ އޭގެ ފަހުންނެވެ. އަނެއްކޮޅުން "ބައިތުއްޒަކާތު" ފަދަ ދީނީ، ޢަރަބި ނަމެއް އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައި، އެ ތަރުޖަމާގެ އެއްބައި އޮންނަ ގޮތަށް ދިވެހިބަހަށް ތަރުޖަމާކުރައްވައިގެން (އިނގިރޭސި ގޮތަށް) ބޭނުންކުރެއްވުމަކީ ދިވެހިބަހުން ނަންދެއްވާން އިސްކަން ދެއްވުންތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނެވެ. "ބައިތުއްޒަކާތު"ގެ ދިވެހި ތަރުޖަމާއަކަށް ކިޔަނީ "ޒަކާތު ހައުސް"އެވެ. އިނގިރޭސީން ވެސް ހަމަ އެހެންނެވެ. ނަމަވެސް ޢަރަބިބަހުގެ "ބައިތު"އަށް ދިވެހިބަހުން ކިޔަނީ "ގެ"އެވެ. "ހައުސް"އަށްވުރެ "ގެ" ކިޔާން ވެސް، ލިޔާން ވެސް، މާ ފަސޭހަ އިރު ވެސް އެހެން ނުކިޔައި "ހައުސް" ކިޔުމުން ދިވެހިބަހަށް އިސްކަންދެއްވުނީތޯ ސުވާލު ނޫފެދޭތޯއެވެ؟ ނަންނަމުގެ ފަހަތަށް "ގެ" އަންނަ ގޮތަށް ދިވެހިބަހުން އެންމެ އިހުއްސުރެ ތަފާތު ނަންތައް ކިޔައިފައި އެބަ ހުއްޓެވެ. އިޖުތިމާޢީ، ސިނާއީ، ސިޔާސީ، ދީނީ ނަންތަކެވެ. މި ސާލަކަށް  އޮޑިހަރުގެ"، "ކަނބުރުގެ"، "ތިލަފިހިގެ"، "މައުލޫދު ހަރުގެ"، "މިޙުރާބުގެ"، "ނަމާދުގެ" ފަދަ ކިތަންމެ ނަންތަކެއް، ދިވެހި ކާބަފައިން ކިޔައިފައި ހުރި އިރު، އެ މުއައްސަސާއަށް "ޒަކާތުގެ" ނުކިޔައި، ޢަރަބި އިސްލާމީ ސަގާފަތުން އައި ނަމެއް، ދިވެހި ނުކޮށް، އިނގިރޭސި ބަހުން "ޒަކާތު ހައުސް" ކިޔުމަކީ ހަމަ ދިވެހިބަހަށް އިސްކަން ދިނުންތޯ ސުވާލު ނޫފެދޭތޯއެވެ؟

ދިވެހިބަހަށް އިސްކަންދީ ޤައުމީ ލޯބި ޒުވާނުންގެ ހިތްތަކުގައި އަދި ކިޔަވާ ކުދީންގެ ހިތްކުގައި އަށަގަންނުވާކަށް މާ ބޮޑު ޚަރަދުތަކަކަށް ހަގީގަތުގައި ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ސިޔާސަތު ކަނޑައަޅުއްވައި ތަންފީޒުކުރައްވާ ބޭފުޅުންގެ އެ ނިޔަތް އޮތުމެވެ. އިޚުލާޞްތެރި ނިޔަތެވެ. "އެދުނަސް ދެ މީހަކަށް މީ ކުރެވޭވަރު ކަމެއް" ނޫނޭ، މަޝްހޫރު ޝާޢިރު ޔޫސުފު މުޙަންމަދުފުޅު ވިދާޅުވެފައިވަނީ އަޅުގަނޑުމެން ފަދަ އާދައިގެ މީހުންގެ ވާހަކައެވެ. އެއީ ސިޔާސަތު ކަނޑައަޅުއްވައި ތަންފީޒުކުރެއްވުމުގެ ބާރު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ ވާހަކައެއް ނޫނެވެ. އަޅުގަނޑު ދަންނަވާނީ އެއީ ސިޔާސަތު ކަނޑައަޅުއްވައި ތަންފީޒުކުރައްވާ ދެ ބޭފުޅަކަށް ވެސް އަހަރެއްގެ ތެރޭގައި ކުރެއްވޭނެ ކަމެއްކަމަށެވެ. ބޭނުންވަނީ އިޚުލާޞްތެރި ނިޔަތާއި އެ ޢަޒުމާއި ކަށަވެތިކަމެވެ. އުންމީދުކުރަނީ މި ވާހަކަތައް މި ލިޔާ މީހާގެ އާދައިގެކަމަށް ރިޢާޔަތް ނުކުރައްވައި، ދައްކައިފައި ހުރި ވާހަކަތަކާމެދު ވިސްނައި ވަޑައިގަތުމެވެ. "ބުނާ މީހަކަށް ނުބަލާށޭ، ބުނާ އެއްޗަކަށް ބަލާށޭ" އޮންނަ އުޞޫލުންނެވެ. ފީ ކުކުޅެއް ހާލީގައި އޮވެ ލަވާ ހަޅޭކަކުން އަލި ނުވިލުނަސް "ރީތި ނަލަ އަޑުފުޅަކުން" ދާދި އަވަހަށް ހާލެއް ގޮވައިލައި، އެ ގޮވައިލުމާ ވިދިގެން ދިވެހި އަދަބިއްޔާތުގެ އުފާވެރި ޒަމާނަކަށް އަލިވިލޭނެކަމަށެވެ.

ޖަލްސާ ބަލަމުން ގެންދިޔަ އިރު، ދެން ފާހަގަކުރެވުނު އަނެއް ކަމަކީ، އެއްވެސް ވަނައަކަށް، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހިބަހުގެ އެކެޑަމީއާއި ތަޢުލީމާ ބެހޭ ވުޒާރާއާއި، ދިވެހިބަހާ ބެހޭ ވުޒާރާ ފިޔަވައި އެހެން ފަރާތަކުން އިނާމެއް ހުށަހަޅުއްވައިފައި ނެތްކަމެވެ. އެހެން މާ އާދައިގެ މުބާރާތްތަކަށް ވެސް ދައުލަތުގެ އެކި ކުންފުނިތަކުން ބޮޑެތި އިނާމު ހުށަހަޅުއްވާ ޚަބަރު ވެސް އަޅުގަނޑުމެންނާ ހަމައަށް ފޭދިގެން އާދެއެވެ. ވީމާ، ޤައުމިއްޔަތާއި ދިވެހި ބަހާއި އަދަބަށް ދައުލަތުގެ ކުންފުނިތަކުން އިސްކަންދެއްވާ މިންވަރު އަޅުގަނޑަށް ހާމަވިއެވެ.

ދިވެހިބަހުގެ އެކެޑަމީއިން 2021 އާއި 2024 ވަނަ އަހަރު ބޭއްވި އަދަބީ މުބާރާތްތަކުގެ ތެރޭގައި ވާހަކަދެއްކުމާއި ކުރުވާހަކަ ލިޔުމާއި ޅެން ހެދުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ހިމެނެއެވެ. މި މުބާރާތްތަކުން އެންމެ ގިނަ ވަނަތައް ޙާޞިލުކުރީ ޖަމާލުއްދީން ސްކޫލްކަން އެއީ ވެސް ޖަލްސާ ބަލާން އިން އިރު ފާހަގަކުރެވުނު ކަމެކެވެ. އަދި އަތޮޅުތަކުގެ ބައެއް އިސްކޫލުތަކުން ވެސް މަތީ ވަނަތަކެއް ޙާސިލުކުރިކަން އުފަލާއެކު ފާހަގަކުރެވުނެވެ. މީގެ އިތުރަށް ދިވެހިބަހުގެ އެކެޑަމީގެ މަދު މުވައްޒިފުންކޮޅެއް ޖައްސާއަށް ގެންނެވި އުފެއްދުންތެރި އާ ކަންތައްތައް ވެސް ފާހަގަކުރެވެުނެވެ. އެއްވަނަތަކަށް އައި ކުދީންގެ ހުށަހެޅުންތަކުގެ ނަލަ ވީޑއޯ ކޮޅެވެ. އަދި އިނާމު ދެއްވި ބޭފުޅުންގެ ކުރު ތަޢާރަފެއް ދެއްވުމަކީ ވެސް އަލަށް ތަޢާރަފުކުރެއްވި ރަނގަޅު ކަމެއްކަން ފާހަގަކޮށްލާން ބޭނުންވެއެވެ.

އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ޓަކައި ހޮނިހިރު ވިލޭރޭ ބޭއްވި މި ޖަލްސާގައި ދަރިވަރުންގެ އިތުރަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އޮންރަބްލް އަލްފާޟިލް އާދަމް ނަސީރު އިބްރާހީމާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ބަހުގެ އެކެޑަމީގެ ވެރީންނާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ބޭފުޅުންނާއި އިސްކޫލުތަކުގެ ވެރީންނާއި ގިނަ ޢަދަދެއްގެ ބެލެނިވެރީން ވެސް ބައިވެރިވަޑައިގަތެވެ. އަތުރައިފައި ހުރި 700 ގޮނޑި ފުރިގެން ބައެއް ބޭފުޅުން ކޮޅަށް ތިއްބެވިކަން ވެސް ފާހަގަކުރެވުނެވެ.

______________________________________

ލިޔުމުގައި ބޭނުންކޮށްފައި ހުރި ބައެއް ލަފުޒުގެ މާނަ:

ކަންމިން      ނ.     (1) ވަޑިފަތިގަނޑަށް ހުންނަ ކޮންމެ ކަނެއްގައިވާ 45 ދަރަޖައިގެ މިންގަނޑު. (2) ދެކޭ ގޮތް.

ކަށަވެތި      ނއ.    (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާ އެކު ކަމެއް ކުރުމުގެ ސިފަހުރި (2) ކަޗަވަރު

ކުލުނު       ނ.     (1) އަޅައިލުމާއި އޯގާވެރިކަން ހުރުމުގެ ސިފަ (2) ލޯބި

އަލިވިލުން     މ.     (1) ފަތިސްވެ އަލިވިލުން (2) ނުފިލައިގެން އުޅޭ ކަމެއް އޮޅުންފިލުން

ތަންފީޒުކުރުން   މ.     (1) ގާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2)ވެރިއެއްގެ އަމުރާ އެއް ގޮތަށް ޢަމަލުކުރުން   

ސިޔާސަތު    ނ.     ފަރުދަކު ނުވަތަ ޖަމާޢަތަކުން ނުވަތަ ސަރުކާރުން އެ އުޞޫލުތަކަކަށް ތަބާވެ ޢަމަލުކުރާ އުސޫލުތައް  

Advertisement

ކޮމެންޓް
ސަބަރު
ވަރަށް ދެން ތާކުންތާކު ނުޖެހޭ ލިޔުމެއް މީ ހަމަ ވައިޖައިފައި. ޑިގުރީ ހަދައިގެން އެ އަޝްރަފް ވެސް ހުރީ ބަހުގެ ކުށް ބައިވަރު ކިޔާ ދައްކާ ވަހަކ އަޒީމެން ވެސް
10 Mar 2024